ދުނިޔެ

ކެރޭން ވެއްޓި، ގެއްލުންވި ކޮންމެ އާއިލާއަކަށް އެއް މިލިއަން ރިޔާލް ދެނީ

Sep 15, 2015

މައްކާގެ މާތްވެގެންވާ ހަރަމްފުޅު ތެރެއަށް ކެރޭނެއް ވެއްޓުމާ ގުޅިގެން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް ބަދަލެއްގެ ގޮތުން، ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ދިނުމަށް ސައުދީގެ ރޯޔަލް ކޯޓުން އަމުރެއް ނެރެފި އެވެ.

ސައުދީ ރޯޔަލް ކޯޓުން މިއަދު ނެރުނު އަމުރާ ހަވާލާދީ އެ ގައުމުގެ ގައުމީ ނޫސް، ސައުދީ ގެޒެޓުން ބުނީ، ކެރޭން ވެއްޓުނު ހާދިސާގައި އުމުރު ދުވަހަށް ނުކުޅެދުންތެރިކަމެއް ކުރި މަތިވި ކޮންމެ މީހަކަށް އެއް މިލިއަން ރިޔާލް (266،613.35 ޑޮލަރު) ގާތްގަނޑަކަށް 4.1 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކުދި ޒަހަމްތައް ލިބުނު މީހުންނަށް ބައި މިލިއަން ރިޔާލް ބަދަލުގެ ގޮތުގައި ދޭނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެ ހާދިސާގައި ޝަހީދުވި ކޮންމެ މީހެއްގެ އާއިލާގެ ދެ މެންބަރަކަށް އަންނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައުދީ ރަސްގެފާނު ދެއްވުމަށް ވެސް ވަނީ ނިންމަވައިފަ އެވެ.

އެ މައްސަލަޔާ ގުޅޭ ގޮތުން އެކުލަވާލި ތަހުގީގު ރިޕޯޓްގައި ނިންމާފައި ވަނީ އެ މައްސަލައިގައި އެއްވެސް ބައެއްގެ މައްޗަށް ޖިނާއީ ކުށެއް ކުރި ކަމުގެ ޖާގަ ނެތް ނަމަވެސް، ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫއު ހިންގާ، ބިންލާދިން ގްރޫޕްގެ އިހުމާލު އެ ހާދިސާގައި އެބައޮތް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު އެހެން ޕްރޮޖެކްޓެއް އެ ކުންފުންނަށް ހަވާލު ނުކުރުމަށް ވެސް ރަސްގެފާނު ވަނީ އަމުރުކުރައްވައިފަ އެވެ. އެ އަމުރުގައި ވާ ގޮތުން މައްސަލަ އިތުރަށް ތަހުގީގުކޮށް ނިމެންދެން އެ ކުންފުނީގެ އިސްވެރިން ގައުމުން ބޭރަށް ދަތުރުކުރުން ވެސް މަނަ އެވެ.

ހަރަމްފުޅު ބޮޑު ކުރުމުގެ ޕްރޮޖެކްޓްގައި ބޭނުން ކުރަމުން އައި ކެރޭން ވެއްޓުމުގެ ސަބަބުން 107 މީހަކު ޝަހީދުވެ، 200 މީހަކު ޒަހަމްވި އެވެ. ކެރޭން ވެއްޓެން ދިމާވީ ބާރު ވަޔާ އެކު ކުއްލިއަކަށް އައި ބާރުގަދަ ކޮޅިގަނޑެއްގަ އެވެ. އެ ހާދިސާގައި ޝަހީދުވި އެންމެންގެ ޖަނާޒާގެ ކަންކަމާއި ބޭސް ފަރުވާގެ ކަންކަން ކުރަނީ ސައުދީ ސަރުކާރުންނެވެ.