(21 އެޕްރިލް 2020 އާ ގުޅޭ)
"ލައިތު ކައިރިއެއްނު މާމަ މިބުނީ، ދެން ހިނގާބަލަ... އޭރުންނޭ މާދަމާއަށް ހުރިހާކަމެއް ހަމަޖެހޭނީ" ކަސްތޫރީ މިހެންބުނެ ލައިތުގެ އަތަށް ދަމާލިއެވެ. ނުގޮސްނުވެގެން ދިޔަ މީހަކު ފަދައިން ކަސްތޫރީއާއެކު ކާރު ނަގަން ލައިތު އައެވެ.
ދާންވީ ކޮންތާކަށްކަން ކަސްތޫރީ ކިޔާދިނުމުން ލައިތަށް އެއީ ކޮންތަނެއްކަން ނޭނގުނަސް އެހިސާބަށް ދާން އެނގުނެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ ރޭގަނޑުގެ އެވަގުތުގައި ކަސްތޫރީ ރެސްޓޯރެންޓަކަށް އައީމައެވެ. ދޮރުމަތީ ކާޑު ނުބޭއްވޭނެކަން އެނގޭތީ މާމަ ނުކުންނަންދެން ކައިރީ ހިސާބެއްގައި ލައިތު ޕާކުކުރިއެވެ.
ބަދިގޭގައި އުޅުނު ކެންޒާއަށް ގޮވާލި މީހަކީ ޔާފިއާއެވެ. ކަސްތޫރީ އަތުވެއްޖެކަން ބުނުމުން ކެންޒާ އުނދުން މަތީ ހުރި އެއްޗެހި ޔާފިއާއާ ހަވާލުކޮށްލިއެވެ. އެއަށްފަހު އުނަގަނޑުގައި ބަދެފައި އޮތް އޭޕްރެން ނެގިއެވެ. ދެން ދެއަތްދޮވެލައި ޓިޝޫއިން ދެއަތާއި މޫނުގައި ހުރި ތެޔޮކަން ފުހެލިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި ލައިގެން ހުރި ގަމީހަށް ދަމާލާ ރީތިކޮށްލަމުން ބަދިގެއިން ކެންޒާ ނުކުތެވެ.
ކަސްތޫރީ ޢާންމުކޮށް އަންނަ ވަގުތަށް ނުވާތީ އޭނާގެ މޭޒުގައި ބަޔަކު ތިއްބެވެ. އެހެންވެ ހުސްކޮށް ހުރި އެހެން މޭޒެއްގެ ދޮށުގައި އޭނާ އިނެވެ. ކެންޒާ ފެނުމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. މޭޒު ކައިރީ އިށީނުމުގެ ކުރީން ކަސްތޫރީ އެއްވެސް އެއްޗެއް ބޭނުންތޯ ކެންޒާ އަހާލިއެވެ. ވާހަކަދައްކާލަން ތިބޭ ވަގުތު ހޫނު ލުނބޯ ސައިތަށްޓެއް ލިބިދާނެތޯ އޭނާ އަހާލިއެވެ. ކެންޒާ ބޯޖަހާލުމާއެކު ސައިތަށްޓެއް ހިފައިގެން އަންނާނަން ކަމުގައި ބުނެ އެނބުރިލިއެވެ. އަދި ގިނައިރެއްނުވެ ލުނބޯސައިތަށްޓެއް ތަބަކަށް ލައިގެން އޭނާ އައިސް މޭޒު ދޮށުގައި އިށީނދެއްޖެއެވެ.
"އަހަންނަށް އެނގޭ ކެންޒާ އެނގެން ބޭނުންވާނެ ކަންކަން ހުންނާނެކަން" ކަސްތޫރީ ބުންޏެވެ.
"މަސައްކަތް ކުރަން ޖެހެނީ ކިހިނެއްކަން އަދި ރަނގަޅަށް ސާފުނުވާތީ، ހެނދުނު އަޅުގަނޑު ކުލާހަށްދަން، ނިމޭނީ މެންދުރުފަހު... މިތަނަށް ވެސް މި އަންނަނީ ކުލާސް ނިމޭގޮތަށް، އެހާއިރު އައިސް ރެސްޓޯރެންޓު ބަންދުކުރަންދެން މިތަނުގައި އަޅުގަނޑު އުޅެން، ތައްޔާރުކުރަނީ މިތަނުން ކަނޑައަޅާފައި އޮންނަ މެނޫގައި ހުންނަ ވައްތަރުތައް" ކެންޒާ ވާހަކަދެއްކިއެވެ.
