ކޮވިޑް-19 އިގެ ސަބަބުން އެތައް މަހެއް ވަންދެން ސްކޫލްތައް ބަންދުޗކޮށްފައި ބޭއްވުމަށްފަހު ޗައިނާ އިން މިހާރު ވަނީ އެ ގައުމުތަކުގެ ސްކޫލްތަކުގެ ކިޔެވުން ފަށާފަ އެވެ.
ހޯމަ ދުވަހު ކުދިން ސްކޫލުތަކަށް ކިޔަވަން ދިޔައިރު މި ކުދިންނަށް ވެސް ގައިދުރުކޮށް ތިބުމަށް ވަނީ އިރުޝާދު ދީފަ އެވެ. ސަބަބަކީ ކޮރޯނާވައިރަސް އަނެއްކާވެސް ފެތުރިދާނެ ކަމުގެ ބިރު އޮތީމަ އެވެ.
ހަންގްޒާއޯގެ ސްކޫލަކުން ވަނީ ގައިދުރު ކަމާއި ކުދިންގެ ރައްކާތެރި ކަމަށްޓަކައި ވަރަށް ޚާއްސަ ކަމެއް ކޮށްފަ އެވެ. އެއީ ކޮންމެ ކުއްޖެއްގެ ބޮލުގައި ޚާއްސަ ވައްތަރެއްގެ ތޮތްޕެއް އެޅުވުމެވެ. މިއީ ކްލާސްތެރޭގައި ތިބޭއިރު އެ ކުއްޖަކު އަނެއްކުއްޖަކާ ކައިރިވިޔަ ނުދޭން ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ތޮތްޕެކެވެ.
ފުރަތަމަ ގްރޭޑްގައި ކިޔަވާ ކުދިން މިފަދަ ތޮފިތައް އަޅައިގެން ކްލާހުގައި ކިޔަވަން ތިބި މަންޒަރު މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ޑިއުކް ޔުނިވަސިޓީގެ ޕްރޮފެސަރު އެއިލީން ޗެންޖިޔިން ޗޯގެ ޓުވީޓެއްގައި މި ކުދިން ކުލާހުގައި ތޮފި އަޅައިގެން ތިބި ފޮޓޯތަކެއް ހިމަނާފައި ވެއެވެ. ވަރަށް ރީތި އެކި ކުލަތަކުން ޒީނާތްތެރި ކޮށްފައިވާ މި ތޮފިތަކުގައި ހުރަހަށް ތިން ފޫޓު ދިގު ބައެއް ހަރުކޮށްފައި ވެއެވެ. މި ބައި އެކި ތޮފީގައި އެކި ގޮތަށް ހުރި ނަމަވެސް މީގެ ސަބަބުން އެއް ކުއްޖަކަށް އަނެއް ކުއްޖަކާ އެހާ ކައިރިއަށް ނާދެވޭނެ ގޮތަށް މި ތޮފި ތައްޔާރު ކޮށްފައި ވެއެވެ.
މި "ޕްރޮޓެކްޓިވް ގިއާ" ގައިވާ ހުރަހަށް އިން ބައި ދިގަސް މި ބައި ތައްޔާރުކޮށްފައިވަނީ ފުޅިމަދު ފަދަ ލުއި އެއްޗެހިން ކަމަށް ވާތީ ކުދިންގެ ބޮލަށް ބަރުވުން ފަދަ ކަންކަން ދިމަލެއް ނުވާނެ އެވެ.
"ހޮންގްޒައުގެ ފުރަތަމަ ގްރޭޑްގައި ކިޔަވާ ކުދިން އެނބުރި ސްކޫލަށް ދިޔައީ ސޯޝަލް ޑިސްޓެންސިން އަށް ޚާއްސަ ތޮތްޕެއް ބޮލުގައި އަޅައިގެން،" މި ފޮޓޯތައް ޓުވީޓްކުރި ޕްރޮފެސަރު ކެޕްޝަންގައި ލިޔެފައި ވެއެވެ.
ޗައިނާގެ ސޯންގް ޑައިނެސްޓީގެ ޒަމާނުގައި ވެސް އޮފިޝަލުން މި ކަހަލަ ތޮފި އެޅިކަމަށް މި ޓުވީޓްގައި ފާޙަގަ ކޮށްފައި ވެއެވެ. އެއީ އެކަކު އަނެކަކުގެ ވާޙަކަ ދައްކާ ރޭވުންތައް ރޭވިޔަ ނުދޭން އަޅުވާފައި ތިބޭ ތޮތްޕެއް ކަމަށް ވެއެވެ.
މި ފޮޓޯތަކަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނީ މިއީ ގައިދުރުކޮށް އުޅެން ފަރިތަކުރަން ބޭނުންކުރެވިދާނެ ވަރަށް މޮޅު ގޮތަކަށް ތައްޔާރުކޮށްފައިވާ ތޮތްޕެއް ކަމަށެވެ.