މާދަމާނޫން އަނެއް ދުވަހު ފަށާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެލެންސިއާ އަށް ވުރެ ގްރޫޕް އޭގެ އަނެއް ތިން ޓީމު ވެސް ވަރުގަދަ ނަމަވެސް އައްޑޫގައި ކުޅުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކޯޗު މުހައްމަދު އިގްބާލް ބުނެފި އެވެ.
" ވެލެންސިއާ އަކީ ގައުމީ ތަށި އެތައް ފަހަރަކު ހޯދާފައި އޮތް ޓީމެއް. މިދިޔަ ހައެއްކަ އަހަރު ޓީމު ދަށްކޮށް އޮތީމަ ގައުމީ މުބާރާތުން ފުރުސަތު ނުލިބިދިޔައީ. އެކަމަކު އަހަރެން ދެކޭގޮތުގައި ވެލެންސިއާ ގައުމީ މުބާރާތް ކުޅެން ޖެހޭނެ. ދެން މި ފަހަރު އައްޑޫގައި ކުޅުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވެލެންސިއާގެ ސަޕޯޓަރުން އެންމެ ގިނަ އެއްތަނަށްވާނެ އައްޑޫ. ސަޕޯޓަރުން ކުރިމަތީގައި ނަތީޖާ ނެރެވިދާނެ. ސަޕޯޓަރުން ތިބެގެން ކުޅެން ވެލެންސިއާ މިދަނީ. އެހެންވީމަ މިއީ ވަރަށް ރަނގަޅު މުބާރާތަކަށްވާނެ. ވެލެންސިއާގެ ޓާގެޓަކަށްވާންޖެހޭނީ ތަށި،" އިގްބާލް ބުންޏެވެ.
ނަމަވެސް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުގައި ކުޅެން ވެލެންސިއާ ނުކުންނައިރު އެންމެ ފުރަތަމަ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުން ކަމަށް ވެސް އިގްބާލް ބުންޏެވެ.
"ސެމީ އަށް ދިއުން ވެލެންސިއާގެ ފުރަތަމަ އަމާޒަކީ. އެ ހިސާބަށް ދެވުނީމަ ދެން އެހެން ކަމަކާ ވިސްނާނީ. އެއީ ވެލެންސިއާ އަށްވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ އެހެން ޓީމުތައް. މާޒިޔާ ވެސް، ވިކްޓަރީ ވެސް އަދި އީގަލްސް ވެސް ނަތީޖާގެ ގޮތުން ވެސް އަދި ކުޅުންތެރިންނަށް ބެލިނަމަވެސް އަހަރުމެންނަށް ވުރެ ވަރުގަދަ. ވަރަށް މަސައްކަތް ކޮށްގެން ވެލެންސިއާ އަށް މި ބުނާ ހިސާބަށް ދެވޭނީ،" ކުރީގެ ގައުމީ ކީޕަރު ބުންޏެވެ.
އޭނާ ބުނީ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން މުބާރާތުގައި ދައްކާ ކުޅުމަކީ ވެލެންސިއާގެ ނަތީޖާތަކަށް އެންމެ ބޮޑަށް އަސަރުކުރާނެ ކަންތައްތައް ކަމަށެވެ.
"ވެލެންސިއާ ޓީމު އެތިން މީހުންނާ މެދު ވަރަށް ބޮޑު އުއްމީދެއް ކުރާނެ. ކޮންމެ ގޮތެއްވިޔަސް އަހަރުމެން ޓީމަށް ބަލާއިރު އެއީ ޓީމުގައި އެންމެ މޮޅަށް ކުޅެންޖެހޭ ތިން މީހުންނަކީ. ހުރިހާ ކުޅުންތެރިން މަސައްކަތްކޮށްފިއްޔާ ނަތީޖާ ގޯހެއްނުވާނެ،" އިގްބާލް ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވެލެންސިއާ ނުކުންނާނީ އަންގާރަ ދުވަހު މާޒިޔާއާ ދެކޮޅަށެވެ.