ވާހަކަ

ލޯބިން ބުނެލަން

ގަލޮޅު ރިނދަލި ގެއަށް ވެރިވެފައި އޮތީ މަރުފަދަ ހިމޭންކަމެވެ. އެހެންނަމަވެސް އެ ހިމޭންކަން ދޭތެރެއަކުން ފޫދުއްވާލަނީ ގޭގެ ބިއްދޮށުގައި ހުންނަ ބަދިގެއާ ދިމާއިން އެއް ރާގެއްގައި އިވެމުންދިޔަ އަޑަކުންނެވެ. އެ އަޑު ވައްތަރީ ހުސްފުޅިއަކަށް ވައިއެޅޭއިރު އިވޭ ކަހަލަ އަޑަކާއެވެ. ދޭތެރެއަކުން މީހެއްގެ އަރުގައި އެއްޗެއް ތާށިވެގެން އުޅޭކަހަލަ އަޑަކަށް އެ އަޑު ބަދަލުވެ ބާރުވެލައެވެ. އެއާއެކު ކެއްސައިގަންނަ އަޑު އިވިލައެވެ. އެ އަޑުން އެއީ އަންހެނެއްކަން އެނގޭހާވެއެވެ.

ފަތިސްކަން މަޑުމަޑުން ފިލާ ދުނިޔެ މަތި އަލިކޮށްފިއެވެ. ގ.ރިނދަލިއަކީ ބިމުގެ ގޮތުން ބޮޑު ގޯއްޗެކެވެ. ނަމަވެސް ގޭގެ ބޭރަށްވުރެ އެތެރެއަށް ވަނުމުން ފެންނަނީ އިހުގެ މުސްކުޅި ގޮތަކަށް އިމާރާތްކޮށްފައި ހުރި ގެއެއް ހެންނެވެ. ކުލަފައިބާފައި ހުރި ފާރުތަކުން ހެކިދެނީ ގޭގެ އިމާރާތަށް ޒަމާންތަކެއްވެއްޖެކަމެވެ. ރެނދުލާފައި ހުރި ތަންތަން ސިމެންތިން ބެއްދި ގޮތަށް ފެންނަން ހުއްޓެވެ. އެތަންތަން އޮމާންނުކުރާތާ ކުލަކޮޅެއް ހާކާލާފައެއް ވެސް ނެތެވެ.

ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށް ހުރި އެ ގޭގެ ދޮރު ކަނޑާފައި ހުރީ އިރުމައްޗަށް އޮތް މަގަށެވެ. ދޮރޯށިން އެތެރެއަށް ވަންނަ އިރު މައިގެއަށް ވަންނަ ދޮރާ ދެމެދު ތިންފޫޓުހާ ހުސްޖާގަ ކޮޅެއް އޮތެވެ. އެ ދޮރުން ވަނުމާއެކު ކުރިމައްޗަށް ގޯޅިގަނޑެއް އޮތްއިރު، ކަނާއަތް ފަރާތުން ފެންނަނީ ސިޓިންރޫމުގެ ގޮތުގައި ބޭނުންކުރާ ބަޔާއި އެތަނަށް ދޮރު ކަނޑާފައި ހުރި ކޮޓަރިއެކެވެ. ވައަތްފަރާތުގައި ވެސް ހުރީ ކޮޓަރިއެކެވެ. ގޯޅިގަނޑުން ގޭގެ ބިއްދޮށަށް ނުކުންނައިރު ވައަތްފަރާތުގައި ހުރި ކޮޓަރިއާ އިންވެގެން އިތުރު ކޮޓަރިއެއް ހުއްޓެވެ. ފެންނަފެނުމަށް އެއީ ގޭގެ އެހެން ބައިތަކަށްވުރެ ފަހުން ރާނާފައި ހުރި ބައެއްކަން ފާރަށް ބަލާލުމުން އެނގޭހާވެއެވެ. ކަނާއަތް ފަރާތުގައި ހުރީ ބަދިގެއެވެ. އެ ދެމެދުގައި އޮތް ހުސްބައި އޮތީ ހިޔާނުކޮށެވެ. އެތަނުގައި ދަމާފައި ހުރި ވާތަކުން ވަލެއްގައި ޖިންސެއް ހިއްކަން އަޅާފައި އޮތެވެ. ދެން އޮތީ ހުދުކުލައިގެ ސްޓޫޑެންޓް ޝެފް ކޯޓެކެވެ.

