މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވި 42 މީހަކު މި ވަގުތު ވަގުތީ ހިޔާތަކުގައި އެބަތިބި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މަގުމަތިވި މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މަގުމަތިވެފައި ތިބި މީހުނަށް ކާބޯތަކެއްޗާއި ހިޔާވަހިކަން ހަމަޖައްސާާފައިވާ ކަމަށެވެ.
އެގޮތުން 42 މީހަކު ވަގުތީ ހިޔާތަކުގައި އެބަ ތިބި ކަމަށާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން އެ މީހުނަށް ބޭނުން ވާނެ އިތުރު ވަސީލަތްތައް ހަމަޖައްސަމުން ގެންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މާލެ ލޮކްޑައުންވުމާ ގުޅިގެން މަގުމަތިވި 42 މީހަކު ވަގުތީ ހިޔާތަކުގައި ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީން ކަމެއް ނުވަތަ ނޫން ކަމެއް މިނިސްޓްރީން ނުބުނެ އެވެ.
މާލެ އިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވުމާ ގުޅިގެން އިއްޔެ މެންދުރުފަހު 3:30 އިން ފެށިގެން މާލެ ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފަ އެވެ. އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާއިރު، މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ދެ ދިވެއްސަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއިން އެކަކަކީ ކުރިން ޕޮޒިޓިވްވި މީހާގެ ކުޑަ ދަރިފުޅެވެ.
ރާއްޖޭން މިހާތަނަށް 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނެވެ. އޭގެ ތެރެއިން މާލެއިން ތިން މީހަކު ޕޮޒިޓިވްވިއިރު ދެން ޕޮޒިޓިވްވީ ރާއްޖޭން ބޭރުން އައި ދިވެހިންނެވެ. މިހާރު ބައްޔަށް ފަރުވާ ދެނީ ފަސް ދިވެހިންނަށެވެ. ދެ ޓޫރިސްޓަކު މިހާރު ރާއްޖޭން ބޭރުގައި ތިބިއިރު ދެން ތިބި މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.