ހަބަރު

ކޯލް ސެންޓަރުގެ ހިދުމަތްތައް ރަނގަޅު ކުރާނަން: ސީޕީ

Apr 16, 2020

ލޮކްޑައުންގެ ތެރޭގައި ފުލުހުންގެ އެހީތެރިކަމަށް އެދޭ ކޯލް ސެންޓަރުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން އެހީތެރިކަމަށް އެދި ކޯލް ސެންޓަރަށް އެއްފަހަރާ ޖަވާބު ދެވޭ އަދަދާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހިދުމަތަށް ފަސޭހައިން އެދޭނެ އޮންލައިން ޕޯޓަލްގެ ބޭނުން ކުރުމަށް ވެސް ސީޕީ ވަނީ އެދިލައްވައިފަ އެވެ.

ސީޕީ ކުރެއްވި ޓުވީޓް

ސީޕީ މިހެން ވިދާޅުވީ 24 ގަޑިއިރުގެ ލޮކްޑައުންއާ ގުޅިގެން އެހީތެރިކަމަށް އެދޭ ފުލުހުންގެ ކޯލް ސެންޓަރުގެ ނަމްބަރަށް ނުގުޅޭ ކަމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ. ސީޕީ ކުރެއްވި ޓުވީޓުގައިވާ ފޮޓޯ އިން ފެންނަ ގޮތުގައި 1400 އަށް ވުރެ ގިނަ މީހުންގެ ފޯނަށް ވަނީ ޖަވާބު ދީފަ އެވެ. އަދި 1200 އަށް ވުރެ ގިނަ މީހުންގެ ފޯނަށް ޖަވާބު ނުދެވެ އެވެ.

ލޮކްޑައުން ތެރޭގައި އެއްވެސް މީހަކު މަގުމައްޗަށް ނުނިކުތުމަށް ފުލުހުން އަންގާފައިވާއިރު ނިކުންނަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލެއިން މިހާތަނަށް ތިން މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފައިވާއިރު މާލެ އޮތީ ރެޑް އެލާޓް ހާލަތަށް ގެނެސްފަ އެވެ.