ވާހަކަ

ލޯބިން ބުނެލަން

(12 އެޕްރިލް 2020 އާ ގުޅޭ)

"ރޫމާން... ލައިތު" އަސަދަށް ގޮވާލާފައި މަޑުމަޑުން ލައިތުގެ ނަން ސަރަފީނާ ކިޔާލިއެވެ. އެއާއެކު އަނބިމީހާއަށް ނަޒަރު ސީދާކޮށްލައިގެން ހުރެ އަސަދު ދެފަރާތަށް ބޯހޫރާލިއެވެ.

ސަރަފީނާ އިތުރު އެއްޗެއް ނުބުނީ އެހެންވާނޭކަން ކުރިން އެނގިފައި އޮތީމައެވެ. ޢާއިލީ ބައްދަލުވުން ތަކަކީ ލައިތުގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބޭ ކަންކަމެއްނޫނެވެ. އޭނާ ބައިވެރިވެއްޖެނަމަ އެކަމުގެ ފަހަތުގައި މަޖުބޫރުވުމެއް އޮންނާނެއެވެ. އަސަދަކީ ހުރިހާ ކުދީންގެ ބައްޕައަށް ވިޔަސް އެ ބާރު އޮންނަނީ ކަސްތޫރީގެ އަތުގައެވެ. މާމަ އެދެފިނަމަ އެއްވެސް ކަމަކަށް ފުރަގަސްދޭކަށް ލައިތަކަށް ނުކެރެއެވެ.

"މަންމަ ކޮބާ؟" އަސަދު އަހާލިއެވެ.

"މަންމަ ގެންގުޅޭ ކުދިން ކޮޅާއެކު އެފަރާތުގައި ވެއްޖެ" ކުޑަކޮށް ހިނިއައިސްފައި ހުރެ ސަރަފީނާ ބުންޏެވެ. އަނބިމީހާގެ އަޑުގައި ހުރި ސަމާސާކަން އަސަދު ދެނެގަތެވެ.

"މަންމަ ގާތު މަޑުކޮށްލަން މިދަނީ، ނިމުނީމަ ގޮވާލާ" އަސަދު މިހެން ބުނެ ހިނގައިގަތެވެ.

ބިއްދޮށުގައި ގަސް އިންދާނޭ ޖާގަ ކަސްތޫރީ ބޭނުންވީއިރު ކުދީންގެ އެންމެ ބޮޑު އެދުމަކަށްވީ ޕޫލެއް އޮތުމެވެ. އެހެންވެ އިމާރާތް ފަރުމާކުރެވުނީ އެބައިތަކާއެކުއެވެ. ކާގެއިން ގޭގެ ބިއްދޮށަށް ހުޅުވާލާފައި ހުރި ބޮޑު ދޮރުން އަސަދު ނުކުމެގެން އައެވެ. ހިޔާކުރެވިފައި ހުރި ބައިގަ ކަސްތޫރީ އިންތަން ފެނުމުން ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.

"މަންމައަށް އެ ސޮރުމެން ވަކިކުރަން އެނގޭތަ؟" މަންމަގެ ގާތަށް އައިސް ހުއްޓިލަމުން އަސަދު ބުންޏެވެ. އޭނާ އެހެން ބުނީ ކަސްތޫރީގެ ގާތުގައި އުޅޭ ބުޅާތަކަށް އިޝާރާތްކޮށެވެ. ހުދު ކުލައިގެ ބޮޑު ޕާޝިއަން ބުޅާ ކަސްތޫރީގެ ކަނާއަތް ފަރާތު ފައިކައިރީ ބަނޑުޖަހާލައިގެން އޮތެވެ. އަޅިކުލައާއި ހުދުކުލައިގެ ހަތަރު ކުދި ބުޅާ ސަކަރާތްޖެހުމުގައި އުޅެއެވެ. އެތަނުން އެއްބުޅާ އޮތީ ކަސްތޫރީގެ އުނގުގައެވެ.

