ޕޮލިޓިކްސް

ވެންޓީލޭޓަރުގެ ޖަވާބު ނުލިބުނީތަ، ވެންޓިލޭޓަރު ޑީލް ނުލިބުނީތަ؟

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ފެށުނީއްސުރެ މަޖިލީހުން ކަން ކުރާ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ބައެއް މީހުންގެ ނަޒަރުގައި މަޖިލީސް ހަރަކާތްތެރި ވަނީ އެ ބާރަށް ލިބި ދީފައިވާ އިހުތިޔާރާއި ބާރުތަކުގެ ބޭރުންނެވެ. އަދި ދައުލަތުގެ އަނެއް ދެ ބާރަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އޮވެ އެވެ. ޝަރުއީ ދާއިރާ އާއި ވެރިކަން ހިންގުމުގެ ބާރު ވެސް މަޖިލީހުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ކަމަށް ވާހަކަތައް އޮވެ އެވެ.

ދެކެވޭ އެ ވާހަކަތަކަށް ބާރު ލިބޭ ބައެއް ކަންކަން މަޖިލީހުން ވަރަށް ފާޅުގައި ކޮށްފައި ވެސް ވެއެވެ. އެއް ކަމަކަށް މިހާރު ޝަރުއީ ނިޒާމަށް "އަރުވާލާފައި އޮތް ވަރު" ހިޔާލަށް ގެނެވިދާނެ އެވެ.

ޖޭއެސްސީ މެދުވެރިކޮށް ޝަރުއީ ނިޒާމް ރޫޅާލައި އެ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ފަހަތުގައި އޮތީ ރައްޔިތުންގެ މަޖިލީހެވެ. މީގެ އިތުުރުން ބައެއް ވުޒާރާތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން ކުރަން ލާޒިމުކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސޮއިކުރައްވާ އެންގެވުންތައް އަންގަވަ އެވެ. ގަންނާކުރައްވާ ބިރުން އެގޮތަށް ވަޒީރު ބޭފުޅުން ކަންކަން ކުރައްވާފައި ވެސް ވެއެވެ. އެއީ ކުރިން މަޖިލީހުން ކޮށްފައިވާ ކަމެއް ނޫނެވެ. އެކަމަކު ނަމްބަރު "65" އާހުރެ އެނޫން ގޮތެއް މި ވަގުތަށް ނެތީމާ ފިއްތާލަައިގެން ތިބެން ޖެހެނީ އެވެ.

ސުވާލު ކުރަން ވަޒީރުން ހާޒިރުކޮށް ވަޒީރުން ދެއްވާ ޖަވާބު ގޯސް ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅަ އެވެ. އެފަދަ ވަޒީރުންނަށް ސުމެއް އަދި މަޖިލިސް ނޫނީ ރިޔާސަތު ރުހޭ ގޮތަށް ޖަވާބު ދެއްވާ ވަޒީރުންނަށް 100 މާކްސް ދެއްވާފައި ވެސް ވެއެވެ. މިއީ ވެސް ކުރިން ހިނގާފައިވާ ކަމެއް ނޫނެވެ. މަޖީލީހުގެ މެންބަރުންނަށް ވުރެ މަޖިލީހުގެ ރައީސް އަނގަ ގަދަވުން މިއީ އަމުދުން ނިޒާމް ދަންނަ ކަމެއްވެސް ނޫނެވެ. އެކަމަކު އެގޮތާ ވެސް ރުހުން ނޫން އެހެން ފަދައެއް މި މޫސުމުގައި ނެތީ އެވެ.

ބައެއް ވަޒީރުން މަގާމުން ދުރު ކުރުމަށް މަޖިލީސް މެންބަރުން ވަރަށް ހަރުކަށިކޮށް ސަރުކާރަށް ގޮވާލާ ގޮވާލުންތަކުގެ އަޑުތައް ވެސް ވަރަށް ގަދަ ވެއެވެ. މިހެން ގޮސް އެކަހަލަ ވެސް ކިތަންމެ ކަމެކެވެ. އޭގެ ބޭނުމަކީ މަޖިލީހުގެ ގަދަ ބާރު އޮތްކަން ދެއްކުމެވެ. ހުރިހާ ބާރެއް ވެސް އަދި ބާރުތަކުގެ ވެރިންނާއި އެހެނިހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް މަޖިލީހުގެ ނިންމުންތަކަށް ކިޔަަމަންތެރިކޮށް ފަޓުލޫނު މަތިން އަތް އަޅައިގެން މަޖިލީހުގެ ބާރުގެ ދަށުގައި ބޭއްތިއްބުމެވެ. މިއީ "ޕޮލިޓިކަލް މޮޑާން ސްލޭވަރީ" ނޫން އެހެން އެއްޗެއް ހެއްޔެވެ؟

