ވާހަކަ

ލޯބިން ބުނެލަން

(23 އެޕްރިލް 2020 އާ ގުޅޭ)

"ކެންޒާ ދޯ" މަގުގެ އަނެއްފަރާތުގައި ކާރުގެ ކައިރީ މަޑުކޮށްލައިގެން ހުރި ފިރިހެން މީހާ އަހާލިއެވެ. ކެންޒާ ބޯޖަހާލުމާއެކު އޭނާ ކާރުގެ ފަހަތު ސީޓުގެ ދޮރުފަތް ހުޅުވާލިއެވެ. ކެންޒާ އެރުމުން ދޮރުފަތް ލައްޕާލައި އޭނާ ވެސް ކާރަށް އަރައި ދުއްވާލައިފިއެވެ.

ގަމީހުގެ ގޮށް އޮޅުވަމުން ދޮރޯށި ދޮށަށް މިފްރާހު ނުކުތެވެ. އެވަގުތު ގޭ ކުރިމަތިން ކާރެއް ފަހަތަށް ޖަހާލައި ދެކުނަށް އޮތް މަގުން އިރަށް ދުއްވާލިއެވެ. އެ ކާރު ދުއްވަން އިން މީހާ ފެނުނެއްކަމަކު ކަޅުބިއްލޫރި ޖަހާފައި ހުރުމުން ފަހަތުގައި މީހަކު އިންކަމެއް ނެތްކަމެއް ވެސް ނޭނގެއެވެ. މިފްރާހު މަގަށް ނުކުތީ ކެންޒާ ފެންނަން ނެތީމައެވެ. އެހާ ހެނދުނާ ކެންޒާ ހިނގައިދާނެ ކަމަކަށް މިފްރާހު ހިޔެއްނުކުރެއެވެ. އެހެންނަމަވެސް ތައްޔާރުވެގެން ހުރި ގޮތުން އެ ދަނީ ބޭރަށް ދާންކަން މިފްރާހަށް ޔަގީން ކުރެވެނީއެވެ. މަޑުމަޑުން އައިސް ގޭގެ ކަންމަތީގައި މިފްރާހު މަޑުކޮށްލިއެވެ. އޭނާއަށް ހީވީ ކުއްލިއަކަށް ކެންޒާ ވީނުވީއެއްނޭނގި ގެއްލުނީ ހެންނެވެ. އޭނާ ނުކުންނަންވާއިރަށް ކެންޒާއަށް ހިނގާފައި އެހާ ދުރަކަށް އަދި ނުދެވޭނެކަން މިފްރާހު ޔަގީންކުރިއެވެ.

* * * * *

މަޑުކޮށްލި ކާރުން ކެންޒާ ފޭބީ ޑްރައިވަރު އޭނާ ގާތު އެމީހުންގެ މަންޒިލަށް އާދެވިއްޖެކަން ބުނީމައެވެ. ހިސާބަކަށް ހިތް އަވަސްވެފައި ހުރި ކެންޒާ މަޑުކޮށްލައިގެން ހުރީ ޑްރައިވަރުގެ އިތުރު އިރުޝާދެއް ލިބޭތޯއެވެ. އޭރު އޭނާ ކާރު އެއްފަރާތުގައި އޮތް ޕްރައިވެޓް ޕާކިން ސަރައްޙައްދުގައި ބާއްވާފައި ކެންޒާގެ ގާތަށް އަތުވެއްޖެއެވެ. އަނގައިން ނުބުނެ ކުރިއަށް އައުމަށް އޭނާ ކެންޒާއަށް އިޝާރާތްކުރީއެވެ. ދޮރުމައްޗަށް އަރުވާފައި އޮތް ވެޔޮގަނޑުގައި ފިޔާތޮށިކުލައިގެ ކުދި މާތަކެއް އަޅާފައި އޮތެވެ. ގޭޓު ހުޅުވާލީ ޑްރައިވަރުގެ ޖީބުންނެގި ކީކާޑުންނެވެ. ވައަތްފަރާތުން މަތީގައި ހަރުކޮށްފައި ހުރި ސެކިއުރިޓީ ކެމެރާ ކެންޒާ ދުށްޓެވެ. އޭނާއަށް އެ މާޙައުލު ވަރަށް އަލެވެ. ޑްރައިވަރުގެ ފަހަތުން ކެންޒާ އައިއިރު އޭނާގެ ނަޒަރު ގޭގެ މައިދޮރާ ދިމާއަށް ހުއްޓުނެވެ. އެހެން ވަންނަން ދިއުމުގެ ބަދަލުގައި ޑްރައިވަރު ކެންޒާ ގޮވައިގެން އައީ އެއްފަރާތުގައި އޮތް ހިމަމަގުންލާފައި ގޭގެ ބިއްދޮށަށެވެ. އެވަގުތު އެތަނުގައި ނިވާކޮށްފައި އޮތް ފަތާ ފެންގަނޑު ފެނި ކެންޒާ އާސޯޚުވާގޮތްވިއެވެ. މާލޭގެ ގެއެއްގައި އެފަދަ ފަތާފެންގަނޑެއް އޮއްވާ އޭނާ އަދި ނުދެކެއެވެ. ފަތާފެންގަނޑެއް ހެދޭހާ ތަނެއް މިމާލޭގެ ގޯތިތަކުގައި ހުންނާނޭކަމަށް ކެންޒާ ޤަބޫލެއް ވެސް ނުކުރެއެވެ.

