(26 އެޕްރިލް 2020 އާ ގުޅޭ)
"ޑޯންޓް ވޮރީ، އެތަން ކްލީންކޮށްލާނެ އިރުކޮޅަކުން" ސެހްރާން ބުންޏެވެ.
"ވަރަށް އަގު ބޮޑު އެއްޗެއް ކަންނޭނގެ، މިގޭތެރެއިން ފެންނަ އެއްވެސް އެއްޗެއްގެ އަގު ކުޑައެއްނުވާނެ، ހުރިހާ އެއްޗަކީ ވެސް ބޭރުން ގެނެސްފަހެން ވާނީ... ދެން ކިހިނެއް ހަދާނީ؟، ކަސްތޫރީއަށް އެނގިއްޖެއްޔާ ހިތްހަމަނުޖެހޭނެ ކަންނޭނގެ، އެކަމަކު... އެކަމަކު އެއީ އޭނާގެ ސަބަބުން ވީގޮތެއް، އެ ފޫހި މީހާގަނޑު، ލައިތު! ލައިތު! ތަފާތު ނަމެއް، އެކަމަކު ފޫހި މީހެއްގެ ނަމެއް، އެމީހާގެ މޫނު ފެނުންނަމަ، އެއީ އިންސާނެއްނޫން، ވިކެޑް ޖަޔަންޓެއް" ކެންޒާ ހިތުން ކުދި ކިޔަމުންދިޔައިރު އޭނާގެ ދެބުމަ ކައިރިވަމުން ދިޔަކަން އިޙްސާސެއް ނުކުރެވުނެވެ.
"ޔޫ ލުކް ޑިސެޕޮއިންޓެޑް" ސެހްރާނު އިނީ ކެންޒާގެ މޫނަށް ފަރުވާތެރިވެ ބަލާށެވެ. މިފަހަރު ވެސް ކެންޒާ ބޯހޫރުވާލީއެވެ. އަދި ސެހްރާނުގެ ތޫނު ނަޒަރުން ސަލާމަތްވުމަށް މޫނުގައިވި އަސަރުތައް ފަރުދާކުރިއެވެ. ދުވަހުގެ ލިސްޓު ކެންޒާ ބަލާލުމާއެކު މަސައްކަތް ފަށަން ތައްޔާރުވެލިއެވެ.
"ސެހެރް!" ޔާދިން އައިސް ބަދިގެއަށް ވަނީ ސެހްރާނު ހޯދަމުންނެވެ. އެހެންނަމަވެސް ދޮރުމަތިން އޭނާއަށް ހުއްޓުން އެރީ ތަޅުންމަތީ ތަޅައިގެން ގޮސް ފައި އޮތް ވާސް ފެނިފައެވެ. ހަމައެއާއެކު އިތުރު ހައިރާންކަމެއް ލިބުނީ ބަދިގެ ތެރޭގައި ހަރަކާތްތެރިވާ ކެންޒާ ފެނިފައެވެ. އޭރު ކެންޒާ ވެސް ޔާދިންގެ އަޑަށް އެނބުރިލައިގެން ހުއްޓެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު ބަލަހައްޓައިގެން ދެމީހުންނަށް ވެސް ތިބެވުނީއެވެ. ސެހްރާނުގެ ހީނލުމުގެ އަޑު އިވި ޔާދިން އަވަސް އަވަހަށް ލޮލުގައިވި ނަންބަރު އައި ރަނގަޅުކޮށްލިއެވެ. ސެހްރާނުގެ ހުނުން ބާރުވިއެވެ. ކެންޒާ އަވަހަށް އެމީހުންނަށް ފުރަގަސް ދީފިއެވެ.
"އައި ނީޑް ޔޫ ބްރޯ" ޔާދިން ބުނެލިއެވެ.
"ޓެލް މީ" ސެހްރާނު ގޮނޑިން ފޫހިއްލާލުމުގެ ވިސްނުމެއް ނެތް ކަހަލައެވެ.
"ނޮޓް ހިއާ" އަވަސް ނަޒަރެއް ކެންޒާ ހުރި ދިމާއަށް ހިންގާލަމުން ޔާދިން ބުންޏެވެ.
ސެހްރާނު ތެދުވީ ދެނެވެ. އޭނާ ބަދިގެއިން ނުކުމެ ވަކި ހިސާބަކަށް ދެވުމާއެކު ޔާދިން ވާހަކަދެއްކިއެވެ. ކާކުތޯ ބަދިގޭގައި އެހުރީ އޭނާ ސެހްރާނު ގާތު އެއްސެވެ. އައު ޚާދިމެއް ގެޔެއް ގެނައީހެން ހީވެ ޔާދިންއަށް އެހެން ވެސް އަހާލެވުނެވެ.
