(19 އެޕްރިލް 2020 އާ ގުޅޭ)
"ވާހަކަދައްކާލަން އިށީންނަންވީނު" ކަސްތޫރީގެ ކުރިމައްޗަށް މޭޒުގެ އަނެއްފަރާތުގައި ހުސްކޮށް ހުރި ދެގޮނޑިއަށް އިޝާރާތްކޮށްލިއެވެ. ކުޑަދޮރާ ކައިރީގައި ހުރި ގޮނޑި ތަންކޮޅެއް ބޮޑަށް ފަހަތަށް ދަމާލައި ކެންޒާ އިށީނެވެ. އޭނާއާ ޖެހިގެން ހުރި ގޮނޑި މޭޒުގެ އެއްއަރިއަށް ޔާފިއާ ޖައްސާލީ އެއްދިމާއެއްގައި ދެމީހުން ތިބޭނެ ޖާގަނެތުމުންނެވެ.
"ހުރިހާ ޑިޝްއެއް ވަރަށް މީރު، މިތަނުން ކެވުނު އެސްޕެރަގަސް ފެޓުޗީނީ އަލްފްރޭޑޯ ޑިޝް ވަރުގެ މީރު ޑިޝްއެއް އަދި އެހެންތާކުން ނުކެވޭ، ޗިކަން ވެސް ހުރީ އެންމެ ހެޔޮ މިންވަރަށް ގްރިލްވެފައި، ލެމަންގެ ރަހަ ވެސް ވަރަށް ހެޔޮވަރު، އަހަރެން ކޮންމެ ދުވަހަކު އަހަން ޑިޝް ތައްޔާރުކުރީ ކާކުތޯ، ކެންޒާއަށް ތަޢުރީފު ހައްޤު" ކަސްތޫރީ އިނީ ހިނިތުންވެލައިގެންނެވެ. އޭނާގެ ދެ ލޮލާއި މޫނުން ވެސް ހިތްމަޖެހުމާއި ކެންޒާއާ މެދު ގަޔާވެފައި އިންކަން ފާޅުވެއެވެ.
"ތެންކިއު" ނިކަން ފުޅާހިނިތުންވުމަކާއެކު ކެންޒާ ޝުކުރު އަދާކުރިއެވެ.
އޭނާގެ ކުރިމަތީގައި ހުރެ މީހަކު އޭނާގެ ކެއްކުމަށް ތަޢުރީފު ކުރި މީ ފުރަތަމަ ފަހަރެވެ. ޢާންމުކޮށް ރީތި ނަން ލިބެނީ އޭނާގެ ކުޅަދާނަކަމަށްވުރެ ރެސްޓޯރެންޓަށެވެ. މީހުންގެ މެދުގައި މަޤުބޫލުކަން އުފެދި ނަންފެތުރެނީ ވެސް ރެސްޓޯރެންޓުގެއެވެ. އަނެއްކޮޅުން ތައްޔާރުކުރާ އެއްޗެހި ބަޔަކަށް ކަމުދިޔަ ނަމަވެސް އެކަން ބަލައިގަނެ ޝުކުރު އަދާކުރުމުގެ ސިފަ މަޑުމަޑުން ދިވެހިންގެ މުޖުތަމަޢުގައި ދަނީ ފޮރުވި ފަސްލެވެމުންނެވެ. ދިވެހިންނަކީ ހިތްހެޔޮ ބައެކޭ ބުނި ޒަމާން ހިނގައްޖެއެވެ. މީރު އެތައް ޑިޝްތަކެއް ކާން ލިބުނެއްކަމަކު ބަނޑު ފުރުމުން އެ ކެއުންތައް ތައްޔާރުކުރުމަށް ކައްކާ ކުރި ބުރަ މަސައްކަތުގެ މަތިން ހަނދާނެއް ނުހުރެއެވެ. އޭގެ ބަދަލުގައި ކިރިޔާ ވެސް ރަހައެއް ތަފާތުވެލައިފިނަމަ ފާޑުކިޔުމުގައި މިހާރު ދިވެހިން ވަރެއް ހަމަ ނުވާނެއެވެ. ތަނުގެ ކައްކާ ބަދަލުކުރަން ނޫނީ ރެސްޓޯރެންޓު ބަދަލުކުރަން