"ކެންޒާ" ކަސްތޫރީގެ އަޑުއިވުނެވެ. މޫނުގައިވި އަޖައިބުކަން ކެންޒާ ފޮރުވާލިއެވެ. އެތަނުގައި ކުޑަކުޑަ ބަގީޗާއެއް ހައްދާފައި އޮތެވެ. ގޭތެރެއިން ނުކުމެވެން ހުރި ދޮރުން ފެށިގެން ގޭގެ ބިއްދޮށް އެއްކޮށްހެން އޮތީ ހިޔާކޮށްފައެވެ. އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ކަސްތޫރީ އިނެވެ.

"ގުޑް މޯނިންގް" ކެންޒާ ހިނިތުންވުމަކާއެކު ބުންޏެވެ.

"މީ ނަސީމް، އަހަރެންގެ ޚާއްޞަ ޑްރައިވަރެއް، މިގެއިން ކެންޒާ ދާންޖެހުނު ކޮންމެތާކަށް އޭނާ ގެންގޮސްދޭނެ، ނަސީމްގެ ނަންބަރު ލިބިއްޖެ ދޯ" ކަސްތޫރީ ކުރި ސުވާލަށް ކެންޒާ ބޯޖަހާލުމުން އޭނާ ވާހަކަކުރިއަށް ގެންދިޔައެވެ.

"ނަސީމު ދެންދޭ، ކެންޒާ އާދޭ އަހަންނާއެކު" ކަސްތޫރީ ބުންޏެވެ.

ބިއްދޮށުން ވަދެވެން ހުރި ދޮރުން ގޭތެރެއަށް ވަދެގެން އައިސް ބަދިގެއަށް ކަސްތޫރީއާއި ކެންޒާ ވަނެވެ. އެތަނަވަސް ބޮޑު ބަދިގެ ފެނި ކެންޒާއަށް އުފަލުން ގޮސް ލޮލުން ކަރުނަ ހިލުނެވެ. ގެއެއްގައި އޭނާއަށް އެންމެ މުހިންމު ތަނަކީ ބަދިގެއެވެ. ކެންޒާއަށް ހީވީ ހޭލާ ހުއްޓާ ފެނުނު ހުވަފެނެއް ހެންނެވެ. އެފަދަ ބަދިގެއެއް އަމިއްލަ ގޭގައި ހުރުމަކީ އޭނާގެ ހުވަފެންތަކުން އެއްހުވަފެނެވެ. އަމިއްލަ ނުވިޔަސް އެ ބަދިގޭގައި މަސައްކަތް ކުރުމަކީ ވެސް ކެންޒާއަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށްވާނޭކަން ޔަގީނެވެ.

ބަދިގޭގެ ހުރިހާ އެއްޗެއް ހުންނާނޭތަން ކަސްތޫރީ ކިޔާދެމުންދިޔައެވެ. ކޮންމެ ކަބަޑަކާއި ވަތްގަނޑުތައް ވަކިންވަކިން ހުޅުވާ ކެންޒާއަށް ދެއްކިއެވެ. ކަބަޑުތަކުގައި ބައެއް އެއްޗެހި ތަރުތީބުކުރެވިފައިވާ ގޮތް ކެންޒާއަށް ފަސޭހަވާނޭ ގޮތަކަށް ބަދަލުކުރުމުގެ ހުއްދަ ކަސްތޫރީ ދިނެވެ. އަދި އެ ބަދިގެއަކީ އެގޭގެ މައި ބަދިގެކަމެވެ. ކެންޒާ މަސައްކަތްކުރާނީ އެތަނުގައިކަން ކަސްތޫރީ ބުންޏެވެ. ހަމައެއާއެކު ކާއެއްޗެހި ތައްޔާރުވުމުން ކެންޒާގެ މަސައްކަތް ނިމުނީކަމާއި އެތަކެތި ކާމޭޒުމައްޗަށް ގެންދިއުމަށް އެކަމަށް ޚާއްޞަވެފައި މީހުން ތިބޭނޭކަން ވެސް ކަސްތޫރީ ބުނެދިނެވެ. ކޮންމެ ދުވަހަކުވެސް ބަދިގެއަށް ވަދެ ހަދާނީ ގޭގެ ބިއްދޮށުންކަމާއި މީގެ ކުރީގެ ޝެފުން ވެސް މަސައްކަތްކުރީ އެފަދައިންކަން ކަސްތޫރީ އިތުރުކޮށްލިއެވެ. ކަސްތޫރީގެ ވާހަކައިން ކެންޒާއަށް ވިސްނުނީ އެގޭގައި ކެންޒާއަށް ހުއްދަ އޮންނަ ހިސާބަކީ އެގޭގެ ބަދިގެ އެކަނިކަމެވެ.