"ކެންޒާ! މިގޭ ނިއު ޝެފް... ބިއުޓިފުލް ނޭމް ދޯ" ސެހްރާނު ހިނިތުންވުމާއެކު ބުނެލިއެވެ.
"ޝީ ލުކްސް ވިއާޑް" ޔާދިން ބުނެލިއެވެ.
"ހާ ފަސްޓް އެންކައުންޓާ ވިތް ހިމް ލީޑްސް ޓު ގްރޭޓް މިސްފޯޗުން" ކަނދުރާގައި ކަނާއަތްތިލަ ހާކާލަމުން ސެހްރާނު ބުނެލިއެވެ. އޭރު އޭނާގެ ލޯކުރިމަތި ލައިތުއާއި ކެންޒާގެ ބައްދަލުވުން ހިނގައިދިޔަ ގޮތް ފެންނަމުން ދިޔަ ކަހަލައެވެ.
"ކާކު؟" ޔާދިން އަހާލީ އެ ސުވާލުގެ ޖަވާބު ނޭނގޭތީއެއްނޫނެވެ.
"އަވާ ޑިލިންގްކުއިންޓް ބްރަދާ" މާނަވީ ހީނލުމަކާއެކު ސެހްރާނު ބުނެލިއެވެ. އެހެންނަމަވެސް ޔާދިންގެ މޫނުން ފާޅުވީ ފޫހިކަމެވެ.
"ޝީ ލުކްސް ޔަންގް، ހީ ވިލް ރޭޕް ހާ ޓޫ" ޔާދިންގެ އަޑުގައިވީ ނަފުރަތެވެ. ސެހްރާނުގެ މޫނު ވަގުތުން މިލައިގެން ދިޔައެވެ.
"ކަމަކުތަ އަހަރެން ހޯދީ" ވާހަކައިގެ މިސްރާބު ސެހްރާނު ބަދަލުކޮށްލީ ގަސްދުގައެވެ.
"ގްރެފިކްސް ބަދަލުކޮށްލަދޭން ބުނީމެންނު" ޔާދިންގެ ނުރުހުމާއި ނަފުރަތު އެއްފަރާތްކޮށްލިއެވެ.
* * * * *
"ކޮންއިރަކު ސްޓާޓް ކުރީ" ލައިރާ އަހާލިއެވެ.
"ހަފްތާއެއް ވަނީ، މީ ފުރަތަމަ ވީކަންޑް" ކެންޒާ މަސައްކަތުގައި އުޅެމުން ވާހަކަދެއްކިއެވެ.
"ދެންމެ އެދިޔައީ ވެސް މިގޭ ކުއްޖެއްތަ؟" ކެންޒާގެ ނަޒަރު ދޮރާ ދިމާއަށް ދަތުރުކޮށްލިއެވެ.
"އެއީ ޔާދިން، ގޭގައި ހުރި ޑަކްޓަރ، ބުނެއެއްނު ޑަކްޓަރުން ވަރަށް ހިތްހެޔޮވާން ޖެހޭނެއޭ ދޯ، ބަޓް ޑޯންޓް އެކްސްޕެކްޓް އިޓް ފްރޮމް ހިމް، ހީ އިޒް އަ ލަވިން ބްރަދާ، އެކަމަކު ރޫޑް ޑަކްޓަރެއް" ލައިރާ ބުނި ގޮތުން ކެންޒާއަށް ހީނލެވުނެވެ.
"ރީތި މީހުންގެ ދަރީން ހަމަ ރީތީ، ކަސްތޫރީގެ އުމުރުން ހަތްދިހައަށްވުރެ މައްޗަށް ހިނގައިދާނެހެން ހީވޭ، އެކަމަކު އޭނާއަކީ އެ އުމުރުގައި ވެސް ތަފާތު ރީތިކަމެއް ލިބިފައިވާ މީހެއް، ސެހްރާން! އޭނާ ހީވަނީ ބޭރުމީހެއްހެން، ސަރަފީނާގެ ހުންނަ ކަހަލަ ހިތްހެޔޮ ގޮތެއް ލައިރާގެ ހުންނަނީ، އޭނާގެ މަންމަ ކަހަލަ ދިގުމޫނެއް، އެ ދޮންކަން، އެންމެން އަސަދުގެ ވާހަކަ ދައްކާއިރު އޭނާ އަދި މިގެއަކުން ނުފެނޭ، ޔަގީން އެވެސް ރީތި މީހަކަށްވާނެކަން، ބައްޕަގެ ރީތިކަން ކަންނޭނގެ ކުދީންނަށް ލިބިފައި އެވަނީ" ކެންޒާގެ ޝުޢޫރުތައްވީ އޭނާގެ ހިތުގައެވެ.
