މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމާ ގުޅިގެން އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް އޮޕީޑީ ހިދުމަތް މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޮޕީޑީ ހިދުމަތްތަކާއި ބައެއް ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އައިޕީޑީ ހިދުމަތާއި އެމަޖެންސީ ހިދުމަތްތައް އެ ހޮސްޕިޓަލުން ދެމުން ގެންދާނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އާދީއްތަ ދުވަހުން ފެށިގެން އެ ހިދުމަތްތައް ދޭނެ ވަކި ގޮތެއް އަންނަ ހޮނިހިރު ދުވަހު އަންގާނެ ކަމަށް ވެސް އައިޖީއެމްއެޗްގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭން ފެނުމާ ގުޅިގެން އައިޖީއެމްއެޗްގެ ބައެއް އެހެން ހިދުމަތްތަކަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އެ ގޮތުން ހުން އައިސް ރޯގާ ޖެހުމުން ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ސަރުކާރުން ހަމަޖައްސާފައިވާ ފްލޫ ކްލިނިކްތަކަށް ދިއުމަށް ވަނީ އަންގައިފަ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކްލިނިކެއް ވެސް އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވެ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެޕޮއިންޓްމެންޓަކާ ނުލާ ވެސް އެ ކްލިނިކުން ހިދުމަތް ދެމުންދާ ކަމަށް އައިޖީއެމްއެޗް އިން ބުނެ އެވެ.
މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓްވި 54 މީހަކު އެކަހެރި ކޮށްފައިވާއިރު، އޭނާއާ އެހެނިހެން ގޮތް ގޮތރުން ބައްދަލުވި އިތުރު 50 އަށް ވުރެ ގިނަ މި ވަގުތަށް ގޭގައި ތިބުމަށް މަޑު ކުރަން ވަނީ އަންގައިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ބައްޔަށް ޓެސްޓް ކުރަން 11 މީހެއްގެ ސާމްޕަލް ވަނީ ނަގައިފަ އެވެ.
މާލޭން ބަލި ޖެހިފައިވާ މިހާކު ފެނުމުން 24 ގަޑިއިރަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ މުއްދަތުގައި މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅިފަޅާއި، ތިލަފުށީގައި މަގުމަތީގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އެ ރަށްތަކަށް ދެމެންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.