"ދަރީން ވަކިންކުރަން އެނގޭނު" މާނަވީ ހިނިތުންވުމަކާއެކު ކަސްތޫރީ ބުންޏެވެ. އަސަދުގެ ފަރާތުން ލުއި ހިނިތުންވުމެއް އިވިލިއެވެ. އަދި އޭނާ ގުދުވެލާފައި އެތަނުން ޅަބުޅަލެއް ދެއަތުން ހިފާ އުރާލިއެވެ.

"ތީ ބީފާނު، އޭނާގެ ލޯކައިރީ ހުރި ކެހެރީގެ ކުލަ ތަފާތުވާނެ" އަސަދުގެ އަތުގައި އޮތް ބުޅާ ބުނެދިނުމަށް ކަސްތޫރީ ބުނެލިއެވެ. ދެމައިން ބުޅާތަކުގެ ވާހަކައިގަ ތިބެފައި ކަސްތޫރީ އެހެން މައުޟޫޢުއަކަށް ޖެހިލިއެވެ.

"ޒުބިންއާއި ލައިރާ މިކޮޅަށް ގެންނަންވީނު" ކަސްތޫރީ ބުންޏެވެ.

"ޒުބިން ނިމުނީމަ ނޫނީ ލައިރާ ބޭނުމެއްނޫން އަންނާކަށް، ކުޑަކުޑަ އިލީގެ މަތިން ވަރަށް ހަނދާންވޭ" އަސަދުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ހަނދާން އާވެލިއެވެ.

"އެކުދީން މިގޭގައި އުޅޭގޮތަށް ހަމަޖައްސަންވާނީ" ކަސްތޫރީ ބުނީ އެ ނިންމުމަށް އިތުރު ޚިޔާލެއް ބޭނުމެއްނުވާ ފަދައިންނެވެ.

"ސަރަފީނާ ވެސް އެއްބަހެއްނުވާނެ އޭނާއަށް ނުފެންނަ ހިސާބަކު ލައިރާ ދިރިއުޅޭން، އަޅުގަނޑު ހަނދާން އެބަހުރި، ފުރަތަމަ ކަމަކަށް ވެސް ބޮޑުބޭބެ ގާތުން ސަރަފީނާ އެދުނީ ކައިވެންޏަށްފަހު ލައިރާއާއި ޒުބިން އުޅޭނީ އަޅުގަނޑުމެންނާއެކުކަން، ހުރި ހަމައެކަނި އަންހެން ދަރިފުޅު ދޫކޮށްނުލެވޭނެކަން" އަސަދުގެ ވާހަކައިން ހަނދާންތަކެއް އިޔާދަވެއްޖެކަން ތުންފަތުގައިވި ހިނިތުންވުން ހެކިދެއެވެ.

ލައިރާ ބިންތި ރޫމާން އަސަދަކީ ސަރަފީނާގެ ހިތާއި ފުރާނައެވެ. އަސަދުގެ "ޕްރިންސެސް"އެވެ. ސަރަފީނާގެ ބޮޑުބޭބެ ހާރުނާއި ޔުމްނާގެ މެދަށް ހުންނަ ދަރިފުޅު ޒުބިންއާ ލައިރާގެ ކައިވެނި ހަމަޖެހުނީ ދެ ޢާއިލާގެ މެދުގައި އެއްބަސްވެވިގެންނެވެ. ލައިރާ ބޮޑުވަމުން އައިއިރު އެންމެ ގިނައިން އޭނާ ގޮސް އުޅުނު ގެއަކީ އެގެއެވެ. ޔުމްނާއަށް ލައިރާއަކީ އޭނާ އެންމެ ލޯބިވާ ޅީދަރިފުޅެވެ. އެހެންނަމަވެސް ހާރުން އެ ކައިވެނި ކުރުވުމުގެ މަޤުޞަދުކަމުގައި ރޫމާން އަސަދާއި ގާތް ގުޅުމެއް އުފެއްދުން ވެއެވެ. އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އޭނާއަށް ވިސްނޭތީއެވެ. އެކަމަށް އަސަދާއި ސަރަފީނާގެ ސަމާލުކަން ނުހުއްޓުނީ ލައިރާ އެމީހުންގެ ގާތުގައި ދިރިއުޅޭނެތީއެވެ. ހަމައެއާއެކު ބޮޑުބޭބެގެ ޒުބިންއަކީ ހަރުދަނާ ޒުވާނަކަށްވެފައި ލައިރާއަށް ކަމުދާތީއެވެ.

