ސިއްހަތު

ވަސްޖެހުމުން ކުރީގެ ހަނދާންތައް އާ ވަނީ ކީއްވެ؟

Jan 7, 2015

ކުރިން އެކުގައި އުޅުނު ލޯބިވެރިޔާ ނުވަތަ އަނބިމީހާ ބޭނުންކުރި ސެންޓެއްގެ ވަސް އައިސް ނޭފަތުގައި ބައްދައިގަތުމުން ދިރިއުޅުމުގެ ކުރީގެ ހަނދާންތައް ބޮލު ތެރޭގައި އެނބުރެން ފަށާ ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުންނަށް ވާ ގޮތެކެވެ.

އަހަރުތަކެއް ފަހުން އެނބުރި ރަށަށް ގޮސް، ކުޑައިރު ނިދި ކޮޓަރި ތެރެއަށް ވަނުމުން މަރުހަބާ ކިޔާލާ ވަސްގަނޑާ އެކު ވެސް ދަމައިގަންނާނީ މާ ކުރީގެ ހަނދާންތަކެއްގެ ތެރެއަށެވެ. ވަސް، މިއީ ވަރަށް ވެސް ބާރުގަދަ ހިއްސެކެވެ.

މިވާ ގޮތެއް ބަލާލަމާ ހިނގާށެވެ.

ކަނޑާއި އެއްގަމު އަދި ވައިގެ ތެރޭގައި އުޅޭ ސޫފިސޫފާ ސޫއްޕަށް ވެސް އެންމެ ފުރަތަމަ ލިބުނު ހިއްސަކީ މިއީ އެވެ. ފެނުމާއި އަޑު އިވުމާއި ބީހިގެން އިހްސާސްވުމުގެ ހިއްސަށް ވުރެ ކުރިން، ބެކްޓީރިއާ ފަދަ ކުދި ޖަރާސީމުތައް ވެސް އެންމެ ފުރަތަމަ މުއާމަލާތުކޮށް ހޯދައި ބަލައި އުޅުނީ ވަސް ބޭނުންކޮށްގެންނެވެ.

ފެނުމުގެ ހިއްސު ގުޅިފައި ވަނީ އިންސާނާގެ ލޮލުގައި ގާއިމުވެފައިވާ ހަތަރު ވައްތަރެއްގެ ލައިޓް ސެންސާސްތަކަކާ އެވެ. އެއަށް ރިސެޕްޓާސްއޭ ވެސް ކިޔަ އެވެ. މިއީ ލޮލަށް އެޅޭ އަލި އިލެކްޓްރޯކެމިކަލްގެ ބަހުރުވައަކަށް ބަދަލުކޮށް ސިކުނޑިއާ ހަމަ އަށް މެސެޖު ފޯރުކޮށްދޭ ހަތަރު މަރުކަޒެވެ.

ބީހިގެން ކުރެވޭ އިހްސާސް ވެސް ގުޅިފައި ވަނީ ދެ ތިން ވައްތަރެއްގެ މިފަދަ ނިޒާމުތަކަކާ އެވެ. ފިނި ހޫނުމިން އަދި ތަދު ވަކިކުރުމަށް ހާއްސަ ރިސެޕްޓާސްތަކެއް ހުރެ އެވެ.

ނަމަވެސް ވަހާ ގުޅިފައިވާ މި ރިސެޕްޓާސްތަކަށް ހާއްސަ އަދަދުތަކެއް ކަނޑައެޅިފައެއް ނުވެ އެވެ. ވަހަށް ހާއްސަކޮށްފައިވާ މި ރިސެޕްޓާސްތަކުގެ އަދަދު މަދުވެގެން ހާހަކަށް އަރަ އެވެ. އަދި އުމުރު ދައުރުވަމުންދާ ވަރަކަށް އަލުން އުފެދި ވަސްތަކުގެ އަސްލަށް ބަދަލުވެ ވެސްވެ އެވެ.

ނޭފަތުގައި ޖެހޭހާ ވަހެއް ދެނެގަނެ އެއަށް ފާޑުކިޔަން އަހަރެމެންނަށް އެހާ ފަސޭހަ ނުވަނީ ވެސް މި ސަބަބާ ހެދި އެވެ. ކޮންމެ ކޮންމެ ވަހެއް ސިފަކޮށްދޭ ކަމަށް އަދި އެ ވަހަކާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް ދައްކާކަށް ވެސް ނޭނގޭނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ވަހެއް ޖެހުނީމަ، މީހާ ދެދުނިޔެން މޮޔަކޮށް ހޭ ވެސް ނައްތާލަނީ އެވެ.

ނަމަވެސް ލޮލަށް ފެންނަ އެއްޗެއް، ކަމެއް ސިފަކޮށްދޭން ވަރަށް ފަސޭހަ އެވެ. ވަހެއްގެ ވާހަކަ ދައްކާ ނަމަ އާންމުކޮށް ކިޔައިދޭނީ ކޮންމެވެސް ކަމަކާ ނުވަތަ އެއްޗަކާ ގުޅުވައިގެންނެވެ.

މިސާލަކަށް ހޫނުކަންމަތީގައި އޮތް ޕާނެއްގެ ވާހަކަ އެވެ.

ހިއްސުތަކަށް ވާ ގޮތް އެނގިއްޖެ އެވެ. އެހެންވީމަ ހަނދާނަށް ވަނީ ކިހިނެތް ހެއްޔެވެ؟

ސިކުނޑީގައި ވަހާ ބެހޭ މައި މަރުކަޒަކީ "އޮލްފެކްޓްރީ ބަލްބް" އެވެ. މިއީ ސިކުނޑީގެ ހިޕޯކެމްޕަސް ނަމަކަށް ކިޔާ ތަނަކާ އިންވެގެންވާ ހިސާބެކެވެ.

ސިކުނޑީގެ މާހިރުން ބުނާ ގޮތުން އާ ހަނދާންތައް އުފެއްދުމުގެ ހުރިހާ ކަމެއް ގުޅިފައި ވަނީ ހިޕޯކެމްޕަސްއާ އެވެ. ސިކުނޑީގެ މި ބަޔަށް ގެއްލުމެއް ލިބިފައިވާ މީހަކަށް، އޭނާ އަށް ވީ ކިހިނެތް ކަމެއް ވެސް ނޭނގޭނެ އެވެ.

ނަމަވެސް އެފަދަ މީހުންނަށް އާ ކަންތައް ދަސްކުރެވޭނެ އެވެ. މީހުންނަށް ކިޔާ ނަންތައް ވެސް އަލުން ދަސްކުރެވިދާނެ އެވެ. ނަމަވެސް އެމީހުންނާއި ކަންކަމުގެ ކުރީގެ ތަޖުރިބާއެއް ނުހުންނާނެ އެވެ.

މިއީ މާ ކުރިން ތަޖުރިބާކުރެވިފައިވާ ވަހެއްގެ ތެރެއަށް ދަމައިގަންނައިރު އާދައިގެ މީހާ އަށް ވެސް ކުރެވޭ ކަހަލަ އިހްސާސެކެވެ. އެ ވަހަކާ ގުޅޭ އެންމެ ކުރީގެ ތަޖުރިބާތަކެއް ކިޔައި ދޭކަށް ނޭނގޭނެ އެވެ.

މިހެން ވަނީ ވަހަށް ހާއްސަކޮށްފައިވާ ރިސެޕްޓާސްތަކަށް އުމުރާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެ އެވެ.