(14 އެޕްރިލް 2020 އާ ގުޅޭ)
އެ އެޕާޓްމެންޓަށް ހިރާ ބޭނުން އިރަކު ވަދެވެއެވެ. އެކަމަކު އެއީ އޭނާ އެކަންޏެވެ. ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވުމުން ލައިތު އަބަދުވެސް ގުޅާފައި އެތަނަށް އަންނަން ހިރާ ގާތުގައި ބުނެއެވެ. ހިރާ ދެކޭ ގޮތުގައި އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަކީ އޭނާގެ ރީތިކަމެވެ. އެ ރީތިކަން ހޯދުމަށް އޭނާ ފައިސާ ފެންފަދައިން ޚަރަދުކުރެއެވެ. ހަމުގެ ކުލަ އަލިވެފައި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ޕާސަނަލް ޓްރެއިނަރަކާއެކު ކަސްރަތު ކުރުމަށް އޭނާ ވަގުތު ހުސްކުރެއެވެ. ފަން އިސްތަށިގަނޑު ދިގުކޮށް ބޭއްވުމުގެ އިތުރުން ކޮންމެ ތިންމަހުން "ހެއަރ ޓްރީޓްމެންޓްތައް" ނެގުމަށް ރާއްޖޭން ބޭރަށް ނޫނީ މާލޭގެ އެންމެ މަޝްހޫރު ތަރިންނަށް ޚިދުމަތްދޭ ސެލޫންތަކަށް އޭނާ ޤަވަޢިދުން ދެއެވެ. ފުރާވަރުން ފެށިގެން ހިރާގެ ނިޔަފަތިތައް ދިގުކޮށް ބެހެއްޓުމަށް އިސްކަންދިނީ އެވެސް އަންހެން ވަންތަކަން ދައްކުވައިދޭ ރީތިކަމެއްކަމުގައި ޤަބޫލުކޮށްގެންނެވެ. ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް ތަފާތު އަގުބޮޑެތި ކުރީމްތަކާއި ޓޮނިކްތަކުގެ އިތުރުން ރީތިކަން ދެމެހެއްޓުމަށް ޓަކައި އެކި ވިޓަމިންތައް ކޮންމެ ދުވަހަކު ވެސް ނަގައެވެ. ހިތިފަތު ބުމައެއް ބޭނުންވާތީ ޤަވަޢިދުން ބުމަ ހަދައެވެ. މޫނުގައި ލޯލިކޮޅެއްހާ ހިސާބު ވެސް ފެންނާކަށް ނުހުރެއެވެ. ތުންފަތް ބޮޑުކޮށް ހުރުމަކީ ހިރާއަށް މާރީތި ގޮތެކެވެ. އެހެންވެ ތުންފަތް ބޮޑުކުރާނޭ އާލާތް ވެސް އޭނާ ރީތިވާ ސާމާނުގެ ތެރޭގައި ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ހިރާއަކީ އެތައް ބައެއްގެ އަމާޒު ފަތްގަނޑެކެވެ. ޚާއްޞަކޮށް އިންސްޓަގްރާމްގައެވެ. ދުނިޔޭގެ އެތައް މިތަނުން މީހުން އޭނާއަށް "ފޮލޯ"ކޮށްފައި ހުރެއެވެ. ކިތަންމެ ކުޑަކޮށް ވިޔަސް މޭކަޕް ކޮށްފައި ހުއްޓާ ނޫނީ ހިރާ ނުފެންނާނެއެވެ. ރާއްޖޭގެ ބައެއް ޓީވީތަކުންނާއި އިސްތިހާރު ތައްޔާރުކުރާ ފަރާތްތަކުގެ ހުށަހެޅުންތައް ހިރާއަށް އާދެއެވެ. އެހެންނަމަވެސް އެކަމަށް އެޅިފައި އޮތް ހުރަހަކީ ބައްޕަ އަޒްހަރެވެ. ހުރިހާ ކަމެއްގައި ބައްޕައާ ދެކޮޅު ހެދެން ހިރާއަށް ނެތީ އޭނާގެ މުހުތާދުތައް ފުއްދުމުގައި ހޭދަކުރާ ފައިސާއަކީ ބައްޕަގެ ފައިސާއަށްވީމައެވެ. އަޒްހަރު ދޭ އިންޒާރުތަކުން ހިރާ އެންމެ ޖެހިލުންވާ އިންޒާރަކީ ވެސް އެއީއެވެ. ހިރާއަށް ފައިސާ ލިބޭނޭ މަގު ބަންދުކޮށްލާނަމޭ ބުނާތީއެވެ.
