(16 އެޕްރިލް 2020 އާ ގުޅޭ)
"އެހެންބުނީމަ މި ހަނދާންވީ، ކޮންމެވެސް ޑްރައިވަރު ފޮނުވައްޗޭ އެއަޕޯޓަށް، ސެހްރާނު ބުނި ބޯޓަށް އަރަމުން ވެސް ގުޅާނަމޭ" ހަނދާންވުމުން ކަސްތޫރީ ބުންޏެވެ.
"މިއަދު މެންދުރު ހިޔެއްނުވޭ އާދެވޭނެހެން، އާމިރު ފޮނުވާނަން ތަށިބަރި ބަލާ" ތުންފުހެލި ނެޕްކިން މޭޒުމަތީ ބާއްވަމުން އަސަދު ބުންޏެވެ.
"އެހާއިރަށް ގެއަށް އާދެވޭނެ" ސަރަފީނާ ބުންޏެވެ.
ސަރަފީނާއަކީ ދަރުމައަށް މަސައްކަތްކުރާ އެންޖީއޯއެއްގެ ބޯޑުމެންބަރުންގެ ތެރޭގައި ހިމެނޭ އަންހެނެކެވެ. ވަކި ވަގުތެއް ކަނޑައެޅިފައި ނެތަސް ކޮންމެ ދުވަހަކު ވެސް ވަކިއިރެއް ވަންދެން އޭނާ ދަރުމައަށް މަސައްކަތްކުރާ އޮފީހަށް ދެއެވެ. އެހެންނަމަވެސް މުހިންމު ކަމެއް ނެތްނަމަ ފިރިމީހާއާއި ކުދީން ގޭގައި އުޅޭ ވަގުތުތަކީ އޭނާ ގޭގައި އިންނަން އިސްކަމެއްދޭ ވަގުތުތަކެކެވެ.
"އާ ޝެފެއް ގެންނަން މަންމަ ގަސްދުކޮށްފިން" އަސަދާއި ސަރަފީނާ މޭޒުދޮށުން ދިއުމުގެ ކުރީން ކަސްތޫރީ ހާމަކޮށްލިއެވެ.
"ޝެފެއްނެތީމަ ވަރަށް އުނދަގޫ، އަޅުގަނޑު ވެސް ބަލަމުން މިދަނީ، މަންމައަށް ކަމުދާ މީހަކު ހުރިއްޔާ އަޅުގަނޑު މީހަކު ހޯދުމުގެ މަސައްކަތް މި ހުއްޓާލީ، ޖިނާން ވެސް ވަރަށް ޝަކުވާކޮށްފި... ކޮންމެ މީހަކަށް ވަކިން ތައްޔާރުކުރަން މިޖެހެނީ" ސަރަފީނާ ބުންޏެވެ.
"މިއަދުތަ އަންނަނީ" އަސަދު އަހާލިއެވެ.
"ނޫން!، އެކަމަކު މިއަދު އެކަމާ އުޅެން ގަސްދުކޮށްފިން، އޭނާ ކައްކާ އެއްޗެހީގެ ރަހަ ވެސް މަންމައަށް ވަރަށް ކަމުދޭ، ސަލްމާ ހޯދާދިން ކުއްޖެއް" ކަސްތޫރީ ބުންޏެވެ.
"މަންމައަށް ވަރަށް ކަމުގޮސްފިހެން ހީވޭ... ތިކަމުގައި އަޅުގަނޑު ކޮށްދޭންވީ ކޮންކަމެއް" އަސަދު ހިނިތުންވެލިއެވެ.
"ގެނައުމުގެ ކުރީން ދަރިފުޅުމެން ގާތު ވެސް ބުނެލީ، މަންމަ ބޭނުމެއްނޫން ބޭރުން އެއްޗެހި ގެނެސްގެން ކާން އާދަވާކަށް" ކަސްތޫރީގެ ބަދަލުނުވާ ޚިޔާލު ފާޅުކޮށްލިއެވެ.