"އަހަރެން ވެސް ކައްކަން ދަސްކުރާހިތްވޭ، މީރު އެއްޗެހި ހަދާފައި ފިރިމީހާއަށް ކާންދޭ ހިތްވޭ" ކެންޒާގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން އިން ލައިރާ ވާހަކަދެއްކިއެވެ. ކެންޒާ ހިނިތުންވުމަކާއެކު ލައިރާއަށް ބަލާލިއެވެ. ފުރަތަމަ ފަހަރަށް ތަފާތު އަސަރެއް ލައިރާގެ ލޮލުން ކެންޒާ ދުށްޓެވެ. އުފާވެރިކަމެއްނެތް އެކަނިވެރިކަން ފަދައެވެ. ނޫނީ ބަޔާންކުރަން ނޭނގޭ ފަދަ ހުސްކަމެއްގެ އަސަރު ކަހަލައެވެ.
"މީ އެހާ އުނދަގޫކަމެއްނޫން، ޝައުގުވެރިކަން ހުރިއްޔާ ވަރަށް އަވަހަށް ދަސްވާނެ" ކެންޒާ ބުނެލިއެވެ. ލައިރާ މަޑުމަޑުން ހޫންއެއް ލައްވާލިއެވެ. ގާތުގައި އިން ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާ ކޮންމެވެސް ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި އިން ކަހަލައެވެ.
"މަމީ!... ޑެޑީއަށް ގުޅާބާ" ކުޅެން އިން އައިޕެޑް ލައިރާއަށް އިލިޔާނާ ދިއްކޮށްލިއެވެ.
"ޑެޑީ ބިޒިވާނެ، ފަހުން ގުޅާނީ" ދަރިފުޅަށް ހިނިތުންވެލަމުން ލައިރާ ބުންޏެވެ.
"ދަރިފުޅު ގުޅީމަ ޑެޑީ އާންސާކުރާނެ، ޕްލީޒް މަމީ... ޕްލީޒް!" އިލިޔާނާ އާދޭސްކޮށްލިއެވެ. ލައިރާ ހީވަނީ ގުޅަން ބޭނުންނުވެފައި ހުރީ ހެންނެވެ.
"މިއަދު ހާދަ ހޫނު ދުވަހެކޭ، ހުރިހާ ކުދިން ޕޫލަށް އެރެމާ" ލައިރާގެ ހިމޭންވަމުން އައި ޠަބީޢަތް ކުއްލިއަކަށް ބަދަލުކޮށްލީ ދަރިފުޅަށް ޓަކައި ކަހަލައެވެ.
"ޑެޑީއަށް ފޮޓޯ ފޮނުވަންވާނެ" އިލިޔާނާއަށް ލައިރާގެ ޚިޔާލު ކަމުދިޔައީއެވެ. އެހެންވިޔަސް އޭނާއަކީ ބައްޕައާ ގާތްކަން ބާއްވަން ބޭނުންވާ ކުއްޖެކެވެ. ލައިރާއަށްވުރެ ބޮޑަށް ޒުބިންދެކެ އިލިޔާނާ ލޯބިވާ ކަމީ ޚުދު އެ ދެމަފިރިންނަށް ވެސް އެނގޭ ހަޤީޤަތެކެވެ. ލައިރާ ކިތަންމެ ލޯބިން އުޅުނަސް ދަރިފުޅުގެ ހިތުގައި ބައްޕައަށް ދެވިފައިވާ މަޤާމު އޭނާއަށް ދުވަހަކުވެސް ނުލިބޭނޭކަން އެނގެއެވެ. އެވަރުގަދަ ލޯތްބާއިމެދު ލައިރާ ވެސް ހައިރާންވެއެވެ.