"ތިންއިރުގެ ކެއުން ތައްޔާރުކުރަން ކެންޒާއަށް ޖެހޭނީ، މިދުވަސްކޮޅަށް ގޭގެ ހުރިހާ ކުދީން ހަމަވެއްޖެ، އެހެންވީމަ ދިހަ މީހުންނަށް ކާއެއްޗެހި ތައްޔާރުކުރަން ޖެހޭނެ، އެކަމަކު މައްސަލައަކަށްވަނީ އެންމެން އެކައްޗެއް ނުކާނެ، އަހަރެންގެ މާމަ ދަރީންގެ ސަބަބުން ގޭގައި ޝެފެއް ހަރުނުލައިގެން މިއުޅެނީ، އެކުއްޖަކީ ކެލެރީސްއަށް ބަލައިގެން ކާން ބޭނުންވާ ކުއްޖެއް، އަނެއްކުއްޖަކީ ތެޔޮ އެއްޗިއްސާއި ފޮނިއެއްޗެހި ކާން ބޭނުންވާ ކުއްޖެއް، މަސައްކަތް ފެށީމަ އެމީހުން ރަހަތައް މަޑުމަޑުން ކެންޒާއަށް ނަގައިގަންނަން އެނގޭނެ، ޚާއްޞަ އެއްޗެއް ކާން ބޭނުންވެއްޖެނަމަ އެކުދީން ގާތު އަހަރެން ބުނާނަން ކުރީބައިގަ ކެންޒާއަށް އަންގަންވާނޭކަން، އޭރުން އުނދަގުލެއްނުވާނެއެއްނު، ހެނދުނު އަށެކާއި އަށްގަޑި ފަނަރައާ ދެމެދު ސައިބޯން އެންމެން އަންނާނެ، މެންދުރު އެކެއްޖަހާއިރު ގޭގައި ތިބޭ މީހުން ކާނީ، އޮފީހުގައި އުޅޭ މީހުންނަށް ގެއިން ކާންއެއްޗެހި ގެންދާނެ، އެހެންވީމަ އެންމެ ލަސްވެގެން ބާރަގަޑި ބައިވަންވާއިރު ހުންނަންވާނީ ތައްޔާރުވެފައި، ދެން ރޭގަނޑުގެ ކެއުން އޮންނާނީ ހަތްގަޑިބައިގަ، ކުޑަކުއްޖަކު ހުންނާނެ، ހަތަރު އަހަރުގެ، އޭނާއަށް ކެވޭނޭ ކަހަލަ ކެއުންތައް ކެންޒާއަށް ތައްޔާރުކުރަން ޖެހޭނެ" ކަސްތޫރީ ވާހަކަ ހުއްޓާލީ ކެންޒާ އެއްޗެއް ބުނަން ބޭނުންވެފައި އިންހެން ހީވެގެންނެވެ. އޭނާ ބޮލުންކޮށްލި އިޝާރާތަކާއެކު ކެންޒާ ވާހަކަދައްކަން ފެށިއެވެ.
"ހެނދުނު އަށްގަޑި ބަޔަށް އަޅުގަނޑު ދާންޖެހޭނެ، ގިނަ ދުވަސްދުވަހު ނިމެނީ އެކެއް ޖަހާއިރު، މިތަނަށް ވެސް އާދެވެނީ ދޭއް ޖަހާއިރަށް، އަޅުގަނޑު ހިނގާފަ އުޅެނީ، ހެނދުނު ބްރެކްފަސްޓް ރެޑީކޮށްފައި އެނބުރި ގެއަށް އައިސް ރެޑީވެގެން ދާނެހާ ވަގުތު ނޯންނާނެ، އެގާރަ ޖަހާއިރު ބްރޭކް ލިބޭނީ، އެވަގުތުކޮޅު ލަންޗަށް ގޮސްފައި އަންނަން ދަތިވާނެ" ކަސްތޫރީ ހުށަހެޅި ގަޑިތަކާއި ކެންޒާ ކުލާހަށް ދާންޖެހޭ ގަޑިތަކުގައި ފުށުއެރުމެއް ހުރީތީ އެކަން ފާހަގަކުރިއެވެ.