ލައިތުއާ ހިރާ ބައްދަލުވީ ބައްޕަގެ ސަބަބުންނެވެ. އެއްވެސް މަސައްކަތެއްނުކޮށް ހިރާ އުޅޭ އުޅުން އަޒްހަރަށް ކަމުދާ ދިރިއުޅުމަކަށް ނުވަނީއެވެ. މަސައްކަތްކުރަން ބޭނުންނުވާނަމަ ހިރާ ކައިވެނި ކުރަން އަޒްހަރު އެދެއެވެ. އެހެންނަމަވެސް ހިރާ އަދި ކައިވެންޏަކަށް ތައްޔާރެއްނޫނެވެ. އެހެންވެ ދެވަނައަށް ބައްޕަ ހުށަހެޅި ގޮތާ އެއްބަސްވީއެވެ. ދެވަނަ ގޮތެއްކަމުގައި އަޒްހަރު ޚިޔާލުދިނީ ބޮޑުދައިތަ ސަރަފީނާ ހޯދައިދޭ ވަޒީފާއަށް ނުކުތުމެވެ. ރޫމާން އަސަދުގެ މައި އޮފީހުގެ ކަންކަން އޭނާގެ ދަރިފުޅު ލައިތުއާ ހަވާލުކުރިތާ ގިނަ ދުވަސްތަކެއް އޭރު އަދިނުވެއެވެ. ހިރާއަށް ޖެހުނީ ލައިތުގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.
ޒުވާން ލައިތު ފެނި އޭނާއަށް ހިރާގެ ޝައުގުވެރިކަން ދެވުނީ ބައްދަލުވި ފުރަތަމަ ދުވަހުއެވެ. ވަޒީފާއެއް އަދާކުރަން ބޭނުންނުވެފައި ހުރި ހިރާއަށް ކުއްލިއަކަށް އެކަމަށް ލޯބިޖެހުނީއެވެ. އޭރު ވެސް ލައިތުގެ ޕާސަނަލްއެސިސްޓެންޓެއް ހުރެއެވެ. މުހިންމު ހުރިހާކަމެއް ހަވާލުކުރަނީ އޭނާއާއެވެ. ހިރާއަށް ޖެހެނީ ލިޔުންތައް ތަރުތީބު ކުރުމާއި ފައިލްކުރުން ފަދަ މަސައްކަތްތަކެވެ. އޮފީސް ނިމުމުން ހިރާ ގެއަށް ގެންގޮސް ދިނުން ހަމަޖެހިފައި އޮތީ ލައިތުގެ ކާރުގައެވެ. އެއީ އަސަދު އެދުނު ގޮތެވެ. ސަރަފީނާ ވެސް ޚާއްޞަކޮށް އެކަން އެގޮތަށް ކޮށްދިނުމަށް ލައިތުގެ ގާތުން އެދުނެވެ. ދެމެދުގައި ގާތްކަމެއް އުފެދެން މެދުވެރިވީ އެހެންވެއެވެ. ޒަވާޖީ ހަޔާތެއްފެށުމަކީ ގޯސް ޚިޔާލެއްކަށް މިހާރު ހިރާއަށް ނުވެއެވެ. ލައިތުއާ ގުޅުން އުފެދުނު ފަހުން އޭނާއަށް ލިބޭ އަގުބޮޑެތި ހަދިޔާތައް ހުސްނުވެއެވެ. ލައިތު ގާތު ބުނާއިރަށް އެކަމެއް ހުންނަނީވެފައެވެ. ޒަވާޖީ ހަޔާތެއް ފެށުމާމެދު ހިރާގެ ޚިޔާލު މަޑުމަޑުން ބަދަލުވާން ފެށީ އެހެންވެއެވެ. ލައިތަކީ ހިރާގެ ބައްޕަގެ ހުރިހާ މުދަލަކާއި ފައިސާއެއް އެއްކޮށްލިޔަސް ގާތްނުކުރެވޭނެހާ ބޮޑު މަހުޖަނެއްގެ ދަރިއެކެވެ. އެހެންވީމަ އެކަހަލަ ޒުވާނަކާ ކައިވެނިކުރުމުން އޭނާގެ އުފާވެރިކަން ހައްތަހާވާނީ އިތުރުކަން ޤަބޫލުކުރެވެއެވެ.
