ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ޓެސްޓް ކިޓުތައް ލިިބިއްޖެ

ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުން ކުރާ އިތުރު 5،000 ޓެސްޓު ކިޓު ލިބިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އާ 5،000 ޓެސްޓު ކިޓް ރާއްޖެއަށް ގެނެސް އެ ތަކެތި މިހާރު އައިޖީއެމްއެޗާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޕޮލިސްގެ އިންޓެލިޖަންސަށް ބޭނުން ކުރާ ޕީސީއާރް މެޝިނެއް ވެސް މި މަސައްކަތުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށައި އެގޮތުން މިރޭ އެ މެޝިނު ބޭނުން ކުރަން ފަށައި ދުވާލަކު 50 ޓެސްޓު ހެދޭނެ ކަމަށެވެ.

"މި މެޝިނުން ޓެސްޓުތައް ފެށުމާއެކީގައި ފުރަތަމަ ކޮޅު ދުވާލަކު 50 އިތުރު ޓެސްޓު ހެދޭނެ. އަދި މި މެޝިނަށް ރަަނގަޅަށް މަސައްކަތްތައް ހިނގައިގަތީމައި އިތުރު ކުރެވޭނެ ކަމަށް މައުލޫމާތު ލިބޭ،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުން ކުުރާ ޓެސްޓު ކިޓުތައް އިތުރު ކޮށްފައިވާ ކަމަށް މިރޭ މައުލޫމާތު ދިނީ އުލިގަމުން ޕޮޒިޓިވްވި މީހުންނާ ގުޅުންްހުރި ކޮންްޓެކްޓުންގެ ޓެސްޓު ކުރުން ލަސްވެފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތައް ކޮށްފައި ވަނިކޮށެވެ.

މިރޭ ހާމަކުރި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 108 އަށް އަރާފަ އެވެ. އަދި މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 92 އަަށް އަރާފަ އެވެ. މާލޭގެ އިތުރުން ދެން މި ބަލީގެ މީހަކު ފެނިފައި ވަނީ އުލިގަމުންނެވެ. އެ މީހާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު މީހަކަށް ވެސް ބަލި ޖެހިފައިވެ އެވެ.