ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރައީސުންގެ ކީރިތި ކުރެއްވުން ގާތުން ފެނުނު ފޮޓޯގްރާފަރުގެ ބަސް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ގައުމާ މުހާތަބު ކުރެއްވި ދުވަހަކީ އަވަހަކަށް ދިވެހިން ހަނދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބިރުވެރިކަން ރާއްޖެއަށް އައިސް މާލެ ތެރޭގައި ފެތުރިގަތް ހަބަަރާއެކު ރައީސް ގައުމާ މުހާތަބު ކުރެއްވީ ރައްޔިތުންނަށް ހާއްސަ އިލްތިމާސްތަކެއް ކުރެއްވުމަށެވެ. އެ އިލްތިމާސްތައް ކުރައްވަމުން ރައީސްގެ ބަސް ހުއްޓި ފެންކަޅިވި އެވެ. އެންމެފަހުން ކީރިތި ވެސް ކުރެއްވި އެވެ.

ޓީވީއިން ލައިވްކޮށް ގެނެސްދިން އެ ކުރު ވީޑިއޯކޮޅު ބަލަން ތިބި އެންމެންހެން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. ކަމުގެ ހުރި ބިރުވެރިކަމާއި ނުރައްކާ އިހުސާސްވާން ފެށީ ދެނެވެ. އެއާއެކު ބަޔަކު ސްޓޭޓަސްތަކެއް ޖެހި އެވެ. އިދިކޮޅުގެ ބައެއް އިސް ފަރާތްތައް އެއީ ސްޓަންޓްއެއް ކަމަށް ސިފަކޮށް މަލާމާތުގެ ޓްވީޓުތައް ކުރި އެވެ. މި ޓްވީޓުތަކާ ދެކޮޅަށް ބައެއް އާއްމުންވެސް ތެދުވި އެވެ.

އާއްމުން ރައީސްއަށް ދެއްވި ހިތްވަރުގެ ޓްވީޓުތަކާ އެކު، މިއަދު ފެނުނީ ރައީސްގެ ފޮޓޯގްރާފަރު އޭނާގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލި މަންޒަރެވެ. އޮގަސްޓު މަހުގެ 1، 1999 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ފޮޓޯގްރާފަރުގެ ގޮތުގައި ހުރި މުހައްމަދު އަލީ މިއަދު އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ސްޓޭޓަސްއެއް ޖަހާފައި އޮތެވެ. ސްޓޭޓަސް ފެށީވެސް ސިޔާސީ ނުކުރުމަށް އެދި އެވެ.

އޭނާ ސްޓޭޓަސްގައި ޖަހާފަައިވެ އެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާ އިއްޔެ ދެއްކެވި ވާހަކަފުޅުގައި ކީރިތި ކުރެއްވީ ސްްޓަންޓު ޖައްސަވަން ކަމަށް ބަޔަކު އެބަ ކިޔަ އެވެ. އެކަމަކު އެތަނުގައި ހުރި ރައީސްގެ އޮފިޝަލް ފޮޓޯގްރާފަރުގެ ހައިސިއްޔަތުން އޭނާ ބުނީ އެމަަނިކުފާނަށް ކީރިތި ކުރެއްވުނީ ބޭއިހްތިޔާރުގައި ކަމަށެވެ.

މުހައްމަދު ބުންޏެވެ؛ "ސުނާމީ ހާދިސާ އާއި އެނަމާ ބޯޓުގެ ހިތާމަވެރި ހާދިސާ ހިނގި އިރުވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި ހުރިހާ ރަށަކަށް ދަތުރު ކުރީން، އެ ދަތުރުތަކުގައި ރައިސް މައުމޫން ކީރިތި ކުރެއްވި ތަންވެސް ދެކުނިން،"

ރާއްޖޭގެ ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހިމް ނާސިރު އަވަހާރަ ވެގެން ރާއްޖެ ގެނެސް ވަޅުލީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ދުވަހު ވެސް ފޮޓޯގްރާފަރު މުހައްމަދުގެ ހަނދާނުގައި ހުއްޓެވެ. އޭނާ ބުންޏެވެ؛ "އެ ރަސްމިއްޔާތުގެ ފޮޓޯ ވެސް ނެގީ އަޅުގަނޑު، ރައީސް ނަޝީދު ވެސް ހަމަ އެގޮތަށް ކީރިތި ކުރެއްވިތަން ދެކުނިން، ވަރަށް ކައިރިން ދެކުނިން،"

ކުރީގެ އެޓޮލް މިނިސްޓަރު އަލްމަރްހޫމް އަބްދުﷲ ހަމީދު ރާއްޖެ ގެނެސް ވަޅުލެއްވި ރަސްމިއްޔާތުގެ ފޮޓޯ ނެގި ދުވަސް ވެސް އޭނާގެ ހަނދާނުގައި މިއަދު ވެސް ސިފަވެ އެބަހުއްޓެވެ. އެ ރަސްމިއްޔާތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކީރިތި ކުރެއްވިތަން ގާތުން ފެނުނު ކަމަށް މުހައްމަދު ބުންޏެވެ. ރައީސް ޔާމީން އާއެކު އޮފިޝަލް ފޮޓޯގްރާފަރެއްގެ ގޮތުގައި ހުރެ ސިނަމާލެ ބްރިޖް ހުޅުވި ދުވަހު އެމަނިކުފާނު ޖަޒުބާތީ ވީ މަންޒަރު އެންމެ ގާތުން ފެނުނު އެކަކީ އޭނާ އެވެ.

"އެހެންވެ ރައީސުން ކީރިތި ކުރެއްވުމަކީ ސްޓަންޓެއް ނޫންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ،" މުހައްމަދު ބުންޏެވެ.

ރައީސުންގެ އަރިހުން، ހާއްސަ ފޮޓޯގްރާފަރުގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން މުހައްމަދު ވަނީ މަސައްކަތް ކޮށްފަ އެވެ. ސިފައިންގެ އިން ރިޓަޔާކޮށް ރަސްމީ ވަޒީފާ، 2017 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހުގައި ދަނީ އަދާ ކުރަމުންނެވެ.

މިއަދު މުހައްމަދު އަލީ އެ ބަންޑުންކޮށްލީ އޭނާގެ އިހުސާސްތަކެވެ. ކޮންމެ ރައީސްއާއެކު ފޮޓޯގްރާފަރުގެ ހައިސިއްޔަތުން ހޭދަކުރި ދުވަސްތަކުގައި އެންމެ ކައިރިން ކަންކަމުގައި މަސައްކަތްކޮށް އުފަލާއި ހިތާމައިގެ ވަގުތުތައް އޭނާގެ ކެމެރާ ލެންސަށް ނެގި އެވެ. އެއީ ސްޓަންޓެއް ނޫންކަން ފޮޓޯގްރާފަރުވެސް ހެކިވެ އެވެ.