ކަސްޓަމަރުން ގޮވަންފަށައެވެ. އެހެން ކަންތައް ކުރުމުން ވެސް އެމީހުންގެ ހިތް ފުރޭގޮތެއްނުވެއެވެ. ދެން އަނެއްކާ ވެސް ޝަކުވާ އުފުލަން ފަށަނީ ބަދަލުކުރި ކައްކާއަށްވުރެ ކުރިން ހުރި ކައްކާގެ ކެއްކުން ރަނގަޅުކަމުގައެވެ. މީ މިހާރުގެ މީހުންގެ ހާލަތެވެ. ރަނގަޅު އެއްގޮތެއް ވެސް ނޯވެއެވެ. އެފަދަ މަންޒަރެއް ކެންޒާއަށް ވެސް ކާޔާ ރެސްޓޯރެންޓުގެ ތެރެއިން ހުރީ ފެނިފައެވެ. އޭރު އެތަނަށް އަންނަ މީހުންނަށް ނޭނގުނީ ބަދިގެއާ ހަވާލުވެ ހުރީ ތަނުގެ ވެރިޔާކަމެވެ. އޭނާ އެ މަސައްކަތުގައި އުޅޭތާ ފަންސަވީހަށްވުރެ ގިނަ އަހަރުވެއްޖެކަމެވެ. ހުޝާމަދު ކުރަނީކަމެއް ނޫނީ ހަޤީޤީ ތަޢުރީފުކަން އެނގޭނީ ހަމަ އެ ތަޢުރީފުކުރާ މީހާއަށެވެ. ކެންޒާގެ ހިތް ޔަގީނުން ވެސް މިފަހަރު ކަސްތޫރީގެ ބަސްތަކުން އުފަލުން ފުރިއްޖެއެވެ.
"ޔާފިއާ ބުނިތަ އަހަރެން ކެންޒާއާ ބައްދަލުކުރަން ބޭނުންވަނީ ކީއްވެކަން" ކުރިމަތީގައި އިން ކެންޒާއިން ވައަތްފަރާތުގައި އިން ޔާފިއާއަށް ކަސްތޫރީ ނަޒަރު ހިންގާލިއެވެ. އެހިނދު ޔާފިއާ ވާހަކަދެއްކިއެވެ.
"އަޅުގަނޑު ތަފްސީލަކަށް ނުދަން" ޔާފިއާ ބުނި އެއްޗަކަށް ކަސްތޫރީ ބޯޖަހާލިއެވެ.
"ވަޒީފާގެ ހުށަހެޅުމެއް ހިފައިގެން އަހަރެން އައިސް މީނީ، ބޭނުންވަނީ ކެންޒާގެ ޖަވާބެއް" ކަސްތޫރީގެ އަޑުގައި ހަރުކަށިކަމެއް ބޮޑާކަމެއްނެތެވެ. ކަމަކަށް އެދިގެން އައިސް އިން މީހަކު ފަދައިން އޭނާގެ ފުށުން ފެންނަނީ ކެތްތެރިކަން ކުޑަވެފައި އިންތަނެވެ. އެހެންވިޔަސް އެއަޑުގައިވަނީ މަޑުމައިތިރިކަމެވެ. ކެންޒާއަށް އިޚްތިރާމް ކުރާކަމެވެ.
"އަ.. އަޅުގަނޑު މިތަނުގައި..." ކެންޒާ އެއްޗެކޭ ބުނަން އުޅެފައި ޔާފިއާއަށް ބަލާލިއެވެ.
"އަހަރެން ވަރަށް އަވަހަށް ޝެފެއް ބޭނުން، މުސާރަ ކަނޑައަޅާނީ ކެންޒާ، ތިކޮޅުން ބުނާ އަގެއް ދޭން އަހަރެން މިހުރީ ތައްޔާރަށް" ކަސްތޫރީ ބުންޏެވެ.
"އަޅުގަނޑު އަދި ގްރެޖުއޭޓެއްނުވޭ، ޕްރޮފެޝަނަލް ޝެފެއްނޫން... ޕާސަނަލް ޝެފަކަށް ވާން ކޮލިފައިޑްއެއްނޫން" ކެންޒާ ހަޤީޤަތް ބުނެދިނެވެ.
