ރޯދަ މަސް

ރޯދައިގެ އިހުސާސް މިފަހަރު މި ލަވައިން!

މި އަހަރުގެ ރޯދަ މަސް މި ބައްދަލު ކުރީ އިންސާނީ ތާރީހު ދެކޭނެ އެންމެ ހިތްދަތި އެއް ހާލަތުގަ އެވެ. ކޮވިޑްގެ ނުރައްކާ މުޅި ދުނިޔެ އޮތީ ހާސްކޮށްލާފަ އެވެ. އެ ހާސްކަން ރާއްޖެއަށް އިންތިހާއަށް ބޮޑެވެ.

ދިވެހިންގެ ވެރިރަށުން ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އިއްޔެ އާއި ރެއަކީ ރެކޯޑެވެ. އިއްޔެ އެކަނިވެސް 23 މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެހެންވީމަ ރޯދަ މަސް ދިވެހިން ފެށީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ތިއްބެވެ.

ކޮންމެ އަހަރަކު ވެސް ރޯދައަކީ މުސްލިމުންނަށް ވަރަށް ހާއްސަ މައްސަރެކެވެ. މިއަހަރު ދިވެހިން ރޯދަ ހިފަން މި ފެށީ އެއްވެސް ތައްޔާރީއެއް ނެތި އެވެ. އެއަށްވުރެ މުޖްތަމައުގެ ހާލަތު ގޯހެވެ. ކުރިމަތީ އޮތް ނުރައްކާ ބޮޑެވެ. އިގްތިސާދުކޮށް ހަރަދު ކުޑަކުރަން ވަނީ މަޖުބޫރުވެފަ އެވެ. އެެހެންވީމަ ގިނަ ދިވެހިންގެ ނަޒަރުގައި ރޯދަ ފެށުނުހެން ވެސް ހީނުވެއެވެ.

ޖަމާއަތުގައި ނަމާދުކުރުން އޮތީ ހުއްޓިފައެވެ. ބާޒާރު އޮތީ ފަޅަށެވެ. ކަރާ، ކުރުނބާ އަދި ފަތްޕިލާވެރިން ބަރާކޮށްގެން އަންނަ ފަޅު އޮޑިފަހަރެއް ނެތެވެ. އެހެންވެ މިއީ ކުރިން ދިވެހިންނާ ބައްދަލްކުރި ފަދަ ރޯދަ މަހެއް ނޫނެވެ. ނަމަވެސް ރޯދައިގެ އިހުސާސްތަކާ ގުޅިފައިވާ ޒަމާންވީ އެތައް ހަނދާންތަކެއް ވެއެވެ. މިއީ އެފަދަ އެންމެ ހާއްސަ ހަނދާނެވެ.

ރޯދަ މަހު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ ގައުމީ ޓީވީން ގެނެސްދޭ "މުހައްމަދު ރަސޫލުﷲ" ސީރިޒަށެވެ. މިސްރުގެ މި ސީރީޒް ގެނެސްދެނީ ދިވެހި ބަހުން އަޑު އަޅައިގެންނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެ ސީރީޒް ދައްކަމުންދާއިރު ދިވެހިންނަށް ރޯދަ މަހުގެ އެންމެ ހާއްސަ ބައިވެރިއަކީ އެއީއެވެ.

ސީރީޒް ފެށޭއިރު ގެނެސްދޭ ތީމް ލަވަ "މުހައްމަދު ޔާ ރަސޫލުﷲ" މި ލަވަ އިވުމުން ރޯދަ މަހުގެ އިހުސާސްތައް ގެނުވައި ދެއެވެ.

"މުހައްމަދު ޔާ ރަސޫލުﷲ" ގެ އަސްލު ލަވަ

މި ލަވަ ކިޔާފައިވަނީ މިސްރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔާސްމީން އަލް ހައްޔާމް އެވެ. ޔާސްމީން މި ލަވަ އެންމެ ފުރަތަމަ ކިޔާފައި ވަނީ 1979 ގަ އެވެ. މިހާރު ތަފާތު ޗެރިޓީ ޕްރޮގުރާތައް ހިންގަމުންދާ ޔާސްމީން ލަވަކިޔުން ހުއްޓާލީ 1990 ވަނަ އަހަރު އެވެ.

ނަމަވެސް ޔާސްމީން ވަނީ މީގެ ކުރިން ހަމަ އޯކެސްޓްރާ ބޭންޑުތަކާއި ތަފާތު އެކި ހަފްލާތަކުގައި މި ލަވަ ހުށަހަޅާދީ ގިނަ ބައެއް މަގުބޫލުކަން ހޯދާފަ އެވެ.

ޔާސްމީން ނޭންގުނު ނަމަވެސް ދިވެހިންގެ މެދުގައި ވެސް މި ލަވައަށް ދެވިފައިވާ މަގާމު ވަރަށްވެސް ބޮޑެވެ. އަދި މީގެ ދެ އަހަރު ކުރިން ޔާސްމީނަށް ދިން ޓްރިިބިއުޓެއްގެ ގޮތުގައި މިސްރުގެ ސީބީސީ ޗެނަލުން ދައްކާ "ސަހިބެތް އަލްސައާދާ" ކިޔާ ޕްރޮގުރާމެއްގައި އެ ލަވަ ގެނެސްދިން ވެގެން ދިޔައީ އެ ލަވައަށް ދެވިފައިވާ މަގާމު އިތުރުވީ ކަމަކަށެވެ.

ޔާސްމީން މެހެމާނެއްގެ ގޮތުގައި ބައިވެރިވި އެ ޝޯގައި އޯކެސްޓްރާ ބޭންޑަކާއެކު އެ ލަވަ ހުށައަޅައިދިނީ ޒުވާން ލަވަކިޔުންތެރިޔާ ހަލާ ރުޝްދީ އެވެ.

އެހެންވީމަ މި ލަވަ އަޑު އަހާލަމާ ހެއްޔެވެ؟ ޔަގީނުން ވެސް ރޯދަ މަސް ފެށިއްޖެކަމުގެ އިހުސާސް ކުރެވޭނެ އެވެ. މި އަހަރުވެސް ދައުލަތުގެ މީޑިއާއިން ދެ ވަގުތެއްގައި "މުހައްމަދު ރަސޫލުﷲ" ސިލްސިލާ ފޮނުވާނެ އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމް ވިދާޅުވީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ފެށިގެން 12:00 އަށް އަދި އިރޮއޮއްސި 6:00 ފެށިގެން 7:00 އަށް "މުހައްމަދު ރަސޫލުﷲ" ޓީވީއެމްއިން ގެނެސްދޭނެ އެވެ.