ޕޮލިޓިކްސް

މެޖޯރިޓީގައި ހިޔާލު ކަފިވުން ބޮޑު ވަނީ!

މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑީގެ ބޮޑު، ސާފު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބުމާ ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައިވާ ގޮތުގައި 65 މެންބަރުންގެ ޕާލިމެންޓްރީ ގްރޫޕެއް އެކުގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމަަކަށް ނުވާނެ އެވެ. އެއީ ތަފާތު ވިސްނުމުގައި ތިބި 65 ތަފާތު މީހުނެވެ. އެކަމަކު ދަތިތަކެއް ހުއްޓެއް ކަމަކު އެމްޑީޕީއަށް ގުޅިގެން މަސައްކަތް ކުރެވޭނެ އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވާން ޖެހި ވަޑައިގަތީ ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ކުރީގެ މަޖިލީހުގައި ވެސް ކަން ހިނގައި ދިޔަ ގޮތް ވެސް ފެންނަން އެބައޮތެވެ. ޕީޕީއެމްގެ ޓިކެޓުގައި 33 މެންބަރުން އިންތިހާބުވިއިރު، ފަހުން ގުޅުނު މެންބަރުންނާއެކު ގާތްގަނޑަކަށް 40 މެންބަރުން ތިއްބަވައިގެން ވެސް ހިފަހައްޓައެއް ނުލެވުނެވެ. މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ އެއް ބަޔަކު ޕާޓީ ދޫކޮށްލިއިރު، 12 މެންބަރެއްގެ މައްސަލައެއްގައި މުޅި މަޖިލީސް ހުއްޓުމަކަށް ގެނެސްގެން އުޅެން ޖެހުނެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް 65 މެންބަރުންގެ ބޮޑު ޕާލިމެންޓްރީ ގްރޫޕަކާއެކު އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފަށައިގެން މިހާތަނަށް އައިރު އެ ޕާޓީގެ މެންބަރުންގެ ފަރާތުން ވެސް މައްސަލަތުގައި ހިޔާލު ތަފާތުވާ މަންޒަރުތައް މިހާރު ހިސާބަކަށް ނަމަވެސް ފެންނަން ފަށައިފި އެވެ. ޕާޓީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ވެސް ފަށައިފި އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވެސް ސަރުކާރުން ފޮނުވާ ބައެއް ބިލުތަކަށް ފާޑުވިދާޅުވި އެވެ. ސަރުކާރުގެ ބިލުތައް ހުންނަނީ "އަން ޒަމާނު ކަރައަށް ވައި އެރި" އިރު ގެ ބިލްތައް ހުންނަ ގޮތަށް ކަމަށް ވިދާޅުވެ އެވެ. މަޖިލީހަށް ކޮންމެ ފަހަރަކު ވެސް ޖެހެނީ އަލުން ބިލެއް އެކުލަވާލައި ކުރަން ޖެހޭ މަސައްކަތާ އެއް ވަރަށް އެ ބިލުތައް މުރާޖައާ ކުރަން ކަމަށް ވިދާޅުވެ އެވެ.

ކޮވިޑް-19 ގެ ބަލާއާފާތުގެ ހާލަތާ ގުޅިގެން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހަށް ނުބޭއްވޭތީ އާއި ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލުގެ ބަހުސުން އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތައް ވަރަށް ސާފުކޮށް ފެނިގެން ދިޔަ އެވެ.

ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅު ހެއްދެވީ އެވެ. އެއިން ބައެއް މެންބަރުން އަމާޒު ނެންގެވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގެ ބަދަލުގައި ހުސްވެގެންދާ މުއްދަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާ ކައުންސިލަރުންގެ ނަމުގައި ބަޔަކު އައްޔަން ކުރާށެވެ.

އެހެން ނަމަވެސް އެމްޑީޕީގައި ތިއްބެވި ގާނޫނީ ދާއިރާގެ ބައެއް މެންބަރުންނާއި ގާނޫނު އަސާސީ ޑްރާފްޓް ކުރުމުގައި އުޅުއްވި ބައެއް މެންބަރުންނަށް އެއީ ކަމުދާ ގޮތަކަށް ނުވެ އެވެ. އެ ބޭފުޅުން ފުރަތަމަ ވަކާލާތު ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރާށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ނުކުރި ނަމަވެސް ކައުންސިލަރުން އައްޔަން ކުރަން ދެކޮޅެވެ.

