ޕްރެޒިޑެންޓްސް ކަޕުގައި މިއަދު މާޒިޔާ އަތުން ވެލެންސިއާ ބަލިވި މެޗުގެ ކުރީކޮޅު އަނިޔާވެގެން އަށިގަނޑުގައި ބޭލި ނައިޖީރިއާ ޑިފެންޑަރު ފެއިތް މޯކީ ހިތަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
ވެލެންސިއާ އޮފިޝަލަކު ބުނީ ލޯމަތިން ތިން އިންޗި ފަޅައިގެން ދިއުމުން މާދަމާ ހެނދުނު އިތުރު ޓެސްޓްތައް ހަދަންޖެހޭ ކަމަށެވެ. މިހެންވެ އަންނަ ހުކުރު ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ފެއިތަށް ކުޅެވޭނެކަން ޔަގީންނުވާ ކަމަށެވެ. އަދި އޭނާ އަށް ނުކުޅެވޭނަމަ އެއީ ފޫބައްދަން އުނދަގޫ މައްސަލައަކަށްވާނެ ކަމަށެވެ.
ފެއިތަކީ މި ސީޒަނުގައި ވެލެންސިއާގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޑިފެންޑަރެކެވެ. ވެލެންސިއާގައި ބިދޭސީ ތިން ކުޅުންތެރިން ތިބި ނަމަވެސް މާޒިޔާއާ ދެކޮޅަށް އެމީހުންގެ ކުޅުން ފެނުނީ ވަރަށް އާދައިގެ ގޮތަކަށެވެ.