ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކާށިދޫ

ކާށިދޫ، މޮނިޓަރިންގެ ހާލަތުން ނަގައިފި

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކާ ސީދާ ކޮންޓެކްޓުވި މީހަކު ކ. ކާށިދޫއަށް ދަތުރުކޮށްފައި ވާތީ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

އެންއައިއޯސީން މިހާރު ދަރުބާރުގޭގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާ ކޮންޓެކްޓުވި މީހަކު ކ. ކާށިދޫއަށް ދަތުރު ކޮށްފައިވާތީ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައުމަށް ފަހު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެހެން ކަމުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި ވަނީ ދެ ރިސޯޓަކާ ސަފާރީއެކެވެ. އެއީ ޖުވެލި މޯލްޑިވްސްއާ އެ ރިސޯޓް ހިންގާ ކުންފުނިން ތަރައްގީ ކުރަމުންދާ ބޮޑުފުށި ރިސޯޓެވެ. މީގެ އިތުރުން މޯލްޑިވިއާނާ ސަފާރީއެވެ.

މަބުރޫކް ވިދާޅުވީ މިއަދުގެ ނިޔަލަށް 3588 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 28 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 3267 ސާމްޕަލް ނެގެޓިވްވެފައިވާ އިރު އޭގެ ތެރޭގައި 246 ސާމްޕަލަކީ ކުރެއްދޫއިން ނަގާފައިވާ ސާމްޕަލްތަކެވެ.

މިވަގުތު 61 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. ކަރަންޓީންގައި ތިބީ 1053 މީހެކެވެ.

މީގެ އިތުރުން މިއަދު ތިނެއް ޖެހިއިރު 69 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލާފައެވެ. އަދި ދޫކޮށްލުމަށް 111 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ މީހުންގެ ނަތީޖާ ނެގެޓިވްވެއްޖެނަމަ މާދަމާ ދޫކޮށްލާނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ. އޭގެ ތެރޭގައި މާލެއިން ބައްޔަށް ޕޮޒިޓިވްވި އައް މީހުންވެސް ހިމެނެއެވެ.