ކަސްތޫރީ ތެދުވުމުން އަސަދާއި ސަރަފީނާ ވެސް ކާމޭޒު ދޮށުން ތެދުވިއެވެ. ސާފުކުރުމަށް ޚާއްޞަވެފައި ހުންނަ ޚާދިމު ކާމެޒު ކައިރިއަށް އައީ ގޭގެ ވެރީން އިތުރު ކަމަކަށް ބޭނުންވެދާނޭތީއެވެ. ނަމަވެސް އޭނާއަށް އެއްވެސް ކަމަކަށް އިރުޝާދެއް ނައެވެ. ކަސްތޫރީއާއި އަސަދުގެ ދެމަފިރިން ކާކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
* * * * *
ފިލާވަޅުތައް ކުރިއަށް ދަނިކޮށް ކެންޒާ ކުލާހުން ނުކުތީ މަންމަގެ ފޯނު އައުމުންނެވެ. މިއަދު މިންނާ ގުޅީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. އެހެންޏާ ފަތިހަށް ގުޅާނެއެވެ. ކުލާހަށް ދާން ގެއިން ނިކުންނަމުން ވެސް މަންމަގެ ފޯނަށް ކެންޒާ ގުޅިއެވެ. ޖަވާބެއް ނުދޭތީ ކެންޒާ ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ކައިފްގެ ހާލު މާބޮޑަށް ގޯސްވީއޭ ކެންޒާގެ ހިތަށް އަރާތީއެވެ.
ފޯނުކޯލު ނިމުނު އިރު ހިސާބެއްގެ ހަމަޖެހުމެއް ކެންޒާއަށް ލިބުނެވެ. ކައިފްގެ ހާލު އިތުރަށް ގޯސްނުވާކަން އެނގުނީމައެވެ. އަދި ވަގުތެއް ވެގެން ކެންޒާ ގުޅާލުމަށް މިންނާ އެދުނެވެ. ކައިފްއަށް ވާހަކަދެއްކޭތީ ކެންޒާގެ އަޑުއަހަން އެ ދޮންބެ ބޭނުންވާކަން މިންނާ ބުންޏެވެ.
ކުލާސް ނިންމާފައި ކެންޒާ ގެއަށް އައިއިރު ހަމީމްއާއެކު ދެ ފިރިހެނުން ސިޓިންރޫމުގައި ތިއްބެވެ. އެތަނުން އެކަކީ ޒުވާނެކެވެ. ދެން އިން މީހާގެ ޖަހަނީ ހަމީމު ފަދައިން ހަރުވައްތަރު ގަނޑެވެ. ވަގުތުން ކެންޒާގެ ފިޔަވަޅު ހުއްޓުމަކަށް އައުމާއެކު އޭނާގެ ލަގޮނޑި އަނގަޔަށް އައި ކަހަލައެވެ. ތިންމީހުން އެއް ސިނގިރޭޓު ބޮނީއެވެ. އެކަކު ބޯލާފައި އަނެކަކަށް ދިއްކޮށްލަނީއެވެ. ސިޓިންރޫމުގެ ކުޑަދޮރުތަކާއި ގޭގެ މައިދޮރު ވެސް ހުރީ ލައްޕާފައިކަމުން އެތެރެ ހީވަނީ ދުންގަނޑެއް ހެންނެވެ. ނުބައި ވަހެއް ވެސް ހުއްޓެވެ. ގޭތެރެއަށް ވަންނަން ކެންޒާ ޖެހިލުންވިއެވެ. އެކަމަކު ނުވަދެ ވެސް ނުވާނެއެވެ.
"ކާއެއްޗެއް ގެނެސްބަލަ" ދޮރުމަތީ ހުރި ކެންޒާއަށް ހަމީމު ބުންޏެވެ. އެއާއެކު އޭނާގެ ކައިރީ ތިބި ދެ މީހުންގެ ތެރެއިން ޒުވާނާ ބަލާލިއެވެ. ކެންޒާއަށް ހިނިތުންވުމެއް ދެމުން ނިތް އަރުވާލިއެވެ.
