އަހަރުމެން ތިބީ ކޮފީއެއްގައެވެ. މިއީ އަހަރުމެންގެ އާދައެކެވެ. ކޮންމެ ހަފުތާއެއްގެ ހުކުރުވިލޭރޭ އޮންނާނީ މިކަމެވެ. ކެފޭތަކުން ރަހަބެލުމެވެ. އެތަންތަން ތަޖުރިބާ ކުރުމެވެ. މި ވެސް އާދައިގެ މަތިން އެކަމަށް ނިކުމެ ތިބި ރެއެކެވެ. އަހަރެން މި އިނީ އަހަރެންގެ ގުރޫޕާއެކުގައެވެ. ތިން މީހުން އެއްވެއްޖެ ނަމަ ބަސްތާ ހުހެއް ނުވެއެވެ. އެހައި ވެސް ވާހަކަ ގިނަވާނެއެވެ. ވާހަކައިން ކުރިފަޅަމުން ކުރިފަޅަމުން ދާނެއެވެ. ކަމަކަށް އޮންނާނީ ދިމާކުރުމެވެ. ޖޯކު ޖެހުމެވެ.
"ދެން ނާޝިދު ހިތްހަމަ ނުޖެހޭތަ؟" ޝާޔާ ސުވާލުކޮށްލީ ރަމީޒާއާ އެވެ. "މި ބުނީ އަހަރުމެން ކޮފީއަށް އަރާތީ، ބައެއް ފިރިހެނުންނަށް ހީވާނީ އެމީހުން އެކަންޏޭ ކޮފީއަށް ދާން ޖެހޭނީ."
"އެބުނާހެން. އެންމެން ކިޔާނެ ކައިވެނި ކުރީމަ ދެން ގޭ ބަންދުވިއްޔޭ، ބޭރަކަށް ނުދެވޭނޭ." ޝާޔާ ހުޅުވާލީ ޝައުޤުވެރި ސުރުޚީއެކެވެ.
"ނާދެ، އެ ވަރަށް ކޫލް މީހެއް،" ރަމީޒާ ހޭންފެށިއެވެ. "އެހެންވެޔޭ އަހަރެން އެކަމާ އުޅުނީ. މަށަކަށް ނޫޅެވޭނެ މާ ފިއްތާ މީހުންނާ އެއްކޮށް، އެހެންވެ އެއްނު އިއްބެ ގަނޑު ވެސް ކަޓުވާލީ. އެ މާ ފިއްތާ މީހެއް. އެހެންޏަ ލައި ހެދުމާ ކައި އެއްޗެއްސާ، ރައްޓެހިންގެ ވަނަވަރަށް ދަންދެން އޭނައަށް ކިޔައިދޭން ޖެހޭނެ. މާ ސާލިހު އަޅަކަށް ވެގެން އުޅޭނީ. އެކަމަކު ފަސްބައިގައި އޮތީ ހުސް ދެލި."
"އަސްލު ވެސް." ޝާޔާ ވެސް ރަމީޒާއާ ބައިވެރިވެލި އެވެ.
"އެކަމަކު، ދީންވެރި ސާލިހު މީހެއް ލިބުމަކީ ކިހައި ބޮޑު ނަސީބެއް." އަހަރެންގެ ޚިޔާލު މުޅީން ތަފާތެވެ.
"ދެން ލަމްއަށް ވިސްނޭނީ ތިހެން. އާނ، މުހުސިނަކީ އެކަހަލަ މީހެއް ވިއްޔަ." ޝާޔާ އިނގިލި ދިމާކޮށްލީ ސީދާ އަހަންނާ ދިމާއަށެވެ.
"މަށަށް ހީވަނީ މި ލަމް ދެން އަތު ނުވާނެހެން،" ރަމީޒާ ވެސް ޝާޔާއާ ބައިވެރިވި އެވެ. "އަހަރުމެން ދެ މީހުން އެކަނި މިކަން ވެސް ކުރަން ޖެހޭނީ. އެކަމަކު ވެސް އަހަރުމެން އަންނާނަން ދޯ ޝާ."
"އާނ! ލަމްއަށް ހުސް ގޮނޑިއެއް ބަހައްޓާނީ." ޝާޔާ ވެސް ބިނދިބިނދިފައި ހެމުން ދިޔަ އެވެ.