ބަދިގޭގައި ހުރި ކާމޭޒު ދޮށުގައި ހަށިގަނޑުން ބޮޑު އަންހެން ކުއްޖަކު ނިދާފައި އޮތެވެ. އޭނާގެ ވައަތް ފަރާތުގައި ހުރި ގޮނޑި ކައިރިކޮށްލާފައި ހުރިއިރު އޭގެ މަތީ ފޮތެއް އޮތެވެ. މޭޒުމަތީ ވެސް ކަރުދާސްތައް ތަރުތީބެއްނެތި ހުއްޓެވެ. ހުޅުވާފައި ހުރި ލެޕްޓޮޕްގެ އިސްކުރީނު ހުރީ ނިވިފައެވެ. މޭޒުމަތީ ދެއަތް ކުރުކޮށްލައިގެން އަތްމަތީ ބޯއަޅާލައިގެން އޭނާ އިނީ ގަދައަށް ނިދާފައެވެ. އޭރު ދެއަތް ހުރަސްކޮށްލައިގެން އޮތް ދިމާއިން އަތްދަށަށް އޭނާގެ ފޯނު ލައްވާލާފައި އޮތެވެ. މާބާރަށް ނޫނަސް ނޭވާއާ ގުޅިފައި ގުގުރީގެ އަޑު ހުއްޓެވެ.

"މިންނާ! މިންނާ!..." އަނގަވާކޮށްގެން ފިރިހެނަކު ބާރަށް ގޮވާއަޑަށް މޭޒުދޮށުގައި އިން އަންހެންކުއްޖާ ސިހުނެވެ. ފުރަތަމަ ވެސް ކައްޓެއްހެން އޭނާ ބޯހިއްލާލުމާއެކު ހަށިގަނޑު ސީދާވެގެން ދިޔައެވެ. އަވަހަށް ތެދުވަން އުޅެން ހަދައިގެން ގޮނޑީގެ ފައި ތަޅުމުގައި ހޭކިލިއެވެ. އިހުނަށްވުރެ ބޮޑަށް އެ އަންހެންކުއްޖާ ސިހުނެވެ. ވަގުތުން ދެއަތުން ގޮނޑީގައި ހިފެހެއްޓިއެވެ. ދެއަތުން ގޮނޑި އުފުލާލައި ދުރުގައި ބެހެއްޓިއެވެ.

"ނާންނާތި! ނާންނާތި!" އަވަސްއަވަހަށް ހިތާހިތުން މިހެން ކިޔަމުން ވަގުތުން މޭޒުމަތީ ހުރި ލެޕްޓޮޕް ލައްޕާލިއެވެ. ދެން އޭގެ އިތުރުން ފޯނު ހިފައިގެން ބަދިގެ ތެރޭ ހުރި ހަނޑޫ ބާލިދީ ކައިރިއަށް ޖެހިލިއެވެ. ނުހަނު އަވަހަށް ބާލިދީގެ މަތި ނަގައި އޭގެ ތެރެއަށް ލެޕްޓޮޕާއި ފޯނު ލައި އަލުން މަތި ޖަހައިފިއެވެ. އަދި އުނދުން މަތީ ހުރި ތެލި ނަގައިގެން ގެނެސް ބާލިދީ މަތީ ބަހައްޓައިފިއެވެ.

"ކެންޒާތަ؟" ބަދިގެ ދޮރުމައްޗަށް އެރި ހަމީމް ކާމޭޒު ކައިރީ ކަރުދާސްތައް އެއްކުރަން ހުރި އަންހެންކުއްޖާ ފެނުމުން ބުންޏެވެ. އޭނާގެ އަނގައިގަ ވާގި ނެތް ކަހަލައެވެ. ދެ ލޯ ރަނގަޅަށް ހުޅުވާލާނެހާ ވަރު ވެސް އޭނާގެ ނެތް ކަހަލައެވެ. މީހާ އައީ ދެއަތަށް ކިރެމުންކިރެމުންނެވެ. ދޮރުކަނީގައި ދެއަތުން ހިފަހައްޓާލައިގެން އޭނާ ހުރިގޮތުން ހީވަނީ ވެއްޓިދާނޭ ތީ ހިފަހައްޓައިގެން ހުރީ ހެންނެވެ.

"ދީބަލަ ވިހި ރުފިޔާ، ކޮބާތަ މިންނާ" ވާހަކަދެއްކިއިރު ހަމީމްގެ އަނގައިގަ އެއްވެސް ވަރެއްނެތެވެ.