އެކަމަކު އެއީ "ދުނިޔޭގައި އޮތް އެންމެ މޮޅު ގާނޫނު އަސާސީ" ދަންނަ ގޮތެއް ނޫނެވެ. މަޖިލީހަށް އޮތް އިހުތިޔާރެެއް ވިއްޔާ އެ އޮތީ ލިޔެ ސާފު ކޮށްދީފަ އެވެ. އަނެއް ދެ ބާރަށް ވެސް އިން ޖަހައިދީ އިހްތިޔާރުތަކާއި ބާރުތައް ދީފައި އޮތް އުސޫލުންނެވެ. އެހެންވީމަ ކަޅާ ހުދުން ލިޔެފައިވާ ގޮތަކަށް ނޫނީ އެއްވެސް ބާރަކުން އަމަލު ކޮށްގެން ނުވާނެ އެވެ.

ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގާނޫނު އަސާސީއާ ހިލާފަށް އަމަލު ކުރައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އިއުލާން ކުރައްވާފަ އެވެ. އެއީ ދަނޑިވަޅު ބަލާފައި ކުއްލި ގޮތަކަށް މަޖިލީހުން ނެރުނު ބަޔާނެއް ނޫނެވެ. އެއީ ކޮންމެވެސް މެންބަރެއްގެ ކުސްތެޅުމެއް ބޭރަށް ދައްކާފައި، ދެމެދަށް ގުރުބާން ކުރާ މެންބަރެއްގެ ސުވާލުތަކެއް ލާފައި، ރާއްޖޭގެ ހާލަތު އޮތް ގޮތުން ދަނޑިވަޅުގެ ބޭނުން ހިފައިގެން "އަސްލު މީހާ" ގެ ސިޔާސީ ބޭނުމަށް ވައްޓާލީ ސިޔާސީ ޓައިމް ބޮމެކެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނާ ގޮތުގައި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރު އަމީންގެ ފަރާތްޕުޅުން ސާފު ކުރަން ބޭނުންފުޅުވާ ސުވާލުތަކަށް ވަގުތު ހަމަވިއިރު ވެސް މިނިސްޓަރު ޖަވާބު ދެއްވާފައެއް ނުވެއެވެ. އެހެން ކަމުން އެ އަމަލަކީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު އަމަލެކެވެ. އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވަ އެވެ.

ސުވާލަކީ ކުއްލި ގޮތަކަށް މަޖިލީހުން ކުރަން މި އުޅެނީ ކޮންކަމެއް ހެއްޔެވެ؟ ކުޅެން ތައްޔާރު މިވަނީ ކޮން ކަހަލަ ޑްރާމާއެއް ހެއްޔެވެ؟ ނިންމައިދޭން މިއުޅެނީ ގައުމުގެ ކޮން މައްސަލައެއްގެ މަސްލަހަތު ހެއްޔެވެ؟ ރައްޔިތުން މިކަމާ ވިސްނާ ހެއްުޔެވެ؟ ހީއެއް ނުވެއެވެ.

ރާއްޖޭގެ މިއަދާއި ވަގުތުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު ޒިންމާއެއް އޮތް ވަޒީރަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. އެއް ކަމެއް ޔަގީނެވެ. ހެލްތު މިނިސްޓަރު ފޮލޯ ކުރައްވާނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން އަންނަ ކޮމާންޑެވެ. ކޮވިޑް-19 އިގެ ބަލާއާފާތުން ރާއްޖެ ސަލާމަތް ކުރަން ސިއްހީ އެހީތެރިންނާއެކު އެންމެ ކުރިއަށް ނުކުންނަވާ ހުންނެވީ ވެސް މިނިސްޓަރު އަމީނެވެ. އެ ނޫން ގޮތަކަށް އެކަމެއް ނުދާނެ އެވެ.

