ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކާށިދޫ ލޮކްޑައުންކޮށް، އަރާ ފޭބުން މަނާކޮށްފި

Apr 15, 2020
1

ކޮވިޑް-19ޗއަށް ޕޮޒިޓިވްވެފައިވާ މީހަކާ ސީދާ ކޮންޓެކްޓުވި މީހަކު ކ. ކާށިދޫއަށް ދަތުރުކޮށްފައި ވާތީ، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ ސީދާ ކޮންޓެކްޓުވި މީހަކު ކ. ކާށިދޫއަށް ދަތުރު ކޮށްފައިވާތީ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ވަގުތީ ގޮތުން އެ ރަަށަށް އަރާ ފޭބުން މަނާ ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭއިން އިތުރަށް ބުންޏެވެ.

ކާށިދޫ ލޮކްޑައުންކޮށްފައި މިވަނީ، މިއަދު މާލެއިން ދިވެއްސަކު ޕޮޒިޓިވްވެފައި ވަނި ކޮށެވެ. ނަމަވެސް، ކާށިދޫއަށް ދަތުރުކުރި މީހާއަކީ، މިއަދު މާލެއިން ޕޮޒިޓިވްވި މީހާއާ ސީދާ ކޮންޓެކްޓިވި މީހެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެން، ކުރިއަށް އޮތް 24 ގަޑިިއިރަށް މާލޭ ސަރަހައްދު ވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ވަނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅު ވެސް ވަކި ގޮތެއް އަންގަން ބަންދުކޮށްފައިވާ ކަމަށެވެ.

މި ސަރަހައްދުތަކުގައި މިވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް ނުކުތުން ވެސް މަނަލެވެ. މީގެއިތުރުން މާލެ އާއި ހުޅުމާލޭގެ ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ވަނީ ހުއްޓާލަން އަންގައިފަ އެވެ. އަދި މި ސަރަހައްދުތަކަށް މީހުން އަރައި ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ.

ލޮކްޑައުންކުރުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެނަމަ އާންމުކޮށް އަމަލު ކުރާ އުސޫލެވެ. މީގެކުރިން ގިނަ ރިސޯޓްތަކާއި ރަށްތައް ވެސް ލޮކްޑައުންއަށް ގެނެސްފައިވެ އެވެ

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.