ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އެހެން މަރުހަލާއަކަށް ގޮސްފައިވާ ކަމަށާއި މި ހާލަތުގައި މި ބައްޔަށް ޓެސްޓް ކުރުން އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވްވުމަކީ ކޮވިޑްގެ ހާލަތު ކުރިން އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލު ވެގެންދިޔަ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިއީ މުޖްތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށުމުގެ އަލާމާތެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީތާ 45 ދުވަސްފަހުން މިއަދު ވަނީ މާލެއިން ފުރަތަމަ ފަހަރަށް މި ބައްޔަށް މީހަކު ޕޮޒިޓިވްވެފައެވެ. އެއީ އަންހެނެކެވެ. އޭނާއަށް މިހާރު ފަރުވާދޭން ފަށާފައިވާއިރު، އޭނާއާ ކޮންޓެކްޓްވި އެތައް ބަޔަކު މިހާރު ވަނީ އެކަހެރިކޮށްފައެވެ. އަދި އެމީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ބަދަލުވެފައިވުމުން ކުރިއަށް އޮތްތާ އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އެގޮތުން މެޑިކަލް ޓީމުގެ ލަފަޔާއެކު ޓެސްޓް ކުރުން ފުޅާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"..ކޮވިޑްގެ ހާލަތު އެހެން މަރުހަލާއަކަށް މިދިޔައީ. އޭގެ މާނައަކީ މިހާރު ހުރި މައުލޫމާތަށް ބަލާއިރު މިއީ ކޮމިއުނިޓީ ސްޕްރެޑްވާން ފެށުން ކަަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެއީ އެހެން ޕޮޒިޓިވް ކޭހަކާ ގުޅުމެއް ނެތް، ގުޅުމެއް ހުރިކަން ނޭންގޭ ހާލަތެއްގައި ކޭސްއެއް ފެނުން. އެހެން ކަމުން މި ހާލަތާއި ގުޅިގެން އަޅުގަނޑުމެން މެޑިކަލް ލަފަޔާއެކު ޓެސްޓް ކުރުމުގެ ކަންކަން އިތުރަށް ފުޅާކުރަން ޖެހޭގޮތަށް އެގޮތަށް ފުޅާކުރަމުންދާނެ. އަދި މި ހާލަތުގައި ޓެސްޓްކުރުމުގެ ކަންކަން ފުޅާކުރަންޖެހޭނެ." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތު އެހެން މަރުހަލާއަކަށް މިދިޔައީ. އޭގެ މާނައަކީ މިހާރު ހުރި މައުލޫމާތަށް ބަލާއިރު މިއީ ކޮމިއުނިޓީ ސްޕްރެޑްވާން ފެށުން ކަަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެއީ އެހެން ޕޮޒިޓިވް ކޭހަކާ ގުޅުމެއް ނެތް، ގުޅުމެއް ހުރިކަން ނޭންގޭ ހާލަތެއްގައި ކޭސްއެއް ފެނުން. އެހެން ކަމުން މި ހާލަތާއި ގުޅިގެން އަޅުގަނޑުމެން މެޑިކަލް ލަފަޔާއެކު ޓެސްޓް ކުރުމުގެ ކަންކަން އިތުރަށް ފުޅާކުރަން ޖެހޭގޮތަށް އެގޮތަށް ފުޅާކުރަމުންދާނެ. އަދި މި ހާލަތުގައި ޓެސްޓްކުރުމުގެ ކަންކަން ފުޅާކުރަންޖެހޭނެއަބްދުﷲ އަމީން | ހެލްތް މިނިސްޓަރު
ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި މީހާއަކީ މިފަހުން ރާއްޖޭން ބޭރަށް ދަތުރުކޮށްފައިނުވާ މީހެއް ކަމަށާއި، އެ ބައްޔަށް ޕޮޒިޓިވްވި އެހެން މީހަކާ ސީދާ ބައްދަލުވި މީހެއް ނޫންކަމުން، މިއީ ރާއްޖޭގައި ކޮމިޔުނިޓީ ޓްރާންސްމިޝަނެއްކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަކުން ބެލެވޭކަމަށް ނެޝަނަލް ޓާސްކު ފޯހުން މިއަދު ވަނީ ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓުވި 54 މީހަކު މިހާރުވެސް އެކަހެރިކުރެވިފައިވާ ކަމަށެވެ. އަދި އެހެނިހެން ގޮތް ގޮތުން، އޭނާއާ ބައްދަލުވި އިތުރު 50 އަށް ވުރެ ގިނަ މީހުން، މިވަގުތަށް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށާއި، އެ މީހުން ވެސް އެކަހެރިކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށެވެ.
"އޭނާއަށް ބަލި ޖެހުނު ސޯސްއަކީ ކޮބައިތޯ ބަލަން ކޭސް އިންވެސްޓިގޭޝަން ހަދަމުންދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، މާލެއިން ޕޮޒިޓިވްވި މީހާ، ފާއިތުވި ދުވަސްތަކުގައި ގޮސްފައިވާ ތަންތަނާއި ބައްދަލުވި މީހުން ވަރަށް ތަފްސީލުކޮށް ބަލަމުން އަންނަ ކަމަށެވެ.
ޑރ. އަލީ ރަފީގު ވިދާޅުވި ގޮތުގައި، ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ހުރިހާ މީހުން، ކަރަންޓީނުކުރާނެކަމަށާއި، ނަމަވެސް ބައެއް ހާލަތްތަކުގައި އެ މީހުން ހޯމް ކަރަންޓީނުގައި ބޭތިއްބުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.