އުމުރުން ތޭވީސް އަހަރުގައި ލައިރާގެ ކައިވެނި ކުރެވުނުއިރު ޒުބިންއަށް ސައުވީސް އަހަރުވެއްޖެއެވެ. ކައިވެނީގެ ކުރީން ވެސް އެދެމެދުގައި ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެއް އޮތެވެ. ކިޔަވާދިނުމަކީ ޒުބިން އެންމެ ކުރާހިތްވާ މަސައްކަތެވެ. ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ފުލްޓައިމާއާއި ޕާޓްޓައިމް ލެކްޗަރާއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރުމަށްފަހު ފުރައިގެން ދިޔައީ އިތުރަށް ތަޢުލީމު ހާސީލުކުރުމަށެވެ. ލައިރާ ހުރީ ކިޔަވައިގެން ވިޔަސް އޭނާ މަސައްކަތެއް ކުރުމުގެ ޚިޔާލެއް ނުގެންގުޅެއެވެ. ގަސްދުކުރީ ކައިވެންޏަށްފަހު ގޭގައި ހުންނަ އަނތްބަކަށްވުމަށެވެ. ހުރިހާ ވަގުތެއް ޒުބިންއަށް ހުސްކޮށްލުމަށެވެ. މިހާރު ލައިރާއަށް ހަތާވީސް އަހަރެވެ. އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު އިލިޔާނާއަކީ ސަރަފީނާއާއި އަސަދުގެ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މުޅި ގޭގެ ދިރުމެވެ. އެންމެންގެ ލޯބި އެކުއްޖާއަށް ލިބިފައި ވެއެވެ.

* * *

"ލޯބި ދޯ..." ކެންޒާގެ ގާތުގައި ސުނޭނާ މަޑުކޮށްލުމުން ބުނެލިއެވެ. އަދި އޭނާ ފޯނުން ބަލަން އިން ފޮޓޯ ދައްކާލިއެވެ. ސުނޭނާ ޖަހާލީ ބާރު ހިނިގަނޑެކެވެ.

"ކެންޒްއަށް ކަމުދަނީ ތިކަހަލަ ފިރިހެނުން ދޯ" އިންސްޓަގްރާމް އިން ކެންޒާ ދައްކާލީ ރީތި ފިރިހެނެއްގެ ފޮޓޯއަށް ބަލަން ހުރެ ސުނޭނާ ބުންޏެވެ.

"ބައެއް މީހުންނަށް މިކަހަލަ ނަސީބެއް ނުލައްވާނެ، ރީތި އަންހެނުންނާއި ރީތި ފިރިހެނުން ވެސް ގުޅޭނީ، އެނީވޭޒް، އަހަންނަކީ ސިންގަލް މީހެއް، މިހެން ރީތި ފިރިހެނުން ބަލާލުމަކުން މައްސަލައެއްނެތެއްނު، އަންހެން ކުދީންނަށް ދައްކަން ދޯ މި މީހުން ވެސް އެކަހަލަ ފޮޓޯ ލަނީ" ކެންޒާ ވާހަކަދެއްކި އިރު ވެސް އޭނާގެ ނަޒަރު ހުރީ ފޯނުގެ އިސްކުރީނަށް ހުއްޓިފައެވެ.

