ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު މިިދިޔަ މަހު އިއުލާނުކޮށްފައިވާއިރު އެ ހާލަތު އިތުރުކުރުމާމެދު ނުވަތަ ކުއްލި ނުރައްކާ އުވާލުމާމެދު މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
އެ މުއްދަތު މީގެ ދެ ދުވަސްފަހުން ހަމަވާނެ އެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާމެދު ގޮތް ނިންމުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ކޮންމެ ފިޔަވަޅަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
އަދި އެ ފިޔަވަޅުތައް ނެގުމާއި ހަމައަށް އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"..ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިިދިޔަ މަހުގެ 12 ވަނަ ދުވަހު. އިތުރުކުރާނެތޯ ނުވަތަ ނޫންތޯ އެކަމުގެ މަޝްވަރާތައް ދަނީ ކުރަމުން." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ކޮންމެ ފިޔަވަޅަކީވެސް ބަލަންޖެހޭ ވަރަށް ގިނަ ބެލުންތަކަށްފަހު އަޅާ ފިޔަވަޅެއް ކަމަށެވެ. ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުވާލިތާ 14 ދުވަސްވާން ކައިރިވެފައިވާއިރު އެކަމުން ނިކުތް ނަތީޖާއާ އަދި މިހާރު މުޖްތަމައުގައި ކޮވިޑްގެ ނުރައްކަލެއް އޮތްތޯ ބެލުމަށް އިއްޔެ ފަށާފައިވާ ދިރާސާގެ ނަތީޖާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ކަމެއް ނުނިންމާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ސަރުކާރު ބަންދުކޮށް، ސުކޫލްތަކުގެ ކިޔެވުން މެދުކަނޑާލާ، ކެފޭތައް ބަންދުކޮށްފައިވާއިރު އެ ފިޔަވަޅުތައް އުވާލުމާމެދުވެސް މަޝްވަރާ ކުރަމުންދާ ކަމަށާ ނަމަވެސް އެ ފިޔަވަޅުތައް ދޫކޮށްލެވޭނީ ވަކި ތަރުތީބެއްގެ ދަށުން ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ 30 ދުވަސް އާދިއްތަ ދުވަހަށް ހަމަވާއިރު، އެ ދުވަހުގެ ކުރިން އެ ހާލަތު ދެމެހެއްޓުން ނުވަތަ އުވާލުމާމެދު ގޮތްތަކެއް ނިންމާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 19 މީހުނެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 13 މީހެކެވެ. އެއީ ބިދޭސީންނާއި ޓޫރިސްޓުންނެވެ. އެ ބައްޔަށް މި ވަގުތު ރާއްޖޭގައި ފަރުވާ ދެމުން ދަނީ ބޭރުން އައި ހަތަރު ދިވެއްސަކަށެވެ. ރާއްޖޭގައި ތިއްބައި ބައްޔަށް ޕޮޒިޓިވްވި ދެ ޓޫރިސްޓަކު މި ވަގުތު ތިބީ ރާއްޖޭން ބޭރުގަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.