ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

"ޓްރޭސްއެކީ" އެޕް ތައާރަފް ކޮށްފި

Apr 29, 2020

ކޯވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާއި ގާތުން އެއްތާވެފައި ވާނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް އެޗްޕީއޭ އިން މިއަދު ތަޢާރަފު ކޮށްފި އެވެ.

މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާ ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ފަރުމާކޮށްފައި ވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުން ކުރެވޭ ގޮތަށެވެ.

މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކައިރީގައިވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެ ތިންފަހަރު "ބީކަން" އެއް ފޮނުވާލަ އެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެ އެވެ. ބީކަންއެއް ފެނިއްޖެނަމަ "ޓްރޭސްއެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރެ އެވެ.

މުހިންމީ، މިގޮތުން ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާ ކަމެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މަޢުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެއެވެ. އެޕްގައި ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތުވެ ޕޮލިސީ، ވެބްސައިޓްގައި ޝާއިޢު ކޮށްފައިވެއެވެ.

އެޕް އިންސްޓޯލްކޮށްފައިވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓުކުރާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޙްތިޔާރުގައެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށްފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެއެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެއެވެ.​

މިފަދަ އެޕްތައް ދުނިއޭގެ އެހެން ގައުމުތަކުގައިވެސް މިވަގުތު ބޭނުން ކުރެވެމުން ދެއެވެ. އެޕްގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލް ކޮށް ބޭނުންކުރުމާއެވެ. އެހެން ކަމުން އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.