ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މި ރޯދަ މަހު ބާޒާރުގެ އަގު: ކަނު އެއްޗެއް!

Apr 25, 2020
1

ރޯދަ މަހު އެންމެ ބޮޑަށް ބަލައިލާ ހިތްވާ އެއްޗަކީ ބާޒާރުގެ އަގުތަކަށް އަންނަ ބަދަލެވެ. ކަރާގެ އަގު ހުރި ގޮތެވެ. ދިވެހި މިރުސް ލިބެން ހުރި އަގެވެ. އަދި އެންމެންނަށް އެންމެ ރޯދަ މަހު އެންމެ ފަރިތަ އެއްޗަކީ ވެސް ބާޒާރުގެ އަގުތެކެވެ. އެކަމަކު ކޮވިޑް-19 ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެން ފަށާފައި ވަނިކޮށް، އަދި ރޯދަ މަހާއެކު ހުރިހާ ކަމެއް އެކޮޅު ކޮޅުން ޖެހިއްޖެ އެވެ. ރޯގާއާއެކު މާލެ ލޮކްޑައުން އަކަށް ގޮސް ގިނަ މީހުން ގޭގައި "ތާށިވެފައި" ތިއްބައި ރޯދަ މަސް ފެށުނުއިރު، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލެއް މި އަހަރު ގިނަ ބަޔަކަށް ނޭނގެ އެވެ. ބާޒާރުގެ ބޮޑު ބައެއް ވެސް އަދި ލޮކްޑައުންވެ، ރަނގަޅަށް ރަނގަޅަށް ނުހުޅުވި އޮތްއިރު، މި އަހަރު ބާޒާރުގެ އަގުތައް ރައްޔިތުންނަށް ވެފައިވަނީ ނުފެންނަ އެއްޗެއްގެ ގޮތުގަ އެވެ. އަގުތައް ނުފެންނަ "ކަނު" އެއްޗެއްގެ ގޮތުގަ އެވެ.

"އާއްމުންނަށް ކިހިނެއް އެނގޭނީ؟ އަޅުގަނޑުމެންނަށް ވެސް ރަނގަޅަށް މި ވާނުވާއެއް އަދި. ރަނގަޅަށް އަދި ބާޒާރު ހިނގައި ނުގަނޭ ބުނެވޭނީ،" ވިޔަފާރިވެރިއަކު މިއަދު ބުންޏެވެ.

އިމްޕޯޓު މުދަލުގެ އަގަށް ރޯދަ މަހު މާބޮޑު ބަދަލެއް ނައި ނަމަވެސް، ރޯދަ މަހު އެންމެ ބޮޑަށް ބަދަލު ވަނީ ރާއްޖޭގައި ހައްދާ ދަނޑުވެރި ބާވަތްތަކުގެ އަގުތަކެވެ. ހާއްސަކޮށް ރޯދަ މަހު އެންމެ އާއްމުކޮށް ބޭނުން ކުރާ ކަރަލެވެ. ނަމަވެސް މި ރޯދަ މަސް އައިިއިރު މާރުކޭޓު އޮތީ މުޅިން ފަޅަށެވެ. ލޮންޑައުންގައި ހަފުތާއެއްވީއިރު ބާޒާރުގައި ހުރި ތަކެތިވެސް ކުނި ވެގެން އުކާލަން ވަނީ ޖެހިފަ އެވެ. ދަނޑުވެރި ރަށްރަށުން ތަކެތި ގެނެވޭނެ އިންތިޒާމެއް އަދި ނެތެވެ. އެހެންވެ މުހިންމު ގިނަ ބާވަތްތައް ހުރީ ހުސްވެފަ އެވެ.

އާއްމުންނަށް ބާޒާރު މައްޗަށް ދިއުން މަނަލެވެ. އެހެންވެ، ގިނަ ބަޔަކު ތަކެތި ގެންނަނީ އޯޑަރު ދީގެންނެވެ. އެހެންވެ، މުދާ ވިއްކާ މީހާ ހިތުހުރި އަގެއްގައި ވިއްކުމުގެ މަގު އޮތީ ފަހި ވެފަ އެވެ. އެއްޗެއް ބޭނުންނަމަ ގަތުން ނޫން ޗޮއިސް އެއްނެތެވެ. ގޭގައި ތިބޭއިރު އަގު ކުޑަ ކުރަން ކުރެވޭނެ ކަމެއް ނެތެވެ.