"ކެންޒާގެ ސީވީއާއި ސެޓުފިކެޓުތަކަށް އަހަރެން ނޭދެމެންނު، އަހަންނަށް ސެޓްފިކެޓްތަކެއް މުހިންމެއްނޫން، އެ ސެޓްފިކެޓްތަކަށް ބަލައިގެން އަހަރެން މިހާތަނަށް ޝެފުން ހޯދަމުން އައީ، އެ ސެޓްފިކެޓްތަކަކީ މީހާގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ހުރި މިންވަރު އަންގައިދޭ އެއްޗަކަށް ނުވި، ކެންޒާ!، އަހަރެންގެ ނަޒަރުގައި ތީ ކުޅަދާނެ ޝެފެއް، ޔާފިއާ ބުނި ކެންޒާ ކިޔަވަނީކަން، ހާސްނުވޭ!، ކެންޒާގެ ޒާތީ ދިރިއުޅުމުގެ އެއްވެސް ކަމަކަށް ހުރަސް އެޅުނަ އަހަރެން ނުދޭނަން، ކެންޒާ އަހަންނަށް ކޮށްދޭންވީ ކަމަކީ މިހާރު ވެސް ތިތައްޔާރުކުރާހެން ސިއްޙަތަށް ފައިދާ ކުރުވަނި އަނގަޔަށް މީރު ކާނާ ތައްޔާރުކޮށްދޭންވީ، މިތަނުގައި މަސައްކަތް ކުރުމާ އަހަންނަށް މަސައްކަތްކޮށްދިނުމުގައި މާބޮޑު ތަފާތެއް ނުހުންނާނެ، މިތަނުގައި ވެސް ކަސްޓަމަރުން ބޭނުންވާގޮތަށް ކެންޒާ ކިތައް ޑިޝް ތައްޔާރުކުރަން، އަހަރެންނަށް މަސައްކަތްކޮށްދޭން ފެށުމުން ކެންޒާގެ ކަސްޓަމަރުންނަށް ވާނީ އަހަރެންގެ ޢާއިލާ، ވަރަށް ބޮޑަށް އަހަރެން މިވަނީ ކެންޒާގެ އެހީތެރިކަމަށް ބޭނުންވެފައި" ކަސްތޫރީގެ ކަނާއަތްތިލަ މޭޒުމަތީ ބާއްވާލަމުން ކުރިއަށް ޖެހިލިއެވެ.
"އަޅުގަނޑު ވިސްނާލަން ވަގުތު ބޭނުން" ކެންޒާއަށް އިނދެވުނީ އިވުނު ވާހަކަތަށް ޤަބޫލުނުކުރެވިފައި އިންހެނެވެ.
"މިހާރު މިވަގުތު ވެސް އަހަންނާއެކު ކެންޒާ ގެންދަން ބޭނުން، އެހާ ވެސް އަހަންނަށް ކެންޒާ މުހިންމު... ވިސްނާލަން ތިން ދުވަސް ދެވިދާނެ، އެއަށްވުރެ ގިނަ ދުވަސް ދޭން ވަރަށް ދަތި، އަހަރެން އުންމީދުކުރަން ކެންޒާއަށް ފައިދާކުރުވަނިވި ނިންމުމެއް ނިންމާނެކަމަށް. ޔާފިއާ ބުނި ކެންޒާއަށް ފައިސާގެ ގޮތުން ވަރަށް ދަތިވާކަން" ކަސްތޫރީ އެންމެފަހުން ބުނެލި ޖުމްލައާއެކު ކެންޒާގެ މޫނުން ނުތަނަވަސްކަން ފާޅުވެލިއެވެ.
"ތިން ދުވަސް އޯކޭ" ކަސްތޫރީއަށް ނަޒަރު ސީދާކޮށްލުމެއްނެތި ކެންޒާ ބުންޏެވެ. އަދި އިތުރު ވާހަކައެއް ދައްކަން ނެތިއްޔާ އޭނާ ބަދިގެއަށް ދަނީ ކަމުގައި ކެންޒާ ބުންޏެވެ.