ބަދިގޭ އައިލެންޑު މަތީ އޮތް ލިސްޓު ކަސްތޫރީ ނެގިއެވެ. ކެންޒާއަށް ފޮނުވި ލިސްޓުގައި ހުރި ބާވަތްތަކަށްވުރެ ދެތިން ވައްތަރެއް އިތުރުވެދާނޭކަން ކަސްތޫރީ ބުނެލިއެވެ. އެހެންވީމަ އިތުރު ސުވާލެއް ނެތިއްޔާ ކެންޒާ މަސައްކަތް ފެށުމަށް ކަސްތޫރީ ފުރުޞަތު ދީފައި ނުކުންނަން އައެވެ.

މަސައްކަތުގައި އުޅުނު ކެންޒާއަށް ކަސްތޫރީ ގޮވާލުމުން އުނދުން ކައިރީ ހުރެފައި އެނބުރިލިއެވެ. އޭރު ކަސްތޫރީއާއެކު އެހެން އަންހެނަކު ހުއްޓެވެ. އެ އަންހެންމީހާގެ ލޭޔާސްކޮށް ކޮށާފައި އޮތް ފަންއިސްތަށިގަނޑުގައި ކަޅު އިސްތަށްޓަށްވުރެ ގިނައީ ނުރަ އިސްތަށްޓެވެ. ޚާއްޞަކޮށް ނިތްކުރިމަތިން ބައެއް އެއްކޮށް އޮތީ ނުރަވެފައެވެ. ހަމުގެ ކުލަ އަލިވެފައި މޫނުމަތިން އުމުރުން ދުވަސްވެފައި ހުރި ވައްތަރެއް ނުޖަހައެވެ. އެހެންވެ ބޮލުން ފެންނަން ހުރީ ނުރަކަމާމެދު ކެންޒާ ސުވާލު އުފެދުނެވެ.

"ކެންޒާ، މީ ސަރަފީނާ، އަހަރެންގެ އަސަދުގެ އަންހެނުން، ހުރިހާ ކުދިންގެ މަންމަ، ކަމެއް ބޭނުންވެއްޖެނަމަ އޭނާ ގާތު ބުންޏަސް ހަމަޖައްސާދޭނެ" ކަސްތޫރީ ބުންޏެވެ. ސަރަފީނާ ހިނިތުންވުމަކާއެކު ކެންޒާއާ ނަޒަރު ސީދާކޮށްލިއެވެ. އިޚްތިރާމުގެ ގޮތުން ކެންޒާ ބޯޖަހާލިއެވެ. އިތުރު އެއްވެސް ވާހަކައެއް އެމީހުންގެ މެދުގައި ނުދެކެވެއެވެ.

އެތަނުގައި ހުރި ކޮފީ މެޝިނު ބަހައްޓާފައި ހުރި ކައުންޓަރާ ދިމާއަށް ސަރަފީނާ ދިޔައެވެ. ސައިޖޯޑުތަކާއި ކޮފީ ބުއިމަށް ޚާއްޞަ ތަށިތައް ތަބަކެއްގައި އަތުރާފައި ހުއްޓެވެ. ސައިތައްޔާރު ކުރުމަށް ތަފާތު ވައްތަރުގެ ސައިފަތް އަޅާފައި ހުރި ދަޅުތަކާއި ކަރަންޓު ކުރައެއް ހުއްޓެވެ. އަދި ވަކިން ތަބަކެއްގައި ސީނުކަރައިގެ ސެރެމިކް "ޓީ ސެޓް"އެއް ހުއްޓެވެ. ހަކުރާއި މާމުޔާއި ކިރު ވެސް ހުއްޓެވެ. ސަރަފީނާ ކައުންޓަރުގައި ހުރި ވަތްގަނޑުތަކުން ވަތްގަނޑެއް ހުޅުވާލައި ކޮފީ މެޝިނަށް ކެފްސުލް ލައްވާލުމަށްފަހު ކޮފީ ތައްޔާރުކުރަން ޖެއްސިއެވެ. ދެން އޭނާ އުޅުނީ ސައި ތައްޔާރުކުރާށެވެ. އޭނާގެ މަސައްކަތް ނިމެންދެން ކަސްތޫރީ އައިސް ބަދިގޭގެ އައިލެންޑް ދޮށުގައި އިނެވެ. ކެންޒާއަށް ކަސްތުރީ ބަލަމުންދާތީ އުނދަގޫވިޔަސް އެކަން ފާޅުކުރާކަށް ނުކެރުނެވެ. އެތަނުގައި ރެސްޓޯރެންޓުގައި ވާހެން ނުވާނޭކަން ކެންޒާއަށް ވިސްނެއެވެ. އޭނާއާށް ފަސޭހައީ ބަދިގޭގައި އެކަނި އުޅެންވިޔަސް ގޭގެ ވެރިން ބަދިގެއަށް ވަދެ ހެދުމަކީ އެކަމަށް އޭނާގެ ބާރެއް ހިނގާނޭ ކަމެއްނޫންކަން އެނގެއެވެ.

