ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ޑޮކްޓަރުންގެ ދުވަސްް: އެންމެ އާދޭހެއް!

މި ދުވަސް އެހެންޏާ އެމީހުން ފާހަގަ ކުރަނީ ކުލަގަދަ ކޮންނެވެ. އެކި ކުލަ ކުލައިގެ މަލުން ވެދުންކޮށް ކޭކު ފަޅާ ހަދަ އެވެ. ފުއްޕާހަން އެލުވާ ދުވަހުގެ މުނާސަބާގައި އެމީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާ ދީ ވެސް ހަދަ އެވެ. ކޮންމެ އަހަރަކު ޑޮކްޓަރުންގެ ދުވަހުގެ ސެލެބްރޭޝަން މަޖާވެފައި އުފަލެވެ. މިއަދު މިއޮތީ އެފުށް މިފުށަށް ޖެހިފަ އެވެ. ހިތް ނުތަނަވަސްވެ ބޮޑު ބިރުވެރިކަމެއްގައި ތިބި އިރު މިއަދު ރާއްޖޭގައި ފާހަގަ ކުރާ ޑޮކްޓަރުންގެ ދުވަހު އެމީހުންނަށް ހަދިޔާ އެއް ބޭނުމެއް ނުވެ އެވެ. ޝުކުރުގެ ބަސްތައް ހައްގުވިޔަސް އެ އެދެނީ އެންްމެ ކަމަކު އެވެ. އެމީހުންގެ އާދޭހަކީ މިއަދު ހަމަ އެންމެ ކަމެކެވެ.

ކުރިންވެސް ބުންޏެވެ. އަޑެއް ނޭހި އެވެ. ކަންކަން ގޯހުން ގޯހަށް ގޮސް ޑޮކްޓަރުން ގޮތް ހުސްވާ ހިސާބަށް ދިއުމުގެ ކުރިން އެ އާދޭހުގެ އަޑު އަހާށެވެ. ބަސް އަހައިގެން ގެއަށް ވަންނާށެވެ.

ރާއްޖޭގައި ފާހަގަ ކުރާ ޑޮކްޓަރުންގެ ދުވަހަކީ 18 އޭޕްރީލް އެވެ. ޑޮކްޓަރުންގެ ދުވަހު، މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން މިއަދު ރާއްޖެއަށް އައިސް ފެތުރިގަނެފި އެވެ. މިއަދު އެންމެންގެ ހިދުމަތުގައި ތިބި ބައެއް ޑޮކްޓަރުން އެމީހުންގެ އިހުސާސްތައް ބަންޑުންކޮށްލައިފި އެވެ. ޑރ. މުހައްމަދު އަލީ ބުންޏެވެ؛ އާއްމުކޮށް މި ދުވަސް ޑޮކްޓަރުން ފާހަގަ ކުރަނީ ވަރަށް މަޖާކޮންނެވެ. މި ބަލިމަޑުކަަމާ ގުޅިގެން އެންމެން މިއަދު ތިބީ އެކުގައި އަތުކުރި އޮޅާލައިގެން މަސައްކަތަށް ތައްޔާރަށެވެ. އަދި މިއީ ފަސް ޖެހެންވީ ވަގުތެއް ނޫން ކަމާއި ކެރިގެން ކުރިމަތިލާ ހާސިލް ނުވި ކަންކަމާ ހިތާމަ ކުރަންވީ ވަގުތު ނޫން ކަމަށްވެސް ޑރ. ބުންޏެވެ.

ކޮންމެ ދުވަހަކު ހުދު ޖެކެޓު އަޅައިގެން އެތައް ބަލި މީހުންނަކާ ކުރިމަތިލާ މި ޑޮކްޓަރާއެކު މަސައްކަތް ކުރާ އެކުވެރި ޑޮކްޓަރުންނަށް ދުވަހުގެ ތަހުނިޔާ ކިޔުމާއެކު ދެންވެސް ދިނީ އާއްމުންނަށް މެސެޖެކެވެ. ބޭސް ސިޓީ އެއް ހެން ލިޔެފައި ނޫނަސް އެއީ އަނެއްކާވެސް ނަސޭހަތެކެވެ.