ކެންޒާ ތެދުވެގެން ބަދިގެއަށް އައިއިރު ވެސް ކަސްތޫރީއާއި ޔާފިއާ މޭޒުދޮށުގައި ތިއްބެވެ. ބަދިގެއަށް ވަދެ އޭޕްރެން އުނަގަނޑުގައި އައްސަމުންދިޔަ ކެންޒާގެ ހަރަކާތްތަކުން ހީވަނީ ކަމަކާ ހިތްހަމަނުޖެހިފައި ހުރީ ހެންނެވެ. ކަސްތޫރީއާ ބައްދަލުވި ހިނދު ފެނުނު އުފާވެރިކަމެއް މިހާރު އެމޫނުން ފާޅެއްނުވެއެވެ.
"އައި އެޑްމިޓް އައި ނީޑް މަނީ، އޭގެ މާނަކީ ފައިސާގެ ދަހިވެތިކަމުގައި އަހަރެން ކޮންމެކަމެއް ވެސް ކޮށްފާނޭތަ؟ އެއައީ އަހަރެން ގަނެލާނަމޭ ހިތާތަ؟ ޔާފިއާ ވެސް އަހަރެން ތަޢާރަފުކޮށްދޭއިރު އެކަހަލަ އެއްޗެއް ބުނީ ކީއްވެ؟" ކެންޒާއަށް ކުދިކިޔާލެވުމާއެކު ތުންފިއްތާލިއެވެ. ހިތްހަމަނުޖެހުމުގެ އިތުރަށް އޭނާގެ ހިތަށް ވެސް އުނދަގޫވީއެވެ.
"ކެންޒާ" ބަދިގެއަށް ވަން ޔާފިއާ ގޮވާލިއެވެ.
"އޭނަ ދިޔައީތަ؟" ކެންޒާގެ ހަރަކާތްތަކަށް ހުއްޓުމެއް ނުގެނެސް އަހާލިއެވެ.
"ކަމަކާ ހިތްހަމަނުޖެހިފަހެން ހީވޭ ތިހުރީ" ކެންޒާއަށް ބަލަން އިރުކޮޅަކު ހުރެފައި ޔާފިއާ ވާހަކަދެއްކިއެވެ. އެއާއެކު ނިކަން އަވަހަށް ދެފަރާތަށް ކެންޒާ ބޯހޫރުވާލިއެވެ. ޔާފިއާ އައިސް ކެންޒާގެ ގާތުގައި މަޑުކޮށްލިއެވެ. ކެންޒާއަށް ގޮވާލުމުން އޭނާ ކުރަން ހުރި މަސައްކަތް ހުއްޓާލައި ޔާފިއާއާ ކުރިމަތިލިއެވެ.
"އަހަރެންގެ މަސައްކަތާމެދު ޔާފިއާ މިހާރު ހިތްހަމަނުޖެހެނީތަ؟" ކެންޒާ ބުނީ ޔާފިއާއަށް ބަލަން ހުރެއެވެ. އެހިނދު ހައިރާންކަމުގެ އަސަރު ޔާފިއާގެ މޫނުން ފާޅުވެގެންދިޔައެވެ.
"އަހަރެން ފައިސާއަށް ބޭނުންޖެހިފައި ހުރި ވާހަކަ އޭނާ ކައިރީ ބުނީ ކީއްވެ" ދެން ވެސް ވާހަކަދެއްކީ ކެންޒާއެވެ.