ހެނދުނު އަށެއް ޖަހަންވާއިރަށް ކާމޭޒުމަތި ތައްޔާރުކުރުމަށް ޚާދިމުންގެ ދެ މީހުން އައިސް ބަދިގެއަށް ވަނެވެ. އެމީހުން ކެންޒާ ފެންނަ ކަމަކަށް ނުހަދައެވެ. ކޮންމެ މީހަކު އޭނާއާ ހަވާލުވެފައި އޮތް މަސައްކަތް ކުރުމަށް އަވަސްއަރުވާލާފައި އުޅޭ ކަހަލައެވެ. ނަސީމު ނޫނީ ދިވެއްސަކު އެގޭގައި މަސައްކަތް ކުރާތަނެއް ކެންޒާ ނުދެކެއެވެ. އޭނާ ވެސް ތައްޔާރު ކުރެވިފައި ހުރި ތަށިތައް ބަރިއަކަށް ކައުންޓަރު މަތީ އަތުރާފައި ނުކުތީ ކަސްތޫރީ ހޯދުމަށެވެ. އެންމެ މުހިންމު ކަންތައް އަހަން ހަނދާންނެތިފައި ހުރުމުންނެވެ.

ބަގީޗާއާ ދިމާގައި ހުރި ގޮނޑިތަކުގައި ކަސްތޫރީ އިންއިރު އޭނާގެ ގާތުގައި އުޅުނު ބުޅާތައް ފެނި ކެންޒާއަށް ބަލާލެވުނީ ގަޔާވެފައި ހުރެއެވެ. ކަސްތޫރީ ފެނިފައި އޭނާއަކީ ޖަނަވާރު ގެންގުޅޭނޭ މީހެއްކަމަކަށް ކެންޒާ އެއްގޮތަކަށް ވެސް ހިޔެއްނުކުރެއެވެ. އެހެންނަމަވެސް ކަސްތޫރީ އެ ސޮރުމެން އުރާލައި އުނގަލައިގެން ފިރުމާ ހަދާއިރު އޭނާގެ ހިތުގައި އެ ސޮރުމެންނަށް ޚާއްޞަކަމެއްވާކަން ކޮންމެ މީހަކަށް ވެސް އެނގޭހާވާނެއެވެ.

"ނިމުނީތަ؟" ކަސްތޫރީއަށް ކެންޒާ ފެނުމުން އަހާލިއެވެ.

"އަޅުގަނޑު ފާޚާނާ ބޭނުންކޮށްލައި ޗޭންޖުކޮށްލެވޭނެ ގޮތެއް... މީ... ޔޫނީފޯމް ލާން ޖެހޭނެތީ" ކެންޒާ ވާހަކަދެއްކީ ހުއްޓަހުއްޓާފައެވެ.

"އަހަރެން ކައިރީ ބުނިން ދޯ، ހަނދާންނެތުނީ... އާދޭ އަހަންނާއެކު" ކަސްތޫރީ ބުންޏެވެ. އަދި އެތަނުގައި ހުރި އަންހެންކުއްޖާއަށް ގޮވާލުމުން އޭނާ ކިޔަމަންތެރިކަމާއެކު އައިސް ކަސްތޫރީ ގާތުގައި ހުއްޓިލިއެވެ. އެއީ ވެސް ގޭގެ ޚާދިމެއްކަން ކެންޒާ ދެނެގަތީ އަޅާފައި ހުރި ހެދުމުންނެވެ. އޭނާއާ ބުޅާތައް ހަވާލުކޮށްފައި ކެންޒާ ގޮވައިގެން ކަސްތޫރީ ގޭތެރެއަށް ވަނެވެ.

އިސް ޚާދިމަށް ގޮވާލައި އޭނާއާއެކު ކަސްތޫރީއާއި ކެންޒާ އައެވެ. ކެންޒާއަކީ ކާކުކަމާއި ކޮޓަރީގެ ތަޅުދަނޑި ގެނެސްދިނުމަށް އެ ޚާދިމުގެ ގާތުގައި ކަސްތޫރީ ބުންޏެވެ. އަދި އެލެވޭޓާ ތެރެއަށް ތިންމީހުން ވަނުމާއެކު ފަސްވަނަ ފަންގިފިލާއަށް ދިއުމަށް ފިތަށް އޮބާލިއެވެ. އެބަޔަށް ނުކުމެވުމުން ކެންޒާއަށް ހީވީ ހޮޓަލެއްގެ ކޮޓަރިބަރި ހުރި ބަޔަކަށް ނުކެމެވުނު ހެންނެވެ.