މިކަހަލަ ދަނޑިވަޅެއްގައި އަމީނަށް ސުވާލުތައް ފޮނުއްވާ އެ ސުވާލުތަކަށް ޖަވާބުދާރީވުމުގައި މިނެޓްކޮޅެއްގެ ލަހެއް ވެލައިގެން ބޭފުޅެއްގެ ޓޮލަރެންސް ގެއްލޭއިރު ގައުމުގެ ހާލަތު އޮތް ގޮތް މަޖިލީހަށް އެނގޭ ހެއްޔެވެ؟ ދުނިޔޭގެ އެހެން ހުރިހާ ގައުމެކޭ ފަދައިން ދިވެހި ރާއްޖެ ވެސް މިއޮތީ ނޭވާ ހައްޓަށް ނުފެތި އެވެ. އެންމެން އެކުގައި މަސައްކަތް ކުރަމުން މި ދަނީ ރާއްޖެ ސަލާމަތް ކުރާށެވެ. އަމީން ވެސް ހުންނެވީ އެ ކަމުގަ އެވެ. މަސައްކަތުގައި އޭނާ ބޮޑު ފޭއްޔަކުން ފޭލިވެގެން އުޅޭ ތަނެއް ނުފެނެ އެވެ.

ފަހަރެއްގައި އެކަން މަޖިލީހަށް އޮޅިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގައި މިއޮތް ރައްޔިތުންގެ މަޖިލީހަށް ކަންކަން އޮޅޭ ވަރަކީ އަދި ކަންކަން މާބޮޑަށް އެނގިގެން އުޅޭ ވަރަކީ ކޮރޯނާ ވައިރަސް އުފަންވެ މުޅި ދުނިޔެ "ކައި ހުސްކޮށް" ރާއްޖެއާ ދިމާއަށް އައިސް ރާއްޖޭގެ ޓޫރިޒަމް "ދިރުވާލި" އިރުވެސް މަޖިލީހާއި މަޖިލީހުގެ ރައީސް ވިދާޅުވަމުން ދިޔައީ މިއީ އެއްވެސް ވަރެއް ވެސް ބާރެއް ވެސް ނެތް "އާދައިގެ ރޯގާ" އެކޭ އެވެ. ލޮކްޑައުނަކަށް ވެސް ރާއްޖެ ގެންގޮސްގެނެއް ނުވާނެ އެވެ. އިސްކޫލްތައް ވެސް އަދި އޮފީސްތައް ވެސް ބަންދު ކޮށްގެން ނުވާނެ އެވެ. އިންތިހާބު ވެސް ފަސް ކޮށްގެނެއް ނުވާނެ އެވެ. އަދި އިންތިހާބު ބޭއްވިއަސްވެސް" އެ އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅަށް ވައިރަސް ޖައްސާފަ އެވެ. -- ސުބުހާނަﷲ

އަނެއްކޮޅުން ކޮރޯނާވައިރަހުގެ މި ބަލާއާފާތް ފެށިގެން އައި އިރު ވެސް މަޖިލީހުގައި ޕާލަމެންޓްރީ ހަޔާތުގެ ތަޖުރިބާ ބޮޑު ސިޔާސީ ނުފޫޒު ގަދަ، ވިޔަފާރިވެސް ކުރައްވާ މެންބަރުން އުޅުއްވީ ހެލްތު މިނިސްޓަރު އަމީނު ގައިގައި ޒާތީ ގޮތުން "ބައްދައިގަނެ" ގެނެވެ. އެކަން ވަރަށް ރަނގަޅަށް ސާފުވާން އޮންނާނެ އެވެ.