"އޭ ބަލައިބަލަ!" ރަމީޒާ ލޮލުން އިޝާރާތްކޮށްލީ ކައުންޓަރާ ދިމާގައި ހުރި މީހަކަށެވެ.
"ކާކުތަ؟" ޝާޔާ މޫނަށް ދެތިން ރޫ އަރުވައިލިއެވެ.
"އެބުނާހެން." ރާގު އަޅުވާލަމުން އަހަންނަށް ވެސް ބުނެވުނެވެ.
އެއީ ތެދެކެވެ. ޒުވާން ފިރިހެނެކެވެ. ގަޔަށް ބާރު ޓީޝާޓެއްގައި ހުރި އިރު މޭމަތީގެ މަސްތައް ހުރީ ފުއްޕާލައިފަ އެވެ. މުލައްދަނޑީގެ މަސްތައް ވެސް ހުރީ އުފުލިފަ އެވެ. އެއް އަތުގައި އޮތީ ކަޅުކުލައިގެ ހެލްމެޓެކެވެ. އެ އަތުގެ މުލައްދަނޑީގައި އެލުވާލާފައި އޮތީ ކަޅުކުލައިގެ ވާރޭ ކޯޓެކެވެ. އެ ޒުވާނާ އެނބުރިލި އެވެ. އަހަރުމެންނާ ދިމާއަށް ބަލައިލިއެވެ. އަހަންނަށް ބަލައިލެވުނީ ޝާޔާ އަށެވެ. އޭނާގެ ތުންފަތުން ފާޑެއްގެ ހަރަކާތެއް ކޮށްލިއެވެ. އޭނާއަށް އެ މަންޒަރު ފެނުނެވެ. ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
"އަޅޭ! ހާދަ ލޯތްބޭ." ރަމީޒާ ވައި އަޑުން ބުނެލިއެވެ.
"ހިނގައިބަލަ ވަދެއް ދަމައިލަން." ޝާޔާ އެ ދިމާ ބަލަން އިނދެ މަޑުމަޑުން ބުނެލިއެވެ.
"ޝާޔާ އަކަށް ނުވާނެ." އަހަރެން ދެރަ ދިނީމެވެ.
"މިހާރު ވެސް އެ ހުރީ އެންމެ ހަރަކާތަކުން ސެޓުކޮށްލައިފަ،" ޝާޔާ އަހަރެންގެ މޫނަށް ބަލައިލިއެވެ. "މަށަށް ނުވި ކަމެއް އެހެން މީހަކަށް ނުކުރެވޭނެ. ލަމް މާ ގަޓުވެގެން އުޅޭ މީހާ އަޅެ އެސޮރު ހާއަރުވައިލަބަލަ."
"ޗީ..ޗީ ތީ ކަމެއް ވާނެ މީހެއްނޫން،" ރަމީޒާ ފާޑަކަށް ހޭންފެށިއެވެ. "ބުނާނެ ތިމަންނާ ރަން ކިޔައިފައޭ އޮތީ، މުހުސިނަށް އެނގިދާނޭ، ކަޑަވާނޭ، ދޮންފަޅޮޅޭ، ތަކޫވަކޭ."
ރަމީޒާއާއި ޝާޔާ އަހަންނާ ދިމާކޮށްލިއެވެ. ދެމީހުން އެކުގައި ހީގަތެވެ. އަހަންނާ ދިމާ ބަލަމުންނެވެ. އަހަރެންގެ ހިތުގައި އާދަޔާ ޚިލާފު ޖޯޝެއް އުފެދުނެވެ. ކޮޅަށް ތެދުވެ ހިނގައިގަތީމެވެ.
"އޮހް ނޯ." ކައުންޓަރާ ހަމައަށް ދެވުމާއެކު އަހަރެން ގަސްތުގައި އަރި އަޅައިލީމެވެ.