"މަސައްކަތްކުރާ މީހުން އުޅޭބައި މީ، ފަހެއްއީ ކޮޓަރި ކެންޒާއަށް ބޭނުންކުރެވޭނެ، އިތުރު މީހަކު އެތަނަށް ނުވަންނާނެ، މިއަދު ދަބަސް ވެސް ހިފައިގެން ދޯ ތިއުޅުނީ... ދެން ފަހަރަކުން ކޮޓަރީގައި އެއްޗެހި ބަހައްޓާލީމަ ރަނގަޅުވާނެ، ތުވާއްޔައި އެހެނިހެން އެއްޗެހި ވެސް ފާޚާނައިގެ ހުންނާނެ، ދާންވީމަ ނަސީމަށް ގުޅާ އިނގޭ" ކަސްތޫރީ ކޮޓަރިއާ ހަމައަށް އަންނަމުން ބުންޏެވެ.

ކޮޓަރިއަށް ވަނުމަށް ދޮރު ހުޅުވީ އިސް ޚާދިމު މަރިއްޔާއެވެ. އަދި ތަޅުދަނޑިފަތި ކެންޒާއަށް ދިއްކޮށްލުމާއެކު ހިނިތުންވެލިއެވެ. ގޭގެ އެހެން ކުދީން ހޭލައިގެން އަންނަން އުޅޭނޭކަން ބުނެ ކަސްތޫރީ މިފަހަރު މަޑެއްނުކުރިއެވެ. މަރިއްޔާ ގާތު ކެންޒާއާއެކު މަޑުކޮށްލަން ބުނެފައި ކަސްތޫރީ އެނބުރި އެލެވޭޓާއަށް އަރަން އައެވެ.

"ޝެފް ހުންނަނީ މިގޭގަތަ؟" ކަސްތޫރީ ދިއުމުން ކެންޒާގެ ފަހަތުން ކޮޓަރިއަށް ވަން މަރިއްޔާ އަހާލިއެވެ.

"ނޫން، ކޮލެޖަށް ދާން ޔުނިފޯމް ޗޭންޖުކޮށްލަން ޖެހޭތީ" ކެންޒާ ބުންޏެވެ. މަރިއްޔާގެ ސުވާލުތައް އިތުރުވިއެވެ. އޭނާ ކެންޒާއާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވަނީކަން ކެންޒާ ދެނެގަތެވެ.

"ޔަންގް ޝެފެއް ފުރަތަމަ ފަހަރަށް މިގެއަށް އައީ، މެޑަމް ވަރަށް ލައިކްވީމަ ޖޮބު އެ ދިނީ" މަރިއްޔާ ބުނެލިއެވެ. ކެންޒާ ވެސް މަރިއްޔާއާ އެކިއެކި ސުވާލުކުރިއެވެ. ބިދޭސީއަކަށްވެފައި ދިވެހިން ވާހަކަދައްކަން އިނގޭނީ ރާއްޖޭގައި ފުދޭވަރަކަށް ދުވަހު އުޅެގެންކަން ކެންޒާއަށް އެނގެއެވެ. އެހެންވެ މަރިއްޔާގެ މަސައްކަތާ ބެހޭ ގޮތުން ސުވާލުކުރިއެވެ.

ދެބައި އުމުރުގެ މަރިއްޔާއަކީ ހުރިހާ ޚާދިމުންގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން ގޭގެ ކަންކަން ދަނީ ރަނގަޅަށްތޯ ބަލަން ހުންނަ އިސް ޚާދިމެވެ. އޭނާ އެގެއަށް އައިތާ ވިހި އަހަރުވެދާނޭކަން މަރިއްޔާ ބުންޏެވެ. އެގޭތެރޭގައި ހިނގާކަންކަން އެންމެ ގާތުން ފެނިފައި ހުރީ އޭނާއަށެވެ. ކަސްތޫރީގެ ރަނގަޅުވާހަކަ އެތައް ފަހަރަކު މަރިއްޔާ ފާހަގަކުރިއެވެ.

"މިހާރު ހުރިހާ ކުދިން ގޭގަ ހަމަވެފަހުރީ، އަދި ޝެފް މީޓުނުވޭ ދޯ އެންމެން، ބަބާ ވެސް އަތުވެއްޖެ، ބޮސްގެ ހުރިހާ ކުދިން ވަރަށް ރުޅިގަދަވާނެ، އެކަމް ބޮސް އެހެންނުވާނެ، މެޑަމްގެ ދަރިފުޅު މެޑަމް ގޮތް ހުންނަނީ" މަރިއްޔާގެ ވާހަކަ އަޑުއަހަން ހުންނަ ހިތް ކެންޒާ ވިއެވެ. އެހެންވިޔަސް އޭނާއަށް ވަގުތު ނެތީއެވެ.