"ކިހިނެއްތަ؟" ހަލުވިކޮށް ކޮޓަރިއަށް ވަންނަން އުޅުނު ކެންޒާއަށް އެ ޒުވާނާ ބުނެލިއެވެ. ނަމަވެސް އަނގައިން ބުނުމެއްނެތި ކެންޒާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
އެގެއަކީ ހަމީމުގެ މަންމަ ދުނިޔޭގައި ޓީވީއާއި ޑެސްކްޓޮޕަކާއި އެފަދަ އެހެނިހެން ސާމާނު ހުރި ގެއެކެވެ. އެހެންނަމަވެސް އެ ހުރިހާ އެއްޗެއް ހަމީމު ވިއްކާ ހުސްކުރީއެވެ. ވިއްކާލީ ނުއަގުކަމެއް ނޫނީ ކާކަށް ކަމެއް ވެސް ނޭނގެއެވެ. ދަރިން ގާތު އެއްޗެހި ފޮރުވައިގެން ގެންގުޅެން މިންނާ ބުނަންފެށީ އެހެންވެއެވެ. ތަނެއްގައި އެއްޗެއް ފޮރުވާފައި ވެސް ނުބޭއްވެނީއެވެ. މިންނާގެ މައިންބަފައިންގެ ފުށުން ލިބިފައި އޮތް ހަމައެކަނި ހަގުހުރި އެއްޗަކީ ކަރުގައި އޮންނަ ރަންފަށެވެ. އެވެސް ކަރުގައި އޮއްވައި ގެއްލުނީއެވެ. ނާސިހާ ނިޔާވުމުން އޭނާގެ ރަން އޮނގޮއްޓިތަކާއި ކާބަފައިންގެ ޒަމާނުން ވާރުތަވެފައި އޮތް ރަންއުޅާގަނޑު ވެސް ހަމީމު ވިއްކާލީއެވެ. އެ ހުރިހާކަމެއް އޭނާ ކުރީ ކުޑަވަގުތުކޮޅެއްގެ އުފާ ހާސިލުކުރުމަށެވެ.
ތިން ފަހަރު މަތިން މިންނާ ވަރިކޮށް ނީނދެވޭ ވަރުވެފައި ހުއްޓެއްކަމަކު އެކަމެއް ހަމީމު ހަނދާނެއް ނުހުރެއެވެ. ހަމީމުގެ އުޅުން އެނގި އޭނާ ދޫކޮށްލާފައި ދާން އެތައް ފަހަރަކު މިންނާ މަސައްކަތް ކުރިއެވެ. ސަރުކާރުން އެފަދަ މައިންނަށް އެހީތެރިކަމެއް ނޯވެއެވެ. މިންނާގެ މައިންބަފައިންނާއި ޢާއިލާއިން ނުރުހިފައި ތިއްބާ ހަމީމާ ކައިވެނިކުރުންވީ އެމީހުންގެ އެހީތެރިކަމާއި އަޅާލުމުގެ ހިޔާވަހިން މިންނާ ބޭރުކޮށްލި ސަބަބެވެ. އެނބުރި ދާން އޮތީ އެމީހުންގެ ގާތަށެވެ. އެހެންނަމަވެސް މިންނާގެ ބައްޕަ އެންގީ ހަމީމުގެ ކުދީން ގޮވައިގެން އައިސް އެގެއަކަށް ނުވަދެވޭނެކަމެވެ. ހައަހަރުގެ ކައިފްއާއި ހަތަރު އަހަރުގެ ކެންޒާ އެކުދީންގެ ބައްޕަގެ ގާތަށް ދޫކޮށްލާފައި ދާނެހާ ރަޙުމުކުޑަ އަންހެނަކަށް މިންނާނުވެއެވެ. އެކުދީންނަކީ އޭނާ އުފަންކުރި ދަރީންނެވެ. މައިވަންތަކަމުގެ ޒަރެއްގެ މިންވަރު ވެސް މޭގައިވާނަމަ ދަރީން އެއްލާލާކަށް އެއްވެސް މަޔަކަށް ނުކެރޭނެއެވެ. ހަމީމުގެ ގޯނާތަކަށް މިންނާ ކެތްތެރިވާން ނިންމީ ދަރީންނަށް ޓަކައެވެ. އެކުދީން ގޮވައިގެން ހަމީމުގެ ގެއިން ނުކުމެއްޖެނަމަ ބިކަވުންނޫން ގޮތެއް ނެތީމައެވެ. ދަރީންގެ މުސްތަޤުބަލާމެދު މިންނާ ވިސްނާފައި ނިންމި ނިންމުމެކެވެ. މަންމަގެ ކެތްތެރިކަން އެ ދަރީން ބޮޑެތިވުމުގައި ދަސްކުރިއެވެ. ހާލަތަށް ރުހިގެން އުޅެން ކެންޒާއާއި ކައިފްއަށް ދަސްވިއެވެ.
