މާލެ ވަޑައިގަތީ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ ހުއްދަތަކެއް ލިބިގެން ކަމަށާއި ހުއްދަ ހޯއްދަވަން ނުފޫޒުގެ ބޭނުމެއް ކުރައްވާފައި ނުވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ތިމަރަފުށީގައި ހުންނެވުމަށްފަހު ރިޔާޒް މިއަދު ހެނދުނު ވަނީ މާލެ ވަޑައިގެންފަ އެވެ. މާލެ އޮތީ ލޮކްޑައުން ކޮށްފައި ވާތީ ހުއްދަ ހޯދައިގެން އަންނަ މަދު ބަޔަކަށް ނޫނީ މާލެ އެރުމުގެ ފުރުސަތެއް ނުލިބެ އެވެ.
މިއަދު ރިޔާޒް މާލެ ވަޑައިގެންނީ ނުފޫޒު ބޭނުން ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަވަމުންނެވެ.
ރިޔާޒް ވިދާޅުވީ އޭނާ މާލެ ވަޑައިގެންނެވީ ގަވާއިދާ އެއްގޮތަށް ކަމަށާއި އޭނާ ވަޑައިގެންނެވިއިރު ތިމަރަފުށީގެ އިތުރު ބަޔަކުވެސް ހުއްދަ ހޯދައިގެން މާލެ އައި ކަމަށެވެ. އަދި ވިދާޅުވީ މާލެ އައުމުގެ ހުއްދައަށް އެދި ވަޑައިގަތީ ތިމަރަފުށީގައި 15 ދުވަހު ހުންނެވުމަށްފަހު ކަމަށެވެ.
"އަޅުގަނޑު ތިމަރަފުއްޓަށްދިޔައީ މިމަހުގެ 11 ވަނަ ދުވަހު. 15 ވަނަ ދުވަހު މާލެ އަންނަން އެއާޕޯޓްގައި ބޯޑިން ވެސް ދީފައި ވަނިކޮށް ފްލައިޓް ކެންސަަލް ކުރީ. އެއީ ކޮންމެހެން ވެސް އަޅުގަނޑު މާލެ އަންނަން ބޭނުންވި ދުވަހެއް. އެއީ އަޅުގަނޑުގެ 51 ވަނަ އުފަން ދުވަސް. އެެހެންވީމަ އަންހެނުންނާއި ކުދިންނާއެކު އެ ދުވަސް ހޭދަކުރަން ބޭނުންވި. ނުފޫޒު ބޭނުންކޮށްގެން ކަމެއް ކުރާނަމަ އެ ދުވަހު ނޫންތޯ އަޅުގަނޑު މާލެ އަންނަން މަސައްކަތް ކުރާނީ. ނަމަވެސް އަޅުގަނޑުމީ ނުފޫޒެއް ބޭނުން ކޮށްގެން ކަމެއް ކުރާނެ މީހެއް ނޫން."
ރިޔާޒް ވިދާޅުވީ އާއިލާގެ ކައިރިއަށް މާލެ ވަޑައިގަތުމަށް ހުއްދައަށް އެދުނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާ ހުއްދައަށް އެދިވަޑައިގެންނެވީ މެންބަރެއްގެ ހައިސިއްޔަތުންޗވެސް ނޫން ކަމަށެވެ. އަދި ހުއްދައަށް އެދި ހުށައެޅީ 17 ވަނަ ދުވަހު ކަމަށާ ޖަވާބު ލިބުނީ އޭގެ ދުވަސްތަކެއް ފަހުން އިއްޔެ ކަމަށެވެ. އަދި ހުއްދަ ލިބުމުން މިއަދު މާލެ ވަޑައިގެންނެވީ ކަމަށެވެ.
"އަޅުގަނޑުގެ އާއިލާ އޮތީ މާލޭގައި. އަޅުގަނޑު ދިރިއުޅެނީ މާލޭގައި. އަޅުގަނޑު މިއައީ 15 ދުވަހު ތިމަރަފުށީގައި ހުރެފައި. މި ދަނޑިވަޅުގައި އަޅުގަނޑުވެސް އާއިލާއާއެކު ހުންނަން ބޭނުންވާނީ އޮންނަ އުސޫލުގެ ތެރެއިން ހުއްދައަށް އެދުނީ. އެއީ މަޖިލީސް މެންބަރަކަށް ވެގެނެއް ނޫން. އޭގެ ކުރިން އަޅުގަނޑަކީ ވެސް އިންސާނެއް. އާއިލާއެއް އޮތް މީހެއް. މިފަދަ ވަގުތެއްގައި އަންހެނުންނާއި ކުދިން އެކަނި ބައިތިއްބާކަށް އަޅުގަނޑުވެސް ބޭނުމެއް ނޫން. އަނެއްކާ އަޅުގަނޑަށް މި ހުރިހާ ދުވަހު މާލެ ނާދެވިހުރީ ލޮކްޑައުންގައިވާތީ."