"ގޭން ބޭރަށް ނުނިކުމެ މަޑު ކުރެއްވުން އެއީ ތިޔަފަރާތަށް ކުރާ އިލްތިމާސް އެއް. ގޭގައި މަޑު ކުރާއިރު ކުޑަކުދިންނަށް ގޭތެރޭގެ ސަލާމަތާއި ރައްކާތެރި ތަނެއް ކަމުގައި ޔަގީން ކުރާތި. އެންމެން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދޭތި. ގެވެށި އަނިޔާ ރިޕޯޓު ކުރާތި. ދިގުމުއްދަތަކަށް ބޭސް ކުރަންޏާ ބަލި މީހުންގެ ބޭސް ހުރިތޯ ދުރާލާ ބަލާ އެކަން ހާމަ ކުރާތި.. "

މިއަދުވެސް ޑޮކްޓަރު ބޭނުންވީ އާއްމުން ސަމާލުވާންވީ ކަންކަން ކިޔައިދީ އެކަން ހަނދުމަކޮށްދޭށެވެ. ގޭގައި ތިބޭ އިރު ސަމާލުކަންދޭންވީ ކަންކަމުން ފަށައިގެން ކެއުމުގައި ބަލަންޖެހޭ ކަންކަންވެސް މުހިއްމު ކަމަށ ފާހަގަ ކޮށްފައި ހުއްޓެވެ.

"ކޮވިޑް-19ގެ ބަލީގަ ހަނދާން ބަހައްޓަން ޖެހޭނެ މި ބަލި ޖެހޭ 80 ޕަސެންޓު މީހުންނަށް ފެންނާނީ ވަރަށް އާދައިގެ ރޯގާއެއްގެ އަލާމާތްތައް. ވަކި ފަރުވާއެއް ނުދިނަސް ރަނގަޅުވާނެ. ނަމަވެސް 20 ޕަސެންޓު މީހުން ސީރިއަސް ވާނެ. އޭގެ ތެރެއިން 9 ޕަސެންޓު މީހުންގެ ހާލު ނާޒުކު ވެދާނެ. އަބަދު ހިތް ނުތަނަވަސް ވެފައި ހުންނަ ނަމަ މި ބަލީގެ ހަބަރުތައް ގިނައިން އަހާ ނުހަދާތި. މާތްﷲ އަށް ގިނަ ގިނައިން ދުއާ ދެންނެވުމާ އަޅުކަން ކުރުން ގިނަ ކުރާތި" -- ޑރ. މުހައްމަދު އަލީ

އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ބުންޏެވެ. މިއަދު އެމީހުންނަށް ދެވޭނެ އެންމެ ބޮޑު ޝުކުރަކީ ޑޮކްޓަރުންގެ ވާހަކަތައް ގަބޫލު ކުރުމާއެކު އެދޭ ކަންކަން ކޮށްދިނުމެވެ. އެމީހުންވެސް ދަރިން ގޭގައި ބަހައްޓާފަައި ރިސްކަށް ހުށަހެޅި މަސައްކަތް ކުރާއިރު އާއްމުންނަށް އެވަރު ކޮށްދެވެން ވާނެ ކަމަށް ދެކެ އެވެ. މިއީވެސް އިލްތިމާސެކެވެ. ހިތުގެ އަޑިން އާދޭހާއެކު އެތައް ޑޮކްޓަރުންނެއް އެތައް ދުވަހެއް ވަންދެން ކުރަމުން އަންނަ އާދޭހެކެވެ.

މި ބަލި ރާއްޖޭގައި ފެތުރި މާލޭގައިވެސް އެތައް ކޭސް އެއް މިހާރު ފެނިއްޖެ އެވެ. ތިން ކްލަސްޓާ އެއް އުފެދިގެން އައި އިރު ކޭސްތައް ގިނަވުންވެސް އެކަށީގެންވެ އެވެ. އެކަން ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. ޑރ. ޝީނާ މޫސާ ވިދާޅުވީ، މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ފެތުރެން ފަށައިފި ކަމުގައި ވާނަމަ ފަރުވާ ދެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އާއްމު ރައްޔިތުން ކިޔަމަންތެރިކަން ނުދައްކައިފިނަމަ އެތައް ބަޔަކާ އުމުރަށް ދުރުވާން ޖެހިދާނެ ކަމުގެ ބިރުވެރި އިންޒާރެއްވެސް ޑރ. ޝީނާ ދެއްވި އެވެ.

ފްރަންޓް ލައިންގައި ގުރުބާންވެގެން މަސައްކަތް ކުރާ ހީރޯ އިންނަށް މިއަދު ޝުކުރު ހައްގެވެ. ދުވަހުގެ ތަހުނިޔާ އެވެ. މި ޝުކުރު މިއަދު އަދާ ކުރެވެން އޮތީ ގޭގައި ތިބެގެންނެވެ. އެމީހުން އެދެނީ އެގޮތެވެ. އާދޭސްވެސްް އެ ކުރަނީ އެކަމަށެވެ.