ކައިފްއަކީ އޭނާގެ ކޮއްކޮދެކެ އިންތިހާއަށް ލޯބިވާ ބޭބެއެކެވެ. އިތުރަށް ކިޔަވާ ހިތްވިޔަސް އޭނާ އަވަހަށް ވަޒީފާއަށް ވަނީ ކެންޒާގެ ހުވަފެންތައް ސީދާކޮށްދިނުމަށެވެ. އަމިއްލަ ބަނޑަށް ކުޅުޖަހައިގެން ހުރެ ކާއެތިކޮޅު ކޮއްކޮއަށް ބަހައްޓާ ޒުވާނެކެވެ. ފޮނިއެއްޗެއްސަށް މަރުދޭ ކެންޒާއަށް މެޓައެއް ވިޔަސް ހަފުތާއަކު އެއްފަހަރު ކައިފް ގެނެސްދޭނެއެވެ. އެކަމަކު އޭނާގެ ހިތް ފަޅައިގެން ދިޔައީ ބައްޕަގެ ފަރާތުން މަންމައާއި ކޮއްކޮއަށް ލިބެމުންދިޔަ އަނިޔާއިންނެވެ. އޭނާއާ ޚިލާފަށް ކެންޒާއަކީ ނުރުހިއްޖެނަމަ އަނގައިން ނުބުނެ ހުންނަ ކުއްޖެއްނޫނެވެ. މަންމައާމެދު ބައްޕަގެ ޢަމަލުތައް ހުންނަ ގޮތުން އެދެމެދަށް ކެންޒާވަނުންވީ އަނިޔާގެ ފެށުންކަމުގައެވެ. ސުކޫލު ދައުރު ފެށުމުން ކޮއްކޮގެ ޠަބީޢަތް މަޑުމަޑުން ބަދަލުވިކަން ކައިފްއަށް ފާހަގަވިއެވެ. ބަސްމަދުވެ ޚިޔާލުތަކަށް ގެއްލިފައި އެކަހެރިކޮށް އުޅޭން ކެންޒާ ފެށިއެވެ.