ހުރިހާކަމަކާ ހިރާ ހިތްހަމަޖެހުނަސް ލައިތުގެ ހުންނަ ހަރުކަށި ގޮތްދޫނުކުރާ ސިފަ ބަލައިގަތުން ފަސޭހައެއްނޫނެވެ. ރައްޓެހިވެގެން އުޅޭ ޒުވާނާގެ ގޮތުގައި އެކުވެރީންނަށް ލައިތު ދައްކަން ހިރާ ބޭނުންވެއެވެ. އެހެންނަމަވެސް މިހާތަނަށް ބައްދަލުވީ މަދު މީހަކާއެވެ. ދެޒުވާނުން އެކުގައި ނަމަވެސް ދެމެދުގައި އޮންނަ ގުޅުމެއް ލައިތު ހާމައެއްނުކުރެއެވެ.
* * * * *
"މާމާ!...، ގެއަށް އަތުވެއްޖައިން" ހަތަރުވަނަ ފަންގިފިލާގައި ހުންނަ ބޮޑުކޮޓަރީގެ ސޯފާގައި އިން ކަސްތޫރީގެ ގާތުގައި ލައިތު އައިސް ހުއްޓިލިއެވެ. އަނގައިން ބުނުމުގެ ކުރީން ކަސްތޫރީ އޭނާ އިން ސޯފާގައި އަތްޖައްސާލައި ލައިތުއަށް އިށީނުމަށް އިޝާރާތްކޮށްލިއެވެ. މަޑުމަޑުން އައިސް ލައިތު އިށީނުމާއެކު ކަސްތޫރީގެ ކައިރީގައި ސޯފާމަތީ އުޅުނު ފުށްގަނޑެއްހެން ހީވާ ކުޑަބުޅާ އައިސް ލައިތުގެ އަތުގައި ހޭކިލިއެވެ.
"ބީފާނު" ދެއަތުން ބުޅަލުގައި ހިފާ އުފުލާލުމާއެކު ލައިތު ގޮވާލިއެވެ. އެ ސޮރާ ސަމާސާކޮށްލިއެވެ.
"ކައިފިންތަ؟" ކަސްތޫރީ އަހާލިއެވެ. ލައިތު ހޫން ލައްވާލުމުން ކޯއްޗެއްތޯ ކެއީ ސުވާލުކުރިއެވެ.
"ގެއިން ފޮނުވާ އެއްޗެއް ނުކަނީ ކީއްވެތަ؟ ޔާދިން ވެސް މިހާރު ހަމައެހެން، ދުވާލުދާ ހަތަރުދަމު ތިހެން ބުރަކޮށް އުޅޭއިރު ރަނގަޅު ކާއެއްޗެހި ކައިގެން އުޅެންވާނީ، މާމަ ގަސްދުކޮށްފިން އާމީހަކު ގެންނަން" ކަސްތޫރީ ބުންޏެވެ. ލައިތު އެކަމާ އެއްޗެއް ބުނަން ގަސްދުނުކުރީ އެއީ އޭނާއަށް މުހިންމު ކަމަކަށް ނުވީމައެވެ.
"މިފަހަރު ހީވަނީ ހުރިހާ ކުދީން އެދޭ ފަދަ ރަހަތަކެއް ކާއެއްޗެހީގައި ލާނޭހެން" އުންމީދާއެކު ކަސްތޫރީ ބުނެލިއެވެ.
ކަސްތޫރީގެ ވާހަކަތަކަށް ޝައުގުވެރިކަމެއްނެތް ނަމަވެސް މާމަ ބުނީތީ ލައިތު އިނީއެވެ. އެގޮތުގައި ވެސް މާގިނައިރު ކެތެއްނުވިއެވެ. އޭނާ ކޮޓަރިއަށް ވަދެ އަރާމުކޮށްލަން ބޭނުންވާކަން ހާމަކޮށްލިއެވެ. އެކަމުގެ ހުއްދަ ކަސްތޫރީ ދިނެއްކަމަކު ލައިތު ދިއުމުގެ ކުރީން ހުއްޓުވިއެވެ.
"މާދަމާ މެންދުރު ސެހްރާން އެބާދެ" ކަސްތޫރީ ބުނެލިއެވެ. އެއްވެސް އަސަރެއްނެތް ލައިތުގެ ދެ ލޮލުން ދިހުންފާޅުވެލިއެވެ. ތަފާތު ދިރުމެއް އެ ދެ ލޮލަށްވެރިވި ކަހަލައެވެ. ލުއި ހިނިތުންވުމަކަށް ތުންފަތް ހަރަކާތްކޮށްލިއެވެ. ކަސްތޫރީ އިތުރު އެއްޗެއް ނުބުނުމުން ލައިތު ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
ސެހްރާންއަކީ ފަރުޒީންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ޢާއިލާތެރޭގައި ލައިތުގެ ޚިޔާލު ކިރިޔާ ވެސް އިތުރު މީހަކާ ބަދަލުކުރާނަމަ އެމީހަކީ ސެހްރާނެވެ. މިޒާޖުގެ ގޮތުން ސެހްރާނަކީ އެންމެންނާ ގުޅޭ ރުޅިމަޑު ޒުވާނެކެވެ.