"އަހަރެން ކާރު ހަމަޖައްސާ ދޭނަން، ހިނގާފައި އުޅޭކަށް ނުޖެހޭނެ، ވަގުތު ބަހާލައި ދެފަރާތަށް ފަސޭހަވާނޭ ގޮތެއް ނޯންނާނެތަ؟" ކަސްތޫރީގެ މޫނުން ސީރިއަސްކަން ފާޅުވެލިއެވެ. ކެންޒާ ހިމޭންވެލި ގޮތުން އޭނާ ފުންކޮށް ވިސްނާލަނީކަން ކަސްތޫރީ ދެނެގަތެވެ.
"އަޅުގަނޑު ކުލާހަށް ދާނީ ޔުނީފޯމްގަ، އެޔުނިފޯމުގައި ކައްކަން އުޅެފައި ނުދެވޭނެ... ހެދުން ބަދަލުކޮށްލައި ފާޚާނާ ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިއްޖެއްޔާ ރަނގަޅު، ކާރުގައި ދެވުނު ނަމަވެސް ކުލާހަށް ދިއުމުގެ ކުރީން ފްރެޝްވެލަން ބޭނުންވާނެ" ކެންޒާގެ ޚިޔާލު ފާޅުކުރިއެވެ.
"ތިކަން ހަމަޖެހޭނެ، ކެންޒާ ބުނާ ގަޑިއަކަށް ބުނާތަނަށް ޑްރައިވަރު ދާނެ، ދަތިވާކަމެއް މެދުވެރިވެއްޖެނަމަ އަހަރެން ގާތު ބުނާތި، އަހަރެން ކުރިން ވެސް ބުނިހެން ކެންޒާގެ ކިޔެވުމަށް ދަތިވާކަށް ނޭދެން، ދެމެދުގައި ވާހަކަދައްކައިގެން ހައްލުކުރެވެން ހުރިކަމެއްވިއްޔާ އަހަރެން ހައްލުކޮށްދޭނަން، ހެލްތް އިންޝިއުރެންސެއް މިހާރު ނެތްނަމަ، އެކަން ވެސް ހަމަޖައްސައިދެވޭނެ، އެއީ ކެންޒާގެ މުސާރައިން ކެނޑޭނެ ބައެއްނޫން، އެއީ އަހަރެންނަށް މަސައްކަތްކޮށްދޭތީ ދޭ އިތުރު އިނާޔަތެއް، މިހާރު ތިކޮޅުން މުސާރައިގެ ގޮތުގައި އަދަދެއް ކަނޑައަޅައިފިންތަ؟" ކަސްތޫރީ ސުވާލުކޮށްލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ކެންޒާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
"ދުވާލަކަށް އަށްޑިހަ ފަސް ޑޮލަރު ކިހިނެއްވާނެ" ކެންޒާއާ ނަޒަރު ސީދާކޮށްލައިގެން އިނދެ ކަސްތޫރީ އަހާލިއެވެ. ކެންޒާއަށް ޤަބޫލުކުރަން އުނދަގޫވިއެވެ. މިހާރު އޭނާގެ މުސާރައަކީ ފަނަރަހާސް ރުފިޔާއެވެ. އެއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ތިރީސް ދެ ޑޮލަރެވެ. ކެންޒާއަށް ހިންދިރުވާލެވުނެވެ. މަހެއްގެ މައްޗަށް ފަނަރަހާސް ރުފިޔާ ލިބޭ ވަޒީފާއަކަށްވުރެ ގާތްގަނޑަށް ސާޅީސްހާސް ރުފިޔާ މަހަކަށް ލިބޭ ވަޒީފާ ޚިޔާރުނުކުރާނީ ކާކު ހެއްޔެވެ. އެވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މަދުވެފައި އިތުރު އިނާޔަތްތަކާއެކު އޮތް ފުރިހަމަ ޕެކޭޖެކެވެ.
"އޯކޭ އެވަރު، އަޅުގަނޑު ބަލިވެގެން ނޫނީ އެހެންވެސް ޒަރޫރީ ސަބަބާހުރެ ދެވޭގޮތްނުވެއްޖެނަމަ" ކެންޒާ އެއްބަސްވުމާއެކު ހިތުގައި އޮތް ސުވާލު ވެސް ހާމަކޮށްލިއެވެ.