ހައިތަމް ހުށައެޅި ސުވާލުތައް

  • ދިވެހިރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްދޭތޯ؟
  • ވެންޓިލޭޓަރުތައް ގެނައުމަށް ކުރިއަށް ގެންދާ ޕްރޮސެސްއަކީ ކޮބައިތޯ؟
  • މިހާރު އެކަން ވަކި ގޮތަކަށް ނިމިފައިވާނަމަ އެކަން ކުރިއަށް ގެންދެވީ ކޮން ޕްރޮސެސްއެއްގެ ދަށުންތޯ؟
  • ބިޑް ކުރެވިގެންތޯ ކުރިއަށް ގެންދެވީ؟
  • ބިޑް ކުރެވިގެން ކުރިއަށް ގެންދެވިފައިވާނަމަ އެ ބިޑަށް ކިތައް ފަރާތުން ކުރިމަތިލެއްވިތޯ؟
  • ބިޑް ކުރެވިގެން ކުރިއަށް ގެންދެވިފައިވާނަމަ އެބިޑް ކާމިޔާބު ކުރެއްވީ ކޮން ފަރާތަކުންތޯ؟
  • ޑެލިވަރީ މުއްދަތަކީ ކޮބައިތޯ؟
  • ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައި ނުވަނީ ކީއްވެގެންތޯ؟
  • ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭވަރުވާނީ ކިހާތާކުތޯ؟
  • މިކަމާ ގުޅޭ އެންމެ ފަހުގެ ހަބަރަކީ ކޮބައިތޯ؟

މިނިސްޓަރު އަމީންގެ ކިބައިން މެންބަރު ހައިތަމް ހޯއްދަންވަން ބޭނުންފުޅުވެ ވަޑައިގަތީ 10 ސުވާލެއްގެ ޖަަވާބެވެ. އެއީ ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުތަކާއި ގުޅޭ ގޮތުންނެވެ. މި ސުވާލުތަކުން މި އުޅެނީ ކާރިސާ މޭނޭޖް ކުރުމުގެ މައްސަލައެއް ނޫން ކަން ދިމާއަށް ސާފެވެ. ބިޑެއްގެ ޑީލްގެ ތެރެއިން އަންނަ ކަޓެއްގެ މައްސަލަކަން މުތުލަގަށް އެނގޭވަރު ވެއެވެ. އާންމުން މިކަން ބަލަން ބޭނުން ނުވެދާނެ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ރާއްޖެއަށް ފެތުރި 15 ދުވަސްތެރޭ 200 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މި ހާލަތަށް ރާއްޖެ އައުމުގެ ކުރިން ވެސް ރާއްޖެ ހިނގައިދާނެ އެންމެ ނުރައްކާތެރި ހާލަތުގެ މަންޒަރު ސިއްހީ މާހިރުން ތިއްބެވީ ކުރައްސަވައިގެންނެވެ. އެހެން ކަމުން ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ގެންދެވީ ރެއާ ދުވާލު ކުރަމުންނެވެ.

ރާއްޖެގެ އިގްތިސޯދު ވެންޓިލޭޓަރަށްލައި ސިއްހީ އެހީތެރިންގެ މަޝްވަރާއަށް ގައުމުގެ ހިންގުން ބަދަލު ކޮށްލީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ނޫން އެއް ގޮތެއްވެސް ނެތުމުންނެވެ. ކޮވިޑްގެ ނުރައްކާ ގައުމުތަކުގައި ބޮޑުވެ، ބޮޑެތި ބިޔަ ބާރުތައް ކުޑަކަކޫ މައްޗަށް ތިރިވި ގޮތް ރާއްޖެއަށް ވެސް ފެނުމުންނެވެ. ރައީސް ސޯލިހުގެ އިސްނެންގެވުމުގެ މަތިން ސިއްހީ މާހިރުންގެ ލަފަޔާއެކު ރާއްޖެއިން ފިޔަވަޅުތައް އަޅަމުން ގެންދިޔައީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ލީޑަޝިޕްގެ ދަށުގަ އެވެ.

ރާއްޖެ އާއި ހެލްތު މިނިސްޓަރުގެ ނިންމެވުންތަކާއި ފިޔަވަޅުތަކަށް ދުނިޔެ ތައުރީފު ކުރެ އެވެ. ދިވެހި ރައްޔިތުން އެކަން ބަލައިގަނެ އެވެ. އެ ފިޔަވަޅުތައް ގޯސްވިނަމަ ރާއްޖެ އޮންނާނީ މި ހާލަތަކު ވެސް ނޫނެވެ. ހާލަތު އޮންނާނެ ގޮތް ސިއްހީ މާހިރުންގެ ހޯދުންތަކުގައި ކުރަހައިދީފައި ވެއެވެ. ކޮންމެ ދުވަހަކު އެ ގްރާފަށް އަންނަ ބަދަލު ތަކާއެކު ހާމަ ކުރޭ ވެސް މެއެވެ.

