ކޮވިޑް-19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއުލާނު ކޮށްފައިވާ ފިޔަވަޅުތައް އަތޮޅުތަކުގެ ރަށް ރަށުގައި ތަންފީޒު ކުރަން ރަށު ކައުންސިލުތަކަށް ބާރު ދިނުމުގެ މަޝްވަރާތައް ކުރަމުންދާ ސަރުކާރުން ބުނެފި އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރަށްރަށުގައި އަމަލުކުރާނެ ފިޔަވަޅުތަކުގެ އިތުރުން އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން އެލްޖީއޭއާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
އަދި މިރޭގެ ވަގުތެއްގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގައި ވެސް އަޅާނެ އިތުރު ފިޔަވަޅުތަކާބެހޭ ގޮތުން ގޮތެއް ނިންމާނެކަމަށް މަބުރޫކު ވިދާޅުވި އެވެ.
މާލެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބިދޭސީންނާއި މާބަނޑު އަންހެނުން އަދި ކުޑަކުދިން ވެސް ހިމެނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިވަގުތު މުޅި ރާއްޖެ ވަނީ ލޮކްޑައުންއަކަށް ގެނެސްފަ އެވެ. އެގޮތުންޒަރޫރީ ބޭނުމެއްގައި މެނުވީ ގެއުން ނުނިކުތުމަށް މާލެ ފިޔަވާ އެހެން ރަށްރަށަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. ނަމަވެސް މާލޭގައި ވަނީ 14 ދުވަހުގެ ކާފިއުއެއް އިއުލާނުކޮށްފަ އެވެ.