"ނާދެވެންޏާ އަހަންނަށް އަންގާލަންވާނެ، ކޮންމެ ދުވަހަކުވެސް ތިން އިރަށް ކެންޒާ އަހަރެންގެ ގެއަށް އަންނަންވާނެ، ތިންއިރަށްވުރެ އިތުރުވެއްޖެނަމަ ކޮންމެ ގަޑިއިރަކަށް އިތުރުގަޑީގެ ގޮތުގައި ފައިސާ ދޭނަން، ދެން ވަޒީފާގެ އެއްބަސްވުމެއް އޮންނާނެ ލިޔުމުން، އޭރުން ކެންޒާއަށް ވެސް ޔަގީންކަން ލިބޭނެ. އޮޅުންފިލުވަން ބޭނުންވާ އިތުރުކަމެއް އެބައޮތްތަ؟" ކަސްތޫރީ ބުންޏެވެ.
"މިވަގުތަށް ނެތް އިތުރު ސުވާލެއް" ކެންޒާ މަޑުމަޑުން ބުނެލިއެވެ.
"އެހެންވީމަ މާދަމާ ހެނދުނު ކިހާއިރަކު އަންނާނީ؟ ގެއަށް ދެވުނީމަ ކެންޒާއަށް ކިޔައިދޭން ޖެހޭ އިތުރު ކަންކަން ހުންނާނެ" ކަސްތޫރީ އެންމެ ފަހުގެ ކަމަކަށް އަހާލިއެވެ.
"ތައްޔާރުކުރާ ބާވަތްތައް އެނގުނީމަ ހޭދަވާނޭ ވަގުތު ބުނަން އެނގޭނީ" ކެއްކުމުގެ ތަޖުރިބާގެ މައްޗަށް ކެންޒާ ވާހަކަދެއްކިއެވެ.
"އަހަރެން މިރޭގެ ވަގުތަކު ކެންޒާއަށް އެ މަޢުލޫމާތު ފޯރުކޮށްދޭނަން، އެހެންވިޔަސް މާދަމާ ހަތެއް ޖަހާއިރު އަންނަންވީނު، އެޑްރެސް އަހަންނަށް ފޮނުވާލީމަ، ޑްރައިވަރު ދާނެ ހެނދުނު ކެންޒާ ބަލާ" ކަސްތޫރީ ބުންޏެވެ. ކެންޒާ ބޯޖަހާލީމާ ކަސްތޫރީ އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ހުރިހާކަމެއް ހަމަޖެހި ތިކޮޅުގައި އެއްވެސް މައްސަލައެއްނެތްކަމަށް އަހަރެން މިބަލަނީ" ކަސްތޫރީ ހިތްހަމަޖެހުމާއެކު ހިނިތުންވެލިއެވެ.
"ލައްބަ" ކެންޒާ އެއްބަސްވެ ކަސްތޫރީ ދިއްކޮށްލި އަތުގައި ސަލާމަށް ހިފާލިއެވެ. ދެމެދުގައި އެއްބަސްވެވިއްޖެކަން އަންގައިދިން ރަމްޒަކަށް އެ ސަލާމްވިއެވެ. ދެމީހުން ވެސް އެކަކުއަނެކަކަށް ބޯޖަހާލަމުން ހިނިތުންވެލިއެވެ.