އެހެންކަމުން މި ހާލަތަށް ތައްޔާރުވާން ފަރުވާދޭނެ ފެސިލިޓީތައް ގާއިމްކުރަން ފެށި އެވެ. ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ފެށިއެވެ. އެހީދޭ ގައުމުތަކާއި ޖަމާއަތްތަކުގެ މަދަދަށް އެދުނެވެ. ބޭނުންވި މިންވަރަށް ނުލިބުނު ނަމަވެސް ގައުމުތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ދިވެހިންނަށް ލިބުނެވެ. އަދި އިއުލާނު ކޮށްގެން ކުންފުނިތަކަކާ ވެންޓިލޭޓަރުތައް ހޯދަން ހަވާލު ކުރި އެވެ.

މައްސަލަ ޖެހޭ ހިސާބަކީ މިއީ އެވެ. ހެލްތު މިނިސްޓަރުގެ "ކަރުގައި ހިފަން" ޖެހޭ ސަބަބަކީ ވެސް މިއީ އެވެ. މަޖިލީހުގެ ޖަލްސާތަކުގައި ހެލްތް މިނިސްޓަރަށް ވަގަށް ގޮވަން ޖެހޭ ސަބަބަކީ ވެސް މިއީ އެވެ. ހަމަ ހުރެފައި މީހަކަށް ވަގަށް ގޮވުމަކީ ރާއްޖޭގައި އަބުރާ ބެހުމަކަށް ވެސް އަދި އިންސާނީ ކަރާމާތަކަށް އަރައިގަތުމަކަށް ވެސް ނުވެ އެވެ. އެއީ ރާއްޖޭގައި އެންމެ ތަހުޒީބު އަމަލަށް ވެފައި ވެއެވެ.

މި ހާލަތު ވިޔަފާރިއަށް ބަދަލުކޮށް ވަކި މީހަކަށް ވަކި ބަޔަކަށް ބައި ވަކި ދެ މީހަކަށް އަބަދުވެސް ބައި އެޅޭ ގޮތަށް އޮންނަ ކުންފުންނިތަކަކަށް ފައިދާވާ ގޮތަށް ޓެެސްޓް ކިޓްތަކާއި ވެންޓިލޭޓަރާއި އެހެނިގެން ސަމާނު ގެންނަން ހެލްތު މިނިސްޓްރީން ނިންމަންވީ އެވެ. އޭރަށް މިނިސްޓަރު އަމީނަށް އޭ ސްޓާ އާއި އޭ ޕްލަސްއާއެކު ބައްލަވާނެ "ހަންޑްރެޑް ޕްލަސް" ވެސް ލިބި ވަޑައިގެންފާނެ އެވެ.

އެހެން ނޫނީއްޔާ ރައީސް ސޯލިހަށް ކުރާ އިންޒާރެއްގެ ގޮތުގައި ހެލްތު މިނިސްޓަރުގެ ގައިގައި "ޖަހަން" ޖެހެނީ އެވެ. ހެލްތް މިނިސްޓަރު އަމީން އެ މާގަމަށް ކުފޫ ހަމަ ނުވާތީ ވަކިކުރަން ޖެހެނީ އެހެން ވެގެނެވެ. އަމީން ހުންނަވައިގެން ބޮޑެތި ގޯސްތައް ހައްދަވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރަމުން ދަނީ އަބަދުވެސް ސިއްހީ ދާއިރާއަށް ހޯދަން ޖެހޭ އެއްޗެއް ގަންނަން ޖެހޭ ހިސާބުން ނުވަތަ އެ ދާއިރާގެ ޕްރޮޖެކްޓެއް އިއުލާންވާ ހިސާބުން އެހެންނާ ބިޑެއް އިއުލާންވާ ހިސާބުންނެވެ.

ހަގީގަތަކީ ގަންނަން ޖެހޭ އެތި ބޮޑު އަގުލާފައި ކަޓް ނެގޭ ގޮތަށް ގަންނަން ވަކި ބަޔަކަށް ދޭން ޖެހެނީ އެވެ. މި ވާހަކަތައް އެންމެ ހަރު އަޑުން ދައްކަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ގެނެސް އެ ވިޔަފާރީގެ ތެރޭގައި އުޅުއްވާ ބޭފުޅުން ކޮޅެކެވެ.

