ރާއްޖެ ކުޅިވަރު

ރާއްޖެ އާއި އަފްގާނިސްތާން އެއް ގްރޫޕެއްގައި

Sep 16, 2015

މި އަހަރުގެ ޑިސެމްބަރުގައި އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.

ގްރޫޕް ބީގައި މި ދެ ގައުމުގެ އިތުރުން ދެން ހިމެނެނީ 2003 ވަނަ އަހަރުގެ ޗެމްޕިއަން ބަނގްލަދޭޝް އާއި މުބާރާތުގެ އެންމެ ބަލި ގައުމު ބޫޓާނެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު އިންޑިޔާ އާއި ނޭޕާލް އަދި ޕާކިސްތާނާއި ސްރީލަންކާ އެވެ. މީގެ ތެރެއިން އިންޑިޔާ އަކީ މުބާރާތުގެ އެންމެ ކަމިޔާބު ޓީމެވެ.

ސާކުގެ އަށް ގައުމު ކުޅޭ މި ސަރަހައްދުގެ އެންމެ ބޮޑު މުބާރާތް ފަށާނީ ޑިސެމްބަރު 23ގަ އެވެ. ދިވެހިން ގިނައަދަދަކށް އުޅޭ ޓްރިވެންޑްރަމުގައި ބާއްވާ މުބާރާތުގެ ފައިނަލް ކުޅޭނީ ޖެނުއަރީ ތިނެއްގަ އެވެ.

ސުކުޒީއިން ސްޕޮންސާކޮށްފައިވާ މި މުބާރާތް އިންޑިޔާގައި މި ބާއްވަނީ ކޮންމެ ދެ މުބާރާތަކުން އެއް މުބާރާތް އެ ގައުމުގައި ބާއްވަން މުބާރާތުގެ މާކެޓިން ޕާޓްނަރު ވޯލްޑް ސްޕޯޓްސް ގްރޫން ބޭނުންވާތީ އެވެ.

ސާފް ޗެމްޕިއަންޝިޕް މިހާތަނަސް އިންޑިޔާ ފިޔަވައި ކާމިޔާބު ކުރީ ރާއްޖެ އާއި އަފްގާނިސްތާނެވެ.