* * * * *
ރެސްޓޯރެންޓުން ކެންޒާއަށް ނުކުމެވުނީ އެހެން ރޭރެއަށްވުރެ ލަހުންނެވެ. އޭނާ އެތަނުގައި މަސައްކަތްކުރާ އެންމެ ފަހު ރެއަށްވީމާ ކެންޒާއަށް ވަދާއުކިޔުމުގެ ކުޑަކުޑަ ހަފުލާއެއް ތަނުގެ ސްޓާފުންގެ މެދުގައި ޔާފިއާއާއި މިޔާދު އިސްވެ ހުރެ ބޭއްވީއެވެ. އެހެން ރޭރޭ އެކެއްޖަހާއިރު ކެންޒާ ހުންނާނީ ގޭގައެވެ. އެކަމަކު މިރޭ އޭނާއަށް ރެސްޓޯރެންޓުން ނުކުމެވުނީ ވެސް އެކެއް ޖެހިފަހުންނެވެ. ގެއާ ދިމާއަށް އައި ކެންޒާއަށް ގޭގެ ދޮރޯށި ކައިރީ މީހަކު ހުރިކަން އެނގުމުން ކަންފަތަށް ޖަހާފައިވާ ހެޑްސެޓް ނައްޓާލައި އެދިމާއަށް ސަމާލުކަން ދެވުނެވެ. ފުރަތަމަ އެއީ ބައްޕަކަމަށް ހީކުރެވުނަސް އެއީ ބައްޕަ ނޫންކަން ކެންޒާއަށް ޔަގީންކޮށްދިނީ އެމީހެއްގެ އިސްކޮޅާއި ބިޔަ ހަށިގަނޑެވެ. ކެންޒާގެ އަވަސްފިޔަވަޅުތައް މަޑުޖެހެންފެށިއެވެ. ކިތަންމެ ކެރޭކަމަށް ހެދުނަސް އޭނާ ޖެހިލުންވެއްޖެއެވެ. މޭގެ ތެޅުން އިޙްސާސްވާއިރު ހިތްބިރުގަންނަ ގޮތްވެއްޖެކަން ގައިމެވެ. ފަސްއެނބުރި ބަލާލާފައި މަގުގެ އެހެން ދިމާތަކަށް ކެންޒާގެ ނަޒަރު ހިންގާލެވުނެވެ. މުޅި މަގުގައި ވެސް އޭނާއާއި ގޭ ދޮރުމަތީގައި އެ ހުރި މީހާ ފިޔަވައި އެހިސާބުގައި އިތުރު މީހަކުނުވެއެވެ.
"ބައްޕައާއެކު އަނެއްކާ ވެސް ބަޔަކު އައީ ކަންނޭނގެ" ކެންޒާ ހިތަށް އެރިއެވެ. ބެކްޕެކްގެ ވާގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން އިސްޖެހިފައި ހުރެ ކެންޒާ ގެއަށް ވަންނަން އައެވެ. ދޮރޯށި ކައިރީ ހުރި މީހާގެ އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް ވައްޓާލައި ފައިން އެރިތަން ކެންޒާ ދުށްޓެވެ.
"ކެންޒާ" ދޮރޯށި ފެންނަ ހިސާބަށް ކެންޒާއަށް އާދެވުމާއެކު އިވުނީ ކުރިން އިވިފައި ހުރި އަޑެކެވެ. އިސްޖަހާލައިގެން ނުބުލަން ހުރި ކެންޒާއަށް އިސްއުފުލާލެވުނެވެ. ދޮރޯށި ކައިރީ ހުރީ މިފްރާހުއެވެ. އޭނާއާ ވާހަކަނުދައްކާ ކެންޒާ ދޮރޯށި ހުޅުވަން އުޅުނެވެ. އެހިނދު ކެންޒާއަށްވުރެ ކުރިން ދޮރޯށީގެ ތަޅުގައި މިފްރާހު ހިފައިފިއެވެ. ކެންޒާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. މިހާ ދުވަސްވީއިރު ހަމީމުގެ އެއްވެސް ރައްޓެއްސެއް އެގޮތަށް ކެންޒާއާ ދިމާކޮށްފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ކެންޒާ ފެންނަ ކަމަށް ވެސް އެމީހުން ނުހަދައެވެ.
"އަހަރެން ހާދަ އިރެއްވެއްޖެޔޭ މިތާ ހުންނަތާ؟" ކެންޒާއަށް ނަޒަރު ހުއްޓާލައިގެން ހުރެ މިފްރާހު ބުންޏެވެ.
"އަހަންނާ ވާހަކަ ނުދައްކަންތަ ތިހުންނަނީ؟ ދެން ކޮންމެވެސް އެއްޗެއް ބުނެބަލަ؟ އަހަރެންދެކެ ބިރުންތަ؟" ކެންޒާ ވާހަކަނުދައްކާ ހުންނަން ފެށުމުން ދެން ވެސް ވާހަކަދެއްކީ މިފްރާހެވެ.
"އަހަރެން ގެއަށް ވަންނަންވެއްޖެ" ކެންޒާ ބުނެލިއެވެ.