ބަދިގޭގައި ކެންޒާ އުޅުނީ ނޫޑުލިސް ތައްޔާރުކުރާށެވެ. ރައިސްކުކާގައި އެންމެން ކާވަރަށް ތައްޔާރުނުކުރެވޭނެތީ އޭނާ ހުރީ އުނދުން ކައިރީ ތެއްޔެއް އުދައިގެންނެވެ. ބަދިގެ ދޮރުމަތިން މީހަކު ކަރުކެހިލި އަޑުއިވުމާއެކު ކެންޒާ އެދިމާއަށް އެނބުރިލިއެވެ. ބައްޕައާއެކު ހުރި ޒުވާނާ ބަދިގެ ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ. ކޮޅިޖެހި ގަމީހަކާއި ގަދަކުލައެއްގެ ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެންނެވެ. އޮލީވް ކުލައިގެ ހަންގަނޑާއި ދިގު އިސްކޮޅެކެވެ. މޫނުމަތިން ހީވަނީ އަވީގައި ގިނަވަގުތު އުޅޭތީ އަނދާފައި ހުރީހެންނެވެ. އެ ހަށިގަނޑާއި މޫނުން އެއީ ހަމީމު ފަދަ މީހަކާއެކު އުޅޭނޭ ކަހަލަ ޒުވާނެއް ވައްތަރެއް ނުޖަހައެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުންނަން މަސައްކަތް ކުރާ ޒުވާނެކޭ އޭނާ ފެންނަފެނުމުގައި ތަފާތެއް ނެތެވެ. ދިގު އިސްތަށިގަނޑު ފަހަތަށް ގެންގޮސް ހުޅިއެއްހެން އައްސާލާފައި ހުރިއިރު ތުންބުޅިމަތިސް އިސްތަށިގަނޑު ފަދައިން ކަޅުވެފައި ބޮލެވެ. ޢާންމުކޮށް ފެންނަ ޗޮކުލެޓުކުލައަށްވުރެ އެ ޒުވާނާގެ ކަޅީގެ ކުލަ އައްޔެވެ. އެވެސް އޭނާގެ ރީތިކަމަށް އިތުރުވި ސިފައެކެވެ.
"ހާއި..." ކެންޒާ ބަލަން ހުރުމުން އެ ޒުވާނާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އޭނާގެ ކޮންމެ ހަރަކާތެއް ނުހަނު ފިރިހެންވަންތައެވެ. އެހެންނަމަވެސް ކެންޒާއަށް ހުރެވުނީ ހައިރާންކަންމަތީއެވެ. ދެ ލޮލުން ފާޅުވަނީ ޖެހިލުންވުމެވެ. އެކަމުގެ ސަބަބުން ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ.
"ކީއްތިކޮށްލަނީ؟" އެ ޒުވާނާ ވާހަކަދެއްކިއެވެ. އަޑުގައި ހުރީ ހަރުދަނާ ގޮތެވެ. މަސްތުގެ ހާލަތުގައި ހުންނަ މީހަކު ފަދައިން އަނގަވާކޮށްގެން ވާހަކަދައްކާ މީހެއްގެ އަސަރުތަކެއް އޭނާގެ ފުށުން ނުފެނެއެވެ. އިތުރު ހައިރާންކަމެއް ލިބުނަސް އެކަން ކެންޒާ ފާޅެއްނުކުރިއެވެ.
"ކާއެއްޗެހި ރެޑީއެއްނުވޭ، ކޮންބޭނުމަކު ތިއައީ؟" ވާހަކަދެއްކިއިރު ކެންޒާގެ އަޑުގައި ޖެހިލުންވުމެއް ނެތެވެ. އޭގެ ބަދަލުގައިވީ ފޫހިކަމެވެ. އެ ޒުވާނާއާ ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ކުޑަކޮށް ވެސް ނެތްކަމެވެ.
"ފެންފުޅިއެއް ލިބިދާނެތަ؟" ލުއިގޮތަށް ހިނިއައިސްފަ ހުރެ އެ ޒުވާނާ ބުންޏެވެ. އޭނާ ހުރިގޮތުން ބަދިގެއަށް ވަންނަން ގަސްދުކުރާހެން ހިޔެއްނުވެއެވެ.
ކެންޒާ އުނދުން ކައިރިން އައިސްއަލަމާރި ކައިރިއަށް އައެވެ. ފެންފުޅިއެއް ނަގައި އެ ޒުވާނާއަށް ދިއްކޮށްލިއެވެ. އޭނާ ޝުކުރު އަދާކުރަމުން ފެންފުޅީގައި ހިފުމުން ކެންޒާ ކުރަން ހުރި މަސައްކަތަށް އެނބުރިލިއެވެ. އެހެންނަމަވެސް އޭނާއަށް ހިނދުހިނދުކޮޅުން ފަސްއެނބުރި ބަލާލެވެއެވެ. އެ ޒުވާނާ ފެންފުޅި އަނގައަށް ދިމާކޮށް ދެތިން ކޯވަރު ބޯލިއެވެ. އެއަށްފަހު ދޮރުކައިރީ ފެންފުޅި ބަހައްޓާލަމުން ކެންޒާއަށް ބަލަން ހުރީއެވެ.