މިފަހަރުވެސް ގައުމު ވެންޓިލޭޓަރުގައި އޮއްވާ ކުއްލި ގޮތަށް ވެންޓިލޭޓަރުތަކާ ގުޅޭ 10 ސުވާލަކާ ހެދި ހެލްތު މިނިސްޓަރުގެ ކަރު ހިފާ ހިސާބަށް މިގެން ދިޔައީ ކާކަށް ކޮން މެންބަރަކަށް ކޮން ބޭފުޅަކަށް ކޮން ދެ ބޭފުޅެއްގެ ކުންފުންޏަކަށް ޑީލެއް ނުލިބިގެން ހެއްޔެ؟

ނުވަތަ ހުށައެޅި ޑީލަށް މިނިސްޓަރު އަމީން އަޅާ ނުލެއްވީ ބާވައެވެ. މި ސުވާލު މިނިސްޓަރު އަމީނާ ކުރަން އަވަސް އިން ރޭ ގުޅި އެވެ. އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ އެވެ. ކެބިނެޓްގެ އަންހެން ވަޒީރުންނަށް ފުރައްސާރަ އާއި ޖިންސީ ފުރައްސާރަ ކުރި، ހިޔާނާތް ހިންގާށާއި އިސްލާމް ދީނާ ހިލާފު ކަންކަމާއި ބަދު އަހުލާގީ އަމަލު ހިންގާ ބާރު އަޅައި ވާހަކަ ދެއްކެވި މިނިސްޓަރަކު ކެބިނެޓްގައި ހުންނަވަނިކޮށް އޭނާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވާ ހަމަ އެ މިނިސްޓަރު، ހެލްތު މިނިސްޓަރަކީ "ބަޖިޔާ ކައިގެން ދެކޮޅަށް ހިނގާ މިނިސްޓަރެކޭ" ވިދާޅުވެފައި ސަރުކާރު ޓީވީގެ އެއާ ޓައިމްގައި އޭނާގެ ޕީއާރަށް ދެ އަކުރު ދެމެދަށް "ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ" ލައިގެން ހުޝާމަދު ކުރާއިރު ވެސް ކަނޑައި ވައްޓާލަން މިޖެހެނީ މިއޮށް ފަދަ ވަގުތުގައި ހުރިހާ ޒިންމާ ބޮލު އަޅައިގެން އަތަށް ގޮއްވާ ނުލައި ސިއްހީ ދާއިރާ ހިންގާ ވަޒީރެވެ. މީގެ މާނައަކީ އޭނަގެ ހުރިހާ ކަމެއް އެންމެ ރަނގަޅޭއެކޭ ވެސް ނޫނެވެ. މި ކާރިސާ މެނޭޖް ކުރުމުގެ ހުރިހާ ކަމަކަށް ސަތޭކައިން ސަތޭކައެކޭ އެއްވެސް ނޫނެވެ.

އަމީނަށް ވަގަށް އަދި އޭނާގެ އިސްތިއުފާއަށް ގޮވާލަން ޖެހިގެން މިއުޅެނީ ކޮވިޑްގެ ފިޔަވަޅުތަކުން ކޮންކަމެއް ގޯސް ވެެގެން ހެއްޔެވެ؟ ގައިމުވެސް ރާއްޖޭގެ ހާލަތު މިހާ ހިސާބުގައި ހިފެހެއްޓިފައި މި އޮތީ ފިޔަވަޅުތައް ހަރުދަނާ ވެފައި ވަރުގަދަ ވެސް ވީމަ އެވެ.

ދުނިޔެެއިން އެތައް މިިލިއަން ބަަޔަކަށް ބަލިޖެހި ލައްކައިން މީހުން މަރުވަމުންދާއިރު އެފަދަ ނުރައްކާތެރި ހާލަތަކަށް ރާއްޖެ އަދި ނުގޮސް އޮތީ ހަރުދަނާ ސިޔާސަތެއް ވެސް ތަންފީޒު ވާތީ އެވެ. ހާލަތު މެނޭޖް ކުރެވޭތީ އެވެ. ސިއްހީ ނިޒާމް ފެއިލްވިޔަ ނުދީ ހިފެހެއްޓީމަ އެވެ. ވީމާ މި އުޅެނީ ޒިންމާ އަދާ ނުކުރެވުމުގެ މައްސަލައެއް ނޫންކަން އެބަ އެނގެ އެވެ.