ސިންގަލް އެނދުގެ ދެއެނދު ކޮޓަރިތެރޭ ހުރުމުން އެ ކޮޓަރި ތަކަކީ ދެމީހުން އުޅުމަށް ތައްޔާރުކުރެވިފައި ހުރި ކޮޓަރިކަން ކެންޒާ ދެނެގަތެވެ. އޭނާ އެތަނުން އެއް އެނދުމަތީ ދަބަސް ބެހެއްޓުމާއެކު ޔުނީފޯމް ނެގިއެވެ. ފަތްޖަހާފައި ލާފައި އޮތުމުން ޔުނީފޯމްގައި ހިސާބަކަށް ރޫހުއްޓެވެ. ޔުނީފޯމް އިސްތިރިކުރެވޭނޭ ގޮތް މަރިއްޔާ ހަމަޖައްސައިދިނީ އަމިއްލައަށް ފެނިގެންނެވެ. އަދި އަތުރުކުރީ އޮތް ގަޑިއަށް ބަލާލާފައި އޭނާ ދާން ޖެހިއްޖެކަމުގައި ބުންޏެވެ. ކާކޮޓަރިއަށް ޢާއިލާގެ ހުރިހާ ކުދިން އަންނަންވާއިރަށް އޭނާ ހުންނަން ޖެހޭނެކަން ބުނެލިއެވެ.

ގައިދޮވެލަން ފާޚާނާއަށް ވަން ކެންޒާއަށް ހޫނުފެނާއި ފިނެފެން ލިބެން ހުރީތީ ވަރަށް ހިތްހަމަޖެހުނެވެ. އޭނާ ބޮޑުވީ ހޫނުފެނުން ފެންވަރައިގެނެއްނޫނެވެ. އަދި ތަނަވަސްކަމުގެ ޒަރެއްގެ މިންވަރު ވެސް ނުދެކެއެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހެއް ހޭދަވަމުން އައީ ޒަރޫރީ ބޭނުންތައް ކިރިޔާ ފުދިގެންނެވެ.

ތައްޔާރުވެ ނިމުމުން ކެންޒާ ލައިގެން އައި ގަމީހާއި ޖިންސު އެ ކޮޓަރީގައި ހުރި އަލަމާރީގައި އެޅުވިއެވެ. މެންދުރު އެނބުރި އެގެއަށް އަންނަން ޖެހޭނެކަން އެނގޭތީއެވެ. އެހެންވިޔަސް ކުރިއާ ޚިލާފަށް ކެންޒާއަށް ދެން ހުސްވަގުތު ލިބޭނޭކަން އެނގުނެވެ. ކޮޓަރިން ނުކުމެގެން އައިސް ކެންޒާ އެލެވޭޓާއަށް އަރަމުން ނަސީމަށް ގުޅިއެވެ.

އެލެވޭޓާއިން ނުކުމެގެން އައިއިރު ގޭތެރޭގައި ކުރިން އޮތް ހިމޭންކަން ކެނޑި ގިނަބައެއްގެ އަޑު އިވިއިވި ހުއްޓެވެ. ކެންޒާ ހަލުވިކޮށް އައިސް ގޭގެ ބިއްދޮށުން ނިކުމެވެން ހުރި ދޮރުން ނުކުތެވެ. މީހަކަށް ފެނުމުގެ ކުރިން އޭނާ ނުކުތީއެވެ. ގޭޓާ ހަމައަށް އާދެވުނުއިރު ނަސީމު މަގުމަތީ ދެކޮޅަށް ހިނގާލަ ހިނާގާލައި ހުއްޓެވެ.

* * * * *

ކޮލެޖުން ނިކުތްއިރު ކެންޒާ ބުނި ގަޑިއަށް ނަސީމު ބަލާ އައިސް ހުއްޓެވެ. މަންމައަށް ގުޅާނޭ ވަގުތެއް ނުވީތީ ކެންޒާ ގުޅީ ކާރުގައި އިނދެއެވެ. ވާހަކަދައްކާނޭ ވަގުތު ނެތްނަމަވެސް މަންމައާއި ބޭބެގެ ހާލު ބަލާލަން ކެންޒާ ބޭނުންވީއެވެ. ވަޒީފާ ބަދަލުވެއްޖެކަމުގެ ޚަބަރު މަންމައަށް ދޭން ނިންމީ ކެންޒާ ހަމަޖެހިލައިގެން ވަގުތުވީމައެވެ.