"ހިނގާ ވަންނަން" މިފްރާހު ބުނެލިއެވެ. އަޖައިބުވެ އަންތަރީސްވީ މީހަކު ފަދައިން ކެންޒާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. އެ ހައިރާންކަންމަތީ މިފްރާހަށް އޭނާ ބަލާލިއެވެ. ކެންޒާގެ ބެލުން ފެނި މިފްރާހު ހީނލީއެވެ. އެ ދެލޮލުގައިވަނީ ކޮންކަހަލަ ވިދުމެއްކަމެއް ނޭނގެއެވެ. ސަމާސާއާއި ލާނެތްކަން އެކުލެވޭ ހިނިތުންވުމެކެވެ.
"ކީއްވީ؟ ހަމްބެއާއެކުއޭ އަހަރެން މިގެއަށް އައީ؟ އައި މީން ކެންޒާގެ ބައްޕައާއެކު. އާދޭ..." ދޮރޯށި ހުޅުވާލައި މިފްރާހު އެތެރެއަށް ވަނެވެ. މިފަރާހުގެ ފަހަތުން ކެންޒާ އެތެރެއަށް ވަނެވެ.
"މިފޫ، އަހަރެންގެ ފޮށި ހުސްވެއްޖެ" ސިޓިންރޫމު ތަޅުންމަތީ އިން ހަމީމަށް ދޮރުމަތިން މިފްރާހު ފެނުމާއެކު ބުނެލިއެވެ. އޭނާގެ ފަހަތުގައި ކެންޒާ ހުރިތަން ފެނުނީ ދެނެވެ.
ގޭތެރެއަށް ވަދެ މިފްރާހުގެ ޖީންސުގެ ޖީބުން ނެގި ސިނގިރޭޓު ފޮށި ހަމީމަށް ދިއްކޮށްލިއެވެ. ކެންޒާ ފުރުޞަތުގެ ބޭނުންހިފައި ހަލުވިކޮށް އައިސް ކޮޓަރީގެ ދޮރު ހުޅުވައި އެތެރެއަށް ދެމިގަތެވެ. އެމަންޒަރު ބަލަން ހުރި މިފްރާހު އެއްމިޔަ ކަނުން ހިނިތުންވެލިއެވެ. އޭނާ ބޭނުންނަމަ ކެންޒާ ހުއްޓުވޭނެކަމުގެ ޔަގީންކަން މިފްރާހުގެ އަމިއްލަ ނަފްސަށް އޮތެވެ.
"ކޮންނަމެއް ކިޔާ ރެސްޓޯރެންޓެއްގަތަ އޭނާ މަސައްކަތްކުރަނީ؟ މިހާ ލަހުންތަ ކޮންމެރެއަކު އަންނަނީ" ބާވެ އިރައިގެން ގޮސްފައި ހުރި ސޯފާގައި އިށީންނަމުން މިފްރާހު ވާހަކަދެއްކީ ހަމީމްއާއެވެ.
"ނޭނގެ! މަށެނުބަލަން" ހަނދާންކުރަން ވެސް ބުރައަކަށް ހަމީމު ނޭނގޭކަމަށް ހެދިއެވެ.
"މިރޭ މިގޭގަ ނިދާލަންތަ؟" މިފްރާހު އަހާލީ ހަމީމުގެ ހުއްދައަކަށެވެ.
"މަށަށް ލާރިކޮށްދޭންވީނު" ހަމީމު އެދުނެވެ. މިފްރާހު ހިނިގަނޑެއް ޖަހާލިއެވެ.
"މިވަގުތަކުނެތް، މާދަން ދީފާނަން" މިފްރާހު ބުނެލިއެވެ. އެގޮތާ ހަމީމު އެއްބަސްވިއެވެ.
