ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަށް ބީޖީ ސްޕޯޓްސް ކުލަބު އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށާއި ގްރޫޕް އޭގެ ފެވަރިޓުންނަކީ ނިއުރޭޑިއަންޓް ކަމަށް ބީޖީން ބުނެފި އެވެ.
ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ކުޅޭ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ ނިއު އާއި ބީޖީ އަދި ޓީސީ އާއި މަހިބަދޫ ހިމެނޭ ގްރޫޕުން ކޮންމެ ޓީމަކަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ބީޖީ އޮތީ ރަނގަޅު ގްރޫޕެއްގައި. ލީގަށް (ނަތީޖާތަކަށް) ބަލާއިރު ވަރަށް ހަމަހަމަކޮށް ޓީމުތައް ބެހިފައިވަނީ. ދެން މިއީ ކަޕެއްވީމަ މުބާރާތް ވަރަށް ކުރު. އޭގެ ސަބަބުން ހުރިހާ ޓީމަކަށް ވެސް ފުރުސަތު އޮންނާނެ. އެކަމަކު (ގްރޫޕުގެ ކުރި ހޯދުމުގެ ފުރުސަތު) މި ބުނާހެން އެންމެ ފުރުސަތު ބޮޑީ ނިއުއަށް،" މީގެ ދެ އަހަރު ކުރިން ބީޖީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗު ބުންޏެވެ.
ކުރިން ވިކްޓަރީގައި މޮޅަށް ކުޅުނު ޝާޒްލީ ބުނީ ޕްރެޒިޑެންޓްސް ކަޕުގައި ބީޖީގެ އަމާޒަކީ ސެމީ ފައިނަލް ކަމަށެވެ.
"ސެމީ ފައިނަލް ކުޅުން އެއީ ބީޖީގެ ޓާގެޓަކީ. އެ ހިސާބަށް ނުދެވެންވީ ސަބަބެއްނެތް. މީގައި ކުރި ލިބޭނީ މި ފަހަރު ރަނގަޅަށް، މޮޅަށް ކުޅޭ ޓީމަކަށް. ވަރަށް ރަނގަޅަށް ތައްޔާރުވެފައި ބީޖީ މި އޮތީ،" ޝާޒްލީ ބުންޏެވެ.
ކުރީ އަހަރާ ހިލާފަށް ބީޖީ އަންނަނީ މި ފަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ޓީމުގައި ތިބި ބިދޭސީ ހަތަރު ކުޅުންތެރިން ވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.