އަރި އަޅައިލި ގޮތަށް ގޮސް އެ ޒުވާނާގެ މޭމަތީގައި ތަތްވެލެވުނެވެ. ކޮނޑުގައި ބާރަށް ހިފައިލެވުނެވެ. ސިހިފައި އޭނާ ވެސް އަވަސްއަވަހަށް އަހަރެންގެ އަތުގައި ހިފައިލި އެވެ. އަހަރެންގެ ތުންފަތް ޖެހުނީ އޭނާގެ ކޯތާފަތުގަ އެވެ. އަހަރެންގެ ކޮލުގައި އޭނާގެ ނޭފަތް ޖެހުނެވެ. އެ ގޮތުގައި އިރުކޮޅެއް ވަންދެން އަހަންނަށް ހުރެވުނެވެ. ހުއްޓުން އަރާފަ އެވެ. އޭނާ ވެސް އަހަރެންގެ ގައިން ދޫކޮށް ނުލައި ހުރީ އެވެ. އަހަންނަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ.
"ސެއިން ލޯރެންޓް." އަހަންނަށް ވައި އަޑުން ބުނެލެވުނެވެ.
"ނޯ! ލާނުއިޓް." އެ ޒުވާނާ ވެސް ވައި އަޑުން ބުނެލިއެވެ.
"އެކަމަކު އެ ވަސް، އެ އިހުސާސް." އަހަރެން ރަކި ނުވާކަމަށް ހެދީމެވެ.
މަޑުމަޑުން އެތެރެއަށް ނޭވާ ދަމައިލީމެވެ. ދެތިން ފަހަރަކު އެ ގޮތަށް ހަދައިލީމެވެ. އޭނާގެ ގައިން ދުވަމުން ދިޔަ ހިތްގައިމު ވަހުން ހިތް ފުރެމުން ދިޔައެވެ.
"ހޫމް. އޮޅުނީ. އެއްކަހަލަ ވަހެއް. ވަރަށް ހިތްގައިމު." އަހަރެން ތައުރީފުކޮށްލީ އޭނާ އަށެވެ.
އަހަރެން މަޑުމަޑުން ދުރަށް ޖެހިލީމެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ހުރެއެވެ.
"މީ އަރުހަމު، އަރޫ." އަރުހަމު ސަލާމަތް އަތްދިއްކޮށްލިއެވެ.
"ލަމްޔާ، ލަމް." ލަދުރަކި ގޮތަކަށް އަހަރެން ބުނެލީމެވެ.
އަރުހަމުގެ އަތުގައި އަތް ޖެހިލުމުން އަހަރެން ގަނޑުވި ކަހަލައެވެ. ދެފައި ތުރުތުރު އަޅަން ފެށިއެވެ. މީހާ ފިނިވަމުން ދިޔައެވެ.
"ކީއް ކުރަނީ؟" އަރުހަމު އަހައިލިއެވެ.
"ބިލް ދައްކަން." އަހަރެން ބުނާނެ އެއްޗެއް ނޭނގިގެން ބުނެލީމެވެ.
"އޯހ. އަހަރެން ދައްކައިދީފިން." އަރުހަމު ހިނިތުންވެލިއެވެ.
"ތޭންކްސް،" އަހަރެން ބުނެލީމެވެ. "އެކަމަކު ކިހިނެއް؟ ދަންނަންތަ؟"
"މާނައަކީ ކޮފީއެއް ލިބޭނޭތަ؟" އަހަރެންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ސުވާލެއް ކޮށްލިއެވެ.
"ކެރޭނެތަ؟" އަހަރެން ގަދަކޮށްލީމެވެ.
"ޔާ! ވައި ނޮޓް." އަރުހަމް ހިނިތުންވެލިއެވެ.
"ކިހިނެއް؟"
"އަން މި މަގޭ ބިޒުނަސް ކާޑު. ތަންކޮޅެއް ދަންކޮށްލައިފަ ގުޅައިލަ. މިދަނީ ހުޅުމާލެއަށް، މި ގަޑި ކުޑަކޮށް ބިޒީ." އަރުހަމުގެ ކާޑު ނަގައި އަހަންނަށް ދިއްކޮށްލިއެވެ. "އެ ފްރެންޑްސް ތަ؟"
އަރުހަމު ބަލައިލީ ޝާޔާމެންނަށެވެ. އަހަރެން ބޯ ޖަހައިލީމެވެ. ޝާޔާމެން ތިބީ އަހަރެންގެ ހަރަކާތަށް ބަލާށެވެ. އަރުހަމު ނުކުންނަށް ހިނގައިގަނތެވެ. އަހަރެން ދިޔައީ އެމީހުން ގާތަށެވެ.