"ލާރިއެއްނެތް! މަންމަ ރަށުގަނެތްކަން ބައްޕައަށް ހަމަ ނޭނގެނީތަ؟ ދެ ދުވަސްވަންދެން ކޮންތާކު އުޅެފައި ތިއައީ" އެއްކޮށްލި ކަރުދާސްތަކާއެކު ގޮނޑިމަތީ އޮތް ފޮތް ނަގައި މޭގައި ޖައްސާލައިގެން ހުރެ ކެންޒާ ވާހަކަދެއްކިއެވެ.

"ކަލެއާ ބެހޭކަމެއްތަ؟ ކަލޭތަ މަގޭ ބަފަޔަކީ؟... ތިއުޅެނީ... ތިއުޅެނީ މަގޭ އަތުން ބޮނޑިއެއް ލިބޭތޯތަ؟ ކަލޭ! ހުންނާނެ ރުފިޔާ... ގެނޭ!" ހަމީމް ވަގުތުން ރުޅިއަތުވެއްޖެއެވެ. ދަރިފުޅަށް އަމުރުކުރިއެވެ. އެއާއެކު ކެންޒާ ހިމޭންވީއެވެ. އިތުރަށް އެއްޗެއް ބުނެފިނަމަ ކަންތައްވާނީ ކިހިނެއްކަން ކެންޒާއަށް އެނގެނީއެވެ. އޭނާއަކީ އުމުރުން ތޭވީސް އަހަރުވެފައި ހުރި އަންހެންދަރިއެއްކަމެއް ހަމީމް ނުދަންނާނެއެވެ. އޭނާގެ ސިކުނޑިއަށް ވިސްނި، ހިތަށް އިޙްސާސް ކުރެވޭނީ ވެސް މީހާ ހަމައިގަ ހުރިނަމަ ނޫންހެއްޔެވެ. މިހާރު ވެސް ބައްޕަ އެހުރީ މަސްތުގެ ހާލަތުގައިކަން ކެންޒާއަށް ޔަގީންވެއެވެ.

"މަންމަމެން ފުރުވާލަންވެގެން ހުރިހާ ލާރިއެއް ދިނީ، އެއްވެސް އެއްޗެއް ނެތް މިވަގުތު" ހިތްހަމަނުޖެހުމުގެ ބަދަލުގައި ނިކަމެތިކަން މޫނުން ފާޅުވާނޭހެން ކެންޒާ ބުންޏެވެ. އެއީ ތެދަކަށްނުވިޔަސް ބޭނުމަކީ ބައްޕައަށް އޮޅުވާލުމެވެ. އަތުން އެންމެ ރުފިޔާއެއް ވެސް ބައްޕަގެ ވިޔާނުދާ ޢަމަލުތަކަށް ޚަރަދުކުރަން ނުދިނުމެވެ.

އިރުކޮޅަކު ކެންޒާއަށް ބަލަން ހުރެފައި ހަމީމް ފަސްއެނބުރި ހިނގައިގަނެއްޖެއެވެ. ފުންނޭވާއެއް ލުމާއެކު ދުރުގައި ބަހައްޓާލެވުނު ގޮނޑީގައި ކެންޒާ އިށީނެވެ. ބަދިގޭ ދޮރުން ބައްޕަ ދާ މަންޒަރު ބަލަން އޭނާ އިނެވެ. ގޭތެރެއަށް ނުވަދެވިގެން އުޅެނިކޮށް އަރިއަރިއަށް ގޮސް ހަމީމް ވެއްޓުނެވެ. އެހެންނަމަވެސް ކެންޒާ އިންގޮތަށް އިނީއެވެ. ވެއްޓުނު ގޮތަށް އިރުކޮޅަކު އިނދެފައި ބިމުގައި އަތްޖައްސަން ހަމީމް ކަނާއަތް ހަރަކާތް ކުރާތީ ފެނުނެވެ. އެ ސަކަރާތުގައި އޭނާ އުޅުމަށްފަހު ތެދުވެއްޖެއެވެ. ބަދިގެއާ ކުރިމަތިވާނޭހެން ހުރި ކޮޓަރިއާ ދިމާއަށް ހަމީމް ދިއުމުން ކެންޒާ ތެދުވިއެވެ. ހަނޑޫ ބާލިދީއާ ދިމާއަށް އެނބުރިލިއެވެ. އެއަށްލީ ލެޕްޓޮޕާއި ފޯނު ނަގައި ފޮތާއި ކަރުދާސްތަކާއެކު މޭގައި ފޮރުވާލިއެވެ. އަވަސް އަވަހަށް ބަދިގެ ލައްޕާފައި އޭނާ ގޭތެރެއަށް ވަންނަން އައެވެ.