"ހޫމް! އޭނަ ވަރަށް ހެންޑްސަމް، އެހެރަ ބޮޑީއެއް، ތިބުނާހެން ވަރަށް ހޮޓް" ސުނޭނާ އަދި އެއްފަހަރު ފޮޓޯ ބަލާލުމަށް ކެންޒާ އަތުން ފޯނު އަތުލިއެވެ. އެވަގުތު ފޯނު ރިންގުވާން ފެށިއެވެ.

"މަންމަގެ ކޯލެއް" ސުނޭނާ ވަގުތުން ފޯނު ކެންޒާއަށް ދިއްކޮށްލިއެވެ. ފޯނު ހިފައިގެން ކެންޒާ ޖެހިލީ ބަދިގެ ތެރޭ ހުރި ތަށި ހަރުގަނޑު ކައިރިއަށެވެ. ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ޕިލިޕިންސް އަންހެންކުއްޖާ ޖަސްލީން ބަދިގެއަށް ވަނީ އެވަގުތެވެ. އޭނާއާއި ސުނޭނާ ބަދިގެއިން ނުކުތީ އެކުއެކީއެވެ. ކެންޒާ ފޯނުކޯލު ނެގީ ދެނެވެ.

"ރެސްޓޯރެންޓުގައިތަ؟ ކައިފިންތަ؟" ކެންޒާ ހެލޯއޭ ބުނުމުން އިވުނީ މިންނާގެ އަޑެވެ.

"އާން! ދޮންބެ އޯކޭތަ މަންމާ" ކެންޒާ އަހާލިއެވެ.

"އަލްޙަމްދުލިﷲ! ރެޔަށްވުރެ ރަނގަޅު، މިއަދު އަދި ކައިފް ހޮޑެއްނުލާ، އެކަމަކު އަދިވެސް ވަރަށް ވަރުދެރަ" މިންނާ ބުންޏެވެ.

"ބައްޕަ ގެއަށް އަތުވެއްޖެ" ކެންޒާ ބުންޏެވެ. އެހެންނަމަވެސް މިންނާ ވަކި އެއްޗެއް ނުބުންޏެވެ. ހިމޭންވެފައި ހުންނާތީ ކެންޒާ ވާހަކަދެއްކިއެވެ. ހަމީމް އުޅުނު ގޮތް ކެންޒާ ކިޔާދިނެވެ.

"ކެންޒާ ބަލައިގެން އުޅެއްޗޭ، ހަމީމްގެ ކަންތައްތަކާ އެއްޗެކޭ ނުބުނެވޭތޯ ބަލާތި، ދަރިފުޅު ބޭނުންކުރަން ފައިސާ އެބަހުރިތަ؟ ހުރިހާ ވަގުތަކު ވޮލެޓު ހިފައިގެން އުޅޭނީ، ނިދާގަޑީގައި ދޮރު ތަޅުލަން ހަނދާންކުރާތި އިނގޭ" މިންނާ ބުންޏެވެ. މަންމަ ގާތު ހާސްނުވުމަށް ކެންޒާ ބުންޏެވެ. އޭނާ އުޅެނީ ވިސްނައިގެންކަން މަންމައަށް ބުނެލިއެވެ.