ފަރުޒީނުގެ ކައިވެނި ރޫޅިފައިވުމުން އޭނާއާއި ސެހްރާނުގެ ޒިންމާ ނަގަނީ ރޫމާން އަސަދުއެވެ. އެހެންވުމުން ގޭގައި އެންމެންގެ ހިތްތައް ފަތަހަކުރި އަންހެން ކުއްޖަކަށްވީ އެމީހުންގެ ދައްތަގެ މަޤާމުގައި ހުރި ލައިރާއެވެ. އަދި ލައިރާގެ އަންހެން ދަރިފުޅު އިލިޔާނާއެވެ. ކުދީންގެ މެދުގައި ހުންނަ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ގުޅުން ބަދަހިކުރުމަށް ބާރުއަޅާ ޒުވާނަކަށް ސެހްރާންވެއެވެ. އޭނާ ވެސް ޚާއްޞަ ލޯތްބެއް ލައިތުގެ މައްޗަށް އޮވެއެވެ.
ކޮޓަރިއަށް ވަން ގޮތަށް އައިޕެޑް ހިފައިގެން ލައިތު ޖައްސާލީ އެނދުގައެވެ. އޭނާ ސެހްރާނަށް "ފޭސްޓައިމް" ކުރިއެވެ. ގިނައިރުތަކެއް ނުވެ ސެހްރާނުގެ މޫނު ފެނިއްޖެއެވެ.
"ޔަގީން މާމަ ބުނީ" ލައިތުއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސެހްރާނު ވާހަކަދެއްކިއެވެ.
"ސެހެރް އަންނައިރު އަހަންނަށް ނޭނގޭނެކަމަށްތަ ހީކުރީ" ލައިތު އޮތީ ހިނިއައިސްފައެވެ.
"ކޮންތާކު ތިހުރީ؟ އަންހެންކުއްޖެއްގެ އަޑު ދޯ އެއިވުނީ" ލައިތުއަށް ތަފާތު ގޮތެއްހެން ހީވިއެވެ.
"ނީވޭނެ! ތިހީވި ގޮތެއް" ލާނެތް ހިންޏެއް އައިސްފައި ސެހްރާން ބުންޏެވެ.
"މޭން! އައި ނޯ ޔޫ. ޑިޑިންޑްޓް އެކްސްޕެކްޓް ދެޓް ފްރޮމް ޔޫ. އޭތް! ސްކްރީން އަނބުރަނީ ކީއްވެ؟ ތިތާ އެބަހުރި ދޯ" ލައިތު އެނގެން ބޭނުންވިއެވެ. އަންހެންކުދީންގެ ކަންކަމަކީ ސެހްރާނު ކުރާނޭ ކަހަލަ ކަންކަމެއްނޫނެވެ. އޭނާއަކީ އެފަދަ ގުޅުންތައް ވަރަށް ސީރިއަސްކޮށް ނަގާމީހެކެވެ. ހަމައެއާއެކު އޭނާގެ ހަޔާތަށް އަންހެން ކުއްޖަކު އަތުވެއްޖެނަމަ އެކަން އެނގޭނެ ފުރަތަމަ މީހަކަށްވާނީ ލައިތުކަން ޚުދު އޭނާއަށް އެނގެއެވެ.
"ޒިންބެ!" ކުއްލިއަކަށް އިސްކުރީނުން ލައިތަށް ފެނުނީ ހަތަރު އަހަރުގެ އިލިޔާނާއެވެ. އޭނާއަށް ލިބުނީ ހައިރާންކަމެވެ.
"ބޭބީ ކޮންއިރަކު އައީ" ލައިތުއަށް އަހާލެވުނެވެ. އޭނާ އައިޕެޑް ހިފައިގެން ތެދުވެ އެނދުގައި އިށީނެވެ. އިލިޔާނާ އުފަންވީސުރެން މިއަދާ ހަމައަށް ވެސް ލައިތު އެކުއްޖާއާ މުޚާޠިބުކުރާނަމަ ބޭނުންކުރާ ނަމަކީ ބޭބީއެވެ.
"ހޭ ލައިތު!" އިލިޔާނާގެ ފުރަގަހުން ލައިރާގެ މޫނު ފެނުނެވެ.