ކޮޓަރިއަށް ވަދެ ބެކްޕެކްއަށް ހުރިހާ ސާމާނެއް އެޅުމަށްފަހު ކެންޒާ ގަޑި ބަލާލިއެވެ. އެއާއެކު މީހާ ތެޅިފޮޅިގަތެވެ. ކުލާހަށް ދާގަޑި ޖެހެނީއެވެ. ހަމީމް އަތުވެދާނޭކަން ޔަގީންނުވެފައި ހުއްޓާ ކުއްލިއަކަށް އައުމުން ގަޑިން ވީއިރެއް ވެސް އޭނާއަށް ނޭނގުނީއެވެ. ކޮޓަރި ތަޅުލާފައި ނުކުމެގެން ބިއްދޮށުގައި އޮންނަ ހުސްބައިގަ ހިއްކަން އަޅާފައި އޮތް ހުދު ޔުނީފޯމާއި ޖިންސު ނަގައިގެން އޭނާ އެނބުރި ކޮޓަރިއަށް އަތުވެއްޖެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ކޮޓަރިން ނުކުތަސް ކެންޒާއަށް ކޮޓަރި ތަޅުލަން މަޖުބޫރުވަނީ ހަމީމްގެ ސަބަބުންނެވެ. އެކޮޓަރިއަކީ ހަމީމްގެ މަންމަގެ ދުނިޔޭގައި ކެންޒާއާ ދެމީހުން ނިދި ކޮޓަރިއެވެ. ނާސިހާ ނިޔާވިއިރު ކެންޒާގެ އުމުރުން ދިހަ އަހަރެވެ.

ބައްޕަ މަސްތުވާތަކެތި ބޭނުންނުކުރާ ހަނދާނެއް ކެންޒާ ނުހުރެއެވެ. މާމަ ނިޔާވުމަށްފަހު އެކަން ވަކިން ބޮޑުވީއެވެ. ކެންޒާ ކުލާހަށްދާން ތައްޔާރުވެގެން ނުކުމެ ކޮޓަރި ތަޅުލިއެވެ. އޭރު ހަމީމް އޮތީ ސިޓިންރޫމުގައި ހުރި ސޯފާގައެވެ. ތިންމީހުންނަށް އިށީނދެވޭނޭހެން ހުރި ފޮތި ސޯފާއެކެވެ. އެހެންނަމަވެސް އެވެސް ހުރީ ކުލަ ނޭނގޭވަރަށް ބާވެފައެވެ. ހަމީމަށް ބަލާލުމެއްނެތި ކެންޒާ ގެއިން ނުކުތެވެ.

ކެންޒާއަކީ ޑިގުރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. މީ އޭނާގެ ދެވަނަ އަހަރެވެ. އޭނާ ޑިގުރީއަށް ކިޔަވަން ފެށީ "ފުޑް އެންޑް ބިވަރެޖް" ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރުމަށްފަހުއެވެ. ކެންޒާގެ ލަނޑުދަނޑިއަކީ ޕާސަނަލް ޝެފަކަށްވުމުގެ އިތުރުން ނިއުޓްރިޝަނިސްޓަކަށް ވުމެވެ. އެންމެ މަތީ ފަންތީގެ ކަސްޓަމަރުންނަށް ޚިދުމަތް ދޭން އޭނާ ބޭނުންވަނީ ފައިސާ ބޭނުންވާތީއެވެ. އެފަދަ މީހުންނަށް ފައިސާއަކީ ބޮޑު އެއްޗެއް ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ކެންޒާއަށް ފައިސާ ވަރަށް މުހިންމެވެ.