އިލިޔާނާ ގޮވައިގެން ލައިރާ ބަދިގެއިން ނުކުތެވެ. ކެންޒާއަށް ހަމަޖެހިލެވުނީ ދެނެވެ. އެތަނުގައި އޭނާ އެކަނިވީމައެވެ. މެންދުރަށް ކާން ނެރެންޖެހޭ ވަގުތު ޖެހެންވާއިރަށް ކެންޒާގެ މަސައްކަތްތައް ނިންމާލިއެވެ. މީހަކު ފެންނަން ނެތް ނަމަ ވެސް ތައްޔާރުކުރި ކާނާ އާދައިގެ މަތިން އަތުރާ ކައުންޓަރުމަތީ އަތުރާލިއެވެ. ބުފޭއެއްގައި ކާނާތައް ހޫނުކޮށް ބަހައްޓާފަދައިން އެތަނުގައި ވެސް ހުރީ އެ އިންތިޒާމު ހަމަޖައްސާފައެވެ. ކެންޒާ ކުރަންޖެހޭ ހުރިހާ ކަމެއް ނިމުމުން އޭނާ އެގެއިން ނުކުތީ މެންދުރުގެ ވަގުތެއް ކަމަކު ހިނގާލާފައި ގެއަށް ދާށެވެ.
ކެންޒާގެ ޚަބަރެއް ނުވެގެން ނަސީމު ގުޅީ އޭނާއަށް އެގެއާ ފުދޭވަރަކަށް ދުރަށް އާދެވުނު ފަހުންނެވެ. ފޯނު ނެގުމާއެކު ކެންޒާ ގެއަށް އަންނަނީ ކަމުގައި ބުންޏެވެ. ބަންދު ދުވަހެއްވީމާ އޭނާ ގަޑިއަށް ދާންޖެހޭ އިތުރުތަނެއް ނެތްކަން ކެންޒާ ފާހަގަކުރިއެވެ. ކާރުގައި އަބަދު ދަތުރުކުރުމަކީ ކެންޒާ އާދަވެފައި ހުރި ގޮތެއް ނޫންވީމަ ކިތަންމެ ކުރު ދަތުރަކަށްވިޔަސް ކާރަށް އެރުމުން މޭނުބައި ކުރާ ކަހަލަ ގޮތްތަކެއް ވެއެވެ. އެހެންވެ ކޮންމެހެން އަރަން ޖެހިއްޖެނަމަ ނޫނީ އޭނާ ކާރަކަށް ނާރައެވެ. ހަމައެއާއެކު އޭނާގެ ހަށިގަނޑަށް ލިބޭ ހަމައެކަނި ކަސްރަތަކީ ހިނގާފައި އުޅޭއިރު އެ ލިބޭ ކަސްރަތެވެ. ހިނގުން ހުއްޓާލައިފިއްޔާ މިހާރު ހުރި ވަރަށްވުރެ ވެސް ފަލަވެދާނޭކަމާމެދު ކެންޒާ ވިސްނައެވެ. ނަސީމުގެ ކޯލު ކަނޑާލީ ރޭގަނޑު އެގެއަށް ދާން ގުޅާނޭކަން ކެންޒާ ބުނެފައެވެ.
* * * * *
ކެންޒާ ގެއަށް ވަންއިރު ސިޓިންރޫމުގައި ހުރި ސޯފާ ފެނި ދެ ލޯ ބޮޑުކޮށްލެވުނެވެ. އެތަނުގައި ކުރިން ހުރި ބާވެ ހަލާކުވެފައި ހުރި ސޯފާގެ ބަދަލުގައި ފެނުނީ މުޅިން އައި ސޯފާއެކެވެ. "އެލް" އަކުރު ގޮތަށް ހުރި އަޅި ކުލައިގެ ފޮތި ސޯފާއިން ނެއްޓި ރަބަރުގަނޑު ތަޅުންމަތީ އޮތެވެ. ސޯފާގައި ހުންނަ ފަދަ ކުދި ހަތަރު ބާލީސް ވެސް ބަހައްޓާފައި ހުއްޓެވެ. އެ ސޯފާގެ ދިގަ ބައްޕަ އޮތެވެ. ބޯދަށަށް ކުޝަންއެއް ލައްވާލައިގެންނެވެ.
"ކޮންތާކުން ގެނައި އެއްޗެއް" ކެންޒާއަށް ވަގުތުން ސުވާލުކުރެވުނެވެ. ހަމީމްގެ އަތުގައި އެފެންވަރުގެ ބޮޑު ސޯފާއެއް ގަންނާނޭ ފައިސާ ނުހުންނާނޭކަން ކެންޒާއަށް ޔަގީންވާތީއެވެ.
