ގދ. ހޯނޑެއްދޫން އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށުގައި ބަލި އިތުރަށް ފެތުުރުނަ ނުދިނުމަށް ހާއްސަ އިންވެސްޓިގޭޝަނެއް ފަށާފައިވާ ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބުނެފި އެވެ.
ހޯނޑެއްދޫން މިއަދު ޕޮޒިޓިވްވި 19 މީހުނަކީ ފަސް އާއިލާއަކުން ޕޮޒިޓިވްވީ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ އަހަރު ނުވާ ދެ ކުއްޖަކާއި އެއް އަހަރާއި 18 އަހަރާއި ދެމެދުގެ އަށް ކުއްޖަކާއި 18 އަހަރާއި 50 އަހަރާއި ދެމެދުގެ ހަތް މީހުނާއި 50 އަހަރުން މަތީގެ ދެ މީހެކެވެ. އެހެން ކަމުން މިހާތަނަށް އެރަށުން 25 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
މި ރޭ އެޗްއީއޯސީގެ ނިއުސް ކޮންފަރެންސްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އައިމިނަތު އަރޫޝާ ވިދާޅުވީ ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމަށް އިންވެސްޓިގޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ފަށާފައިވާ ކަމަށެވެ.
އަރޫޝާ ވިދާޅުވީ ހޯނޑެއްދޫގައި ބމިއަދު ޕޮޒިޓިވްވީ އެއްވެސް މީހެއްގެ ކޮންޓެކްޓެއް ހުރިނަަމަ އެކަން އަންގައިދިނުމަށް އެދޭ ކަމަށާއި އެކަމަށް ހާއްސަ ހޮޓްލައިނެއް ވެސް ގާއިމުކޮށްފައިވާނެ ކަމަށެވެ.
"ކޮންޓެކްޓެއްގެ ގޮތަށް އަޅުގަނޑުމެން މި ބަލަނީ މާސްކަކާއި ނުލައި 15 މިނެޓަށްވުރެ ގިނައިރު ހަ ފޫޓުގެ ދުރު މިނަށްވުރެ ކައިރިން ބައްދަލުވެފައި ހުންނަ މީހުންނަކީ ކްލޯސް ކޮންޓެކެއްގެ ގޮތުގައި. މީގެ ތެރޭގައި ޕޮޒިޓިވްވެގެން މި އަންނަ ކޭހަކީ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކޭހެއް ނަމަ އެ އަލާމާތް ފެނުމުގެ ދެ ދުވަސް ކުރިއަށް ދިމާވެފައި ތިބި މީހުން ކްލާސް ކޮންޓެކްޓުންގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ. އެއްވެސް އަލާމާތެއް ނެތް މީހެއް ނަަމަ އެ މީހެއްގެ ސާމްޕަލް ނެގުމުގެ ދެ ދުވަސް ކުރިއަށް ދިމާވެފައި ތިބި މީހުން،"
މިހާތަނަށް ކުރި މަސައްކަތުން ބަލި ޖެހިފައިވާ މީހުންނާއި 46 މީހަކު ކޮންޓެކްޓްވެފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެ މީހުންގެ ސާމްޕަލް މާދަމާ ނަގާނެ އެވެ. އަދި އެ ރަށަށް މި ވަގުތު ބޭނުންވާ ސިއްހީ ސާމާނު ވެސް ފޮނުވާފައި ވެއެވެ.
"މިވަގުތު އެ ރަށައް ބޭނުންވާ ސާމާނު ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވާނީ ފޮނުވާފައި،"
މަޑަލެވި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލެވިފައިވާތީ އެ ދެ ރަށްވެސް މިވަގުތު އޮތީ އެޗްޕީއޭގެ މޮނިޓަރިންގަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެއް ރަށަކުން ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލޭ ސިޓީގައި މިވަގުތު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހޯނޑެއްދޫގައި ވެސް އަޅާފައިވާ ކަމަށެވެ. އެގޮތުން ފިހާރަތައް ހުޅުވުމާއި ކެފޭ ރެސްޓޯރަންޓްތައް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.
"ބަައިވަރު ކޭސްތަކެއް މި ގޮތަށް ފެނުމާއި ގުޅިގެން ރަށުގެ ރައްޔިތުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރަން. އަދި އެފަދަ ހާލަތެއްގައި ބޭރަށް ނިކުންނަވާއިރު މާސްކު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް،"
ނަޒްލާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ރަށުގައި ކޮމިއުނިޓީ ޓްރާސްމިޝަނެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާ ބަލި ޖެހުނު އެންމެން ވެސް ގުޅިފައިވަނީ އެއް ލިންކަކާއި ކަމަށެވެ.
"މި އުޅެނީ އެއް ކްލަސްޓާ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ މިއީ ކޮމިއުނިޓީ ޓްރާސްމިޝަންއެއް ނޫން ކަމަށް. ނަމަވެސް އަދިވެސް ބަލަން ޖެހޭ ބެލުންތައް މިދަނީ ބަލަމުން،"