ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މައުލޫމާތު ދޭން ދެކޮޅު ހެދި މީހާ އެއްބާރުލުންދޭން ފަށައިފި

Apr 19, 2020
1

ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހަކު ތެދު މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުން ދާތީ، އެ މީހާގެ ޒާތީ މައުލޫމާތު ހާމަ ކުރުމުގެ އިންޒާރާއެކު، މިހާރު އެ މީހާ އެއްބާރުލުން ދޭން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މިއަދު މެންދުރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވަނީ މިހާތަނަށް ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ކޮންޓެކް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމީހުންގެ ތެރެއިން އެކަކު މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ، ފުރިހަމަ މައުލޫމާތު ނުދޭކަން ފާހަގަ ކުރެވޭތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.

އޭނާ އެއްބާރުލުން ނުދޭނަމަ ޒާތީ މައުލޫމާތު މިރޭ އާއްމު ކުރާނެކަމުގެ އިންޒާރު ދިނެވެ. އަދި އޭނާއަށް ދައުވާ ކުރާނެ ކަމަށައި އެ ދައުވާއިން ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވެސް ވަނީ މިއަދު އިންޒާރު ދެއްވާފަ އެވެ.

ނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބުރޫކު ވިދާޅުވީ، އެ މީހާ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ. އެއާއެކު އެ މައުލޫމާތުތަކަށް ބަލައިގެން އޭނާއާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މަބުރޫކު ވިދާޅުވި ގޮތުގައި، ކުރިއަށްއޮތް ތަނުގައި ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އާންމު ސިއްހަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ނުރައްކާތެރި ހާލަތެއްގައި ބައްޔެއް ޖެހިފައިވާ މީހެއްގެ ނަން ހާމަކޮށް، އާންމުކޮށް އިއުލާނު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނިންމަވައި އެއަށް އަމަލު ކުރަން މިހާރު ވަނީ ފަށައިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެކުލަވާލައި "އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު"ގެ ދަށުން ކަނޑައާޅާފައިވާ ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިއުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަ ކުރެވޭނީ އެކަން ނުކޮށް އާއްމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ އޮތް ނަމަ އެވެ.

މި ގަވައިދުގެ (ށ)ގެ ދަށުން، މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެނި، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އެކަން ކުރުމުގެ ބާރު ލިބެ އެވެ. ނަން ހާމަ ކުރުމުގެ އުސޫލުގެ ދަށުން، ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަ ކުރުމުގެ ކުރިން ބައެއް ކަންކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ރިއާޔަތް ކުރަން ޖެހެ އެވެ.

އެގޮތުން، ނަން ހާމަ ކޮށްގެން ބަލި ކޮންޓްރޯލް ކުރުމުގެ ފފުރުސަތު އޮތް މިންވަރަށް ބެލުމާއި، ހާމަ ކުރުމުން ނިކުންނާނެ ނަތީޖާ އާއި ނަން ހާމަ ކުރުމުން މުޖުތަމައު އަށާއި އޭނާއާ ގުޅުުންހުރި މީހުންނަށް ކުރާނެ ނޭދެވޭ އަސަރު އަދި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އޮތް ފުރުސަތަށް ބަލަން ޖެހޭ ކަމަށް އުސޫލުގައި ވެ އެވެ. މީގެ އިތުރުން، ނަން ހާމަ ކުރާ ފަރާތުގެ އެއްބާރުލުން ދޭ މިންވަރަށްވެސް ބެލުމަށް އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.