"މިހާރު ސަޅިއެއްނު" ސޯފާއާމެދު ހިތްހަމަޖެހިފައި އޮތް ހަމީމް ބުނެލިއެވެ.
"ކޮންތާކުން ގެނެސް މިގެއަށް ވެއްދީ؟ ކާކުގެ އެއްޗެއް މީ؟" ކެންޒާ އަނެއްކާ ވެސް ސުވާލު ކުރިއެވެ.
"އަހަރެން ގެނައީ" ބިއްދޮށުން ވަދެގެން އައި މިފްރާހު ބުންޏެވެ.
"ކެންޒާ! މިފޫ ބަނޑުހައިވެގެން އެ އުޅެނީ... ދޭބަލަ އޭނާ ގޮވައިގެން ކާއެއްޗެއް ދޭން" ސޯފާގައި ނިކަން ހިނިއައިސްފައި އޮވެ ހަމީމް ބުނެލިއެވެ. ކެންޒާގެ މޫނުން ފާޅުވީ އިންތިހާ ދަރަޖައިގެ ނުރުހުމެވެ. މިފްރާހަށް ކަޅިއަޅާލުމާއެކު އޭނާ ހަލުވިކޮށް ކޮޓަރިއަށް ވަދެއްޖެއެވެ.
"ކެންޒާ!... ކެންޒާ!..." ދޮރުގައި ޓަކިދިނުމާއެކު މިފްރާހު ގޮވާ އަޑު ކެންޒާއަށް އިވެއެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދަބަސް އެނދުމަތީ ބަހައްޓާލާފައި އަލަމާރި ކައިރީ ހުއްޓިލިއެވެ. އަދި ދޮރުފަތުގައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ކެންޒާ ބަލަން ފެށިއެވެ. އިރުކޮޅަކު އެގޮތަށް ހުރުމަށްފަހު އޭނާ ގޭގައި ލާން ގެންގުޅޭ ތަނުން އަތްދިގު ބޮޑު ޓީޝާޓަކާއި ހަރުވާޅެއް އޭނާ ނެގިއެވެ. ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނިކުތްއިރު މިފްރާހު ސޯފާގައި އިނެވެ.
ބަދިގެއަށް ކެންޒާ އައުމުން އޭނާގެ ފަހަތުން މިފްރާހު ވެސް އައެވެ. ކެންޒާއަށް އޭނާ ގޮވާލީ ބަދިގެ ދޮރުމަތީ މަޑުކޮށްލުމާއެކުއެވެ. ނަމަވެސް ކެންޒާ އަޑުއިވުނު ކަމަކަށް ނުހެދިއެވެ. ހިސާބަކަށް މާޔޫސްކަން މިފްރާހުގެ މޫނުން ފާޅުވެލިއެވެ.
"ސޯފާ ހުރީ ކިހާ ބޮޑަކަށް ހަލާކުވެފައި" މިފްރާހު ބުންޏެވެ. ކެންޒާ ނުރުހިފައޭ ހުރީ މިފްރާހަށް ހީވަނީއެވެ. މިފަހަރު ކެންޒާ އެނބުރިލިއެވެ. މިފްރާހާ ނަޒަރު ސީދާކޮށްލިއެވެ. މަޑުމަޑުން މިފްރާހުގެ ފައި ހިއްލާލެވުމާއެކު ލަސް ގޮތަކަށް ބަދިގެ ތެރެއަށް އޭނާ ވަނެވެ. ކާމޭޒުގެ އަރިމަތީ އޭނާ ޖެހިލައިގެން މަޑުކޮށްލީ ސީދާ ކެންޒާގެ ކުރިމަތީގައެވެ.
"ކިހާ ވަރަކަށް ގަތީ؟" ކެންޒާ އެއްސެވެ.
"ކީއްކުރަން އަގުބަލަނީ؟ އަހަންނަނަށް އަގު ދޭށޭ ނުބުނަމެންނު" މިފްރާހު ބުނެލިއެވެ.
"ބައްޕަ ބުނީތަ ގަނެދެން" ކެންޒާ ދެވަނަ ސުވާލުކުރިއެވެ.
"ނުބުނޭ" ދެފަރާތަށް މިފްރާހު ބޯހޫރާލިއެވެ.
"އެނގޭތަ އަހަރެންގެ ބައްޕައަކީ ކޮންކަހަލަ މީހެއްކަން؟ މިގެއަށް ތިއަންނަނީ ކޮންބޭނުމަކު؟ މިގެއަށް އެއްޗެހި ހޯދަން ތީ ކާކު؟" ކެންޒާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.