ފިރިހެން ދަރިފުޅު ކައިފް ގޮވައިގެން މިންނާ ހުރީ އަވަށްޓެރި ޤައުމު އިންޑިއާގައެވެ. އަތުގައި ހުރި ހުރިހާ ފައިސާއަކާއި އާސަންދައިގެ އެހީގައި ފިރިހެން ދަރިފުޅަށް ފަރުވާކުރުމަށް އައިހެވެ. އުމުރުން އެކާވީސް އަހަރު ފުރުނުއިރު ކައިފްގެ ހަށިގަނޑުން ކެންސަރުގެ އަލާމާތް ފާޅުވީއެވެ. އެނގުނުއިރު ހަށިގަނޑަށް ކެންސަރުގެ ނުބައި ސެލްތައް ފެތުރިފައިވާ އަދަދު ވަނީ އިތުރުވެފައެވެ. ވަޒީފާއަށް ވަދެ އަހަރު ނުވަނީސް އެ ވަޒީފާއިން ކައިފްއަށް ވަކިވާން މަޖުބޫރުވިއެވެ. އެއްކުރެވިފައި ފައިސާ ނެތުމުގެ ސަބަބުން އަންހެން ދަރިފުޅުގެ މުސާރައަށް ބަރޯސާވާން އެ ޢާއިލާއަށް ޖެހިފައިވެއެވެ. ޢާއިލާގެ އެންމެ ހަގު ކުއްޖާއަށް ކެންޒާ ވިޔަސް އެ ޢާއިލާގެ ބެލެހެއްޓުންތެރިއަކީ އޭނާކަން މިންނާ ޤަބޫލުކުރެއެވެ.

"ފައިސާ ހަމަޖެހޭތޯ ބެލިންތަ؟ ބައެއް ޓެސްޓުތައް ހޮސްޕިޓަލުން ބޭރަށް ފޮނުވާ ވާހަކައެއް މިއަދު ދެއްކި" މިންނާ ބުންޏެވެ.

"އަދި މެއިލްއެއް ނުލިބޭ، ގުޅާނެއޭ ވެސް ބުނި، މަންމަ ހާސްނުވޭ، އަހަރެން އެކަން ބަލަމުން މިދަނީ، ރިޕޯޓުތައް ވެސް މިހާރުވާނީ އެމީހުންނަށް ލިބިފަ، އެހީ ލިބޭނެހެން ވަރަށް ބޮޑަށް ހީވޭ، ރައްޓެހި ކުއްޖަކު ބުނި ގާލިބު ފައުންޑޭޝަނުން ކެންސަރުގެ ފަރުވާއަށް އެހީދޭނެކަން ޔަގީނޭ" ކެންޒާ ބުންޏެވެ.

"ދޮންބެއަށް ވާހަކަދެއްކޭ ގޮތްވީމަ އަދި ގުޅައްޗޭ، މަންމަ ދެން ދެރަނުވާތި، އޭރުން އަދި ދޮންބެ މާދެރަވާނެ... އަހަރެން ވެސް ބޭނުން ތިކޮޅުގައި ހުންނަން، ދޮންބެއާއި މަންމައާއެކު މިވަގުތު ހުންނަން" ކެންޒާއަށް އެންމެ ބޮޑު އަސަރެއް ކުރާ ކަންތައް ފާޅުކުރިއެވެ. މަންމަގެ ހިތަށް ކުރާ އަސަރު ކެންޒާ ދުށްޓެވެ. އަދި އެ އަސަރުތައް ކައިފްއަށް ނުދެއްކުމަށް އެ މަންމަ ކުރާ ހިތްވަރު ވެސް މެއެވެ. މާލެއިން ފަރުވާ ދެވެން ނެތުމުގެ ސަބަބުން އެ ދެމައިން ދުރުގައި ތިބުމަކީ ކެންޒާއަށް ފުރަތަމަ ފަހަރަށް އެކަނިވެރިކަން އިޙްސާސް ކުރެވުނު ކަމެކެވެ.

* * *

އަތުކުރީ އޮތް ގަޑިއަށް ލައިތު ބަލާލުމާއެކު އަވަސް އަވަހަށް އެނދުން ތެދުވެ އިށީނެވެ. އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ފޯނު ނެގިއެވެ. ކަސްތޫރީގެ މެސެޖު ފެނުނީ ދެނެވެ. ކޮންތާކުތޯއާއި ގެއަށް އަންނަނީ ކޮންއިރަކުންތޯ އަހާފައި އޮތެވެ. އޭގެ މާނައަކީ ލައިތު ގެއަށް އަންނާށޭކަން އޭނާ ދެނެގަތެވެ. ވަގުތުން ތެދުވެގެން ފާޚާނާއަށް އޭނާ އައެވެ. އެވަގުތު އެނދުގައި އޮތް ހިރާ ގޮވާލިއެވެ.