"އޭ ވަރަށް ގަދަ. ކީކޭތަ ބުނީ؟" ގޮނޑީގައި އިށީން އިރަށް ޝާޔާ އަހައިލިއެވެ.
"ކޮފީއެއް ބޮވިދާނެ ހޯ؟" އަހަރެން ވެސް ހޭން ފެށީމެވެ.
"ނުކެރޭނޭ ދޯ ބުނީ! ޔަގީން މީނަ ބުނާނީ ތިމަންނާ ރަން ކިޔައިފީމޭ. މުހުސިނޭ، ޝާޔާ ފޮނުވައިގެންނޭ މިއައީ." ރަމީޒާ ދިމާކޮށްލިއެވެ.
"އެ ތެދޭ؟" ޝާޔާ އަހައިލި އެވެ.
"އައްޗި މަ އެހާ ކަޑަވާނެތަ؟" އަހަރެން ދެރަވާކަށް ބޭނުންމެއް ނުވިއެވެ.
"އެކަމު ވަރަށް ކުކީ ސްޓަންޓެއް ތި ޖެއްސީ،" ޝާޔާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. "މި ބުނީ ތި ވެއްޓިގަތުން، ހީވަނީ ދިވެހި ފިލްމެއްގެ މަންޒަރެއްހެން."
އަނެއްކާ ވެސް ދެ މީހުން ޕަކަޕަކަ ލައިފައި ހޭންފެށިއެވެ.
"ދެން؟" އަހަރެން ފޫހިވާކަން ދައްކައިލީމެވެ.
"ކޮފީ ބޮއެފަ އަހަރުމެންނަށް ވީޑިއޯ ދައްކާލަންވީ. ލަމްއަކީ ގަދަ މީހަކަށް ވާނީ އޭރުން. އެހެން ނޫނަސް އެހާ ސަޅި މީހަކު ކޮފީއެއް ދޭން ބުނީމަ ކާކު ނުދާނީ." ޝާޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
"ލަމްއަކަށް ނުވާނެ، އޭނާ މިހާރު ވެސް ހިތަށް އަރާނެ ތިމަންނާ ރަންކިޔައިފައޭ، މުހުސިނޭ."
"ދޮންފަޅޮލޭ، ތަކޫވަކޭ." ރަމީޒާ ނުނިމެނީސް ޝާޔާ ފެށިއެވެ.
ދެ މީހުން ބިނދިބިނދިފައި ހެމުން ދިޔައެވެ. ބަނޑުގައި އަތްއަޅައިގެން ތިބެއެވެ. ޝާޔާގެ ދެ ލޮލުން ކަރުނަ ހިލެންފެށިއެވެ. އެވަރުން ވެސް އެމީހުން މައިތިރިވާ ވަރެއް ނުވިއެވެ.
އަހަރެން ބޭނުންވީ ގޮތް ދައްކާލާށެވެ. އަހަންނަކީ ވެސް މީހެއްކަން އަންގައިލާށެވެ. ގެއަށް ގޮސް ކޮޓަރީ އޮވެ ވެސް ވިސްނެނީއެވެ. އަރުހަމާ މެދުގައެވެ. އެ ބީހިލުން ސިފަވަނީއެވެ. އެ ހަނދާން އާވަނީއެވެ. އިރުއިރުކޮޅާ އެ މަންޒަރު ސިކުނޑިތެރޭގައި އެނބުރެނީއެވެ.
"މާނައަކީ ކޮފީއެއް ލިބޭނޭތަ؟" ހީވީ ކަންފަތް ބުޑުގައި އަރުހަމު އެހެން ބުނެލިހެންނެވެ.
ސިހިފައި ބަލައިލެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. މީހަކު ފެންނާކަށް ނެތެވެ. ކަންނެޔޮ ނަގައި ބައްދާލީމެވެ. ކަންނޭލަށް މޫނުކޮށްޕާލީމެވެ. އެވަރުން ވެސް ފެންނަނީ އަރުހަމެވެ. އިހުސާސްކުރެވެމުން ދިޔައީ އެ ބީހުންތަކެވެ. ނޭފަތުގައި ހުރީ އެ ހިތްގައިމު ސެންޓުގެ ވަހެވެ.