"ކެންޒާ އަދި ކިޔަވާ ނުނިމޭތަ؟" ފޯނުކޯލު ނިންމާލުމުން ކެންޒާއާ ނަސީމު ވާހަކަދެއްކިއެވެ. އޭނާއަށް ވެސް ހައިރާންކަމެއް ލިބުނީ ކިޔަވާ ކުއްޖަކަށް ކަސްތޫރީ ވަޒިފާ ދިނީމައެވެ. ޢާންމުކޮށް އެގެއަށް ގެންނަ މުވައްޒަފުންނާ ކެންޒާ ތަފާތުކަން ނަސީމަށް ފާހަގަވާތީއެވެ. ކަސްތޫރީމެންނާ ތިމާގެ ކަމެއް އޮންނަނީތޯ ވެސް ނަސީމު އެއްސެވެ. ކެންޒާއަށް ވަޒީފާ ލިބުނު ގޮތް އޭނާ ނަސީމަށް ކިޔާދިނެވެ. ކެންޒާއަށް ވަޒީފާ ދިނުމުން އެކަން އެންމެންނަށް އާކަމަކަށްވީ ކީއްވެކަން ނަސީމު ބުނެދިނެވެ. ތަންތަނުގެ މޮޅެތި މަޝްހޫރު މީހުން ނޫނީ އެގެއަށް ނާންނަކަން ނަސީމު ބުނީ މާނަފުން ގޮތަކަށް ހިނިއައިސްފައި އިނދެއެވެ.

"ކެންޒާގެ ނަސީބު އަތުގައި ތިހިފީ، އެމީހުންގެ ކައިރީ މަސައްކަތްކުރާ އެއްވެސް މީހަކަށް ދަތިވާނޭ ކަމެއްނޯންނާނެ" ނަސީމު ބުންޏެވެ.

* * * * *

ކަސްތޫރީގެ ހުށަހެޅުން ޤަބޫލުކުރިތާ ހަފްތާއެއްވާންވީއިރު ކެންޒާއަށް އޭނާގެ މަސައްކަތުގެ މާޙައުލަށް ހޭނިއްޖެއެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ދިރިއުޅުމަށް ވަނީ ހަލަބޮލިކަމެއް ވެރިވެފައެވެ. މިފްރާހު ގެއިން ފެންނަލެއް ގިނައެވެ. މިފްރާހާއެކު ބައްޕަ ވެސް ގޭގައި އުޅެއެވެ. އެމީހުންނަށް ކައްކާ ކާން ހެދުން ކެންޒާގެ ދެވަނަ ވަޒީފާއަށް ވެއްޖެއެވެ.

ބޮޑު މުސާރައަކަށް އާތަނަކަށް ކެންޒާ ވަޒީފާއަށް ނުކުތުންވީ މިންނާ އުފާވި ޚަބަރަކަށެވެ. ދަރިފުޅުގެ ކުރިއެރުމާމެދު އޭނާ ހިތްހަމަޖެހުނެވެ. ވެރިން ނުރުހޭކަމެއް ނުކުރުމާއި ވަޒީފާއަށް ކަމޭ ހިތައިގެން އުޅެން މިންނާ ދަރިފުޅަށް ނަޞޭޙަތްތެރިވިއެވެ. ކެންޒާ މަސައްކަތްކޮށްދެނީ ކޮންބަޔަކަށް ކަމެއް އޭނާ މަންމަ ގާތުގައި ނުބުންޏެވެ. ފަހަރެއްގައި އެގޮތަށް ބައެއްގެ ކައިރިއަށް ގޮސް ކައްކާއަކަށްވުމަކީ މަންމަ އެހާ ޤަބޫލުވެދާނޭ ކަމެއްނޫނޭ ކެންޒާއަށް ހީވާތީއެވެ. ހަމައެއާއެކު މިންނާ ގާތުގައި ބައްޕައާއެކު ގެއަށް ގަދަކޮށްލައިގެން އުޅޭ ޒުވާނާގެ ވާހަކަ ބުނާކަށް ކެންޒާއަކަށް ނުކެރުނެވެ. މަންމަ ހާސްވާނޭވަރު އެނގޭތީއެވެ.

ހުކުރު ދުވަހުގެ މެންދުރަށް ހަދަން ޖެހޭ ބާވަތްތައް ގިނައެވެ. ކެންޒާ އައިސް ބިއްދޮށް ފަރާތު ދޮރުން ގޭތެރެއަށް ވަނެވެ. ބަދިގެއަށް ވަންނަން އައިއިރު އެތަނުގައި ބަޔަކު އުޅޭކަމުގެ ހިލަންވިއެވެ. ހަމައެވަގުތު ފަހަތުން ކުޑަކުއްޖެއްގެ ސަކަރާތުގެ އަޑު އިވުނެވެ. ތޫލި ހަޅޭކެއް ލަވަމުން ދުވަމުން އައިސް ކެންޒާގެ ފައިގައި އަޅައިގަނެފައި ބަދިގެތެރެއަށް ވަނެވެ. އެކުއްޖާއަށް ބަލާލަފައި އިސްއުފުލާލަންވީއިރު ހީވީ ކުރިމަތިން ކުރިނެތް ތަނބެއްގައި ކެންޒާ ޖެހުނީ ހެންނެވެ. އޭނާ އަރިއަޅައިލައިގެން ވެއްޓެން ދިޔަ ހިނދު އެއްޗެއްގައި ހިފަހައްޓަން މަސައްކަތްކުރިއެވެ. ނަމަވެސް އަތުން ޖެހި އެއްފަރާތުގައި ހުރި ބޮޑު މުށި ވާސް ތަޅައިގެންދިއުމާއެކު ތަޅުންމައްޗަށް ކެންޒާ ވެއްޓުނު އަޑު އިވުނެވެ. އެހިނދު އަންހެނެއްގެ ބާރު ހަޅޭކުގެ އަޑު ވެސް އިވުނެވެ.