"ތިހީކުރަނީ އަދި ރަނގަޅަކަށްނޫން، އެހެންނޫނަސް ކެންޒާ ވެސް ވިސްނާލީމަ އެނގޭނެ ދޯ ފައިސާއަށް ބޭނުންޖެހިފައިކަންވަނީ، އަހަރެންނަށް މިވަގުތު ކެންޒާއަށް ދޭ މުސާރަ އިތުރަށް ބޮޑުކޮށްދެވޭކަށްނެތް، ކެންޒާއަށް ރަނގަޅު ގޮތެއް ފެނުމަށް އަހަރެން އަބަދުވެސް އެދެމުން އައީ، ކަސްތޫރީގެ އެ ހުށަހެޅުން ކެންޒާ ޤަބޫލުކޮށްފިއްޔާ މިހާރުގެ ދިރިއުޅުން އިސާހިތަކު ބަދަލުވެދާނެ، އޭރުން ތަނެއް ކުއްޔަށް ހިފައިގެން ވިޔަސް ބައްޕައާ ދުރުގައި ކެންޒާއަށް ދިރިއުޅެވިދާނެ، މިހާރުވެސް ތިއުޅެނީ ކޯހަށް ދައްކަން ހުރި ފައިސާކޮޅު މަންމައަށް ފޮނުވަން، ކެންޒާ! އަހަރެން އެއްޗެކޭ ނުބުންޏަސް ކެންޒާ އުޅޭ ހާލު އަހަންނަށް ފެނެޔޭ، ބައެއްފަހަރު ހިތްފަޅައިގެންދާންއުޅޭ، އެކަނިމާއެކަނި މަސްތުގެ ހާލަތުގައި ހުންނަ ބައްޕައާއެކު އެއްގޭ ތެރޭގައި އުޅޭއިރު ކެންޒާއަށް ދިމާވެދާނެ ނުރައްކަލަކާމެދު އަހަންނަށް ހާދަ ވިސްނެޔޭ، ހާދަ ހިތްބިރުގަނެޔޭ... އެމީހާ ކެންޒާގެ އުންމީދުތަކާއި ހުވަފެންތައް ވިއްސިވިހާލިކޮށްލަފާނެތީ އެކަމާ ވެސް ކަންބޮޑުވޭ، އަހަންނަކީ ވެސް އަންހެނެއް، އަންހެންކުއްޖަކަށް ނުވިޔަސް ތިއުމުރުގެ ދަރިއަކު އެބަހުރި، ކެންޒާ! ހުރިހާ ގޮތަކުން ވިސްނިޔަސް ކަސްތޫރީގެ ހުށަހެޅުން ވަރަށް ރަނގަޅު، މިކަހަލަ ފުރުޞަތަކީ ކޮންމެކޮންމެ މީހަކަށް ލިބޭނެ ފުރުޞަތެއް، އެކި މީހުންގެ ގާތަށް ރިޒުގު އަންނާނީ އެކި ސިފައިގަ، މީ ލެއްވި ރަޙުމަތަކަށް ވެސް ވެދާނެ، އެ ރިޒުގަށް ފުރަގަސް ދިނުމުގެ ބަދަލުގައި ހާލަތު ބަދަލުކުރަންވީ ވަގުތު މީ، އަހަރެން ގާތުގައި ތިހެން ކިތަންމެ ދުވަހަކު ހުއްޓަސް ކެންޒާއަށް މާބޮޑު ކުރިއެރުންތަކެއް ނުލިބޭނެ، އެފެންވަރު ވެސް އަހަރެމެންގެ ނެތީ، ކެންޒާއާ މެދު އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ، މިތަނުން ކެންޒާ ދިޔައީމަ އަހަންނަށް ވަރަށް ދަތިވެސްވާނެ، އެކަމަކު ކެންޒާގެ ކުރިމަގު ބިނާވިޔަ ނުދީ، ކެންޒާގެ ނަސީބުގައި އަތްއެޅުމުގެ ކޮން ހައްޤެއް އަހަންނަށް އޮތީ، ދަތިވެއްޖެ ކޮންމެ ކަމެއް ފަހިކޮށްދެވޭނޭވަރުގެ ބައެއް އެމީހުންނަކީ، މިހާރު ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ﷲ އިރާދަކުރެއްވިއްޔާ ފަހުން ރަނގަޅުވާނެ، މުސްތަޤުބަލު އުޖާލާވާނެ، އަހަރެންގެ ދުޢާ ކެންޒާއާއެކު ވާނެ" ކެންޒާގެ ވައަތު ކޮނޑާ ދިމާލުން އަތުގައި ޔާފިއާ ފިރުމާލީ އޯގާތެރިކަމާއެކުއެވެ.
"އެކަމަކު... މަންމައާ ވާހަކަނުދައްކާ ޖަވާބެއްދޭކަށް އަހަރެން ބޭނުމެއްނޫން" ކެންޒާ ބުންޏެވެ.