"ސެހެރް!" ލައިރާއާއި އިލިޔާނާއާއެކު ސެހްރާން ކުރަނީ ކީއްކަން އެނގެން ބޭނުންވާ ފަދައަކުން ލައިތު ގޮވާލިއެވެ.
"ސަޕްރައިޒް ބްރޯ... ދޮންއާއި އިލީ ގޮވައިގެން މިދަނީ މާލެ، އަންކަލްއާއި މަންމައަކަށް ވެސް ނޭނގޭނެ، ހަމައެކަނި ތީ އެނގޭނެ މީހަކީ" ސެހްރާން ބުންޏެވެ.
"ޒުބިން... ޒުބިން ކޮބާ؟" އިރުކޮޅަކު ހިމޭނުން އިނދެފައި ލައިތު އަހާލިއެވެ. އޭނާ ފާޅުނުކުރި ނަމަވެސް ލައިރާއާ މެދު ލައިތު އަޅާލައެވެ. އެހެން ކުދީން ފަދައިން ޢާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާއަށް ލައިރާ ވީމަކަމަށް ވެސް ވެދާނެއެވެ.
"ޒުބިން މާ ބުރަކޮށް މިދުވަސްކޮޅު އުޅެނީ، ގިނަ ވަގުތު އުޅެނީ ޔުނިވާސިޓީގައި، އަހަންނާއި އިލީ ހުންނަނީ ފޫހިވެފައި، ގެއަށް ދިޔައިމަ ފޫހިވާނޭ ވަގުތެއްނުވާނެއެއްނު ދޯ... ސެހެރް ކައިރީ ދޮން އަމިއްލައަށް ބުނީ ދޮންމެންނާއެކު މާލެދާން އައިސްދޭށޭ" ލައިރާ ވާހަކަދެއްކިއެވެ. އެހެންނަމަވެސް ލައިތުއަށް ލައިރާގެ ވާހަކަ ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. އޭނާގެ ހިތްބުނަނީ ލައިރާ މާލެ އަންނަން އެ އުޅެނީ އެހެން ސަބަބަކާ ހުރެ ކަމުގައެވެ.
"އޯކޭ! އަހަންނަކީ އެއްވެސްއިރަކު އަނގަގަދަވެގެން އުޅޭ މީހެއްނޫން، އެހެންވީމަ އަހަރެންގެ ފަރާތުން ކަމެއް އެނގިދާނެތީ ހާސްވާކަށް ނުޖެހޭނެ، ސެހެރްގެ ޚަބަރެއްނުވީ މިހެންވެގެން ދޯ" ލައިތުގެ އަޑުގައި ހުރި ސީރިއަސްކަން ނިކަން އަވަހަށް ބަދަލުވެއްޖެއެވެ.
"އަޑުއިވިއްޖެ ލައިތުގެ ވާހަކައެއް، އެކަމާ ދޮން ބޭނުން ވާހަކަދައްކާލަން" ސެހްރާން ވާހަކަދައްކަން އުޅެނިކޮށް އޭނާގެ އަނގަމަތީ ހިފަހައްޓަމުން ލައިރާ ބުންޏެވެ. ވަގުތުން އެއީ ކޮންވާހަކައެއްކަން ލައިތަށް އެނގިއްޖެއެވެ.
"ސެހެރް ނިމުނީ ދެން... ދެން ނޯންނާނެ ބުނުމެއް" ވަގުތުން ލައިތު ބުންޏެވެ. ލައިރާ ބާރަށް ހޭންފެށިއެވެ. ސެހްރާނު އާދޭސްކޮށްލިއެވެ. ދުލުން ބޭރުވީ ގަސްދަކާނުލާ ކަމާއި ލައިރާ ފަހުން ބްލެކްމެއިލް ކުރީކަން ސެހްރާން އަވަސް އަވަހަށް ބުނަމުންދިޔައެވެ. ލައިތު ގޮތްދޫނުކުރާ ގޮތް ދައްކާލިއެވެ. ސެހްރާނުގެ އުނގުގައި އިން އިލިޔާނާ ގޮވާލިއެވެ. އަދި ލައިތު ސޮރީ ޤަބޫލުނުކުރާތީ ހަޑިކުއްޖެކޭ ބުނެލިއެވެ. އެއަށްފަހު ހަޑިކޮށް އުޅޭ ކުދީންނަށް އެއްވެސް ހަދިޔާއެއް ނުލިބޭނޭ ބުންޏެވެ. އެކުއްޖާއާ ސެހްރާން ބައިވެރިވެލިއެވެ. ލައިތުއަށް ހަދިޔާއެއް ނުގެންދާނަމޭ ބުނެލިއެވެ. އެމީހުންގެ ވާހަކަތަކުން ލުއިގޮތަކަށް ލައިތުއަށް ހީނލިއެވެ. އެއީ މަދުފަހަރަކު ނޫނީ ނުފެންނާނޭ ފަދަ މަންޒަރެކެވެ.