ކޮޓަރިއަށް ވަންގޮތަށް ކެންޒާ ނުކުންނާކަށް ބޭނުމެއްނުވިއެވެ. މަސްތުގެ ހާލުގައި ހުންނަ ބައްޕައަށްވުރެ ހަމަހޭގައި ހުރިކަން އެނގޭ މިފްރާހުދެކެ ކެންޒާ މާބޮޑަށް ޖެހިލުންވެއެވެ. އޭނާގެ މަޤްޞަދު ނޭނގޭތީއެވެ. ކެންޒާ ޤަބޫލުކުރާ ގޮތުގައި އޭނާއަކީ އެއްވެސް ފިރިހެނަކު ގަޔާވާނޭ ކަހަލަ ސިފައެއްގައި ހުރި އަންހެންކުއްޖެއް ނޫނެވެ. މިފްރާހު ދެކެ ޖެހިލުންވިޔަސް އޭނާއަށް ލިބިފައިއެވާ ފިރިހެންވަންތަ ސޫރައަކީ ދޮގުކުރެވޭނޭ ކަމެއްނޫނެވެ. އަންހެންކުދީންގެ ހިތްތައް ދީލައިލާނޭ ފަދަ އަލިގަދަ ދަޅައެކެވެ. ބައްޕައާއެކު ނޫން ގޮތަކަށް މިފްރާހު ފެނުނުނަމަ ފަހަރެއްގައި ކެންޒާގެ ހިތަށް ވެސް އެފަދަ ގޮތްތަކެއް ވެއްޖައީހެވެ.
* * * * *
ހެނދުނު ހައެއް ޖެހުމާއެކު އެލާމްވާ އަޑަށް ފޯނު ނިއްވާލުމާއެކު ކެންޒާ އެނދުން ތެދުވިއެވެ. ފާޚާނާއަށް ވަދެ ފެންވަރާލައިގެން އޭނާ ކޮޓަރިން ނުކުންނަން ދޮރުހުޅުވާލިއެވެ. ނަމަވެސް ހުއްޓުން އެރީ ސިޓީންރޫމު ތަޅުންމަތީ ނިދާފައި އޮތް މިފްރާހު ފެނުމުންނެވެ. ބަލަން ބޭނުންނުވިޔަސް ކެންޒާގެ ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ސޯފާ މައްޗަށް މިފްރާހު ލައިގެން އުޅުނު ގަމީސް އެއްލާފައި އޮތެވެ. އެއްއަރިއަކަށް ކުރުކޮށްލާފައި އޮތް ކަނާއަތްމަތީ ބޯ ބާއްވާލައިގެން މިފްރާހު އޮތީ ކެންޒާގެ ކޮޓަރިއާ ކުރިމަތިވާނޭ ހެންނެވެ. އެ ހަށިގަނޑަށް ފަރުވާތެރިކަމާއެކު ކެންޒާއަށް ބަލާލެވުނެވެ. އޭނާ އިންސްޓަގްރާމުން ބަލާފަދަ ރީތި ހަށިގަނޑެކެވެ. ގަވައިދުން ކަސްރަތުކޮށްގެން ނޫނީ އެފަދަ ގޮތަކަށް ހަށިގަނޑުގެ މަސްތައް ބައްޓަން ނުކުރެވޭނެކަން ކެންޒާއަށް އެނގެއެވެ.
"ހޫ އާ ޔޫ؟" ކެންޒާގެ ހިތް ސީދާ މިފްރާހުގެ ގާތުގައި އަހާލި ކަހަލައެވެ.
މިފްރާހު އޮތްގޮތް ބަދަލުކޮށްލުމަށް ފުރޮޅިލިއެވެ. އެހިނދު ކެންޒާ އަވަސް އަވަހަށް ނަޒަރު ވަކިކޮށްލިއެވެ. ކޮޓަރިން ނުކުމެ ތަޅުލާފައި ބަދިގެއާ ދިމާއަށް އޭނާ އައެވެ. ފޯނު ބަލާލި ބަދިގެއަށް ވަދެފައެވެ. ހެނދުނަށް ބޭނުންވާނޭ ބާވަތްތަކުގެ ލިސްޓެއް ކަސްތޫރީ ފޮނުވާފައި އޮތެވެ. ހެނދުނު ގަޑިއަށް ބޮޑެތި ކެއުންތަކެއް އެމީހުން ނުކާކަން ކެންޒާއަށް ފާހަގަވިއެވެ. އެހެންނަމަވެސް ހުރިހާ ވަގުތަކަށް ވެސް ތައްޔާރުކުރަން ޖެހޭ ބަވަތްތައް ގިނައެވެ. ކަސްތޫރީގެ ގޭގައި މަސައްކަތް ފެށުމުން މެންދުރު ގެއަށް އަންނަން އުނދަގޫވާނެތީ ކެންޒާ ގަސްދުކުރީ ހެނދުނު ކާއެއްޗެހި ތައްޔާރުކޮށްފައި ދާށެވެ.