"ލައިތު!... އަދިވެސް ބަލަން ހުރީތަ؟ އިޓްސް ޔޯ ފޯލްޓް" ލައިރާ ހަޅޭލަވައިގަތެވެ.

"ބިންހެލުމެއްތަ" ލައިތު ބުނެލިއެވެ. އަދި އައިކޮޅަށް ދިއުމަށް އަވަސްވެލިއެވެ.

"އާ ޔޫ އޯކޭ" ލަދުން މަރުވާވަރުވެފައި ހުރި ކެންޒާ ދެކަކޫ މައްޗަށް ތެދުވެވުނު ހިނދު ކޮންމެވެސް މީހަކު އައިސް އޭނާގެ މުލައްދަނޑީގައި ހިފާލިއެވެ. އެމީހަކަށް ބަލާ ވެސް ނުލާ އަތް ދުރުކޮށްލަމުން ކެންޒާ ނިކަން އަވަހަށް ބޯޖަހާލިއެވެ.

"ލެޓް މީ ހެލްޕް" އެ ޒުވާނާ ބުނެލިއެވެ.

"ރަނގަޅުވާނެ" ކެންޒާ ތެދުވަމުން ބުނެލިއެވެ.

"ހޫ އާ ޔޫ؟" މިފަހަރު އެ ސުވާލާއެކު ކެންޒާ އެޒުވާނައަށް ބަލާލިއެވެ.

"ޝެފް" ކެންޒާ ބުންޏެވެ. އަދި އޭނާ އުނދުން ކައިރިއަށް ހިނގައިގަތެވެ.

"ސޮރީ..." ބަދިގޭ އައިލެންޑް ދޮށުގައި އިން ލައިރާ ހަމްދަރުދީގެ ބެލުމަކުން ބަލަން އިނދެ ބުނެލިއެވެ. އޭނާގެ ފުށުން ދިމާވި ކަމަކަށް ނުވިޔަސް ލައިތު ކަންތައް ކުރި ގޮތުން ކެންޒާ ލަދުގެންފައިކަން ހުރީ އެ މޫނުން ފާޅުވެއެވެ. ގަދަކަމުން ހިނިތުންވުމެއް ކެންޒާ ބަދަލުކޮށްލިއެވެ. ހަނގާކުރުމުގެ ބަސްތަކަކީ ކެންޒާއަށް އާކަންކަމެއްނޫނެވެ. އެހެންނަމަވެސް ސުކޫލު ދުވަސްވަރު ނިމުމާއެކު އެއަނިޔާއިން އޭނާ ސަލާމަތްވެވުނު ކަހަލައެވެ. ސުކޫލު ދުވަސްވަރުގައި އޭނާގެ ނަމަކަށް ވެފައި އޮންނަނީ "ސިންޓެކްސް"އެވެ. ކަޅުހަމެވެ. އަހަރުތަކަކަށްފަހު މިއަދު އަނެއްކާ ވެސް ކެންޒާއަށް އޭރު ކުރެވުނު ފަދަ އިޙްސާސެއް ކުރެވިއްޖެއެވެ. އިންތިހާއަށް ލަދު ވެސް ގަނެއްޖެއެވެ.

"އަތަށް ތަދުވަނީތަ؟" ލައިރާގެ ގާތުގައި އިށީން ޒުވާނާ އަހާލިއެވެ. ކެންޒާ ނޫނެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ.

"އައި އޭމް ސެހްރާން... މީ ލައިރާ، އަހަރެމެންގެ ދޮން، ދެން މީނީ އިލިޔާނާ... ނިއު ޝެފްގެ ނަމަކީ ކޮބާތަ؟" ސެހްރާނު އަހާލިއެވެ.

"ކެން... ކެންޒާ" ޖެހިލުންވެފައި ހުރިވަރުން މާގިނަ ވާހަކަދައްކާކަށް ކެންޒާއަށް ފަސޭހައެއްނުވިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ތަޅައިގެން ގޮސްފައި ހުރި ވާސް އަށެވެ. އެކަން އެތަނުގައި ތިބި ލައިރާއާއި ސެހްރާނު ވެސް ދެނެގަތެވެ.

"ޑޯންޓް ވޮރީ، އެތަން ކްލީންކޮށްލާނެ އިރުކޮޅަކުން" ސެހްރާން ބުންޏެވެ.

(ނުނިމޭ)