"ކެންޒާ ތިއޮއް ވިސްނޭކުއްޖާ މަންމައަށް ބުރަކުރަންތަ ތިއުޅެނީ، މަންމަ އެއުޅެނީ ކިހާ ބޮޑު ހާސްކަމެއްގެ ތެރޭގައި، މީ ނިންމަން އުނދަގޫ ނިންމުމެއްނޫން، މިދަނޑިވަޅުގައި ކަންކަމާ ވިސްނަން މަންމައަށް ނުޖައްސުވާ، މުސާރަ ބޮޑު ވަޒީފާއެއް ކެންޒާއަށް މުހިންމުވާނޭވަރު އެ މަންމައަށް ނުވިސްނި ހުންނާނެތަ؟ ނުބައި މަގަކަށްނޫން ބާރު މިއަޅަނީ، މިފަހަރު މިފުރުޞަތު ޤަބޫލުކުރަން މިއެދެނީ ކެންޒާއަށް ރަނގަޅަށްކަން ޚުދު ކެންޒާއަށް އެނގޭނެ" ޔާފިއާ ދެއްކި ވާހަކަ މިފަހަރު ކެންޒާއަށް ޤަބޫލުކުރެވުނެވެ. މަންމަ ފާޅުނުކުރި ނަމަވެސް މަންމަގެ ނުތަނަވަސްކަން ކެންޒާއަށް އިޙްސާސްވެއެވެ. ބޭބެއާއި މަންމަގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ޓަކައި އޭނާ ކިތަންމެ ބުރަކޮށް ވިޔަސް އުޅޭން ފަސްނުޖެހޭނެއެވެ.
* * * * *
މޭޒުދޮށުގައި ވިޔަފާރިއާ ބެހޭ ލިޔުންތަކެއް ބެލުމުގައި ލައިތު އިނެވެ. ދޮރުގައި ޓަކި ޖަހާލުމާއެކު ހުޅުވާލުމުން ވެސް ލައިތު އިސްއުފުލާނުލީ އެގޮތަށް ވަންނާނީ އާރިކުކަން އެނގޭތީއެވެ.
"ލައިތުއާ ބައްދަލުކުރަން އައިސް އެބަހުރި" އާރިކު ބުންޏެވެ.
"އެޕޮއިންޓްމެންޓެއްތަ؟" ކުރަން އިން މަސައްކަތަށް ސަމާލުވެ އިނދެ ލައިތު ވާހަކަދެއްކިއެވެ. އާރިކަށް އިތުރަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އޮފީހުގެ ދޮރު ހުޅުވިއްޖެއެވެ. އާރިކްއާއި ލައިތަށް ދޮރާ ދިމާއަށް ބަލާލެވުނީ އެއްފަހަރާއެވެ.
"ހޭ މޭން" ފުޅާ ހިނިތުންވުމަކާއެކު އިސްކޮޅުން ދިގު ޒުވާނަކު ވަދެއްޖެއެވެ. ހަމުގެ ކުލަ އަލިކަމުންނާއި ލޮލުގެ ކަޅި އަޅިކުލައިގަ ހުރުމުގެ ސަބަބުން އެއީ ރާއްޖެ މީހެއްހެން ހިޔެއްނުވެއެވެ. ލައިތުއަށް ގޮނޑިން ތެދުވެވުމާއެކު މޭޒު ކައިރިން ނުކުމެގެން އައެވެ.
"ސެހެރް" އެ ޒުވާނާއަށް ގޮވާލަމުން ލައިތު ކަރާކަރުޖައްސައި ސަލާމްކުރިއެވެ. ލުއި ހީނލުމެއްގެ އަޑު ދެ ޒުވާނުންގެ ފުށުން ވެސް އިވިގެންދިޔައެވެ.
"ސީއީއޯ، ނޮޓް ބޭޑް" ލައިތުގެ މޭޒުމަތީ ހުރި މަޤާމް އަންގައިދޭ ބިއްލޫރި ނަންބޯޑު ނަގާ ބަލާލަމުން ސެހްރާނު ބުނެލީ ނިކަން ހިނިއައިސްފައި ހުރެއެވެ.
"އަންނަންވީނު މިތަނުގައި އިންނަން، އަހަރެން މިހުރީ ރެޑީގަ ގޮނޑިދޫކޮށްލަން" ލައިތުގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.
