ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މަޖިލީހަށް އޮޅުނީތަ، ފައިސާ ޗާޕު ކުރަނީތަ؟

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް އާމްދަނީ ލިބެން ހުރި ހުރިހާ ދޮރެއް ގާތްގަނޑަކަށް "ބަންދު" ވެއްޖެ އެވެ. އާމްދަނީގެ ދޮރުތައް ބަންދުވީއިރު، ކުރިމަތީގައި އޮތީ ބޮޑު ކްރައިސިސް އެކެވެ. ގައުމު މިއޮތީ ސިއްހީ ގޮތުން ބޮޑު ކާރިސާއެއްގަ އެވެ. ކާރިސާގެ ކޮޅެއް މެދެއް އަދި ނޭނގެ އެވެ. އެހެންވެ، ސަރުކާރުން ތެޅި ފޮޅެނީ ސިއްހީ ކަންކަމަށް ބޭނުންވާ ފައިސާ ހޯދާށެވެ. އެހެންވެ، ސަރުކާރުން ވަނީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑް ކުރަން ރައްޔިތުން މަޖިލީހަށް ހުށަހަޅާފަ އެވެ. މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް އައުމާއެކު، "ދެކޮޅަށް ކެނޑޭ ގޮތަށް" ކުރި ބަހުސްތަކަށް ފަހު ކުރި ފަޅައިގެން ނުކުތީ މުޅިން އެހެން ވާހަކަ އެކެވެ. ސަރުކާރުން ބޭނުން ވަނީ މަރުކަޒީ ބޭންކުން "އޯވަޑްރޯ" އެއް ހޯދާށެވެ. މި އަށްވުރެ މި ބަސް ތިލަކޮށްލާނަމަ ސަރުކާރުން ބޭނުން ވަނީ އާމްދަނީ ލިބުން މަދުވެފައިވާތީ ހަރަދު ކުރަން އިތުރު ފައިސާ ޗާޕު ކުރާށެވެ. މިއާއެކު ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ.

ހަރަދަށް ޒިންމާވުމުގެ ގާނޫނުން ބައެއް ސަސްޕެންޑް ކުރަނީ ކީއް ކުރަން ހެއްޔެވެ؟ ސަރުކާރުން ހަގީގަތުގައި އުޅެނީ ފައިސާ ޗާޕު ކުރަން ހެއްޔެވެ ؟ ނޫނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ނަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީ ފަހުމް ނުވީ ހެއްޔެވެ؟

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މަޖިލީހުގައި އެދިފައި އޮތީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން އެއް އަހަރު ދުވަހަށް މަޑު ޖައްސާލާށެވެ.

"އަވަސް" އަށް ވާހަކަ ދެެއްކެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓަރު ފޮނުވި ސިޓީގެ މާނަ އޮތީ މަޖިލީހަށް އޮޅުން އަރާފަ އެވެ. އަދި ވަރަށް އަވަހަށް އެ މިނިސްޓްރީން އެކަން އޮޅުން ފިލުވައިދޭނެ އެވެ. ސަސްޕެންޑް ކުރި މާއްދާތަކުގައި ބުނަނީ ކީކޭ ހެއްޔެވެ؟ މި މާއްދާތައް ސަސްޕެޑް ކުރަނީ ކީއް ކުރަން ހެއްޔެވެ؟

އެއް އަހަރަށް "ފްރީޒް ކުރަން" އެދިފައިވާ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ގައިވާ ގޮތުން، މައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށް ވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގަ އެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ ތިން އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އަށްވުރެ އިތުރު ނުވާނޭ ގޮތެއްގެ މަތިންނެވެ. އަދި ރ. ގައި ބުނެފައިވާ ގޮތުން، 1 ޖެނުއަރީ 2016، އިން ފެށިގެން ދައުލަތުން ދަރަންޏަށް ފައިސާ
ނަގަން ވާނީ ގާއުމީ ތަރައްގީގެ މަޝްރޫއުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަންޏެވެ. އެ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ އެވެ. އަދި ސަސްޕެންޑް ކުރަން ފިނޭންސުން އެދިފައިވާ ގާނޫނުގެ ބ. ގައި ބުނެފައިވާ ގޮތުން، މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، ދައުލަތުގެ
ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މި މާއްދާގެ (ހ) ގެ ދަށުން މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ އެވެ.

މި މާއްދާތައް މި ވަގުތު "ފްރީޒް" ކުރުމުގެ ހަގީގީ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ބެލެވޭ ގޮތުގައި މި މާއްދާތައް އެއް އަހަރު ދުވަހަށް ފްރީޒް ކުރުމުގެ މައިގަނޑު މަގުސަދަކީ މިހާރު ރާއްޖެ އަށް ދިމާވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ބޭނުން ވާނެ ފައިސާ ހޯދަން މަގު ކޮށުމެވެ. މަޖިލީހުގެ މެންބަރުން ވިދާޅުވަނީ ސަރުކާރުން ބޭނުން ވަނީ 4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އަދި މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.

އިތުރު ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްގެން ނެރެފިނަމަ އިގްތިސާދަށް ކުރާނީ ކޮން އަސަރެއް ހެއުްޔެވެ؟ ސަރުކާރުން ފްރީޒް ކުރާ މާއްދާތަކުގެ ބޭނުންކޮށް މަރުކަޒީ ބޭންކް މެދުވެރިކޮށް، ފައިސާ ތަކެއް ޗާޕު ޖަހައިގެން ނެރެފިނަމަ ވަގުތީ ގޮތުން ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ގަބޫލު ކުރެ އެވެ. އެކަމަކު މިކަން ވާނީ ދިގު މުއްދަތަށް ބަލާނަމަ އޭގެ ނުބައި އަސަރު ކުރާނެ ކަމަކަށެވެ. ރާއްޖޭގެ ސަރުކާރު ތަކުން މީގެ ކުރިން މިގޮތަށް ފައިސާ ޗާޕުކޮންގެން ނެރުމުން ހިތި ނަތީޖާތަކެއް ފެނިފައިވެ އެވެ. އެންމެ ފަހުން މިގޮތަށް ފައިސާ ޗާޕު ޖަހައިގެން ނެރެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޑިޔާއިން ނަގާފައިވާ ބަޖެޓް ސަޕޯޓަށް ފައިސާ ދައްކަންވެސް މިކަން ކުރި އެވެެ.

އެ ފަހަރު ފައިސާ ޗާޕު ކުރުމާއެކު އިގްތިސާދަށް ނުބައި އަސަރު ތަކެއް ކުރި އެވެ. މީގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އިންފްލޭޝަން އަށެވެ. ފައިސާ ގިނަ ވާ ވަރަކަށް ހިދުމަތާއި މުދަލުގެ އަގު އުފުލޭނެ އެވެ. އަގު އުފުލޭ ވަރަކަށް މުސާރަތައް ބޮޑު ކުރަން މަޖުބޫރުވާނެ އެވެ. މީގެ އިތުރުން އިގްތިސާދުގައި ފައިސާ ގިނަ ވެއްޖެނަމަ ދިވެހި ފައިސާގެ އަގު ވެއްޓިގެން ދާނެ އެވެ. އަދި ރާއްޖޭގެ އިމްޕޯޓަށް ބޭނުންވާ މައިގަނޑު "ތެޔޮ" ކަމަށްވާ ޑޮލަރުގެ އަގު އިންތިހާ އަށް މަތި ވެގެން ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނެއް ގެންނައި އެއް ސަބަބަކީ ވެސް މިކަން ހުއްޓުވުމެވެ.