ރާއްޖެ ކުޅިވަރު

ކޮންމެ މެޗަކީ ވެސް ފައިނަލެއް: ނާދު

Sep 16, 2015

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީ ކުޅެންޖެހޭ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނެފި އެވެ.

އައްޑޫ ސިޓީގައި މިއަދު ހަވީރު ގްރޫޕުގެ ބީގައި ހިމެނޭ އީގަލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ނާދު ބުނީ ކޮންމެ މެޗެއް ފައިނަލަކަށްވަނީ މުބާރާތް ކުރުވުމުން ކަމަށެވެ.

"އެންމެ ރަނގަޅަށް ކުޅޭ ޓީމުތައް މި އޮތީ މި ގްރޫޕުގައި. އަހަރުމެންނަށް ހުރިހާ މެޗަކީ ވެސް ފައިނަލެއް ފަދަ މެޗެއް. އެގޮތަށް ކުޅުންތެރިންނަށް ވެސް ވިސްނައިދެން. ވަރަށް މަސައްކަތްކުރަންޖެހޭނެ،" މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމުގެ ކޯޗު ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ވިކްޓަރީގެ އަމާޒަކީ އެންމެ ފުރަތަމަ ސެމީ ފައިނަލުން ޖާގަ ހޯދުން ކަމަށް ވެސް ނާދު ވަނީ ބުނެފަ އެވެ. އަދި އައްޑޫގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމަކީ ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމެއް ކަމަށް ނާދު ގަބޫލުކުރެ އެވެ.

އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި ކުޅޭ މުބާރާތުގެ ގްރޫޕް ބީގެ މެޗުތަކާއި ސެމީ ފައިނަލް އަދި ފައިނަލް ކުޅޭނީ އައްޑޫގަ އެވެ. ގްރޫޕް ބީގައި ވިކްޓަރީ އާއި އީގަލްސްގެ އިތުރުން ހިމެނެނީ މާޒިޔާ އާއި ވެލެންސިއާ އެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އިއްޔެ މާޒިޔާ މޮޅުވީ ވެލެންސިއާ އަތުން 2-0އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.