"ކެންޒާ ދޯ ކިޔަނީ" ޒުވާނާ އަހާލިއެވެ. ނަމަވެސް ކެންޒާ އެއްޗެކޭ ނުބުންޏެވެ.
"މީ މިފްރާހު... ހާދަ ބިރުންނޭ ތިއުޅެނީ، އަހަރެން ކަމެއްކޮށްފާނެތީތަ؟ އެކަމަކު ނޫޅެން ކަމެއްކުރާކަށް... މި އައީ ކެންޒާއާ ޓޯކް ކޮށްލާ ހިތުން" އެ ޒުވާނާ މިފަހަރު އޭނާގެ ގަސްދު ހާމަކުރިއެވެ. އޭނާ އެކިއެކި ވާހަކަ އަމިއްލައަށް ދެއްކިއެވެ. އެހެންނަމަވެސް ކެންޒާ ޚިޔާރުކުރީ ހިމޭންކަމެވެ.
ކައްކާ ނިމުމުން ކާމޭޒުމަތީ ތަށިތައް އަތުރާފައި ކެންޒާ ބަދިގެއިން ނުކުތީއެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި އަވަސްއަރުވާލުންވިއެވެ. ކެންޒާގެ ފަސްފަހަތުން މިފްރާހު އައެވެ. ބައްޕައާއި ދެން ހުރި މީހާއާ ވާހަކައިގަ އިހުތިބިގެން ސިޓިންރޫމުގައި ތިއްބެވެ. ހަމީމް ގާތު ކާއެއްޗެހި ހުރީ ތައްޔާރުވެފައިކަމާއި ކާމޭޒުމަތީ ތަށިތައް އަތުރާފައި ހުންނާނެކަން ކެންޒާ ބުންޏެވެ. އަދި އަވަސްއަވަހަށް ކޮޓަރިއަށް ވަނުމަށް އައެވެ.
"ފެންބޯން ދިޔަގޮތަށް ކަލޭ ތިއައީ ކޮންތާކުން" ހަމީމް ގާތު އިން މީހާއަށް މިފްރާހު ފެނުމުން ވާހަކަދެއްކިއެވެ. އެހެންނަމަވެސް މިފްރާހުގެ ނަޒަރު ހުރީ ކޮޓަރިއަށް ވަންނަން ދިޔަ ކެންޒާއަށް ހުއްޓިފައެވެ.
"ހަމްބެ ދަރި ދޯ އެއީ" މިފްރާހު ބަލާލީ ހަމީމަށެވެ.
"އޭނާގެ މަންމަ ކަހަލަ ބަލާބޮޑު އަންހެނެއް އެވެސް" ހަމީމް ބުންޏެވެ. މާނަވީ ގޮތަކަށް މިފްރާހު ހީނލިއެވެ. ހަމީމް އެ ބުނުމުން އޭނާއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ އޭނާގެ އަމިއްލަ ޚިޔާލުތަކަކަށް ގެއްލިފައިވާ ކަހަލައެވެ.
* * * * *
ބެކްޕެކް އަޅުގައިގެން ކެންޒާ ގެއިން ނިކުތްއިރު ވެސް ހަމީމުގެ ރައްޓެހިން އެގޭގައި އުޅެއެވެ. ދެފަޔަށް ބާރުލައި ހަލުވި ހިނގުމުގައި ކެންޒާ އައިސް ސްޓާފުން ވަދެނުކުމެ ހަދާ ދޮރުން ރެސްޓޯރެންޓަށް ވަނެވެ. އެވަގުތު ބަދިގެއިން ނުކުތް ޔާފިއާ ފެނުނެވެ.
"މިއަދު ކިހިނެއްވީ؟" ކެންޒާގެ މޫނުމަތީގެ އަސަރުތައް ފެނި ޔާފިއާ ދެނެގަތެވެ.