"ގެއަށް އަންނަން މާމަ ބުނެފި، ހިރާ ވެސް ދޭ ގެއަށް" ފާޚާނާއަށް ވަނުމުގެ ކުރީން ލައިތު ބުނެލިއެވެ.

"އެއްކޮށްނޫންތަ ޝަވާ ނަގާނީ" ރަޖާގެ ތެރެއިން ނުކުމެ އެނދުން ފައިބަމުން ހިރާ ބުންޏެވެ. އެ ރީތި ދޮން ހަށިގަނޑަށް ލައިތުގެ ނަޒަރު ހިންގާލެވުނެވެ. އެހެންނަމަވެސް އޭނާ ހިރާގެ އެދުން ޤަބޫލެއްނުކުރިއެވެ.

"ވަގުތެއްނެތް" ލައިތު ބުނެލިއެވެ. ހިރާ އެއްޗެއް ބުނަންވާއިރަށް އޭނާ ފާޚާނާއަށް ވަދެއްޖެއެވެ. އެ ދިމާއަށް ބަލަންއިން ހިރާ ތުންފިއްތާލިއެވެ.

ޢާއިލާއާ ދުރުގައި ވަގުތު ހޭދަކުރަން ބޭނުންވާ ކޮންމެފަހަރަކު ލައިތު އަންނަ ތަނަކީ އެ އެޕާޓްމެންޓެވެ. އެހެންނަމަވެސް އެތަނުގައި ނިދަނީ ވަރަށް މަދުންނެވެ. އަސަދާއި ކަސްތޫރީގެ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހޭތީއެވެ. ޢާއިލާއެއްގެ ގޮތުގައި އެންމެން އެކުގައި ދިރިއުޅެން އަސަދު ބޭނުންވިޔަސް އެއީ ހުވަފެނީ ކަމެއްގެ ގޮތުގައި ލައިތު ޤަބޫލުކުރެއެވެ.

"މިރޭ ފަހުން މީޓުވާނެތަ؟" ރޯބްގައި ނުކުތް ހިރާ އަހާލިއެވެ.

"މިރޭ އޮފީހަށް އަދިނުކުންނަން ޖެހޭ، އަހަރެން ގުޅާނަން ވަގުތުވީމަ" ލައިތު ބުންޏެވެ.

"އަހަންނާއެކު އަރީންގެ ވެޑިންއަށް ނާންނާނަންތަ؟ އަހަރެން ވަރަށް ބޭނުން ލައިތު ހުންނަން" މިފަހަކުން ލައިތު ކައިރީ ހިރާ ދައްކަމުން އައި ވާހަކައެއް ތަކުރާރުކޮށްލިއެވެ.

"އަހަރެން ތިކަމަށް އޮންނާނީ ޖަވާބު ދީފަ" ލައިތު ބުންޏެވެ. އަދި ފަހު ފަހަރަށް ލޯގަނޑުން ސޫރަ ބަލާލުމާއެކު އޭނާ ހިރާއާ ދިމާއަށް އެނބުރިލިއެވެ.

"އަހަރެން ދަނީ، ކީކާޑު އެބައޮތް؟" ލައިތު މިހެން އަހާލުމާއެކު ހިރާ ބޯޖަހާލިއެވެ.
އެ އެޕާޓްމެންޓަށް ހިރާ ބޭނުން އިރަކު ވަދެވެއެވެ. އެކަމަކު އެއީ އޭނާ އެކަންޏެވެ. ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވުމުން ލައިތު އަބަދުވެސް ގުޅާފައި އެތަނަށް އަންނަން ހިރާ ގާތުގައި ބުނެއެވެ. (ނުނިމޭ)