މެންދުރުފަހު ކޮލެޖު ނިންމާލުމަށްފަހު ކެންޒާ ގެއަށް އައިސް ފެންވަރާލައިގެން އަނެއްކާ ވެސް ނުކުތީއެވެ. އޭނާ މަސައްކަތް ކުރާ ރެސްޓޯރެންޓަށް ދާށެވެ. ކާޔާއަކީ ކަރީމްއާއި ޔާފިއާގެ ދެމަފިރިން ހިންގާ ރެސްޓޯރެންޓެކެވެ. ބޭކަރީއަކާއެކު ހުންނަ އެ ރެސްޓޯރެންޓުގެ ސީނިއާ ޝެފަކީ މިހާރު ކެންޒާއެވެ. އެތަނުގައި އޭނާ މަސައްކަތްކުރާތާ ހަތަރު އަހަރުވެއްޖެއެވެ. ފުރަތަމަ އޭނާވަނީ ބޭކަރީގައި ޕާޓްޓައިމްކޮށް މަސައްކަތްކުރާ މުވައްޒަފެއްގެ ގޮތުގައެވެ. އެއަށްފަހު ބަދިގޭގައި ޔާފިއާ މަސައްކަތްކުރާއިރު އޭނާގެ އެހީތެރިޔަކަށް ކެންޒާ ބަދަލުވިއެވެ. ކެއްކުމުގެ ހުނަރު ކެންޒާގެ ހުރިކަމާއި އޭނާ ތައްޔާރުކުރާ ކާތަކެތީގެ ކޮލިޓީ ހިފެހެއްޓޭކަން އެނގެން ފެށީ ކަސްޓަމަރުން އިތުރުވާން ފެށުމުންނެވެ. ހަމައެއާއެކު އެމީހުންގެ ފަރާތުން ލިބޭ ތަޢުރީފުގެ ބަސްތަކުންނެވެ. ކެންޒާގެ ހާލަތު ކޮންމެވެސް ވަރަކަށް ކަރީމްއާއި ޔާފިއާއަށް އެނގޭތީ އެމީހުންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. ކިޔަވާނޭ ފުރުޞަތު އެމީހުން ދެއެވެ. މެންދުރު ފަހު އަންނަ ގޮތަށް ކެންޒާ ގެއަށްދާނީ ރޭގަނޑު ބާރަ ޖަހާފަހުންނެވެ. ރެސްޓޯރެންޓު ބަންދުކުރީމައެވެ. ކެންޒާއަކީ މަސައްކަތަށް ފަރުވާބަހައްޓާ ޒުވާނެކެވެ. ތަނަކީ މާގިނަ މުވައްޒަފުންތަކެއް ލައިގެން ހިންގާ ތަނެއްނޫނެވެ. ހަތަރު ވެއިޓަރުންގެ އިތުރުން ބަދިގޭގައި މަސައްކަތްކުރަނީ ކެންޒާއާއި ޔާފިއާއެވެ. ކޭޝް ކައުންޓަރު ދޮށުގައި އަބަދުވެސް އިންނާނީ ކަރީމެވެ. އެތަނުން ކެންޒާއަށް ފުރުޞަތު ހަޤީޤަތުގައި ލިބުނީ ކަރީމްއާއި ޔާފިއާގެ ފިރިހެން ދަރިފުޅުގެ ސަބަބުންނެވެ. ވަޒީފާއެއް ބޭނުންވެގެން ކެންޒާ އުޅެނިކޮށް އެކުގައި ޑިޕްލޮމާ ހަދަން އުޅުނު މިޔާދުގެ މައިންބަފައިން ހުޅުވާލާފައި އޮތް ފުރުޞަތު ހޯދާ ދިނީއެވެ.

"ކެންޒް!... ޓޭބަލް ނައިން އަތުވެއްޖެ، ބަރާބަރު ޓައިމަށް" ބަދިގެތެރެއަށް ވަންނަމުން ސުނޭނާ ބުނެލީ ސިއްރެއް ބުނާ ފަދައިންނެވެ.

"ބޮސް ދުވެފައި އެ ނިކުތީ އެހެންވެ ދޯ، މިއަދު ވެސް އޭނާގެ ފޭވަރިޓް އެސްޕެރަގަސް ކަންނޭނގެ" ކެންޒާ ބުނެލިއެވެ. އަދި ސިއްރުން ބަދިގޭ ދޮރުގައި ހުރި ވަށްބިއްލޫރިގަނޑުން ރެސްޓޯރެންޓު ތެރެއަށް ނަޒަރު ހިންގާލިއެވެ. ކޮންމެ މޭޒަކަށް ނަންބަރު ދީފައި ހުރިއިރު ނުވަވަނަ މޭޒަކީ ރެސްޓޯރެންޓުގައި މަގުމަތި ފެންނާނޭހެން ހުރި ބޮޑު ކުޑަދޮރާ ދިމާވާގޮތަށް ހުންނަ ހަމައެކަނި މޭޒެވެ.

"ފުލްވައިޓް... ވައިޓް ސިލްކްހެން ހީވަނީ، މުސްކުޅިޔަސް އަދިވެސް ހާދަ ރީއްޗޭ ދޯ" ކެންޒާގެ ކޮނޑާ ދިމާލުން ބޯދީގެން ހުރެ ސުނޭނާ ބުންޏެވެ. އޭނާ ވެސް އެ ބަލަނީ ނުވަވަނަ މޭޒުދޮށުގައި އިން އަންހެންމީހާއަށްކަން ކެންޒާއަށް އެނގުނެވެ. ދެޒުވާނުންގެ ހަރަކާތްތަކަށް ބަދަލު އައީ ބަދިގެއާ ދިމާއަށް ޔާފިއާ އަންނަތަން ފެނުމުންނެވެ. އެއްފަރާތުގައި ބަހައްޓާލި ތަބަށް ސުނޭނާ އަވަހަށް ނެގިއެވެ. އޭނާ ބަލައި އައި ތަށިތައް ތަބަކުގައި އަތުރާލުމާއެކު ޔާފިއާ ވަން ދޮރުން ނުކުމެއްޖެއެވެ.

