މާލޭ ލޯކަލް މާރުކޭޓުގައި ހުރި ތަކެތި ކުނިވާތީ އެތަން ހުސް ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ، ލޯކަލް މާރުކޭޓުގައި ހުރި ތަރުކާރީ އާއި މޭވާތައް ގަންނާނެ މީހެއް ނުވެ ވިއްކަން ގެނެސްފައި ހުރި އެކި ބާވަތްތައް ކުނިވަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެތަކެތި ވެރި ފަރާތްތަކާ ހަވާލުކޮށް ލޯކަލް މާރުކޭޓު ހުސް ކުރަމުން އަންނަ ކަމަށެވެ.
ލޯކަލް މާރުކޭޓުގައި ހުރި ވިޔަފާރިވެރިން އިއްޔެވެސް ވަނީ ބައެއްް ތަކެތި އުކާލާފަ އެވެ. މޭވާ އާއި ތަރުކާތީތައް ގަންނާނެ މީހެއް ނުވެ ކުނި ވުމާއެކު މޫދަށްވެސް ބައެއް ތަކެތި އުކާލި އެވެ. ކޮވިޑް-19 އާ ގުޅިގެން މާލޭ ލޯކަލް މާރުކޭޓުން ހިދުމަތް ދޭ ގަޑިތަކަށްވެސް ބަދަލު ގެނަ އެވެ. އެގޮތުން، ހެނދުނު 6:00 އިން ހަވީރު 16:00 އަށް ވިޔަފާރި ކުރުމުގެ ހުއްދަ މި މަހު ކުރީކޮޅު ދިނެވެ. މިހާރު ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ހިމެނޭ ސަރަހައްދަކީ މާލޭގައި ވިޔަފާރި އެންމެ ގިނައިން ކުރާ ސަރަހައްދެވެ. ހާއްސަކޮށް ރޯދަމަހު މި ދެ މާރުކޭޓުގައި ވިޔަފާރިތައް ގިނަ އެވެ.
ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ މުޅި ރާއްޖެ ލޮކްޑައުން އަކަށް ގޮސްފައި އޮއްވަ އެވެ. މާލޭގައި ކޮވިިޑް-19ގެ ކޭސްތައް ފެނި ތިން ދުވަސްތެރޭ ވަނީ 14 މީހަކު ޕޮޒިޓިވްވެފައެވެ.