ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ކޮށްފައިނުވާ ކަމަށާ އެހެން ކަމުން ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށައަޅާފައެވެ.
މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި ބިލުގައި ވަނީ ލާމަރުކަޒީ އާ ގާނޫނުގެ ދަށުން އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތައް އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލްތަކުގެ މެންބަރުންގެ ދައުރު ދިގުދެމި މަގާމުގައި ދެމި ތިބެވޭނެ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ.
ގާނޫނު އަސާސީއަށް ގެންނަ އިސްލާހަށް އަމަލު ކުރާނީ މަޖިލީހުން އެ އިސްލާހު ފާސްކޮށް ރައީސް ތަސްދީގު ކުރައްވައި ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ. އާ ކައުންސިލަރުން އިންތިހާބު ވުމާ އެކު އެ އިސްލާހު ވެސް އުވިގެން ދާނެ އެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ކަމަށެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތީ އެފަދަ ހާލަތެއް ކަމާ މެދު އަދި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމާ މެދު ސުވާލުތަކެއް އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެކަމަކު މިހާރު ރާއްޖޭގައި އިއުލާން ކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތެކެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ބަހުސް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ގާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބު ބިލު ފޮނުވާފައިވާއިރު ގާނޫނު އަސާސީގައި އެބަ ބުނޭ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް. އަދި އެބަ ބުނޭ އެއީ ދިމާވާ ހާލަތެއް ކަމަށް. މިހާކު އިއުލާން ކުރިއަސް އަދި ނުކުރިއަސް. އެކަމު މިހާރު މި އޮތީ އާންމު ސިއްހަތު ރައްކާތެރި ކަމުގެ ގާނޫނަށް ކަމަށް ބުނެވިދާނެ. އެ ގާނޫނުގެ ދަށުން މިހާރު ހިނގަމުންދާ ކަންކަން މި ހިނގަނީ ވެސް" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށާ ޖޫން ތިނެއްގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ނުކުރައްވާ ކަމަށާ އެހެން ކަމުން ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބް ވިދާޅުވިއެެވެ.
ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފަ. ތިނެއް ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ނުކުރައްވާ. ގާނޫނުއަސާސީ އިސްލާހުކުރުމަށް ޤާގާނޫނީ ހުރަހެއް ނެތް.އިބްރާހިމް ރިފްއަތު | ބަންޑާރަ ނާއިބް
ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އިއުލާނުކޮށްފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ.