ރާއްޖެ ކުޅިވަރު

ވެލެންސިއާ ބަލިކޮށް ފުރަތަމަ މެޗު މާޒިޔާ އަށް

Sep 15, 2015

ކުލަބު ވެލެންސިއާ 2-0 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މާޒިޔާ މިއަދު ކާމިޔާބުކޮށްފި އެވެ.

ވެލެންސިއާގެ ބިދޭސީ ޑިފެންޑަރު ފެއިތް މޯކީ އަށް ފުރަތަމަ ހާފުގައި އަނިޔާގެ އަށިގަނޑުގައި ދަނޑުން ބާލައި ހޮސްޕިޓަލަށް ގެންދިޔަ މެޗުގެ ފުރަތަމަ ގޯލު އަސަދުﷲ ޖެހީ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގަ އެވެ. އަދި އާއްކޮ ލީޑު ފުޅާކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.

މާޒިޔާއިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި މެޗުގައި މާޒިޔާގެ ގޯލާ އަމާޒުކޮށް ވެލެންސިއާ އަށް ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއްނުވެ އެވެ. އޭގެ ބަދަލުގައި މެޗުގައި އެންމެ ހުސް އެއް ފުރުސަތު ލިބުނީ މާޒިޔާގެ މުހައްމަދު އުމޭރަށެވެ. އޭރިޔާ ތެރެއިން އޭނާ ފޮނުވާލަން އުޅުނު ބޯޅަ ރަނގަޅަށް ފަޔަށް ނާރައި މަޑުވީ އެވެ.

މި މެޗު ބަލަން މާގިނަ ބަޔަކު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ގޮސްފައިނުވާއިރު މުބާރާތުގެ ގްރޫޕް ބީގައި މާދަމާ ކުޅޭނީ ވިކްޓަރީ އާއި އީގަލްސް އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.