ރާއްޖެ ކުޅިވަރު

ފެސްކޯ ވިކްޓަރީ އަށް

Sep 16, 2015

ތަޖުރިބާކާރު ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވިކްޓަރީގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ޓީމާއެކު މިވަގުތު އައްޑޫގައި ހުރި ކުރީގެ ކީޕަރު ބުނީ އޭނާ ވިކްޓަރީގެ ކޯޗިން ޓީމާ ގުޅުނީ އެ ޓީމުގެ އެދުމުގެ މަތީން ކަމަށެވެ.

"[ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު] ނާދު އަށް އެހީތެރިވެދޭން އަހަރެން އައީ. ނާދުއާއެކު މަސައްކަތްކޮށްލަން. އަހަރެން ބޭނުންވޭ ނާދުއާއެކު މަސައްކަތްކޮށްލަން. އެހެންވެ މި ބަދަލު ގެނައީ،" ފެސްކޯ ބުންޏެވެ.

ފުޓްބޯޅަ ކޯޗިންގައި ފެސްކޯ އެންމެ ފަހުން ފެނުނީ މި އަހަރުގެ ދެ ވަނަ ޑިވިޝަން މުބާރާތުންނެވެ. އޭގެ ކުރިން އޭނާ ހުރީ މި އަހަރުގެ ކުރީކޮޅާ ހަމައަށް އެފްއޭއެމުގެ އެޓޯލް ފުޓްބޯޅަ ޑިރެކްޓަރަކަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލަކީޕަރު ޓްރޭނަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ފެސްކޯގެ ކޯޗިން ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ގުޅެނީ ވެލެންސިއާއާ އެވެ. އޭނާ ވަނީ އެކުލަބަށް ދިވެހި ލީގާއި ޕޮމިސްކަޕް ކާމިޔާބުކޮށްދީފަ އެވެ. އޭގެ ފަހުން އޭވައިއެލް އާއި ވިޔަންސާ އަދި ހުއްރިއްޔާގައި ވެސް ފެސްކޯ މަސައްކަތް ކުރި އެވެ.