އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި އަންގާރަ ދުވަހު ފަށާ ރައީސުލްޖުމުހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ޓީމުތައް ފުރަން ފަށައިފި އެވެ.
މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ގްރޫޕް އޭގައި ހިމެނޭ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ޓީސީ އަދި ބީޖީ އާއި މަހިބަދޫ ސްޕޯޓްސް ކުޅޭނީ ކުޅުދުއްފުށީގަ އެވެ. ވެލެންސިއާ އާއި ވިކްޓަރީ އަދި މާޒިޔާ އާއި އީގަލްސް ކުޅޭނީ އައްޑޫގަ އެވެ.
މުބާރާތަށް އެންމެ ފުރަތަމަ މާލެއިން ފުރި ޓީމަކީ މުބާރާތުގައި މުޅިން އަލަށް ވާދަ ކުރާ ޓީސީ ސްޕޯޓްސް ކުލަބެވެ. ރޭ އިރާކޮޅު އެ ޓީމު ފުރިއިރު މިއަދު ވަރަށް ހެނދުނު ވެލެންސިއާ އާއި މާޒިޔާގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އައްޑު އަށް ގޮސްފަ އެވެ. ނަމަވެސް މި ދެ ޓީމުގެ ގިނަ ކުޅުންތެރިން އައްޑު އަށްދާނީ މިއަދު މެންދުރު އެވެ. އީގަލްސް އާއި ވިކްޓަރީ ވެސް މާދަމާ އައްޑު އަށް ދާނެ އެވެ. އަދި ނިއު ރޭޑިއަންޓާއި ބީޖީ އަދި މަހިބަދޫ ޓީމު ވެސް މިއަދާއި މިރޭ ކުޅުދުއްފުއްޓަށް އަރާނެ އެވެ.
1972 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ބާއްވާ ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތް ހުޅުވުން އޮންނާނީ ކުޅުދުއްފުށީގަ އެވެ. މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗާއެކު ނިންމުމުގެ ރަސްމިއްޔާތު ބާއްވާނީ އައްޑޫގަ އެވެ.