"މޯނިން ކިޓީ" މިފްރާހުގެ އަޑު ބަދިގެ ދޮރުކައިރިން އިވުނެވެ. ހުރިހާ މަސައްކަތެއް ނިމި ދެއަތް ދޮންނަން ހުރި ކެންޒާ އެނބުރިލިއެވެ. ނިދިބަރުކަން މިފްރާހުގެ އަޑުގައި ހުއްޓެވެ. ގަމީސް ލައިގެން ހުއްޓެއްކަމަކު ގޮށެއް ނާޅުވައެވެ. ކެންޒާ ސަމާލުކަމެއް ނުދިނެވެ. ދެއަތް ދޮވެލުމާއެކު އޭނާ ބަދިގެއިން ނުކުންނަން އައެވެ.
"ސައި ނުދޭނަންތަ؟" ދޮރުކަނީގެ ހުރަހަށް އަތްދަމާލަމުން މިފްރާހު ހުރަސްއެޅިއެވެ. އޭނާގެ އަތުގެ ކުޑަހުޅާ ހިސާބުގައި ބޮލުގައި އައްސާ ވޫލުކޮޅު އޮތެވެ. އެ ދިގު ފަން އިތަށިގަނޑުވަނީ ތަރުތީބެއް ނެތި މޫނުގެ ދެފަރާތުން ތިރިއަށް ސޮހިފައެވެ. އަނެއްއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލައި ފަހަތަށް ގެންދިޔައީ އެނާއާއި ކެންޒާއާ ދެމެދަށް އެޅޭ ހުރަހަކަށް އިސްތަށިގަނޑުވިޔަ ނުދިނުމަށެވެ. ކެންޒާގެ މޫނު ސާފުކޮށް ދުށުމަށް މިފްރާހު ބޭނުންވިއެވެ.
"އަހަންނަށް ލަސްވޭ، ބައްޕައާއެކު ވަދެ ސައިބޮއެ" ކެންޒާ ބުނެލިއެވެ. މިފަހަރު ވެސް މިފްރާހު ކެންޒާއާ ބަދަލުކޮށްލީ މާނަފުން ހީނލުމެކެވެ. އޭނާ މަޑުމަޑުން އަތްދުރަށްލައި ކެންޒާ ދާން ތަންދެއްކިއެވެ.
"ސްކެއާޑް ލިޓްލް ކިޓީ" ހިނިއައިސްފައި ހުރެ ކެންޒާ ދިޔަތަން ބަލަން ހުރި މިފްރާހު ސިއްރުން ކިޔާލިއެވެ.
ބޭނުންވާނޭ ހުރިހާ ސާމާނު ބެކްޕެކަށް އަޅައި ކެންޒާ ތައްޔާރުވިއެވެ. ނުދަންނަ ނަންބަރަކުން ކެންޒާއަށް ކޯލެއް އަންނާތީ ޖަވާބު ދިންއިރު އޭނާއަށް ގުޅީ ކަސްތޫރީ ފޮނުވި ޑްރައިވަރެވެ. އަވަހަށް ކޮޓަރިން ނުކުމެ އާދައިގެ މަތިން ތަޅުލިއެވެ. ފެންފުޅިއެއް އަތަށް ލައިގެން ސޯފާގައި މިފްރާހު އިންދާ ފެނުނެވެ. އޭނާއަށް ބަލާލުމެއްނެތި ކެންޒާ ހަލުވިކޮށް ގެއިން ނުކުތެވެ.
"ކެންޒާ ދޯ" މަގުގެ އަނެއްފަރާތުގައި ކާރުގެ ކައިރީ މަޑުކޮށްލައިގެން ހުރި ފިރިހެން މީހާ އަހާލިއެވެ. ކެންޒާ ބޯޖަހާލުމާއެކު އޭނާ ކާރުގެ ފަހަތު ސީޓުގެ ދޮރުފަތް ހުޅުވާލިއެވެ. ކެންޒާ އެރުމުން ދޮރުފަތް ލައްޕާލައި އޭނާ ވެސް ކާރަށް އަރައި ދުއްވާލައިފިއެވެ.
(ނުނިމޭ)