* * * * *

"ރިކް! ވެއާ އިޒް ހީ؟" ރޫމާން އަސަދުގެ އޮފީހަށް ވަން ޒުވާނާގެ ގާތުން ނިކަން އަވަހަށް އަހާލިއެވެ.

"ސޮރީ ސާރ!" އާރިކް ބުނެލިއެވެ.

"އިޓްސް އޮންލީ ޓީ، ބައްޕައާއެކު ސައިތަށްޓެއް ބޯލަން ދާނޭ ވަގުތެއް ލައިތަށް ހަމަނުވިތަ" އަސަދަށް ބުނެލެވުނީ މާޔޫސްކަމާއެކުއެވެ. އާރިކް އިސްޖަހާލީއެވެ.

"އަހަންނަށް އެނގޭ އެއީ އާރިކްގެ މައްސަލައެއްނޫންކަން، ލައިތަކީ..." އަސަދުގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ ޓަކިދިން އަޑު އިވިގެންނެވެ.

"ޔެސް! ކަމް އިން" އަސަދު ބުނެލިއެވެ.

"ހާއި ޑޭޑް!... ކޮންއިރަކުން ގެއަށް ދަނީ، މަންމަ ގުޅައިފި" ޔާދިން ވަދެގެން އައިސް އަސަދުގެ މޭޒުކުރިމަތީ މަޑުކޮށްލިއެވެ. އަދި އަވަސް ނަޒަރެއް އާރިކްއަށް ދިނެވެ. އެއާއެކު އަސަދު އިޝާރާތުން އާރިކްއަށް އަންގާލީ އެތަނުން ދިއުމަށެވެ. އޭނާ ނުކުމެގެން ދިއުމުން އަސަދު ތެދުވިއެވެ.

"ހިނގާ ދަމާ" ފިރިހެން ދަރިފުޅާއެކު އަސަދު ހިނގައިގަތެވެ. ބައްޕަގެ އޮފީހުގައި އާރިކް ހުރުމުން ޔާދިންއަށް ކަންތައްވީގޮތް ދެނެގަތުން އުނދަގުލެއްނުވިއެވެ. އާރިކްއާ އަސަދު ވާހަކަދައްކާނީ އެންމެ ބޭނުމަކުކަން ޔާދިންއަށް ޔަގީންވެއެވެ.

"ޔޫ ވާ ވެއިޓިން ފޯ ހިމް" ހިސާބެއްގެ ހިތްހަމަނުޖެހުން ޔާދިންގެ އަޑުގައި ވިއެވެ. އެއަޑު އިވުނު ކަމަކަށް އަސަދު ނުހެދިއެވެ.

"ލައިތު! ޔޫ ބާސްޓެޑް!" ދަތްތައް ޖައްސާލައިގެން ހުރެ ބައްޕައަށް ނީވޭނޭވަރަށް ޔާދިން ބުނެލިއެވެ. އޭނާ ކޮށްލި ސުވާލު އަސަދަށް އިވުނެއް ކަމަކު އެއްޗެއް ނުބުނީ ގަސްދުގައިކަން ޔާދިންއަށް އެނގުނެވެ. ހިތުގައިވި ނުރުހުންތެރިކަން އިތުރުވުމުގެ ސަބަބަކަށް އެކަން ވިއެވެ.

* * * * *

"ހިރާ! ކޮންތާކު؟... އައި ވޯންޓު ސީ ޔޫ، އައިލް ބީ ދެއާ" ފޯނުން ލައިތު ވާހަކަދެއްކިއެވެ. އޭނާގެ އޮފީހުގެ ދޮރުގައި ޓަކިދީފައި ބޯދިއްކޮށްލި އާރިކަށް އެތެރެއަށް އައުމަށް ލައިތު އަތުން އިޝާރާތްކޮށްލީ ފޯނުގައި އިނދެއެވެ. ފޯނުކޯލު ނިމެންދެން މޭޒު ކައިރީ އާރިކް މަޑުކޮށްލައިގެން ހުއްޓެވެ. އާރިކްއަކީ ލައިތުގެ ޕާސަނަލް އެސިސްޓެންޓެވެ. ލައިތު ޚިއްޞާ ނުކުރި ނަމަވެސް އޭނާގެ ދިރިއުޅުން ހުންނަ ގޮތް އާރިކަށް އެނގެއެވެ. އެގޮތުން މިވަގުތު ލައިތު އެ އިނީ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާއަށް ގުޅައިގެންކަން އާރިކު ނަގައިގަތީ އިވެމުންދިޔަ ވާހަކަތަކުންނެވެ.

