ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 66 އަށް އަރައިފި

އިތުރު ދެ ދިވެހިން ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އެ ދެ މީހުންނަކީ ފްލޫ ކްލިނިކަށް ދައްކަންދިޔަ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 66 އަކަށް އެރީ އެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 86 އަރާފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު މާލޭގައި ފެތުރި އެ ބައްޔަށް ކޮންމެ ދުވަހަކު ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 17 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް-19އަށް އޭގެ ކުރީ ދުވަހު 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ލިލީ ސްޓޯރާ ގުޅުން އޮތް ކްލަސްޓާއިންނެވެ. އެގޮތުން އެތަނުގެ ދިވެހި މުވައްޒަފަކާއި 13 ބިދޭސީ މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެމީހުން ގުޅުން އޮތް 68 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އެމީހުންގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.

އެންމެ ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައި އޮތީ، ކޮވިޑް-19އާ ގުޅިގެން ހާލަތު ދަށް ބިދޭސީން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ހަމަޖެއްސި އަމީން ހިޔާ ކުއާޓާސްގައި ހުއްޓާ ޕޮޒިޓިވްވި މީހާގެ ކޭސް އެވެ. ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ ތަނުގައި އޭނާއާ ކޮންޓެކްޓްވީ 200 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ތަން ވަނީ މޮނީޓަރިން ހާލަތުގަ އެވެ.

މާލެއިން ބޭރުން އުލިގަމުން މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ރޭގެ ވަގުތެއްގައި އެ ކޭސްއާ ގުޅުންހުރި އިތުރު މީހަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މާލެ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް މުޅި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި، މާލެއިން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން ވެސް ވަނީ އަންގާފަ އެވެ.