ދެކެވަޑައިގަންނަވާ ގޮތެއް ވިއްޔާ އާންމުކޮށް ވެސް ވިދާޅުވާ ރައީސް ނަޝީދު މި ފަހަރު ވަޅި ފަޅިއެއް ނަންގަވާފައެއް ނުވެ އެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ވަކި ގޮތެއް ނެތެވެ. އެ މަނިކުފާނު ހުންނެވީ މެޖޯރިޓީ މެންބަރުން ނިންމަވާ ގޮތަކަށް ކުރިއަށް ދާން އެއްބާރުލުން ދެއްވާ ގޮތަށް ނިންމަވައިގެނެވެ. އެހެން ވިދާޅުވެއްޖެ ވެސް މެއެވެ.

މި ބަހުސުން އަރައިނުގަނެވި އުޅެނިކޮށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަނެއްކާ ވެސް ވަނީ ހިޔާލުގެ ކަފިވުމެއް ފެނިފަ އެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ބަހުގެ ހަމަލާތަކެއް ސީދާ ރައީސް ނަޝީދު ވެސް އިންނަވާ ޖޭއެސްސީއަށް އަމާޒު ކުރެއްވީ އެވެ. އެ ކޮމިޝަންގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ވެސް އިންނަވަ އެވެ. ކޮމިޝަންގެ ރައީސް އަކީ ވެސް ހިސާން އެވެ.

"އެމްޑީޕީގެ ބޭފުޅުން ވެސް ޖޭއެސްސީގައި އިންނަވާ ކީއްތޯ އެ ކުރައްވަނީ، އެ ތަނުގައި މި މަޖިލީހުގެ އިއްޒަތްތެރި ރައީސް ވެސް އެ އިންނަވަނީ، ކޮމިޝަންގެ ރިޔާސަތުގައި މަޖިލީހުގެ އެމްޑީޕީގެ އެހެން މެންބަރު އެ އިންނަވަނީ، މި ބޭފުޅުން ތިއްބަވައިގެން އެ ތަނުގައި ކީއްތޯ ތިޔަ ކުރައްވަނީ، ސުވާލު ކޮށްލަން ޖެހޭ؟" ކޮމިޓީގައި ހަސަން ވިދާޅުވި އެވެ.

ޖޭއެސްސީއަށް އޭނާގެ ފާޑުކިޔުންތައް އަމާޒު ކުރެއްވީ މިހާރު މިއޮތް ބަލާއާފާތުގެ ހާލަތުގައި ސުޕްރީމް ކޯޓުން ނެރުނު އެހެން ކޯޓުތަކުން އަމަލު ކުރަންވީ ގޮތުގެ ސާކިއުލާގެ ސަބަބުން ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަމަށް އަސަރު ނުކުރާނެ ކަމަށް ޖޭއެސްސީގެ މެންބަރުން ނިންމެވުމުންނެވެ.

ނަމަވެސް ހަސަން ލަތިފާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައެއް މެންބަރުންގެ ހިޔާލު ތަފާތެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓަށް އެހެން ކޯޓުތަކުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދެއް ނުދެވޭނެ އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން ވަނީ އެ ކަންބޮޑުވުންތަކުގެ މައްސަލާގައި މަޝްވަރާ ކޮށްފަ އެވެ. ކޮމިޝަނަށް ފެނުނު ގޮތުގައި އޭގައި މައްސަލައެއް ނެތީ އެވެ. އަދ ކޮމިޓީން ކުރީ ޖޭއެސްސީއަށް ފާރަވެރިވާން ކޮމިޓީން ކުރަން ޖެހޭ މަސައްކަތެވެ. ކޮމިޓީގެ މެންބަރުން ހިތްހަމަނުޖެހޭނަމަ އަލުން ބަލަން ޖޭއެސްސީއަށް އެންގިދާނެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ވިދާޅުވާ ގޮތުގައި މެންބަރުންގެ މެދުގައި މައްސަލައެއް އޮތް ކަމަށް ތަޖުރިބާއެއް ނުކުރެވެ އެވެ. އެކަމަކު ވެސް އެމްޑީޕީން މަސައްކަތް ކުރާނީ މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލާއި ހުރިހާ މެންބަރުންގެ ހިޔާލު ވެސް ހިމަނައިގެން އެންމެނަށް އެއްބަސްވެވޭ ގޮތަކަށް ދާށެވެ. މައްސަލަތަކުގައި ހިޔާލު ތަފާތުވުމަކީ ވެސް މައްސަލައެއް ނޫނެވެ.