"ތީ އަހަރެންގެ ދާއިރާއެއްނޫން، އަހަންނަކަށް ނުވާނެ" ސެހްރާނު ދެއަތުން ހޯހޯކިޔަމުން ބުނެލިއެވެ.
"ޗީފް އިންފޮމޭޝަން އެންޑް ޓެކްނޯލޮޖީ އެއޮތީނު" ހިނިއައިސްފައި ލައިތު ބުނެލިއެވެ. ދެން ވެސް ސެހްރާނު ދެފަރާތަށް ބޯހޫރަމުން ދެއަތުން ނުވާނޭކަން އަންގަމުންދިޔައެވެ.
"ރިކް!... ކާކުތަ އައީ؟" އާރިކު ދެއްކި ވާހަކަ މެދުކެނޑިފައި އޮތްކަން ހަނދާންވެ އެކަމާ ލައިތު ސުވާލުކުރިއެވެ.
"ހިމް" ސެހްރާނަށް އިޝާރާތްކޮށްލަމުން އާރިކު ބުންޏެވެ.
"އާރިކް! މީ ސެހްރާން، ރޫމާން އަސަދުގެ ދައްތަ ފަރުޒީނުގެ ހުރި ހަމައެކަނި ފިރިހެން ދަރި، ހީ އިޒް ފެމެލީ... އޭނާއަށް އަހަންނާ ބައްދަލުކުރަން ހުއްދައެއް ބޭނުމެއްނުވާނެ" ލައިތު ބުންޏެވެ. އާރިކު ބޯޖަހާލީ ލައިތުގެ ވާހަކަ ޤަބޫލުކުރިކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ސެހްރާނު ކުރިއަށް ޖެހިލައި އާރިކްއާ ސަލާމްކޮށްލިއެވެ. ސެހްރާނަކީ ކާކުކަން މިހާ ދުވަހު އާރިކްއަށް އިވެނީއެވެ. ލޮލަށް ފެނުނީ މިއަދުއެވެ. ކުއްލިއަކަށް ދެނެގަންނަން ނޭނގުނީ އެހެންވެއެވެ. އަސަދުގެ ކުދީންނާ އިސްކޮޅާއި ރޫފައިގެ ގޮތުން މާބޮޑު ތަފާތެއް ނެތަސް އެމީހުންނާ ސިފައިގެ ގޮތުން އެއްގޮތްކަމެއް ނެތެވެ.
"ލައިތު އަވަހަކަށް ނާންނާނެއޭ މާމަ ބުނީމަ މިއައީ" ސެހްރާނު އެ އޮފީސް ތެރޭގައި ހުރި ސޯފާގޮނޑިތަކުން ގޮނޑިއެއްގައި އައިސް އިށީނެވެ.
"ރިކް! ހަވީރު އެބައޮތްތަ އެއްވެސް ކަމެއް؟" ލައިތު އޭނާގެ އެސިސްޓެންޓަށް ބަލާލިއެވެ. އަތުގައި އޮތް ޓެބްލެޓުން ދުވަހުގެ ކުރިއަށް އޮތް ވަގުތުތަކަށް ރޭވިފައި ހުރި ކަންކަން އާރިކު ބެލިއެވެ. މުހިންމުކަމެއްނެތިއްޔާ ލައިތު ގެއަށްދާން ބޭނުންވާކަން ހާމަކުރިއެވެ. ނަމަވެސް އޭނާއަށް ވަގުތުވާން އޮތީ ތިނެއް ޖަހާއިރު އޮތް ބައްދަލުވުމަކަށްފަހުއެވެ.
