ރާއްޖެ ކުޅިވަރު

މާޒިޔާގެ އެންމެ ބޮޑު ހިތްވަރަކީ ސުޒޭން

Sep 12, 2015

ޕްރެޒިޑެންޓްސް ކަޕް ނުވަތަ ގައުމީ ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ ހުރިހާ ކުލަބަކުން އެންމެ ބޭނުންވާ ތައްޓެވެ. ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތް ހޯދުމަށް ކުލަބުތަކުން ވަނީ ދިގު ދަތުރުތަކެއް ކޮށްފަ އެވެ. އަދި މި ތަށީގައި ބީހިލުމުގެ ފުރުސަތު ލިބިފައިވަނީ މަދު ޓީމުތަކަށެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ދެ ފަހަރު ތަށި މިލްކުކޮށްފައިވާ ވިކްޓަރީ އެވެ. ވަރަށް ފަހަކާ ޖެހެންދެން ވިކްޓަރީގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ އަހަރަކު ވެސް ގައުމީ ތައްޓެވެ. ކޮންމެ ކޯޗަކު ހުއްޓަސް ކޮންމެ ކުޅުންތެރިންތަކެއް ތިއްބަސް އަދި ކޮންމެ މެނޭޖްމަންޓެއް އޮތަސް ހެވެވެ. މިހެންވެ ވިކްޓަރީ ވަންތަ ކޮންމެ މީހަކު ކޮންމެ ކުލަބެއްގައި ހުއްޓަސް ގައުމީ ތަށްޓަށް ހާއްސަ ސަމާލުކަމެއް ބަހައްޓަ އެވެ.

އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި އަންގާރަ ދުވަހު ފަށާ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ނުކުންނައިއިރު މާޒިޔާ ސްޕޯޓްސް ކުލަބަށް މި ތަށި އަދި ދުވަހަކު ނުލިބެ އެވެ. އެކަމަކު އެމީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެބައޮތެވެ. އެއީ މިވަގުތު ގައުމީ ތަށި ހޯދަން އެންމެ ފަރިތަ ކޯޗު މާޒިޔާގައި އިސްކޮށް ހުރުމެވެ. ހަގީގަތުގައި ވެސް މާޒިޔާ އަށް ލިބިފައިވާ އެންމެ ބޮޑު ހިތްވަރަކީ މިތަށި ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި އެތައް ފަހަރަކު ހޯދާފައިވާ ކޯޗު އަލީ ސުޒޭން ޓީމުގެ މުގުލުގައި ހުރުމެވެ.

"އާނ. މީ ވަރަށް ބޮޑު މޯޓިވޭޝަނަކަށްވާނީ. ކޮންމެ ގޮތެއް ވެސް ވިޔަސް އަހަރެންގެ އަމާޒަކީ ތަށި. މާޒިޔާގައި މިއޮތް ސްކޮޑުގެ އެއް ފަރާތުގައި ބާއްވާފައި އަހަރެން ވެސް އެންމެ ބޭނުންވާ ތައްޓަކީ މިއީ. ވިކްޓަރީ އެންމެ ބޭނުންވާ ތަށި މިއީ. އޭގެ އެއަހަރެންގެ ވެސް އިންނާނެ،" ކެރިއަރުގެ ބޮޑު ބައެއް ވިކްޓަރީގައި ހޭދަކުރި ސުޒޭން ބުންޏެވެ.

އޭނާ ބުނީ މާޒިޔާގެ ވެސް އަމާޒަކީ ތަށި ކަމަށާއި އެނޫން އެއްޗަކާމެދު އެ ޓީމުން ނުވިސްނާނެ ކަމަށެވެ.

"ކޮންމެގޮތެއް ވިޔަސް މާޒިޔާ ބޭނުންވާ ތަށި. އެއީ މި އޮތް ސްކޮޑާއެކު އެނޫން ކަމަކަށް ވިސްނައިގެންވެސް ނުވާނެ. މާޒިޔާ ނުކުންނާނީ ތައްޓަށް. ހަގީގަތުގައި މިއީ ވަރަށް މުހިންމު މުބާރާތެއް. އަނެއްކާ އޭއެފްސީ ކަޕުގެ ޖާހަ މި އަހަރު ލިބޭތީ މި މުބާރާތުގެ މުހިންމުކަން އަދި މާބޮޑު،" ކޯޗެއްގެ ގޮތުގައި ތިން ފަހަރު ގައުމީ ތަށި ހާސިލްކޮށްފައިވާ ސުޒޭން ބުންޏެވެ.

އީގަލްސް އާއި ވެލެންސިއާ އަދި ވިކްޓަރީއާ އެއްގްރޫޕެއްގައި ހިމެނިފައިވީ ނަމަވެސް ސުޒޭން ބުނީ މާޒިޔާ އަށް ގްރޫޕުގެ ކުރި ހޯދެންވާނެ ކަމަށާއި ނަމަވެސް އެހެން ޓީމުތަކާމެދު ސަމާލުވާން ޖެހޭނެ ކަމަށެވެ.