"ބައެއް މީހުން ބުނުދާނެ އަޅުގަނޑުމެންގެ ތެރޭގައި މައްސަލަ ޖެހިގެން އުޅެނީއޭ، ނޫން، އަޅުގަނޑުމެންގެ ތެރޭގައި މައްސަލަ ޖެހިގެން އުޅެނީއެއް ނޫން،" ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މަޖިލީހުގެ ރައީސަކީ ވަރަށް ޑިމޮކްރެޓިކް ބޭފުޅެއް، ހަމަ އާއި އުސޫލުން ގެންދިއުމަށް ޓަކައި ހުރިހާ މެންބަރުންގެ ހިޔާލު ވެސް އެއަށް ވައްދައި އަދި ރައްޔިތުންގެ ހިޔާލު ވެސް އެއަށް ވައްދައިގެން ގެންދަނީ،"

މީގެ ކުރިން ވެސް އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ދަނޑިވަޅުތަކުގައި އެ ޕާޓީގެ މެންބަރުންގެ ނަގާ ސްޓޭންޑަކީ ވެސް އަދި ވިދާޅުވާ ވާހަކައަކީ ވެސް އެއީ އެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވާ ގޮތުގައި މަޖިލީހުގައި ހިނގާފައި ވަނީ ބޭނުންތެރި ބަހުސެކެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކަށް މައްސަލަތައް ހައްލު ކުރެވޭނެ އެވެ. އެމްޑީޕީ ތަފާތު ވަނީ އެހެންވެ އެވެ.

އެކަމަކު މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި އުފެއްދުންތެރި ކަމެއް ނެތެވެ. ސަރުކާރުގެ ފަރާތުން ބިލުތައް ވައްދާއިރު ވެސް ބިލު އޮންނަނީ އެމްޑީޕީގެ މެންބަރުންނަށް އެއްބަސްވެވޭ ގޮތަކަށް ނޫނެވެ. ސާފު މެޖޯރިޓީ އޮވެ އެމްޑީޕީގެ މެންބަރުން އުޅުއްވަނީ ހައްލެއް ނުހޯދި، އަދި "ހަނދާނެ ނުހަދާނެ ގޮތެއް" ވެސް ނޭނގިގެނެވެ.

"އެމްޑީޕީގެ ދެ މެންބަރަކު ދެ ބިލެއް ހުށައަޅާފައި ވަނިކޮށް އެ ޕާޓީގެ އެހެން މެންބަރު އިތުރު ބިލެއް ގެނައީ، ކައުންސިލަރުންގެ މުއްދަތު ހަމަވުމުން އެ ކައުންސިލަރުން ބައިތިއްބަން އަދި ރައީސް ކައުންސިލަރުން އައްޔަން ކުރަން ވެސް ވާހަކަ ދައްކަވާ، މިއީ މުޅިން ވެސް އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަ، އެހެންވީމަ ކުރައްވަން އެ އުޅުއްވަނީ ކޮންކަމެއް ކަމެއް ނޭނގޭ. ސަރުކާރުގެ މިސްރާބަކީ، ވިސްނުމަކީ ކޮބައިކަމެއް ނޭނގޭ." ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީހުގައި ހިނގަަމުންދާ މައްސަލަތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދޭ މަންޒަރުތައް ފެންނާނެ ކަމަށް ބެލެވެ އެވެ. ކުރީގެ މަޖިލީހާ ހިލާފަށް ހިޔާލު ތަފާތުވާ މައްސަލަތަކުގައި އެމްޑީޕީގެ މެންބަރުންނަށް އެއްބަސްވެވޭ ހައްލުތަކެއް ގެނެވިދާނެތޯ ބަލަން ތިބެމާ ހިނގާށެވެ.