އައިޕެޑް ބޭއްވުމާއެކު ލައިތު ފޯނުން އެލާމް ސެޓުކޮށްލިއެވެ. ކުޑަވަގުތުކޮޅަކަށް ނިދާލަން އޭނާ ގަސްދުކުރީ ހަށިގަނޑަށް ލޮޑުކަން ލިބިފައި ހުރުމުންނެވެ. ރޭގަނޑު އޮފީހަށް ދާން ނިންމާފައި އޮތުމުން އެލާމްކުރީ ޖައްސާލާތަނުން ނުހޭލެވިދާނެތީއެވެ. ކޮޓަރީގެ ފިނި ގަދަކޮށްލުމާއެކު މަޑުތަންމަތީގައި ހަށިގަނޑު ހަމަޖައްސާލިއެވެ.
* * * * *
ތަބަށް ހިފައިގެން ބަދިގެއަށް ވަން ނަތާޝާ ބަލާލީ ކެންޒާއަށެވެ. އެތަނުގައި ކެންޒާއާއެކު ޔާފިއާ ވެސް ހުއްޓެވެ. ފިރިހެނަކު ކެންޒާ ހޯދަން އައިސް ހުރި ވާހަކަ ނަތާޝާ ބުންޏެވެ. ވަގުތުން ޔާފިއާގެ ނަޒަރު ކެންޒާއަށް ހުއްޓުނެވެ.
"އަހަރެން ބައްދަލުކޮށްފާނަން" ޔާފިއާ އަވަހަށް ބުނެލިއެވެ.
"ޔާފިއާ! އެއީ ޕާޓޭ ވައްތަރުޖަހާ މީހެއް" ނަތާޝާ ބުނެލިއެވެ. ކެންޒާގެ މޫނުން މާޔޫސްކަން ފާޅުވެލިއެވެ. ޔާފިއާ މަޑެއްނުކުރިއެވެ. އޭނާ ކޮނޑުމަތީ އޮތް ތުވާލި ކޮޅުން ދެއަތް ފުހެލުމާއެކު އެ ތުވާލިކޮޅު އެއްފަރާތުގައި ބާއްވާފައި ބަދިގެއިން ނުކުމެއްޖެއެވެ.
"ކެންޒާ އެކަހަލަ މީހުންނާ ވެސް ރައްޓެހީތަ؟" ނަތާޝާގެ ބެލުމާއި އަޑުގައި ހުރި ރާގުން އޭނާ އެ ހީކުރަނީ ރަނގަޅަށް ނޫންކަން ކެންޒާއަށް ސާފުވިއެވެ. ކެންޒާ އަނގައިން ނުބުނެ ހުރުމުން އަނެއްކާ ވެސް ނަތާޝާ ވާހަކަދެއްކިއެވެ.
"ދަންނާތި ދޯ މިތަނަށް އަންނަން އެނގެނީ، އަހަރެންގެ ޑިއުޓީގަ ދެފަހަރަށް އެމީހާ އަތުވެއްޖެ، ކެންޒާ ކޮބާތޯ އަހަނީ" ނަތާޝާ ބުންޏެވެ. ހިމޭންކަން ކެންޒާ ޚިޔާރުކުރީ ހަޤީޤަތް ބުނެދޭން ބޭނުންނުވާތީއެވެ. ކެންޒާ މަސައްކަތަށް އެނބުރިލުމުން ނަތާޝާގެ މޫނުން ފާޅުވީ ފޫހިކަމެވެ. އޭނާ ދެއްކި ވާހަކައަށް ކެންޒާ ރައްދެއް ނުދިންތަނުގައި އަޑު އިވުނުކަމަށް ވެސް ނުހެދީއެވެ.
"ކެންޒާ" ނަތާޝާ ގޮވާލިއެވެ.
"ޓޭބަލް ޓޫގެ އޯޑާރ އެހެރީ ރެޑީވެފަ" އިތުރަށް އެ މައުޟޫޢު ކުރިއަށް ގެންދިޔަ ނުދޭން ކެންޒާ ބުންޏެވެ. ނަތާޝާއަށް ވެސް މަޑުކުރަން ނުކެރުނީ ތަނުގެ ވެރީންނާ އޭނާއަށްވުރެ ގާތްކަން ބޮޑީ ކެންޒާއަށް ވީމައެވެ.