"ކީކޭ ބުނީ؟" ފޯނުކޯލު ކަނޑާލުމާއެކު ލައިތުގެ ނަޒަރު އާރިކަށް ހުއްޓުނެވެ.

"ލައިތުއަށް ހަމަ ވަގުތުނުވީހޯ" އާރިކް ބުންޏެވެ.

"ދެން އަހަރެން ބުނި ގޮތަށް ބުނިނަމަ" ފަރުވާކުޑަ ގޮތަކަށް ލައިތު ބުނެލިއެވެ.

"ހައު ކޭން އައި؟ ހީ އިޒް ޔޯ ފާދާ" އާރިކް ދެކޮނޑު އަރުވާލައި ލައިތުއާ ނަޒަރު ސީދާކޮށްލީ އަޖައިބުވެފައި ހުރި މީހަކު ހެންނެވެ. ސީރިއަސްކަމެއް ނެތް ފަދައަކުން ލައިތު ހިނިގަނޑެއް ޖަހާލިއެވެ. އަދި އޭނާ ގޮނޑީގައި ހަށިގަނޑު ސީދާކޮށްލަމުން އާރިކް ގާތު އިށީނުމަށް ބުންޏެވެ. މަސައްކަތާ ގުޅިގެން އާރިކާ ވާހަކަދެއްކިއެވެ. ފަސްގަޑި ބައިވުމުން އޭނާ ގެއަށް ދާނީ ކަމާއި އާރިކު ވެސް ގެއަށް ދިއުމަށް ލައިތު ބުންޏެވެ.

* * * * *

ހ.މަހަލް ކުރިމައްޗަށް ވާހެން ކާރު މަޑުކޮށްލުމާއެކު ފަހަތު ސީޓުގައި އިން އަސަދާއި ޔާދިން ފޭބިއެވެ. އެއާއެކު ދޮރުކައިރީ ހުރި ސެކިއުރިޓީ ގާޑު ގޭޓު ހުޅުވާލިއެވެ. ފަނަރަބުރިއަށް ހަދާފައި ހުރި އެގެއަކީ ރޫމާން އަސަދުގެ ބައްޕަ ގާލިބުގެ ގެއެވެ. ހަޤީޤީ މުއްސަނދިކަމަކީ އެ ބައްޕަގެ ފަރާތުން ވާރުތަވެ އަސަދުގެ ބުއްދިއާއި ހިންގުންތެރިކަމުން ލިބިފައިވާ މުއްސަނދިކަމެކެވެ. އެގެއާ ޖެހިގެން ހުރީ ވެސް އެވަރުގެ އިމާރާތެކެވެ. ފެންނަ ފެނުމަށް އެއީ ވަކި ގެއެއްހެން ހީވިޔަސް އެއީ އަސަދުގެ އަނބިމީހާ ސަރަފީނާއަށް ޓަކައި ގަނެދިން ބިމެކެވެ. އެ އިމާރާތް އެއްކޮށް ހުންނަނީ ކުއްޔަށް ދޫކުރެވިފައެވެ.