ދެން އޮތީ އެހެން ކަމެކެވެ. އެއީ މަޖިލީހުގެ އަޑު ކެނޑިފައި އޮންނަ އޮތުމެވެ. އެ މަޖިލީހުގެ ބޭނުން މިވަގުތަށް ނެތީ އެވެ. ނަވާރަ ވަަނަ މަޖިލީސް ފެށުނީއްސުރެ ގައުުމުގައި މަޖިލީހުން ކުޅެމުންދިޔަ ޑްރާމާ ވަނީ ހުއްޓިފަ އެވެ. އެ ޑްރާމާއަށް އޮތް ޝައުގުވެރިކަން ގެއްލިފައި ވާތީ އެވެ. އެހެންވެ ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކައިގެން ކޮންމެވެސް ގޮތަކުން މަޖިލީސް އޮތްކަން އަންގާލަން އެބަ ބޭނުން ވެއެވެ. އެހެން ނޫނީ އެހާ އަވަސް އަވަރުވާލާފައި ސުވާލުތަކުގެ ޖަވާބު ލިބުމުގެ އިރުކޮޅެއް ކުރިޔަށް ބަޔާނެއް ނެރެގެން ގޮތް ނިންމަންވީ ކީއްވެގެން ހެއްޔެވެެ؟

ވެންޓިލޭޓަރު ހޯދި ގޮތް ހެލްތު މިނިސްޓަރު މަޖިލީހާ ހިއްސާ ކުރައްވައިފި އެވެ. އެކަމުގައި މައްސަލައެއް އޮތަސް އޮންނާނީ މަސްލަހަތު އޮތް ކުންފުންޏަށް އެ ނުލިބި ހިތުގައި އޮތް ހަސަދަވެރި ކަމެއް ނޫން ހެއްޔެވެ؟

ހެލްތް މިނިސްޓަރަށް މަޖިލީހުގެ ރައީސް ކުރެއްވި ތުހުމަތުތަކަށް ދެކޮޅު ހައްދަވާ މެންބަރުން ވެސް މަޖިލީހުގައި އެބަ ތިއްބެވިއެވެ. ފަހަރުގައި އެއީ ގިނަ އަދަދަކަށް ވެސް ވެދާނެ އެވެ. އޭގެ އެއް މެންބަރަކީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އޭނާ އަކީ "ސަރުކާރުގެ ދުލު"ގެ ގޮތުގައި ހުންނަވާ ބޭފުޅެއްކަން މަޖިލީހުގައި އެންމެ ފަހުން އޮތް އޯވަޑްރޯ ބަހުސުން ރީއްޗަށް ސާފުވެ އެވެ. ވީމާ މިފަަހަރުވެސް ޝަރީފުގެ ފަރާތްޕުޅުން މިއައީ އަމީނުގެ މައްސަލާގައި އެންމެ ޓޮޕް ލީގުން ރައީސް ސޯލިހުގެ ބަސް ކަމަށް ވުން ވަރަށް ގާތެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެއްވެސް ވަޒީރަކު ގާނޫނު އަސާސީ ހިލާފުވިކަން މަޖިލީހަކަށް ކަނޑައެއް ނޭޅޭނެ އެވެ. އެއީ މަޖިލީހަށް އޮންނަ ބާރެއް ނޫނެވެ. އެ ބާރު އޮތީ ޝަރުއީ ނިޒާމަށެވެ. އަދި ރިޔާސަތުގެ ނަޒަރުގައި އަމީން ކުރައްވާފައި ވަނީ ކުށެއް ކަމަށް ކަނޑައެޅި ނަމަވެސް އެއީ މިނިސްޓަރު ކަމުން އަމީން ދުރުކުރަން ޖެހޭ ސަަބަބެއް ވެސް ނޫނެވެ. މި ވިސްނުމުގައި ތިއްބެވި މެންބަރުން މަޖިލީހުގައި އަދި ގިނަ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ހާލަތު އޮތީ މަޖިލީހުން ކުޅޭހާ ޗަރުކޭހަކަށް އަދި ސަރުކާރާއި ވަޒީރުންނަށް ކުޅޭ ކަރުދާހު ބޯޅައަށް ވެސް ވަގުތު ދެވޭނެ ގޮތަކަށް ނޫނެވެ. ކޮންމެ ދުވަހަކު އެތައް މީހަކު ރާއްޖެއިން ކޮވިޑް ބައްޔަށް ޕޮޒިޓިވްވަމުން ދާއިރު ސަރުކާރާއި ހެލްތު މިނިސްޓަރަށް އެކަންކަން ފަސޭހަ ކޮށްލައިގެން ނުތިބެވޭނެ އެވެ. ގައުމަކަށް މިހެނެއް ނޯވެވެނޭ އެވެ.