"އޯޑަރު ދީގެން އެއްޗިހި ގެންނައިރު، އެތަނުގައި ހުންނަނީ ކޮން އެޗެއް ކަމެ، އެންމެ ކުޑަމިނުން އަގެއް ވެސް ނޭނގެ. އެނގެނީ މުދާ ހުރިކަން އެކަނި،. ދެން ގެންނަން އޯޑަރުކޮށްގެން ގެންނައިރު އެބަހުރޭ ހަލާކުވެފައި ވެސް.، ވަރަށް އަގު ބޮޑުކޮށްވެސް .އެކަމަކު ގެންނަން އެބަ މަޖުބޫރުވޭ،" ރޯދަ މަހުގެ ފުރަތަމަ ދުވަހު ގެއަށް އޯޑަރުކޮށްގެން ކަރާ ގެނައި މީހަކު ބުންޏެވެ.

ފިހާރަތަކުގައި ރޯދަ މަހަށް ހާއްސަ އުފެއްދުންތައް މިހާރު ވިއްކާ އަގު ތަކަށް ބަލާއިރު ކަރާ ކިލޯއެއް 30ރ. އާއި 60ރ. އާ ދެމެދުގައި އެބަހުއްޓެވެ. އަދި ކޮޕީ ފަތް ބޮނޑިއެއް 15ރ .އާއި 20ރ. އަށް ވެސް އެބަހުއްޓެވެ. މިނޫން މާކަގިނަ ބާވަތްތަކެއް މިހާރަކު ބާޒާރުގައި ނެތެވެ.

ރާއްޖެއަށް އިމްޕޯޓް ކުރާ ގިނަ ބާވަތް ތަކަށް ބަލާއިރު ކެރެޓާއި ކެބެޖް އަދި މިރުސް ފަދަ ބާވަތްތައް ފިހާރަތަކުގައި މަދުން ލިބެން އެބަހުއްޓެވެ. މާލެ ސިޓީގެ އާބާދީގެ ވިޔަފާރި ކުރުން ހުރި ގޮތަށް ބަލާއިރު، އާއްމު ގޮތެއްގައި މުދާ ގަންނަނީ ކަންމަތީ ފިހާރަތަކުންނެވެ. ނަމަވެސް ބާޒާރު މަތި ރަނގަޅަށް ހުޅުވި ހިނގައި ނުގަންނާތީ، ސަޕްލައި ލިބުމުގައި ދަތި ތަކެއް އެބަހުއްޓެވެ.

"އަގުތައް ހުރި ގޮތް އެނގެން ފަށަން އަދި ނަގާނެ ދެ ތިން ދުވަސް. އޭގެ ފަހުން އެނގޭނީ ރަނގަޅަށް. މިހާރު އަދި ހަމަ ރަނގަޅަކަށް ނޭނގެ،" ކަންމަތީ ފިހާރައެއް ހިންގާ، ވިޔަފާރިވެރިއަކު ބުންޏެވެ.

ކުރީ ރޯދަމަސް ތަކުގައި މެންދުރު ނަމާދަށްފަހު ބާޒާރު ފުރެ އެވެ. ނަމަވެސް ދެ ލައްކައެއްހާ މީހުން ދިރިއުޅޭ މާލޭގެ ބާޒާރު މަތިން ހުޅުވާފައި މިހާރު ހުރީ ހޯލް ސޭލްކޮށް މުދާ ވިއްކާ ތަންތަން އެކަންޏެވެ. މި ތަންތަނުގައި ވެސް މުދާ ދޫކުރުން ކުރި އަށް ދަނީ މަޑުންނެވެ. މި އަހަރު އަދި ބާޒާރު މަތިން ވެސް ފެންނަނީ ވާނުވާ ނޭނގިގެން އުޅޭ މަންޒަރެވެ. ހާއްސަކޮށް އަގު ތަކަށް ވާނެ ގޮތަކާއި ވާން އުޅޭ ގޮތެއް ވެސް އަދި ނޭނގެ އެވެ. އަގުތައް އަދި މި ފެންނަނީ މުދާ ބޭނުންވާ މީހާ އަށް ނުފެނަ އެއްޗެއްގެ ގޮތުގަ އެވެ.