"އެއްވެސް ގުޅުމެއްނެތަސް، މީހަކު ނުބުންޏެއްކަމަކު، އަހަރެން ކޮށްދޭ ހިތުން ކަމެއް ކޮށްދިނުމަކުން ކޮބާ މައްސަލައެއް؟" މިފްރާހުގެ އަޑުގައި ހުރީ ސީރިއަސްކަމެވެ. ކެންޒާ އެއްޗެކޭ ނުބުނުމުން މިފްރާހު ކުރިއަށް އަންނަން ފެށިއެވެ.
"ސްޓޮޕް" ކުއްލިއަކަށް ކެންޒާ ބުނެލިއެވެ. ވަގުތުން މިފްރާހު ހުއްޓުނެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ކެންޒާއާ ވަތްކެއްނުވިއެވެ. އޭރު އޭނާއާ މިފްރާހާ ދެމެދު ހުރީ ދެފިޔަވަޅެއްހާ ދުރުމިނެވެ.
"ވަޓްސް ރޯންގް ކިޓީ" ދެޖީބަށް އަތްތިލަ ކޮށްޕާލައިގެން ހުރެ މިފްރާހު އަހާލިއެވެ. ކެންޒާއަށް މިފްރާހުގެ އެ ސުވާލު މާނަކުރާނޭ ގޮތެއް ނޭނގުނެވެ. އޭނާގެ ދެބުމަ ކުރިއަށްވުރެ ބޮޑަށް ކައިރިވެލީއެވެ.
"ދުރަށް ދޭ" ފަހަތަށް ދާނޭތަން ނެތްނަމަވެސް ކެންޒާ ފަހަތަށް ޖެހެން މަސައްކަތް ކުރިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު ހުރެފައި މިފްރާހު ފަހަތަށް ދިޔައެވެ. ކެންޒާއަށް ހިފަހައްޓާލެވިފައި ހުރި ނޭވާ ދޫކޮށްލެވުނީ ދެނެވެ. ބަދިގެއިން ނުކުމެގެން ދާން އުޅެފައި ވެސް މިފްރާހު އައިސް ކާމޭޒު ދޮށުގައި އިށީނީއެވެ.
"ކިއްވެތަ މިގެއަށް ތިއަންނަނީ؟ އަމިއްލަ ގެއަށް ދާންވީނު" މޭޒުދޮށުގައި މިފްރާހު އިށީނުމުން ކެންޒާ ބުންޏެވެ.
"އަހަރެންގެ ކިޓީއެއް ނުފެންނާނެއެއްނު" ސީރިއަސްކަން ކެނޑި މިފްރާހުގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްލިއެވެ.
ކެންޒާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. މިފްރާހުއާ ވާހަކަދެއްކުމަށްވުރެ މަސައްކަތަށް ސަމާލުވުން މުހިންމު ކަމުގައި ކެންޒާ ދުށްޓެވެ. މެންދުރަށް އޭނާ ހެދީ ބަތުގެ ބާވަތަކެވެ. އެއާއެކު ކެއުމަށް ކުކުޅުން ހަދާފައި ހުރި ތަށްޓެއް ވެސް ހުއްޓެވެ. އެ ހުރިހާ އިރު މިފްރާހު އިނީ ބަދިގޭގައެވެ. ކެންޒާ ފިޔާކޮށިއިރު އޭނާއަށް އުނދަގޫވެގެން ތެދުވެލި ނަމަވެސް ބަދިގެއިން ނުނިކުތެވެ. ސިންކު ކައިރިއަށް އައިސް އޭނާ ދެ ލޯ ފެނުން ދޮވެ ހެދިއިރު ކެންޒާ އިނީ ހިނިގަނޑު އެތެރެއަށް ހިންދާލައިގެންނެވެ. އުނދުންކައިރީ އެއްޗެހި މީރުކުރުމުގައި ކެންޒާ އުޅުންއިރު ދެތިން ފަހަރަށް މިފްރާހު ކިނބިހި އެޅި އަޑު ވެސް އިވުނެވެ. އެހެންވިޔަސް ހިތްވަރުކޮށްފައި އެ ފިރިހެނާ ބަދިގޭގައި އިނީތީ ކެންޒާ ހައިރާންވިއެވެ.
"ވަރަށް ބަނޑުހައިވެއްޖެ" ކެންޒާ މޭޒުމައްޗަށް ތަށިތައް ނެގުމުން މިފްރާހު ބުނެލިއެވެ.