"ކަމެއްނުވޭ... މިއަދު ހާމަ މީހުންގިނައޭ ދޯ" ކެންޒާގެ ޒާތީ ވާހަކަތައް އޮއްބާލިއެވެ.
"އޮފީސް ގުރޫޕެއް އައިސްގެން އުޅެނީ" ޔާފިއާ ބުންޏެވެ.
"މިޔާދު ކޮބާތަ؟ އޭނާގެ އަތުން ކޮފީއެއް ހިފައިގެން އައިސް މަސައްކަތްތައް ފެށޭނީ، ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ" ކެންޒާ ބުންޏެވެ. ޔާފިއާ ހީނލާފައި އޭނާ ކުރަން އުޅުނު ކަންތަކަށް ސަމާލުވެލިއެވެ.
މިއަދުވެސް ޑިއުޓީގައި އުޅެނީ ނަތާޝާއާއި ޖަސްލީންއެވެ. ބަރިސްތާއެއްގެ ގޮތުގައި ހުރީ ޔާފިއާއާއި ކަރީމްގެ ދަރިފުޅު މިޔާދުއެވެ. ބަދިގޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިޔައީ ކެންޒާއެވެ. ނަތާޝާ ގަޑިޖެހިގެން އައީތީ އެކަމާ ޔާފިއާ ހިތްހަމަނުޖެހިގެން ވާހަކަދެއްކިއެވެ. މަސައްކަތަށް ނަތާޝާ ފަރުވާކުޑަކަމެވެ. އެންމެން އެމީހަކާ ހަވާލުވެފައިވާ ޒިންމާ އަދާކުރުމުގައި އުޅުނެވެ.
ހަވީރުގެ ވަގުތަކީ ގިނަބަޔަކު ސައިބޯން އަންނަ ވަގުތެކެވެ. ޔާފިއާގެ ބޭކަރީއަށް އެއްޗެހި ތައްޔާރުކުރުމާއެކު އެ ބާވަތްތައް ރެސްޓޯރެންޓުން ވެސް ލިބެން ހުރެއެވެ. ޗީޒް ކޭކެއް ތައްޔާރުކުރަން ހުރި ކެންޒާގެ ސަމާލުކަން އަތުލީ ހަލުވިކޮށް ބަދިގެއަށް ވަން ޔާފިއާއެވެ.
"އަހަރެން ވާހަކައެއް ދައްކާލަން ބޭނުން" ކެންޒާގެ ގާތުގައި މަޑުކޮށްލުމާއެކު ޔާފިއާ ބުންޏެވެ. އެ މޫނުން އެތައް އަސަރެއް ފާޅުވާއިރު އެކަމުގެ ފަހަތުގައިވީ ސަބަބު ދެނެގަންނަން ކެންޒާއަށް ނޭނގުނެވެ. ކުރަން ހުރި މަސައްކަތް ވަގުތުން ހުއްޓާލުމާއެކު ޔާފިއާ ކުރިމަތިލިއެވެ.
"ޓޭބަލް ނައިން..." ޔާފިއާ މިވަރަށް ބުނެ ހުއްޓާލިއެވެ.
"ކަމުނުދިޔައީތަ؟" ކެންޒާއަށް ނިކަން އަވަހަށް އަހާލެވުނެވެ.
"އެއީ ކާކުކަން ކެންޒާއަށް އެނގޭތަ؟" ޔާފިއާ އަހާލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެއީ ރާއްޖޭގައި ހުރި އެންމެ މުއްސަނދި މީހާގެ އަންހެނުން" ޔާފިއާ ބުނެލިއެވެ.
"އަސްލުވެސް" އަޖައިބުވެފައި ކެންޒާއަށް ބުނެލެވުނެވެ.
"އޭނާ ބޭނުންވަނީ ކެންޒާ" އިރުކޮޅަކު ހިމޭނުން ހުރެފައި ޔާފިއާ ވާހަކަދެއްކިއެވެ.