ވަކި ބޭފުޅަކަށް ވަކި ކަމެއްގެ ތެރެއިން ސިޔާސީ ފައިދާ ނެންގެވެން އޮތަސް، ރައީސް ސޯލިހަށް ފައިދާއެއް އޮތީ މި ކާރިސާ މެނޭޖްކޮސް ގައުމު ހަމަޖެއްސިގެނެވެ. އެ ނޫން އެއްވެސް ގޮތެއް ރައީސަކަށް ނޯންނާނެ އެވެ.

ކެބިނެޓްގެ ހެލްތް މިނިސްޓަރަށް ރައީސް އިތުބާރު ނުކުރައްވާ ނަމަ ހެލްތު މިނިސްޓަރު މިހާރު ބައްދަލު ވެދާނެ އެވެ. މި ހާލަތުގައި ރާއްޖެ އޮންނަތާ މިހާރު ކިހާ ދުވަހެއް ހެއްޔެވެ؟ ވީމާ މަޖިލީހަށް އަދި މުޅި ހަގީގަތް އެވަނީ އޮޅިފަ އެވެ.

ސަރުކާރުގެ ބައެއް ވެރިންގެ ނަޒަރުގައި މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ މައި ޕާޓީގެ ސުޕަ މެޖޯރިޓީ ނަަމަވެސް މަޖިިލީހުގެ ދައުރު ފެށުނީއްސުރެ އެ މަޖިލީހުން ގެންދަނީ ސަރުކާރަށް ޖެއްސުން ކުރަމުންނެވެ. އިހަށް ވެސް މިހާރު ވެސް ވަޒީރުންނަށް ސުވާލު ކުރުމުގެ ނަމުގައި ނޯޓިސް ފޮނުވަނީ އެ ބޭނުމުގަ އެވެ. އަމީނަށް ކުރާ ޖެއްސުމަކީ ވެސް ބައެއް ބޭފުޅުންގެ ނަޒަރުގައި ޒާތީ ކަމެއް އޮތުމާއެކު ވެސް ސަރުކާރަށް ކުރާ ގޯނާ އެކެވެ. ބޭނުމަކީ ސަރުކާރު މިހާލަތުގައި ވެސް ބަލި ކޮށްލުމެވެ. ރައްޔިތުންގެ ތާއީދު ސަރުކާރަށް ކުޑަ ކުރުމެވެ. ނުވަތަ ކޮންމެ ކަމެއްވެސް ސަރުކާރުން ކުރަން ޖެހޭނީ މަޖިލީހުގެ ރުހުމާއެކު އެ މަޖިލީހުން އެދޭ ގޮތަށް ކަމަށް ދެއްކުމެވެ.

މިވަގުތު މުޅިން ސާފު ނުވިޔަސް މިކަންކަން ސާފުވާނެ ދުވަހެއް އަދި ވަގުތެއް ވެސް އަންނާނެ އެވެ. އެ ދުވަހަކުން ހެލްތް މިނިސްޓަރު އަމީން ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. އަދި މިހާރު ހިނގަމުންދާ ކަންކަން އެނގޭ ހިސާބުގައި ތިއްބެވި ސަރުކާރުގެ އެކި ވެރިންނާއި މަޖިލީސް މެންބަރުން ވެސް މި ވާހަކަތައް ދައްކަވާނެ އެވެ. ފަހަރުގައި ސަރުކާރުގެ އެންމެ އިސްވެރިން ވެސް މި ވާހަކަތައް ފަރުދާގެ ބޭރަށް ގެންނަވައިފާނެ އެވެ.