"ތަންކޮޅެއް ދަންކޮށްލައިފަ ގުޅައިލަ!" އަރުހަމުގެ އެ ޖުމުލަ ހަނދާންވިއެވެ.
އަވަސްއަވަހަށް ގަޑިއަށް ބަލައިލެވުނެވެ. އޭރު މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ. އަހަންނަށް ފޯނު ނެގުނެވެ. ދެ ފިކުރެއްގައި އޮވެ ފޯނު އަރުހަމުގެ ނަންބަރަށް ގުޅައިލީމެވެ. ދެ ފަހަރަކު ރަނގަބީލުވާ އިރަށް ފޯނު ނެގިއެވެ.
"މި ލަމް." އަހަރެން ލަސްލަހުން ބުނެލީމެވެ.
"އޯ! ތި ކޯލަށް މި އިންތިޒާރު ކުރަނީ. އޭރުއްސުރެ ސިފަވަނީ ލަމް. ލޯ މަރައިލިޔަސް ފެންނަނީ ލަމް. ކުރިން އަހަންނަކަށް މިހެން ނުވޭ. މިގޮތަށް އިހުސާސެއް ނުކުރެވޭ." އަރުހަމުގެ އަޑުގައި ހުރީ އާދަޔާ ޚިލާފު ޖަޒުބާތެކެވެ.
"އެހެންތަ؟" ފާޑަކަށް ރަކިވާ ގޮތްވާން ފެށިއެވެ.
"އާނ! ލަމް އަހަރެންގެ ހިތަށް، ފުންކޮށް ވަރަށް ފުންކޮށް ތީރެއް ހަރައިލައިފި. ވަރަށް ތަދުވާ ވަރަށް ހަރައިލައިފި." އަރުހަމު އަޑު މަޑުވެ ޖަޒުބާތީ ރާގު އިތުރުވަމުން ދިޔައެވެ.
"ތީރު ހެރީ އަހަރެންތަ؟ އަހަރެން ތީރެއް ގެންގުޅުނުތަ؟" އަހަރެން ބޭނުންވާ ދިމާއަށް މިސްރާބު އަމާޒުކޮށްލީމެވެ.
"އާނ! ކަތި ނަޒަރު. ހިތްގައިމު ބީހުން. އެ އިހުސާސް." އަރުހަމު ވެސް ހޭންފެށިއެވެ.
ކޯލު ނިމިގެން ދިޔައީ ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރެއަށް ދައުވަތު ލިބިގެންނެވެ. އަރުހަމުގެ ބައްޕަގެ ރިސޯޓަށް ދިޔުމަށެވެ.
"ހުވާތަ؟" ޝާޔާ ސްޓިކާއެއް ފޮނުވާލިއެވެ.
އަހަރެން އެ ވާހަކަ ހިއްސާކުރީ އަހަރުމެން ތިން މީހުން ހިމެނޭ ވައިބަރ ގުރޫޕުގައެވެ.
"ކޮފީތަ؟ ނޫނީ ސްޓޭއެއްތަ؟" ޝާޔާ ސުވާލެއް ލިޔެލިއެވެ.
"ނުވާނެ! ބުނާނެ ރަންކިޔައިފީމޭ، މުހުސިނޭ." ރާމިޒާ އަނގަހުޅުވާ ދޫ ބޭރަށް ނެރެފައިވާ މޫނަކާއެކު މެސެޖުކޮށްލިއެވެ.
އަހަރެން ރައްދު ލިޔަން ފެށިއިރަށް ޝާޔާ ލިޔަމުންދާކަން އެނގުމުން ހުއްޓައިލީމެވެ.
"ނޫނޭ! ލަމް ވަރަށް ގަދަކޮށްފި! އެކަމަކު ޓާސްކު ހަނދާން ބަހައްޓާތި!" ޝާޔާ އަނެއްކާ ވެސް މެސެޖެއް ފޮނުވާލިއެވެ.
"ވީޑިއޯ ދޯ!" އަހަރެން ވެސް ލިޔެލީމެވެ. (ނުނިމޭ)