ތަބަކުގައި އަތުރާލި ތަށިތައް ހިފައިގެން ނަތާޝާ ނުކުތުމުން ކެންޒާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަޑުމަޑުން އޭނާއަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. އޭނާ ހޯދަން އައި މީހަކީ އޭނާގެ ބައްޕަކަން ޔަގީނެވެ. އެކަން ވެސް މިހާރު ބޮޑުވެއްޖެ ކަމަކަށްވެއްޖެއެވެ. ގެއިން ހަމީމަށް ފައިސާ ނުދިނީމަ ކެންޒާ މަސައްކަތް ކުރާ ތަނަށް ފައިސާ ދޭން ކިޔަން އަންނަނީއެވެ. އެ ޚިޔާލުގައި ހުއްޓާ ބަދިގެއަށް މީހަކު ވަންކަން އެނގި ކެންޒާ ލޯހުޅުވާލިއެވެ.
"ލާރިދޭށޭ ބުނީތަ؟" ޔާފިއާ ފެނުމުން ކެންޒާއަށް އަހާލެވުނެވެ.
"ދެން އެހެން ކޮންކަމަކު އޭނާ އަންނަނީ، އަހަރެން ބުނެފަ މިއައީ ދެން ކެންޒާ ހޯދަން އަތުވެއްޖެއްޔާ ފުލުހުންނަށް ގުޅާނަމޭ" ޔާފިއާ ބުންޏެވެ.
"ޔާފިއާ ލާރި ދީނީތަ؟" ކެންޒާއަށް ޔަގީންވާތީ އަހާލިއެވެ.
"ފަސޭހައިން ފޮނުވާލެވޭނީ އޭރުންނެއްނު" ޔާފިއާ ބުންޏެވެ.
"ކިހާވަރެއް ދިނީ" ކެންޒާ ވަގުތުން އޭނާގެ ދަބަސް ހޯދަން އުޅުނެވެ. އެހިނދު އޭނާގެ އަތުގައި ޔާފިއާ ހިފިއެވެ.
"ބޮޑު އެއްޗެއްނޫން، އެންމެ ވިހި ރުފިޔާ، އެކަމަކު ދެން އަތުވެއްޖެއްޔާ އަހަރެން ފުލުހުންނަށް ރިޕޯޓުކުރާނަން" ޔާފިއާ ބުންޏެވެ. އޭނާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ކެންޒާ ބޯޖަހާލިއެވެ. ބައްޕައެއްކަމަކު މިއަދު އެ ބައްޕައާމެދު ކަންތައްކުރަން ޖެހިފައި އޮތީ އެކަހެރިކުރަން ޖެހިފައި ހުރި މީހަކު ފަދައިންނެވެ.
* * * * *
ގަޑިން އެކެއްޖަހަނީއެވެ. ގެއަށް އައިސް ފެންވަރާލުމަށްފަހު ކެންޒާ އައިސް ބަދިގެއަށް ވަނެވެ. ބައްޕަ ކޭތޯ ބެލުމަށް ރައިސްކުކާގެ މަތި ނެގިއެވެ. ކޮންމެ ދުވަހަކުވެސް މެންދުރަށް ކުލާހުން އައިސް ވަގުތު ނޯންނާތީ ކެންޒާ ގޭގައި ތައްޔާރުކުރަނީ ނޫޑުލީހެވެ. ބަތަށްވުރެ ހަމީމަށް ކަމުދާނޭކަން އެނގޭތީއެވެ. ގޭގައި ކާން ހުންނާނެ ހަމައެކަނި މީހަކީ ވެސް އެއީވީމައެވެ. އެހެންނަމަވެސް ކައިފަ ހުރިކަމުގެ ނިޝާނެއް ނެތެވެ. ރައިސްކުކާއިން ކަރަންޓު ކަނޑާލައި އެއިން ކެންޒާ ވަސްބަލާލިއެވެ. ނުބައިނުވާތީ އޭނާ ރައިސްކުކާގެ ތެލި ނަގައިގެން ކާމޭޒު ދޮށުގައި ކާން އިށީނެވެ. ތަށްޓަކަށް އެޅުން ވެސް މުހިންމެއްނޫނެވެ. އޭރު ބަދިގެއަށް ވަދެ ކާމޭޒުމަތީ ބެހެއްޓި ކޮތަޅު ހުއްޓެވެ. އެއީ ރެސްޓޯރެންޓުން ކެންޒާ ގެނައި ތެލުލި ކުކުޅުފައިގެ ދެފައެވެ. ކޮތަޅުން ފާރުސަލްތަށި ނަގައި ހުޅުވާލާފައި ފިނި ފެންފުޅިއެއް ނަގައިގެން އައިސް މޭޒުދޮށުގައި ކެންޒާ އިށީނެވެ. ރެސްޓޯރެންޓުން ކެއުމުގެ އިންތިޒާމު ކެންޒާއަށް ހަމަޖެހިފައި އޮތަސް އޭނާ ގެއަށް އައިސް ގޭގައި ހުންނަ އެއްޗެއް ވެސް ކާން ބޭނުންވެއެވެ. ވަގުތަކަށް ބެލުމެއް ނޯވެއެވެ. ކައި ނިމޭއިރު ހުންނަނީ ގެއަށް އައިއިރަށްވުރެ ބޮޑަށް މީހާ ވަރުބަލިވެފައެވެ. ދެން ބަދިގެ ތެރެ ސާފުކޮށްފައި ކޮޓަރިއަށް ވަދެ އެނދުގައި ޖެހޭއިރަށް އޭނާއަށް ނިދޭނެއެވެ.
