ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރައީސް ނަޝީދު، ކޮވިޑް-19 އަށް ނެގެޓިވް

Apr 2, 2020
2

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ޓެސްޓްގެ ނަތީޖާއިން ދައްކައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޓެސްޓް ހެދީ އިއްޔެ އެވެ. ނަތީޖާ މިހާރު ވަނީ އައިޖީއެމްއެޗުން އެމަނިކުފާނާ ހަވާލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު، ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވަނީ އެމަނިކުފާނު އިނގިރޭސިވިލާތަށް ދަތުރު ކުރައްވާފައިވާތީ އެވެ. އަމިއްލަ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ވަޑައިގެންނެވީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

އިނގިރޭސިވިލާތުން ވެސް އަދި އެހެން ގައުމުތަކުން ވެސް އަންނަ ދިވެހިން މިހާރު 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހެ އެވެ. އެގޮތަށް ކަރަންޓީނުގައި ތިބި ހަތަރު ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން އައި މީހުންނެވެ.

އެހެންވެ، އެޗްޕީއޭއިން ނިންމާފައިވަނީ މާޗް މަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހަށް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުން ވެސް ޓެސްޓް ކުރުމަށެވެ. އެމީހުން ގޭގައި އެކަހެރިވުމަށް މީގެކުރިން އެޗްޕީއޭއިން އަންގާފައިވެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭރު އެމަނިކުފާނު ބައްޔަށް ޓެސްޓް ކޮށްފައި ނުވަނީ އެ ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުން ކަމަށާއި މިއަދާ ހަމައަށް ވެސް ހުމާއި ރޯގާ ފަދަ ބައްޔެއްގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އެޗްޕީއޭއިން އަންގާ ގޮތަކަށް އަމަލު ކުރުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ބައްޔަށް ޓެސްޓް ކުރަން ޖެހޭނަމަ ޓެސްޓް ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރަށް މިދިޔަ މަހުގެ 14 ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އައި ދިވެހިން ޓެސްޓް ކުރަން އެޗްޕީއޭއިން ނިންމީ ކޮން ސައިންޓިފިކް ހަމަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ނަޝީދު ސުވާލު ކުރެއްވި އެވެ. އެ ތާރީހަށް ކަނޑައެޅުނު ސަބަބަކާ މެދު ނަޝީދު ސުވާލު އުފެއްދެވި އެވެ.