ވިޔަފާރި

ބްރާންޗް އަށް ނުގޮސް ބީއެމްއެލްގެ ހިދުމަތް ހޯދަން އެދިއްޖެ

Apr 5, 2020
2

ކޮވިޑް-19 އާ ގުޅިގެން ސޯޝަލް ޑިސްޓެންޓް އަށް ސަމާލުކަން ދިނުމުގެ ގޮތުން، ބްރާންޗަށް ނުގޮސް، އިންޓަނެޓް ބޭންކިން އަދި އޭޓީއެމް ބޭނުން ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.

ބީއެމްްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ހަފްތާގެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަތައް ހުޅުވާނެކަމަށާ އެހެން ނަމަވެސް އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގެން ހޯއްދަވަންޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހޯއްދެވުމަށް އިންޓަނެޓް ބޭންކިން އާއި އޭޓީއެމް ބޭނުން ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އޭޓީއެމް އަދި އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ހިދުމަތްތައް ހޯއްދެވުމަށް ބްރާންޗަށް ކަސްޓަމަރުން ވަޑައިގަންނަވާކަން. މި ގޮތަށް ގިނަ ކަސްޓަމަރުން ބްރާންޗަށް ވަޑައިގެންނެވުމުން ބްރާންޗުގެ ކިޔު ދިގުވެ، ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ވަގުތު ވެސް ނަގާނެ. ބީއެމްއެލް އިން މިވަނީ ފަސޭހައިން ބޭންކިން ހިދުމަތް ހޯދޭނެ ގިނަ ވަސީލަތްތައް ގާއިމްކޮށްފަ. މި ގޮތުން އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް އޭޓީއެމް ބޭނުންކޮށްގެން ވަރަށް ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ހޯއްދެވޭނެ. އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެހެން ބްރާންޗަށް ވަޑައިގަންނަވަން ނުޖެހޭ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެންނެވުން،" އޭނާ ވިދާޅުވި އެވެ.

މި ހަފްތާގެ އަންގާރަ އަދި ބްރާސްފަތި ދުވަހު ބާޒާރު ބްރާންޗު ފިޔަވައި ބީއެމްއެލްގެ އެހެން ހުރިހާ ބްރާންޗުތަކާއި، ބިޒްނަސް ސެންޓަތަކާއި ލޯން ސެންޓަރު އަދި ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވާނެ އެވެ. ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 ފެށިގެން މެންދުރު 12:30 އަށެވެ.

ބޭންކުގެ އިލްތިމާސަކީ ފައިސާ ނުވަތަ ޗެކު ޖަމާ ކުރަން ބޭނުންވާ ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެން ޑިޕޮސިޓް އޭޓީއެމް ބޭނުން ކުރެއްވުމެވެ. އޭޓީއެމް ތަކުން 24 ގަޑި އިރުގެ ހިދުމަތް ލިބޭއިރު ކަސްޓަމަރ ބޭނުން ވަގުތަކު ހިދުމަތް ހޯދުމުގެ ފުރުސަތުލިބެ އެވެ. މި ގޮތުން ފައިސާ އާއި ޗެކު ޖަމާކުރުމުގެ އިތުރުން އޭޓީއެމުން ފައިސާ ނަގައި، ފައިސާ ފޮނުވުމާއި، ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް އޭޓީއެމުން ލިބޭނެ އެވެ.

އޭޓީއެމް އިން ފައިސާ ނެގޭ އަދަދުތައް

  • ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކަށް 25،000 ރުފިޔާ
  • ޑޮލަރ އެކައުންޓްތަކުން ދުވާލަކަށް 1،600 ޑޮލަރު
  • އޭޓީއެމް އަށް ފައިސާ ޖަމާކުރެވޭ އަދަދުތައް
  • އަމިއްލަ ފަރުދުންގެ އެކައުންޓަށް: ދުވާލަކަށް 50،000 ރުފިޔާ
  • ވިޔަފާރި އެކައުންޓަށް: ދުވާލަކަށް 200،000 ޑޮލަރު

އޭޓީއެމްގެ އިތުރުން ގޭގައި ތިއްބަވައިގެން ބިލަށް ފައިސާ ދެއްކެވުމަށާއި އެކި އެކައުންޓްތަކަށް ފައިސާ ފޮނުވުމަށާއި ކާާޑާއި ލުއިލޯނަށް އެދި ހުށަހެޅުމުގެ ހިދުމަތް އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް ލިބޭނެ އެވެ. އަދި ހަމަ އެހެންމެ އޯޑަކުރައްވާ އެކި ބާވަތުގެ ތަކެއްޗަށް ފައިސާ ދެއްކެވުމަށް މޮބައިލް ޕޭގެ ހިދުމަތް ވެސް ބޭނުން ކުރެވޭނެ އެވެ.