ރާއްޖެ ކުޅިވަރު

ބަލިވިޔަސް ވެލެންސިއާ ހިތްހަމަޖެހިފައި

Sep 15, 2015

ޕްރެޒިޑެންޓްސް ކަޕުގައި މިއަދު މާޒިޔާ އަތުން 2-0 އިން ބަލިވި ނަމަވެސް ނަތިޖާ އާއި ކުޅުމާމެދު ވެސް ހިތްހަމަޖެހޭ ކަމަށް ވެލެންސިއާއިން ބުނެފި އެވެ.

ކޯޗު މުހައްމަދު އިގްބާލް މެޗަށް ފަހު ބުނީ ވެލެންސިއާ ދެއްކި ކުޅުން ގޯސް ނޫން ކަމަށެވެ.

"ފުރަތަމަކޮޅު ލަނޑެއް ވަނީމަ ދެން ކުޑަކޮށް އުނދަގޫވި. އެހެން ނަމަވެސް ފަހުހާފުގައި ރަނގަޅު. މި ނަތިޖާ އަދި ކުޅުން ވެސް ގޯހެއްނޫން. އެއީ މާޒިޔާ އަކީ މި ގްރޫޕުގެ އެންމެ ގަދަ ޓީމު. ވެލެންސިއާ މި ގޮތަށް ކުޅެފިނަމަ ދެން އަންނަ މެޗުތަކުގައ ރަނގަޅުވާނެ،" ކޯޗު ބުންޏެވެ.

މި މެޗުގެ ކުރީކޮޅު ވެލެންސިއާގެ ބިދޭސީ ޑިފެންޑަރު ފެއިތް މޯކީ އަށް އަނިޔާވެ އަނިޔާވެ އަށިގަނޑުގައި ބާލައި އޭނާ ވަނީ ހިތަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އެއީ ލޯމަތި ފަޅައިގެންދިއުމުންނެވެ.

އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ކުޅޭ މި މުބާރާތުގައި ގްރޫޕް ބީގައި މާދަމާ ކުޅޭނީ އީގަލްސް އާއި ވިކްޓަރީ އެވެ. ވެލެންސިއާ އަށް ދެން އޮތީ ހުކުރު ދުވަހު އީގަލްސް މެޗެވެ.