"ނޭފަތް ކިހިނެއް؟" މިފްރާހުގެ ނޭފަތުގައި އަތްއުނގުޅާވަރުން ރަތްކަމެއް ފާޅުވާތީ ކެންޒާ އަހާލިއެވެ. އެހިނދު މިފްރާހުގެ ބަލާލީ އަޖައިބުވެފައި އިނދެއެވެ. މަޑުމަޑުން ވެރިވި ހިނިތުންވުން ފުޅާވެލުމާއެކު އޭނާގެ ދެލޮލުގެ ވިދުން ގަދަވިއެވެ.
"ނޭފަތުން ފައިބަނީ... ހީލް މީ ކިޓީ" މިފްރާހު ގޮނޑިން ތެދުވެ ކެންޒާގެ އަތުގައި ހިފާލައި ނޭފަތާ ކައިރިކޮށްލިއެވެ. އެހާ ގާތުގައި މިފްރާހު ހުރުމުން ކެންޒާއަށް ވަގުތުން އަތްތިލަ ދަމައިގަނެވުނެވެ. ހަލުވިކޮށް ދުރަށް ދިއުމާއެކު އެއްފަރާތެއްގައި ހުރި ހަރުމަތިން ކެންޒާ ޓީޝޫ ޕެކެޓު ނަގައިގެން ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.
"ބަނޑުހައިވަންޏާ ކައި، ހުރިހާ އެއްޗެއް އެހެރީ ނަގާފައި" ކެންޒާ އަވަސްއަވަހަށް ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި އޭނާ ދިޔައީއެވެ. ލުއި ހީނލުމަކާއެކު މިފްރާހު އިސްޖަހާލާފައި އިސްއުފުލާލައި ކެންޒާ ދިޔަ ދިމާއަށް ބަލާލިއެވެ.
* * * * *
މެންދުރުގެ ކެއުމާމެދު އެއްވެސް ކުއްޖަކު ޝަކުވާނުކުރީތީ ކަސްތޫރީ އިނީ ހިތްހަމަޖެހިފައެވެ. އެއްމޭޒު ދޮށުން ހުރިހާ ކުދީންނާ ބައްދަލުވުމުން އަސަދުގެ މޫނުން ހިނިތުންވުން ފަނޑުނުވެއެވެ. އަލަށް ގެނައި ކައްކާގެ ވާހަކަ ދެއްކީ ލައިރާއެވެ. ތަފާތު ގޮތެއް ހުރި ކުއްޖެއްކަމުގައި ލައިރާ ފާހަގަކުރިއެވެ. އެއާއެކު މާމަ ކޮންތާކުން ހޯދި ޝެފެއްތޯ ޔާދިން ސުވާލުކުރިއެވެ. ޒުވާންވެފައި ތަޖުރިބާކާރު ޝެފެއްގެ ސިފަ ނުޖަހާކަން ޔާދިން ބުންޏެވެ. ސެހްރާނުގެ ނަޒަރު ހުއްޓުނީ ލައިތަށެވެ. އޭނާއަށް އެ މޭޒުދޮށުގައި ބަޔަކު ވާހަކަދައްކާހެން ހީވެސް ނުވާކަހަލައެވެ. ހިމޭނުން އިނދެ ކަމުންދިޔައީ ރަހަތަކަށް ވިސްނައިގެން އިނދެއެވެ.
"ކާއެއްޗިއްސާ މެދު ޝަކުވާކުރާ އަޑެއް މާމައަށް ނީވޭ، އޭގެ މާނައަކީ އޭނާ ކުރާ މަސައްކަތަށް ކުޅާދަނައޭ" ހިނިއައިސްފައި އިނދެ ކަސްތޫރީ ބުންޏެވެ.
ކައިގެން ހުރިހާ ކުދިން ފޭބީ އެކީގައެވެ. އަށްވަނަ ފަންގިފިލާއަށް އެލެވޭޓާ ހުއްޓުމުން ލައިތުއާއެކު ސެހްރާނު ވެސް ނުކުތެވެ. އެ ދެމީހުން އައިސް ވަނީ ލައިތުގެ ކޮޓަރިއަށެވެ. ހަތަރު ފިރިހެން ކުދީންގެ ކޮޓަރި ހުންނަނީ އެބައިގައެވެ. ހަތްވަނަ ފަންފިލާގައި އުޅެނީ ކަސްތޫރީއާއި އަސަދުގެ ދެމަފިރިންނެވެ. ލައިރާ މީހަކާ އިނދެގެން އުޅޭތީ ނުވަނަ ފަންފިލާ އެއްކޮށް ހުންނަނީ ބޮޑު އެޕާޓްމެންޓެއްހެން ހަދައިދީފައެވެ.