* * * * *
ހިމޭންކަންވެރިވެފައި އޮންނަ މަހަލް ގެއަށް ދިރުންލިބިފައިވާ ކަހަލައެވެ. އުފާވެރިކަމުގެ ހުނުމުގެ އަޑު ބޮޑުކޮޓަރިތެރެއިން އިވިއިވި ހުއްޓެވެ. ސޯފާތަކުގައި ޢާއިލާގެ މެންބަރުން ތިއްބެވެ. ލައިރާގެ ކަނާއަތްފަރާތުގައި ސަރަފީނާ އިނެވެ. އެމީހުންނާ ކުރިމަތިވާނޭހެން ހުރި ބޮޑު ސޯފާގައި އަސަދުގެ ގާތުގައި އިލިޔާނާ ހުއްޓެވެ. އެތަނުގައި ފަރުޒީނު ވެސް އިނެވެ. ކަސްތޫރީ ވަކިން ހުރި ގޮނޑީގައި އިންއިރު އޭނާގެ ފަހަތުގައި ލައިތު މަޑުކޮށްލައިގެން ހުއްޓެވެ. ޔާދިންއާއެކު އެއްސޯފާއެއްގައި ސެހްރާނާއި ޖިނާނު ތިއްބެވެ. އަންގާ ވެސް ނުލާ ލައިރާ އައުމުން ލައިތު ފިޔަވާ ދެންތިބި އެންމެން ވެސް ތިބީ އަޖައިބުވެފައެވެ. އެހެންނަމަވެސް ލައިރާ އާއި އިލިޔާނާ އެމީހުންގެ ގާތަށް އައީތީ އުފަލުންނެވެ.
ކަސްތޫރީގެ ފޯނު ރިންގުވާތީ އޭނާ ބަލާލީ އެވަގުތު ޖަވާބުދޭން ބޭނުންނުވެފައި އިނދެއެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތަކަށް ބަދަލު އައެވެ. ޢާއިލާގެ ކައިރިން ދުރަށް އައިސް ފޯނުކޯލު ނެގިއެވެ.
"ހެލޯ! ކެންޒާ މީ، ޔާފިއާ ނަންބަރު ދިނީ" ކެންޒާގެ އަޑު އިވުމުން ކަސްތޫރީ ހިނިތުންވެލިއެވެ.
"ކިހިނެއް ނިންމީ؟" ކަސްތޫރީ އަހާލިއެވެ.
"މަސައްކަތައް ނުކުންނަ ގޮތަށް މިހުރީ، އެކަމަކު އޭގެ ކުރީން ބައްދަލުވެދާނެތަ؟" ކެންޒާގެ އަޑުގައި ހުރީ ޖެހިލުންވުމެވެ.
"މިރޭ ބައްދަލުވެވިދާނެ، ނުވަގަޑި ބަޔަށް އަހަރެން ދާނަން" ކަސްތޫރީ ބުންޏެވެ.
"އެންމެ ރަނގަޅު، ކާޔާގަ އަޅުގަނޑު އުޅޭނަން" ކެންޒާ ބުންޏެވެ.
ރޭގަނޑު ނުވައެއް ޖަހާދިޔަފަހުން ކަސްތޫރީ ގެއިން ނުކުންނަން އައެވެ. ޑްރައިވަރު ގާތު ކާރު ނެރެން ބުނެފައެވެ. އޭނާއާ ލައިތު ބައްދަލުވީ ގޭޓު ކައިރިންނެވެ. ސެހްރާނާއެކު ބޭރަށް ގޮސްފައި އައިވަގުތެވެ. ކަސްތޫރީ ވަގުތުން ލައިތުގެ އަތުގައި ހިފައި ހުއްޓުވިއެވެ.
"ހިނގާބަލަ މާމަ ގެންގޮސްދޭން" ކަސްތޫރީ ބުންޏެވެ. ލައިތުގެ އަތްދަށުން ދެމިގަނެގެން ސެހްރާނު އަވަހަށް ގޭތެރެއަށް ވަދެއްޖެއެވެ.
"ޑްރައިވަރު ކޮބާ؟" ލައިތު ބުންޏެވެ.
"ލައިތު ކައިރިއެއްނު މާމަ މިބުނީ، ދެން ހިނގާބަލަ... އޭރުންނޭ މާދަމާއަށް ހުރިހާކަމެއް ހަމަޖެހޭނީ" ކަސްތޫރީ މިހެންބުނެ ލައިތުގެ އަތަށް ދަމާލިއެވެ. ނުގޮސްނުވެގެން ދިޔަ މީހަކު ފަދައިން ކަސްތޫރީއާއެކު ކާރު ނަގަން ލައިތު އައެވެ.
(ނުނިމޭ)