ކޮވިޑް-19 ގެ ބަލި މާލޭން ފެނުމުގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވެފައި ތިބި މީހުނަށް އެހީވުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން އިމާދުއްދީން ސްކޫލް އާއި ގަލޮޅު ދަނޑުގައި ވަގުތީ ހިޔާއެއް ގާއިމުކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮޕިޝަލް ވިދާޅުވީ ގެދޮރު ނެތި މަގުމަތިވެފައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން އެ މިނިސްޓްރީން އިމާދުއްދީން ސްކޫލްގައި ވަގުތީ ހިޔާއެއް ގާއިމުކޮށްފައިވާ ކަމަށާއި އެ ތަނުގައި 20 މީހުން މި ވަގުތު އެބަ ތިބި ކަމަށެވެ. ގަލޮޅު ދަނޑުގައި ވެސް ވަގުތީ ހިޔާތަކުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިމާދުއްދީން ސްކޫލް އާއި ގަލޮޅު ރަސްމީ ދަނޑުގައި ގާއިމުކޮށްފައިވާ ހިޔާގައި ތިބި މީހުނަށް ނިދުމާއި ފެންވެރުމާއި ފާހަނާ ކުރުމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ވެސް އެ ތަނުގައި ވަނީ ހަމަޖައްސައިފަ އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން 54 މީހަކު އެންމެ ފުރަތަމަ ޖެންޑާ މިނިސްޓްރީގެ ހިޔާތަކަށް ގެންދިޔަ އެވެ. އޭގެ ތެރެއިން 15 މީހަކު ފަހުން ވަނީ އެ މީހުންގެ އާއިލާތަކާ ހަވާލުކޮށްފަ އެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް 34 މީހަކު މިހާތަނަށް ރާއްޖޭން ފެނުނުއިރު މާލޭން ޕޮޒިޓިވް ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ. މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވް 14 މީހަކު މާލޭން ވަނީ ފެނިފަ އެވެ. އެއީ ބަންގްލަދޭޝް މީހަކާއި 13 ދިވެހިންނެވެ.