* * * * *
ހެނދުނުގެ ނާސްތާކޮށްގެން އެންމެ އަވަހަށް ގެއިން ނުކުތީ ލައިތުއެވެ. އޭނާގެ ފަސްފަހަތުން ޔާދިން ނުކުތެވެ. ޖިނާން ބަދިގެ ތެރޭގައި އޭނާގެ "ޕްރޮޓިން ޝޭކް" ތައްޔާރުކުރުމުގައި އުޅެއެވެ. އެންމެންގެ ތެރެއިން އެންމެ ހަގީ އޭނާއެވެ.
"ޖިނާން ކޮންކަމާ ރުޅިހަދާލައިގެން އެއުޅެނީ" ގެންގުޅެކޭ ކުއްޖަކާ ތަންކޮޅެއް ހަރުކަށިކޮށް ވާހަކަދައްކާތަން ފެނި ކަސްތޫރި އަހާލިއެވެ.
"ހޭލިއިރު ނިތްކުރީގައި ބިއްސެއް ނަގާފައިނީ، އޭނާގެ އެނދުގެ ތަންމަތި ދޮވެފައި ހުރިގޮތުންވީގޮތެކޭ އެކިޔަނީ، އެކަމަކު ހަމަ އެހެންޏާ ވެސް ދޮންނަ ގޮތަކަށޭ ދޮވުނީ، އެއްވެސް އެއްޗެއް ބަދަލެއްނުކުރަން އަދި... މިއަދު ބޭރަށް ވެސް ދެން ނުނިކުމެވޭނެޔޯ، އަންހެނެއްތަ މީ ދެން އެހެންއުޅެން" ސަރަފީނާ ދެފަރާތަށް ބޯހޫރުވަމުން ބުނެލިއެވެ. ކަސްތޫރީ ހީނލީއެވެ.
"އޭނާއަށް އޭނާގެ ހަށިގަނޑު ވަރަށް މުހިންމުވާނެ، އިއްޔެވެސް އައިސް ބުނި، މިއުޅެނީ މިސްޓާރ މޯލްޑިވްސް ކައިރިން ޓްރެއިނިންގ ނަގަންށޯ، ހަށިގަނޑު ރީތިކޮށްލަން، މިހާރު އަންހެންކުދީންނަކަށް ކަމަކުނުދާނެޔޯ ސިކްސްޕެކް ނެތިއްޔާ، އޭނާގެ ވިސްނުން ހުރިގޮތް މިބުނީ" އަސަދު އިތުރުކޮށްލިއެވެ.
"އަހަރެން ހިތަށް އަރާ މިތަނުން ކާކުބާއޭ ފުރަތަމަ މީހަކާ އިންނާނީ، އަހަންނަށް ޔަގީން ލައިތު އެންމެފަހުން އިނަސް އިންނާނީ މީހަކާ، ފުރަތަމަ އިންނާނެ ކުއްޖަކަށް ސެހްރާން ވާނެކަންނޭނގެ" ކަސްތޫރީ އިނީ ހިނިތުންވެލައިގެންނެވެ. އޭނާ އެ ޚިޔާލުކުރާ މަންޒަރުތަކުން ހިތްހަމަޖެހުން ލިބޭ ފަދައަކުންނެވެ.
"އެހެންބުނީމަ މި ހަނދާންވީ، ކޮންމެވެސް ޑްރައިވަރު ފޮނުވައްޗޭ އެއަޕޯޓަށް، ސެހްރާނު ބުނި ބޯޓަށް އަރަމުން ވެސް ގުޅާނަމޭ" ހަނދާންވުމުން ކަސްތޫރީ ބުންޏެވެ.
(ނުނިމޭ)