ރޫމާން އަސަދަކީ ގާލިބާއި ކަސްތޫރީގެ ދެވަނަ ދަރިފުޅެވެ. ދޮށްޓަށް ހުންނަނީ ފަރްޒީނު ބިންތި ގާލިބެވެ. ރާއްޖޭގައި އެ ޢާއިލާއާ ވާދަކުރެވޭނޭ ވިޔަފާވެރިއަކުނެތެވެ. އޭޝިއާގައި ހިމެނޭ ބިޒްނެސް ޓައިކޫންސްގެ ތެރޭގައި ޤަދަރު އުފުލިގެންވާ ނަމަކަށް ރޫމާން އަސަދު ބިން ގާލިބު ވެއްޖެއެވެ. "ގާލިބު ޗެރިޓީ ފައުންޑޭޝަން" އަކީ މީހުންނަށް އެހީތެރިވުމުގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ފައުންޑޭޝަންއެވެ. އެމީހުންގެ ގިނަ ހަރަކާތްތައް ގުޅިފައިވަނީ ސިއްޙީ ދާއިރާއާއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ފަރާތަކުން ބްލަޑްބޭންކެއް ހުޅުވިއިރު އެކަމުގެ ޝަރަފު ހޯދިބަޔަކީ ގާލިބު ފައުންޑޭޝަންއެވެ. ތެލެސީމިއާ ކުދީންނަށް އެހީތެރިވުމުގެ އިތުރުން ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި ހަރަކާތްތެރިވެއެވެ. އެގޮތުން ތައިލޭންޑްގައި ހުންނަ ކެންސާ ރިސާޗު އިންސްޓިޓިއުޓެއްގެ ޑޯނާސްގެ ގޮތުގައި ވެސް އެ ފައުންޑޭޝަނުން ކޮންމެ އަހަރަކު ވަކިވަރެއް ޚަރަދު ކުރެއެވެ. މި ހުރިހާ ކަމެއް ބެލެހެއްޓުމުގެ ޒިންމާ ރޫމާން އަސަދުގެ ކޮނޑުގައި އެޅުނީ އުމުރުން ފަންސަވީސް އަހަރުގައެވެ. ސިވިލް އިންޖިނިއަރިން އަދި އިކޮނޮމިކްސްއާއި ފައިނޭންސްގެ ދާއިރާއިން ކިޔަވައި ނިންމުނު ގޮތަށް އެނބުރި ރާއްޖެ އަންނަން ޖެހުނީއެވެ. އަސަދުގެ މައްޗަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި މީހަކީ އޭނާގެ ބައްޕައެވެ. ވިޔަފާރީގެ ތެރެއަށް އޭނާ ހޭނުވި އެދުރަކީ ވެސް ބައްޕަ ގާލިބެވެ. މިހާރު ރޫމާން އަސަދު ބިން ގާލިބަށް ފަންސާސް އަށް އަހަރެވެ.

ހަޔާތުގެ ބައިވެރިޔާ ސަރަފީނާ އިމްރާނަކީ ތިމާގެ ކުދީންތަކުގެ ތެރެއިން އަސަދުގެ ބައްޕަގެ ހޮވުމެވެ. ޒަވާޖީ ހަޔާތެއް ފަށަން ޖެހުނީ އެހިސާބުންނެވެ. މިއަދު އޭނާގެ އަންހެން ދަރިއަކާއި ތިން ފިރިހެން ދަރީން އެބަތިއްބެވެ. އެކަމަކު ބައްޕަ ދުނިޔެއަކު ނެތެވެ. އަސަދުގެ ދެވަނަ ދަރީން އުފަންވުމަށްފަހު ބައްޕަގެ ދެވަނަ ހާޓްއެޓޭކް ޖެހުނީއެވެ. ދެވަނަ ފަހަރު ސަލާމަތެއްނުވިއެވެ. މަންމަ ކަސްތޫރީގެ އެކަނިވެރިކަން ބޮޑުވިއެވެ. އެހެންނަމަވެސް ގޭތެރޭގައި އޮތް ހަރުކަށިކަން ފިލާ ދިޔައެވެ.

"ރޫމާން" ކާކޮޓަރިތެރެއިން އަސަދު ފެނުމުން ސަރަފީނާ ގޮވާލީ ހިނިތުންވުމަކާއެކުއެވެ.

"އެއްވެސް ކުއްޖަކު ނާދޭތަ؟" އަސަދު އެކަނި ފެނުމުން ސަރަފީނާއަށް އަހާލެވުނެވެ. އޭރު އޭނާގެ އިރުޝާދާ އެއްގޮތަށް ޚާދިމުންތައް ސުފުރާ ތައްޔާރުކުރަމުން ދިޔައެވެ.

"ޔާދިން ވެއްޖެ ކޮޓަރީގައި" އަސަދު ބުންޏެވެ. ދިހަ މީހުންނަށް ތިބެވޭނޭ ގޮތަށް ހުރި ވަށްމޭޒުގެ ކައިރިއަށް އަސަދު އައެވެ. ތަށިތަކުގައި ހުރި ބާވަތްތަކަށް އޭނާ ނަޒަރު ހިންގާލިއެވެ.

"ރޫމާން... ލައިތު" އަސަދަށް ގޮވާލާފައި މަޑުމަޑުން ލައިތުގެ ނަން ސަރަފީނާ ކިޔާލިއެވެ. އެއާއެކު އަނބިމީހާއަށް ނަޒަރު ސީދާކޮށްލައިގެން ހުރެ އަސަދު ދެފަރާތަށް ބޯހޫރާލިއެވެ. (ނުނިމޭ)