ދުނިޔެ

އައިސީސީގެ މެމްބަރުކަން އަންނަ އޭޕްރީލް މަހު ފަލަސްތީނަށް ލިބޭނެ: ބަންކީ މޫން

Jan 7, 2015

ބައިނަލްއަގްވާމީ ޖިނާއީ ކޯޓު(އައިސީސީ) ގެ މެމްބަރުކަން އަންނަ އޭޕްރީލް މަހުން ފެށިގެން ފަލަސްތީނަށް ލިބިގެންދާނެ ކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެއްޖެ އެވެ.

ބަންކީ މޫން އިއްޔެ އާންމު ކުރެއްވި ބަޔާނެއްގައިވަނީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައިސީސީގެ މެމްބަރުކަން ފަލަސްތީނަށް ލިބިގެންދާނެ ކަމަށެވެ.

އައިސީސީގެ ރެޖިސްޓްރާ ވެސް މިދިޔަ ހޯމަ ދުވަހު ވަނީ އެ ކޯޓުގައި ފަލަސްތީނުން ބައިވެރިވާން ހުށަހެޅިކަމުގެ ލިޔުންތައް ލިބިފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ބެލުމުގެ ބާރު ލިބިގެންވާ އައިސީސީގެ މެމްބަރުކަން ފަލަސްތީނަށް ލިބުމަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ. އޭރުން އިޒްރޭލުގެ އެންމެ މަތީ ފަންތީގެ ވެރިން ވެސް އައިސީސީއަށް ހާޒިރުކޮށް، ޝަރީއަތް ހިންގުމުގެ ބާރު އެ ކޯޓަށް އޮންނާނެ އެވެ.

ދަ ހޭގް ގައި ހުންނަ އެ ކޯޓުގައި ފަލަސްތީނުން ބައިވެރިވާން ހުށަހެޅުމާ އެކު އިޒްރޭލުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އަދި އެކަމާ ގުޅިގެން އިޒްރޭލުން ވަނީ ފަލަސްތީނަށް ނިސްބަތްވާ 120 މިލިއަން ޑޮލަރު ވެސް އެ ގައުމަށް ނުދީ ހިފަހައްޓައިފަ އެވެ. އިޒްރޭލުގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުގައި އަބަދުވެސް އިޒްރޭލަށް ވާގިވެރިވަމުންދާ އެމެރިކާއިން ވެސް ވަނީ ފަލަސްތީނުން އައިސީސީގައި ބައިވެރިވުމާ މެދު ފާޑު ކިޔައިފަ އެވެ.

އދ. ގެ އޮބްޒާވާ ސްޓޭޓްގެ ދަރަޖަ ލިބިފައިވާ ފަލަސްތީނުން އައިސީސީގެ މެމްބަރު ގައުމަކަށް ވާން ހުށަހެޅީ އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް ބެލުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެ މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ. އެ ގަރާރު ބޭރުކޮށްލާފައިވަނީ އެ މަޖިލީހުން ގަރާރެއް ފާސްކުރަން ބޭނުންވާ މިންވަރަށް ވޯޓު ނުލިބުމުންނެވެ.