"އަހަރެން؟..." ސުވާލު އުފެދިފައި ކެންޒާ ހުއްޓެވެ.
"އާން! ކެންޒާ އޭނާ ބޭނުމީ، މީ ކެންޒާގެ ހަޔާތް ބަދަލުކޮށްލަން ލިބޭނެ ފުރުޞަތެއް، ތީ ވަރަށް ހުނަރުވެރި ކުއްޖެއް، ދެރަވޭ ދޫކޮށްލަން ޖެހޭތީ، އެކަމަކު ތީ އަހަރެންގެ މިޔާދު ފަދައިން ދަރިއެއް ކަހަލަ ކުއްޖެއް، ޢާއިލާއަށް ޓަކައި ބުރަކަށް މަސައްކަތްކުރާ ވަރަށް ހަރުދަނާ ކުއްޖެއް، ކެންޒާއަށް ކުރިއެރުން ލިބެން އަހަރެން އަބަދުވެސް އެދެން" ޔާފިއާގެ ތުންފަތުގައިވީ ހިނިތުންވުމާއި އޭނާގެ ބެލުމުގައިވީ އަސަރުތަކުން އޯގާތެރި މައިވަންތަކަން ފާޅުވެއެވެ.
"އަދި ނުވިސްނުނު" ކެންޒާ ބުންޏެވެ.
"އާދޭ އަހަންނާއެކު، އޭނާ އެދެނީ ކެންޒާއަށް ބައްދަލުކުރަން، އޭނާގެ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ" ޔާފިއާ އުޅޭ ގޮތުން ކެންޒާ ހިސާބަކަށް ހާސްވިއެވެ. ދެކޮޅު ނުޖެހުނަސް ޔާފިއާ އޭނާ ދޫކޮށްލާ ވާހަކައެއް ދެއްކުމުން ކެންޒާ ކަންބޮޑުވެއްޖެއެވެ. ވަޒީފާއެއް ހޯދުމަކީ ފަސޭހަކަމެއްނޫނެވެ. ސިކުނޑިއަށް ޖަމާވަމުންދިޔަ ސުވާލުތަކާއެކު ވެސް ޔާފިއާގެ ފަހަތުން ކެންޒާ ހިނގައިގަތެވެ.
* * * * *
މޭޒުދޮށުގައި އިން ކަސްތޫރީ އިސްއުފުލައި ބަލާލީ އެ މޭޒުދޮށަށް އަންނަ ދެ މީހުންނަށެވެ. އެކަކީ އޭނާގެ އިން ރެސްޓޯރެންޓުގެ ވެރިޔާއެވެ. ދެން އޭނާގެ ގާތުގައި ހުރީ ޒުވާން އަންހެންކުއްޖާ ފެނުމުން ވަރަށް ހައިރާންވިއެވެ. އޭނާ ސިފަކުރި ގޮތާއި އެ އަންހެންކުއްޖާ ހުރި ގޮތް ތަފާތުވީމައެވެ.
"ހަނީބްރައުން" ނުވަތަ "ބްރޮންޒް" ކުލައަށް ދާ އޮމާން ހަންގަނޑާއެކު ބިޔަ ހަށިގަނޑެއް އެ އަންހެންކުއްޖާއަށް ލިބިފައިވެއެވެ. ރަތްކުލައިގެ ބޮޑު ސްކާފަކުން ނިތްކުރިމަތިން ބަޔަކާއެކު އައްސާލާފައި ހުރި ގޮތުން އިސްތަށިގަނޑެއް ނުފެނެއެވެ. ދިވެހިންގެ މެދުގައި ޢާންމު އިސްކޮޅެއްގައި ހުރި އަންހެންކުއްޖެކެވެ.
"ވާހަކަދައްކާލަން އިށީންނަންވީނު" ކަސްތޫރީގެ ކުރިމައްޗަށް މޭޒުގެ އަނެއްފަރާތުގައި ހުސްކޮށް ހުރި ދެގޮނޑިއަށް އިޝާރާތްކޮށްލިއެވެ.
(ނުނިމޭ)