ރާއްޖެ ކުޅިވަރު

ދޮޅު މަސްވަންދެން މާޒިޔާ ތިބީ މަންކީ ކުޅެން: ސުޒޭން

Sep 16, 2015

ގައުމީ ފުޓްބޯޅަ ޓީމަށް ގިނަ ކުޅުންތެރިން ދޫކުރަން ޖެހުމުން ފާއިތުވެދިޔަ ދޮޅު މަސްދުވަހު މާޒިޔާއިން ފުޓްބޯޅަ މެޗެއް ކުޅެން ސީރިއަސް ޕްރެކްޓިހެއް ނުކުރާ ކަމަށާއި އެ ޓީމުން "ތިބީ މަންކީ ކުޅެލަން،" ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޭނާ މިހެން ބުނީ އައްޑޫ ސިޓީގައި މިއަދު ފެށި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 2-0 އިން މޮޅުވި މެޗަށް ފަހު އެވެ.

"މަންކީ" އަކީ ފުޓްބޯޅައިގައި ވަރަށް ގިނައިން ކުޅޭ އެއްޗެކެވެ. އެއީ ފުޓްބޯޅައިގެ ހުރިހާ އަސާސީ ސިފަތަކެއް ހިމެނޭ ކުދިކުދި ޕާސްކޮށްގެން ކުރާ ހަރަކާތެކެވެ. ރާއްޖޭގައި ބޮޑަށް މިކަން ކުރަނީ ކުޅުންތެރިންގެ އަދަދު މަދުވުމުންނެވެ.

"މިދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި މާޒިޔާގައި 11 ކުޅުންތެރިން ހަމަނުވޭ. އެހެންވީމަ މިއޮތްހާ ދުވަހު މާޒިޔާ އޮތީ ސިކްސްއަސައިޑަށްވާހެން މަންކީ ކުޅެލަކުޅެލާ. ޕްރެކްޓިސް މެޗެއް ވެސް ކުޅެލެވޭ ވަރެއްނުވޭ. އެއީ ގިނަ ކުޅުންތެރިން ގައުމީ ޓީމާއެކުގައި ތިބުމުން. އެހެންވީމަ އެކަށީގެންވާ ޕްރެކްޓިހެއް ނެތި މާޒިޔާ މި މުބާރާތަށް މިއައީ ވެސް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އޭގެ ސަބަބުން ވެލެންސިއާ މެޗުގައި މާޒިޔާގެ އަސްލު ފެންވަރު ވެސް ނުދެއްކުނު ކަމަށެވެ. ނަމަވެސް ޕްރެޒިޑެންޓްސް ކަޕުގެ ފެށުން ރަނގަޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

ވިކްޓަރީގެ ކުރީގެ ކޯޗު ސުޒޭން އަދި ބުނީ ހުރިހާ ކުޅުންތެރިންނާއެކު ޕްރެކްޓިސްތަކެއް ކުރެވިފައި ނެތުމުން އެތަން ދައްކާނެ ކަމަށާއި ނަމަވެސް މުބާރާތެއް ކާމިޔާބު ކުރަން އެއީ އުޒުރެއްނޫން ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ވިކްޓަރީއާ ދެކޮޅަށެވެ.