"މީރުކޮށް ކެވިއްޖެ" ލައިތުގެ އެނދަށް އުއްޓުން ވެއްޓި ގަތް ސެހްރާނު ބުންޏެވެ. ލައިތު ވަކި އެއްޗެއް ނުބުންޏެވެ. އޭނާ ފައި ކުރުކޮށްލައިގެން އެނދުގައި އިށީނެވެ. ކުރުއަތްމައްޗަށް އަރިއަކަށް ޖެހިލި ސެހްރާން ބަލާލިއެވެ.
"މިއަދު ކިހިނެއްތަ އެވީ؟ އޭނާއަށް ވީގޮތް ދުށީންތަ؟" ސެހްރާނު އަހާލިއެވެ. އޭނާ އެ ދައްކަނީ ކޮންވާހަކައެއްކަން ލައިތުއަށް އެނގުނެވެ.
"ދޮރު ހުންނަނީ ވަދެނުކުމެ ހަދަން، ކިހިނެއް އެނގޭނީ ދޮރުމަތީ ބިއްގަނޑެއް ހުންނާނެކަމެއް... މަށަށް ބަލަން ވެސް އުނދަގޫވި، އެހެންވެ އަވަހަށް ދިޔައީ" ލައިތު ބުނެލިއެވެ.
"އެކަމަކު ވެސް ލައިތު އައިސް ޖެހިގަތީމައެއްނު އޭނާ ވެއްޓުނީ" ލައިތުގެ ކުށްދައްކަން ސެހްރާނު ބުނެލިއެވެ.
"ދެން އެނގޭނު ދޮރުމަތީ ހުއްޓިގެން ނުހުންނަން، ކީއްވެތަ ކުއްލިއަކަށް އެ ވާހަކަ ތިފެށީ" ލައިތު އެ މައުޟޫޢުއަށް ވާހަކަދައްކަން ބޭނުންނުވާކަން ފާޅުކޮށްލިއެވެ. އެހެންވިޔަސް އޭނާގެ ސިކުނޑިން އެ މަންޒަރުތައް ފުއެއްނުލެވުނެވެ.
"އޯކޭ! ދެން ނުދައްކާނަން... ޓެލް މީ ސަމްތިންގް" ސެހްރާނު މިހެން ބުނުމާއެކު ލައިތު ހޫން ލައްވާލިއެވެ.
"އަދިވެސް ނައިޓްމެއާސް ފެނޭތަ؟ މަންމަ ކައިރީ އަންކަލް ވާހަކައެއް ދެއްކި އަޑު އަހަރެން އެހިން" ސެހްރާނު ތެދުވެ ދެފައިވަށްކޮށްލައިގެން ލައިތުއާ ކުރިމަތިވާނޭހެން އިށީނެވެ. އެއްބަސްވާން ބޭނުންނުވާ ފަދަ ގޮތަކަށް ލައިތުގެ ނަޒަރު ސެހްރާނާ ދުރަށް ހުއްޓާލިއެވެ.
"އައި ކާންޓް ހެލްޕް އިޓް" މަޑުމަޑުން ލައިތު ބުނެލިއެވެ.
"ދެން ޓޯކް ޓު މީ ބްރަދާ، އަހަންނަށް ކިޔައިދިބަލަ... އަހަންނަށް ޓްރަސްޓު ނުކުރެވެންޏާ ތެރަޕިސްޓެއް ކައިރިއަށް ގޮސް އޭނާއަށް ކިޔާދީބަލަ" ސެހްރާނު ކަންބޮޑުވުން ފާޅުކުރިއެވެ.
"ޓްރީމެންޓެއް ނަގަން އަހަރެން ބައްޔެއްނޫނޭ" ލައިތު ނިކަން އަވަހަށް ބުނެލިއެވެ. ފަރުވާތެރިކަމާއެކު ލައިތުއަށް ބަލަން އިރުކޮޅަކު އިނދެފައި ސެހްރާނު ފުންނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް ވާހަކަދެއްކި ނަމަވެސް ލައިތު އެއްވެސް ކަމެއް ކިޔާނުދޭނެއޭ ސެހްރާނަށް ވިސްނުނީއެވެ.
(ނުނިމޭ)